ކުޅިވަރު

މެޗުތައް ދޫކޮށްލުން އިތުރުވެ ފުޓްބޯޅައިގެ ސީރިއަސްކަން ގެއްލެނީ؟

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ކުޅުންތެރިން ލީގުގެ މެޗަކަށް ނުކުތުމުގެ ކުރިން ގައުމީ ސަލާމަށް ހުއްޓިގެން: އެފްއޭ ކަޕުގެ ތިންވަނަ ހޮވާ މެޗު އެ ޓީމު ވަނީ ނުކުޅެ ދޫކޮށލްާފަ --- ފޮޓޯ: އެފްއޭއެމް

މިއީ 2019 އިން ފެށިގެން ފުޓްބޯޅައިގައި އުފެދިގެން އުޅޭ ނުބައި އޮއިވަރެކެވެ. ޓީމުތަކުން ގަސްތުގައި މެޗުތަކަށް ހާޒިރުނުވެ މެޗުތައް ދޫކޮށްލުމުގެ މައްސަލަ އެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބުން 2019 ގައި ތިން މެޗު ނުކުޅެ ދޫކޮށްލި އެވެ. އޭގެ ކުރީގެ ސިޒަންގައި ވެސް ދެ މެޗު ނުކުޅެ ދޫކޮށްލި އެވެ.

މިއަހަރު އެ މައްސަލަ ނިސްބަތުން ގިނަ އެވެ. އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ މަރުހަލާގެ ދެ ވަނަ ބުރުގެ މެޗަށް ކްލަބް ވެލެންސިއާއިން ބަންގްލަދޭޝް އަށް ދަތުރުނުކޮށް މެޗު ދޫކޮށްލި އެވެ. ދެ ވަނަ ޑިވިޝަންގައި ވާދަކުރި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބުން ގަސްތުގައި ދެ މެޗަށް ހާޒިރު ނުވެ އެވެ. ނިމިދިޔަ އެފްއޭ ކަޕުގެ ތިންވަނަ ކްލަބް ގްރީން ސްޓްރީޓްސް އަށް ލިބުނީ ތިން ވަނަ ހޮވާ މެޗު ނުކުޅެ އެވެ. އެ މެޗުގައި އަނެއް ކޮޅުން ވާދަ ކުރަން އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މެޗު ކުޅެން ބޭނުމެއް ނުވި އެވެ.

މައްސަލަ އުތުރި އަރަމުން ގޮސް ފުޓްބޯޅައިގެ އެންމެ މަތީ ޑިވިޝަންތަކުގައި މެޗު ދޫކޮށްލުން، ފެން ފޮދެއް ބޯލުންހާ ފަސޭހަ ކަމަކަށްވެ ނިމިއްޖެ އެވެ. މިއީ ނުރައްކާތެރި ރަނގަބީލެކެވެ. ގްރީންގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނި ގޮތުގައި މިއީ ފުޓްބޯޅައިގެ ސީރިއަސްކަން ގެއްލިދާނެ ސަބަބެކެވެ.

"ރާއްޖޭގެ ފުޓްބޯޅަ އަކީ ސީރިއަސް އެއްޗެއްކަން އެބަޖެހޭ ދައްކަން. އެހެންވީމަ އެކަމެއް ނުކުރެވޭނެ މެޗު ދޫކުރުމާ އެކަހަލަ ކަންކަން އަންނަންޏާ ދެއްތޯ،" ނިސްތާރު ބުންޏެވެ.

އެފްއޭ ކަޕުގެ ތިންވަނަ ހޯދި ގްރީން މެޑަލް ހޯދުމަށް ފަހު ފޮޓޯ އަކަށް ހުއްޓިލއިގެން: އެ ޓީމަށް ތިންވަނަ ލިބުނީ ތިންވަނަ ހޮވާ މެޗު ސަސް އިން ނުކުޅެ ދޫކޮށްލުމުން --- ފޮޓޯ: އެފްއޭއެމް

އޭނާ ބުނި ގޮތުގައި މެޗުތައް ދޫކޮށްލުމުގައި ކްލަބްތަކުގެ ސަބަބުތައް ބުނެދޭކަށް ނޭނގެ އެވެ. ކުރިން މެޗު ދޫކޮށްލި ވެލެންސިއާ އާއި ވިކްޓަރީ މެޗަށް ހާޒިރުނުވީ މާލީ ސަބަބުތަކާ ހެދި އެވެ. އޭއެފްސީ ކަޕުގެ ކޮލިފިކޭޝަން މެޗަށް ވެލެންސިއާ ހާޒިރު ނުވީ ބަންގްލަދޭޝްގައި ތިބެން ހޮޓަލަށް ދައްކަންޖެހޭ ފައިސަ ނެތިގެންނެވެ. ވިކްޓަރީން ވެސް އޭރު މުސާރަ ނުދޭތީ ކުޅުންތެރިން ދަނޑަށް ހާޒިރުވާން ބޭނުމެއް ނުވީ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނި ގޮތުގައި ފުޓްބޯޅައިގެ ފޯރި ދަށް ދުވަސްވަރެއްގައި މެޗެއް ނުކުޅެ ދޫކޮށްލުމަކީ ފުޓްބޯޅަ އަށް ލޯބިކުރާ މީހުން ނާއުއްމީދު ވާނެ ކަމެކެވެ. ނަމަވެސް އެ ހާލަތަށް ދާން ޖެހުނީ ކީއްވެގެންތޯ ފުޓްބޯޅައިގައި ޝާމިލުވާ އެންމެން އިށީންދެ ވާހަކަ ދައްކަން ޖެހޭ ކަމަށް ސާންތީ ބުންޏެވެ.

"އެއްވެސް ބަޔަކު ހީއެއް ނުވޭ ގަސްތުގައި މެޗެއް ދޫކޮށްލާނެ ހެނެއް،" ސާންތީ ބުންޏެވެ.

"ފުރަތަމަ ބަލަންވީ ކިހިނެއްތޯ މިވަނީ. ކޮންމެ ވެސް ސަބަބެއް މެދުވެރިވެގެން މިކަން މިވަނީ. މިސާލަކަށް ސަސް ކިހިނެއް ވެގެންތޯ މެޗު ދޫކޮށްލީ؟ އެ ސަބަބުތައް ދެނެގަނެވިގެން މި މައްސަލަ އަށް ހައްލެއް ހޯދޭނީ."

އެނގިފައިވާ ގޮތުގައި ސަސް އިން މެޗު ކުޅެން ބޭނުން ނުވީ، ދިވެހި ޕްރިމިއާ ލީގެގެ ރެލިގޭޝަންގެ ޕްލޭއޮފް ބުރަށް ދާއިރު ފްރެޝް ޓީމެއްގެ ގޮތުގައި ދިއުމަށެވެ. ލީގު އުސޫލުން ކުޅޭ ރެލިގޭޝަންގެ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ސަސް ނުކުންނާނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.

ވެލެންސިއާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން: އޭއެފްސީ ކޮލިފިކޭޝަން މެޗު ނުކުޅެ އެ ޓީމުން ދޫކޮށްލި --- ފޮޓޯ: އެފްއޭއެމް

ތަޖުރިބާކާރު ކޯޗު މުހައްމަދު ޝާޒްލީ ބުނީ ކްލަބްތަކަށް އެންމެ ބޮޑު މައްސަލަކަށް ވެފައި އޮތީ މާލީ މައްސަލަ ކަމަށެވެ. މެޗުތައް ދޫވާ ހިސާބަށް ދާން ޖެހެނީ ކްލަބްތަކުގެ މަލީ ހާލަތު ދަށްވެގެން މެދުވެރިވާ ސަބަބުތަކުން ކަމަށް، އެފްއޭއެމްގެ ކޯޗާސް ޑިޕާޓްމެންޓްގައި ވެސް މަސައްކަތް ކުރަމުން އަންނަ ޝާޒް ބުންޏެވެ.

"އެ ޓީމެއްގެ ހާލަތު އެނގޭނީ އެ ޓީމަކަށް. މިހެން [މެޗު ދޫކުރުން] ގިނަ ފަހަރު ދިމާވެފައި ހުރީ މާލީ މައްސަލަތަކާ ހުރެ ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަ ނުވެ ހުރުމުން،" މި ސީޒަން ފެށިއރު އީގަލްސްގެ ކޯޗުކަން ވެސް ކުރި ޝާޒް ބުންޏެވެ.

"ވަރަށް ދުވަސް ވެއްޖެ ކްލަބްތަކުގެ ފައިނޭންސް މެނޭޖު ނުކުރެވުމުގެ މައްސަލަ ދީމާވަމުން އަންނަތާ. ފުޓްބޯޅައިގައި އެންމެ ބޮޑު އިޝޫ އަކަށް މިއުޅެނީ ފައިނޭންސް މައްސަލަ. ދެން އެކަންކަން ހައްލުވެގެން މި ބައިތައް ވެސް ރަނގަޅު ވާނީ."

އެންމެ މުހިންމު މެޗަށް އެންމެ މުހިންމު ކުޅުންތެރިން ތައްޔާރު ކުރަން މުހިންމު ނޫން މެޗުތަކުގައި ރެސްޓް ދިނުމަކީ އެހެން ގައުމުތަކުގައި އޮންނަ ސަގާފަތެކެވެ. އެކަން ކުރެވޭނީ ބޮޑު ސްކޮޑެއް ޓީމުތަކުގައި އޮވެގެންނެވެ. އެ ވަރުގެ ސްކޮޑެއް ސަސްގައި އޮތްނަމަ ރެލިގޭޝަންގެ މެޗުތަކަށް ސީނިއާ ކުޅުންެރިން ތައްޔާރު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން އެ ކުޅުންތެރިންނަށް ރެސްޓް ދީ، ޒުވާން ޓީމާއެކު އެފްއޭ ކަޕުގެ ތިންވަނަ ހޮވާ މެޗަށް ނުކުމެވުނީހެވެ.

"އެކަމަކު ލީގު މެޗުތަކުގައި ވެސް ބައެއް ކްލަބްތަކަށް މެޗު ކުޅެން ކުޅުންތެރިން ހަމަކޮށްލެވެނީ ވެސް ކިރިޔާ،" ޓީމެއްގެ އޮފިޝަލަކު ބުންޏެވެ.

ދެ ވަނަ ޑިވިޝަންގައި މެޗު ދޫކޮށްލި ކެޕިޓަލް ސިޓީ އަށް އެފްއޭއެމުން ވަނީ ފިޔަވަޅު އަޅައި 80،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. ސަސް އަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް އެފްއޭއެމުން ބުނެ އެވެ. އޭއެފްސީ ކަޕު މެޗު ދޫކޮށްލި ވެލެންސިއާ އަށް ވެސް ޖޫރިމަނާގެ އަދަބެއް ވަނީ އައިސްފަ އެވެ.

6 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުކު

24 August 2022

ކަންމަތިތައް ބާރުދީގެން ދަނޑުތައް އެމީހުން އަތްމައްޗަށް ދޫކޮށް ކުލަބުތައް މުޅިން އެހެން ބޭނުމެއްގަ ރަޖީސްޓްރީކޮށްގެން ތިޖަހާ ސަކަރާތުގަ ފުޓުބޯޅައިގެ އަސްލު ގެއްލިއްޖެ. ފުޓުބޯޅަޑިސްކަވާ ކޮށް ކޮންފިޑެންސް ބިލްޑްކުރަން ބޭނުން ވާ ކުއްޖާ ކުޅެލަންދާނެ ތަނެއް ނެތް. ކޮމަން ގުޑްސް މިއޮތީ ކަންމަތިތަކުން ހިސޯރުކޮށް ސަރުކާރުން އެކަން ކުރުވާ އެމީހުނ ހިމާޔަތް ކޮށްފަ. މަށަކީ އެންމެމީހެއް، މަށެއް މިހާރަކު ދެން މިހާލަތުގަ ދިވެހި ފުޓުބޯޅަ ބަލާކަށްނުދާނަން

The name is already taken The name is available. Register?

ކުމްކުމްބަގިޔާ

24 August 2022

ކަންމަތީ 2-3 ޕާޓޭއިންވެގެން ކުދިންކޮޅެއް ހަމަކޮއްލައިގެންއައިސް ޕްރޮފެށަނަލް ފުޓްބޯޅައެއް ނުކުޅެވޭނެ. ގިނަފަހަރަށް މެޗުކުޅެން ބަލާއިރު ކުޅުންތެރިން މިތިބެނީ ހައިވެފަ. މާލޭގައި މިކުޅޭ ފަސްޓް ޑިވިށަންގެ ޓީމުތަކަކީ ޕާޓޭއިންހިންގާ ގޭންގް ޓީމްތަކެއްކަން ނޭނގޭ މީހަކުނެތް. މެޗެއްކުޅުނަސް އެހާ ފައިޓް. މީތި ކަޑައެއްނޫންތަ؟

The name is already taken The name is available. Register?

ސެނީ

23 August 2022

ތި ކުޅިވަރު އުވުނިއްޔާ ރަނގަޅީ

The name is already taken The name is available. Register?

ާމިރރުސް

23 August 2022

ތިހާވަރުންވެސް ހަމަ ކުޅެންޖެހޭ އެއްޗެއްތަތީ. މާލޭގެ ކޮންމެ ކަންމައްޗަކަށް ޓީމެއް ހަދާފަ ބަހައްޓާ. އެހެޔޮ 11 ހަަމަ ނުވިޔަސް

The name is already taken The name is available. Register?

ގައުމުގެ ދޫ

23 August 2022

ވެދާނެނޫންތޯ ބައެއްކުލަބުތައް ހުންނަނީ ހިނދުކޮޅުއައިއްސާކަމަށް. ކަންމަތީ އެތައްޖަމިއްޔާއެއް މިހާރު ކުލަބަށްވެފާ އެބަވޭވިއްޔަ.

The name is already taken The name is available. Register?

ގުރާ

23 August 2022

ނަސީބެއްނު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454