ސީލައިފް ކުންފުނީގެ ވެރިޔާ އައްމަޓީ: އޭނާގެ މައްޗަށް ކުރާ ދައުވާތައް ބޭރުކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި
01 ސެޕްޓެމްބަރ 2022 - 21:27
ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތައް ބޭރުކުރެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އޭނާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ އެ މައްސަލައަކީ ސީލައިފް ކުންފުންޏާ ގުޅުންހުރި މައްސަލައަކަށް ވާތީ އޭނާ މައްޗަށް ފަރުދީ ގޮތުން ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އެވެ. އެއީ ކުންފުނިން ކުރާ ކަންކަމަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވޭނީ ކޯޕަރޭޓް ވެއިލް ލިފްޓް ކުރުމަށްފަހު ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެވެ.
އެ ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނިންމި ނިންމުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން އެފަދަ ހުށަހެޅުންތަކަކީ މައުޟޫއީ ގޮތުން މައްސަލަ ބެލުމަކާ ނުލައި ގޮތެއް ނިންމޭނެ ކަންކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ދައުވާގައި އުނި ކަންތައްތަކެއް ހުރުމާއި ހިޔާނާތުގެ ކުށުގެ އުންސުރުތައް މިހާރު ނެތް ކަމަށް ބުނެ އިތުރު ދެ ހުށަހެޅުމެއް ވެސް އައްމަޓީގެ ފަރާތުން ހުށަހެޅި އެވެ. އެކަމަކު ކޯޓުން ނިންމީ އެ ދެ ހުށަހެޅުމަކީ ވެސް ބަލައިނުގަނެ، އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ކުރާއިރު، އޭނާ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
01 September 2022
ޖަލައްލީމަ މުޅިން ތަލަވެއްޖެ، އަސް މިކަހަލަ ކަންކަމުގަ ދައުވާކުރެވެންޖެޙޭނެ
ރަދީފު ބިން ރަފައިދާ
01 September 2022
ކޯޓުން ބޭރުނުކޮށް ތަޅުވާލަތަޅުވާލަހުރޭ.