އެލިޒަބަތުގެ ކައިވެނީގެ އުފަލުގައި ސަރުކާރުން ހެދި ސައިފޮދުގައި ހުރީ ކިރު ސައި، މަސް ފަތަފޮޅި، ކޭކް، ވަޓަލައްޕަން، އަލަނާސި އަދި ކްރީމްކްރޭކަރު ބިސްކޯދު
ރާނީ އެލިޒަބަތާއި ފިލިޕްގެ ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯއެއް
09 ސެޕްޓެމްބަރ 2022 - 14:30
އުމުރުފުޅުން 96 އަހަރުގައި އިއްޔެ އަވަހާރަވި އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތާ ބެހޭ ގޮތުން ދިވެހިންގެ އެންމެ ހާއްސަ ހަނދާނަކީ މީގެ ބައި ގަރުނު ކުރިން އެކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެވެ. އެކަމަކު އެލިޒަބަތު ރާނީއަކަށް ވުމުގެ ކުރިން އެކަމަނާގެ ބައްޕާފުޅު ޖޯޖްގެ ރަސްކަމުގައި ވެސް ރާއްޖޭގައި ވަނީ އެލިޒަބަތުގެ ކައިވެނީގެ އުފާ ވެސް ފާޅުކޮށްފަ އެވެ.
ދިވެހިރާއްޖެ އިނގިރޭސިންގެ "ހިމާޔަތުގެ" ދަށުގައި ޑިސެމްބަރު 16، 1887 އިން ޖުލައި 26، 1965 އާ ހަމައަށް އޮތް އިރު އިނގިރޭސި ޝާހީ އާއިލާގެ އުފަލާއި ހިތާމަތައް ހާއްސަ ގޮތެއްގައި ފާހަގަކޮށްފައިވެ އެވެ.
އެއީ އެލިޒަބަތު އިނގިރޭސި ތަޚުތަށް އިސްކުރެއްވުމުގެ 21 އަހަރު ކުރި އެވެ. މީގެ 74 އަހަރު ކުރިން ހޮނިހިރު ދުވަހެއްގެ ރޭގަނޑެވެ. ނާދީގައި އެ ރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައި ކަމުވޮށިގެންވާ ބޭފުޅުން އެއްވެ ތިއްބެވީ އިނގިރޭސި ވިލާތުގެ އޭރުގެ ޕްރިންސަސް އެލިޒަބަތުގެ ކައިވެނިފުޅުގެ އުފާ ފާޅުކުރުމަށެވެ.
ދައުލަތުގެ ހިންގާ މަޖިލީހުން ކަނޑައަޅައިގެން އިންތިޒާމްކުރި މި ޖަލްސާ އޮތީ ނޮވެމްބަރު 22، 1947 ވީ އާދީއްތަ ވިލޭރޭގަ އެވެ. އެއީ އިއްޔެ އަވަހަރާވި ރާނީ އެލިޒަބަތު އުމުރުފުޅުން 21 އަހަރުގައި ކައިވެނި ބައްލަވައިގަނެ މުޅި އުމުރުފުޅު އެ ބޭފުޅަކާ އެކު ހޭދަކުރެއްވި ޕްރިންސް ފިލިޕާ ކައިވެނި ބައްލަވައިގެންތާ ދެ ދުވަސް ފަހުންނެވެ.
ރާނީ އެލިޒަބަތާއި ފިލިޕްގެ ކައިވެނީގެ ރަސްމިއްޔާތުގެ ފޮޓޯއެއް
އެލިޒަބަތު ރާނީއަކަށް ވެ ވަޑައިގަތީ ފެބްރުއަރީ 6، 1952 ގައި އުމުރުފުޅުން 56 އަހަރުގައި ބައްޕާފުޅު ޖޯޖް އަވަހާރަވުމުންނެވެ. އޭރު އެލިޒަބަތުގެ އުމުރުފުޅުން 25 އަހަރެވެ.
ރާއްޖޭގައި "އެކި ކަންކަން ހިނގާ ގޮތް" ލިޔެ ރައްކާކޮށްފައިވާ ފޮތްތަކުގައި މި ޖަލްސާ ސިފަކޮށްދެމުން ބުނެފައިވަނީ މިއީ "ޝުބްހީ ރަސްމީ ޖަލްސާ" އެއް ކަމަށެވެ. ދައުރުން ބޭރު، ޖަލްސާއެކެވެ. ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ހިމެނެނީ ނާދީގެ މެންބަރުންނާއި ނާދީގައި ހިމެނިވަޑައިގަނުގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރަށްރަށުން ވަޑައިގެން ތިއްބެވި ބައެއް "ހަރު މީހުންނާއި" މާލޭގައި ތިއްބެވި ބައެއް "ބޭފުޅުންނާއި ބޭކަނބަލުން" ކަމަށް ލިޔެފައިވެ އެވެ.
މި ޖަލްސާގެ ސައިފޮދު ތައްޔާރުކުރުމަށް ހަވާލުކޮށްފައި އޮތީ ދައުލަތުގެ ހިންގާ މަޖިލީހުން ހާއްސަ ކޮމިޓީއަކަށެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛
● މުހައްމަދު އިސްމާއިލް ދީދީ
● އަހްމަދު ކާމިލް ދީދީ
● އާދަމް ނަސީރު މަނިކު
● އިބްރާހިމް ޝިހާބް
● މުހައްމަދު ޖަމީލް
މި ކޮމިޓީއަށް އެހީވާން ކެރަފާ މުހައްމަދު ކަލޭފާނާއި މައިޒާން މުހައްމަދު މަނިކަން ވަނީ އަންގަވައިފަ އެވެ.
ރާނީ އެލިޒަބަތު ރާއްޖޭގައި: އެލިޒަބަތު ރާއްޖެ ވަޑައިގަތީ މާޗް 13، 1972 ގައި
މިއީ އުފާ ފާޅުކުރުމުގެ ޖަލްސާއަކަށް ވާތީ، ހަމަޖައްސާފައި އޮތީ "ސައިފޮދުގެ ޖަލްސާއެއް" ކަމަށެވެ. ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދެވީ ވެސް ސައިފޮދު ހިއްޕަވަމުންނެވެ. މި ސައިފޮދު ފެށީ ރޭގަނޑު 9:00 ގައި ހުރިހާ ބޭފުޅުން ގޮނޑިކޮޅުތަކުގައި ހަމަޖެހިވަޑައިގަތުމާ އެކު ޖެއްސެވި ރަނގަބީލަކާ އެކުގަ އެވެ.
ޖަލްސާގެ ތަފްސީލް ދެމުން، ސައިފޮދަށް ހުރި ކާބޯތަކެތި ވެސް ލިސްޓުކޮށްފައިވެ އެވެ.
● ކޮންމެ މީހަކަށް ކިރު ސައިތައްޓެއް
● ކޮންމެ މީހަކަށް މަސްފަތަފޮޅިއެއް
● ކޮންމެ މީހަކަށް ކޭކުކޮޅެއް
● ކޮންމެ މީހަކަށް ވަޓަލައްޕަން ތައްޓެއް
● ކޮންމެ މީހަކަށް ދަޅެއްގެ ހަތަރު ބައިކުޅަ އެއް ބައި އަލަނާސި
● ކޮންމެ މީހަކަށް ކްރީމްކްރޭކަރު 2 ބިސްކޯދު
މި ތަކެތި ތައްޔާރުކުރީ 100 މީހުންނަށް ވާވަރަށް ހިލިހިލާގޭ މޫސާ ދީދީގެ ހަވާލުގަ އެވެ.
ސައިފޮދުގައި، އެލިޒަބަތާއި ފިލްޕްގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދެއްކެވީ އަލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ޝައިޚް އަބްދުﷲ ފަހުމީ ދީދީ އާއި އަހްމަދު ކާމިލް ދީދީ އާއި މުހައްމަދު އިސްމާއިލް ދީދީ އާއި އިބްރާހިމް ޝިހާބެވެ. ޖަލްސާ ނިންމާލީ އައިމިނަތު ފާއިޒާ ހެއްދެވި ޅެމެއް، ކުޑަ މުހައްމަދު ފުޅުގެ އަޑުން އިއްވާލަމުންނެވެ.
ސައިފޮދުގެ ވަގުތުގައި އެތަނަށް ދިޔަ ހެންވޭރު މީހުންނާއި މާފަންނު މީހުން ޅެން ކިޔައި، އުފަލުގައި ބައިވެރިވި އެވެ. މި މީހުންނަކީ އަވަށު މީހުން ދިދަ ވިއްކުމަށް އެ ޖަލްސާއަށް ދިޔަ ބައެކެވެ.
ރާނީ އެލިޒަބަތުގެ ފުރަތަމަ ދަރިކަލުން އަދި އެކަމަނާ އަވަހާރަވުމުން އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގެންފައިވާ ޗާލްސް އަދި މިހާރުގެ ރަސްމީ ލަގަބުން ނަމަ "ރަސްގެފާނު ޗާލްސް 3" އުފަންވެވަޑައިގަތީ ނޮވެމްބަރު 14، 1948 ގަ އެވެ. އޭރު އެލިޒަބަތުގެ އުމުރުފުޅުން 22 އަހަރެވެ.
ރާނީ އެލިޒަބަތާއި ފިރިކަލުން ފިލިޕް އަލަތު ދަރިފުޅު ޗާލްސްއާ އެކު
ރާއްޖޭގެ ތާރީހު ފޮތްތަކުގައި ލިޔެފައިވާ ގޮތުން ނަމަ އެލިޒަބަތަށް ފުރަތަމަ ދަރިކަލުން ލިބިވަޑައިގަތްކަން ރޭޑިއޯ އިން އިއުލާނުކޮށްފައި އޮތީ ރާނީއަށް ދަރިކަލުން ލިބިވަޑައިގެންތާ ތިން ދުވަސް ފަހުންނެވެ. އެއީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރޭގަނޑު އެވެ. ލިބިވަޑައިގަތީ ފިރިހެން ބޭފުޅެއް ކަމަށާއި މިކަމުގެ އުފަލުގައި މާލޭގެ ހާއްސަ ތަންތަނުގައި ދިދަ ނެގުމަށް ނިންމައި އެގޮތަށް އަމަލުކޮށްފައިވެ އެވެ.
ރާނީ އެލިޒަބަތާއި ދަރިކަލުން ޗާލްސް
ބޮޑު ކޯއްޓޭ، އާ ކޯއްޓޭ، ހަތަރު އަަވަށު މައިޒާން ދޮށުގައި، މުލީއާގެ، ކަސްޓަމްސްގެ ދެ ކޮޅުގައި، ސިފައިންގޭގައި އަދި އަތިރީގޭގައި ވެސް ދިދަ ނަގާފައި ހުރި ކަމަށް ލިޔެފައިވެ އެވެ. އަދި "ސަރުކާރުގެ ނައުޒޯރު ފަހަރުގައި" ވެސް ދިދަ ނަގައި ރާނީއަށް ދަރިކަލަކު ލިބިވަޑައިގެން ކަމުގެ ޚަބަރު ރައްޔިތުންނަށް ދިނުމަށް ހަތަރު އަވަށުގެ މައިޒާންގޭގައި އެކަން އަންގައި އިއުލާނު ބެހެއްޓި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޕަ
10 September 2022
ވަޓަލައްޕަން މިހާރު ލިބރެން ހުރި ތަނެއް ބުނެދީބަލަ
ހައްވާދީދީ
10 September 2022
މިވަރު ވާކަށް ނުޖެހެއެވެ.
ސައިކަލޯ
10 September 2022
މާލޭ މިހުންގެ ވެރިކަން ހިމާޔަތް ކުރަން އިގިރޭސިންނަށް ޚަރަދު ދީގެން ސިފައިގެނެސް ބޭތިއްބީ. މާލޭ ބޮޑުންގެ ކަޑުކޮސް ކަމުން. އިގިރޭސިން ތިބި އިރު ރާއްޖެއަށް ވީފައިދާ. މިހާރު އިންޑިއާ އައުޓޭ މިގޮވާ ގޮތަށް ވެރިކަން ހޯދަން މާލޭގައި އިގިރޭސިން އައުޓޭ ކިޔާފަ ރަދުން ވެރިކަމުން ބާލަން ނާސިރު ޖެއްސި ކެމްޕޭނެއް. އޭރުވެސް އިގިރޭސިން ތިބުމަށް ހިގާ ޚަރަދު ސަރުކާރުން ދެމުން އައީ.
ބޯސަން
10 September 2022
އިގިރޭސިން ގެ ކައިރިން މާލޭ ރަދުން އެދުނީ އޭނަގެ ވެރިކަން ހިމާޔަތް ކޮށްދޭން. އިގިރޭސިން އެކަމަށް ހިގާ ޚަރަދު ރަދުން ދޭގޮތަށް ރާއްޖޭގެ ދެކޮޅުގައި ސިފައިން ބޭތިއްބީ އައްޑޫ ގަމުގައި އާއި ހއ ކެލާގައި. އިގިރޭސިންގެ އަޅުވެތިކަމަށް ރާއްޖެ ދިޔައީ އޭ ކިޔައިގެން ބޮޑުވަޒީރު ނާސިރު ޗަރުކޭސް ޖެއްސީ ވެރިކަން ހޯދަން. އޭރު އިގިރޭސިން އޮތީ ސުއޭޒް ކެނަލުން އިރުމަތީ ހުރިހާ ބޭސް ތަކުން ސިފައިން ބާލަން ނިންމާފައި.
ކަތްދައްތަ
10 September 2022
ދައުލަތުގެ ވެރިންނަށް މިތިބޭ މީހުން އޭރުވެސް މިހާރުވެސް ދައުލަތް ކާލަން ކޮންމެވެސް ބަހަނާއެއް ދައްކައެވެ. އެތައްހާސް މޭލެއްގެ ދުރުގައި އިން އަންހެނަކު ކާވެނި ކުރީތީއޭ ކިޔައިގެން ކިރުސަޔާ ވަޓަލައްޕަން ކޭއިރު މިތާ ދާދިގާތުގައި އަތޮޅުތެރޭ މީހުން ބަޑަށްޖެހި މަރުވަނީއެވެ.ބޮޑުހަގުރާމަ ކުރާތީ ބައިލައިހި ދެބައިކޮށް ރަށްރަށަކަށް ކާޑެއް ނުފޮނުވެއެވެ. މާލޭގަ ކިރުސަޔާއި ވަޓަލައްޕަނެވެ.ޔާމީނުގެ ތަރައްގީއާ ސޯލިހްގެ ކޮވިޑް ވީ ހަމަ މިފަދަ ބަހަނާއަކަށެވެ.
އަވާމެންދުރު އިއްބެ
10 September 2022
ކިރުސައި ލިބެންޏާ ޖަލްސާއަށް ވެސް ދެވޭނެ
ޔޫސުފް
10 September 2022
ޒަމާން ތަންދެނީ އަޅުވެރިކަމުން މިންޖުވެފައިވާ ދުނިޔެއަކަށެވެ. ތަރައްޤީވެފައިވާ އިނގިރޭސިން ބުއްދީގެ އަޅުވެތިކަމުގައިވާ މިންވަރު މިއަދު ފެނި އަހަރެެން ހަމަ ކޮސްވެއްޖެއެވެ. އިނގިރޭސިވިލާތުގެ މިލްކިއްޔާތު އެއްއާއިލާއެއްގެ މައްޗަށް އޮންނަ އޮތުމާއި ހިންހަމަ ނުޖެހި ކުރެވުނު ޒުވާބެއްގެ އަސްލަކީ ބަޔަކު އެމެރިކާއަށް ހިޖްރަކޮށް މިއަދު އެމެރިކާއިން އެފެންނަ ތަރައްޤީ ދުނިއެއަށް އުފަން ކުރުމަށެވެ. މީހަކަށް އަޅުވެތިވާން ނުޖެހޭނެ ކަމަށް އެމީހުން ކުރި ދައުވާއެ
އެނީތިންގް
09 September 2022
ރާއްޖޭގެ މިނިވަން ކަން މިގައުމުގެ މިނިވަން ކަން ދެކެ ލޯބިވި ހަމައެކަނި ދިވެހިލޭ ހުރި ރައީސް މަރްހޫމް ނާސިރު ގެ މަސައްކަތުން ގެނައީ އެއީ މިރާއްޖެ އެއިރު އަޅުވެތިކޮށްގެން އުޅުއްވާ އިނގިރޭސި ރާނީ މެންގެ ކަންފަތަށް ސީދާ އެކަން އިއްވައިގެންނޭ އެ ބައްދަލުވުމަށް ކިިރު ސަޔާއި ބިސްކޯދު ހަދާފައިވާނަމަ މިހާރުވެސް ސަރުކާރުގެ މުނާސަބަތަށް ހުންނަން ޖެހޭނީ ކިރު ސަޔާއި ބިސްކޯދާއި އައި މިސް މައި ކަންޓްރީ މޯރ ދެން އެނީތިންގް އައި މިސް މައިކަންޓްރީ މޯރ ދެން
އޮނަރަބްލް އަފީފު ދީދީ
09 September 2022
އިޤިރޭސިދައުލަތުގެ އެންމެއިސްވެރިޔާގެ ދަތުރު އެތައްގޮތަކުން އައްޑޫމީހުނަށް ޙާއްސަވެގެންދިޔަ. # މާލޭމީހުން "ހިޔަންޏަށް މުޑިނެގިފަދަގޮތަކަށް" ކިރުސައިބޮއެ ހިތްއުފާކުރިވާހަކަ މީގައިލިޔެފައިއޮތް ކަމުގައިވިޔަސް އަހަރުމެން އައްޑޫމީހުން އުފާވަނީ އެދުވަހުވެސް މަސްބާނަންނުކުމެތިބި އައްޑޫމަސްވެރިންތަކެއް ހާލުގައި ޖެހިފައިވަނިކޮށް ސީދާ ރާނީގެ އޮނޑިކޮޅަށް ނަންގަވައި ދޯނި ކަފިޖަހައިގެން ގެނައުމާއި އައްޑޫ މީހުނާއިއެކު ވަރަށް ގާތްކޮށް އެދުވަހު އުޅުއްވާފައިވާތީ.
އޮނަރަބްލް އަފީފު ދީދީ
09 September 2022
ދިވެހިތާރީޙް ލިޔެފައިވަނީ "ދޮގާއި ފްލޯކް ވާހަކަތަކުގެމައްޗަށާއި، ތޮޅި ފޮނިތޮށިލާފައިހުރި ހަމަނުޖެހޭ ލިއުންތަކެއްގެމައްތަށްކަމުގައިވާތީ" ތިޔަ ސައިޕާޓީއަކީވެސް ރަންނަމާރިވާހަކަފަދަ ކަމަކަށްވެދާނެ. # ތިޔަބުނާދުވަސްވަރު ސަރުކާރު ޙަބަރުފަދަ ބައެއްއެއްޗެހީގައި ހުރިލިއުންތަކުން މާތްވެގެންވާ އިޤިރޭސިދައުލަތުގެމައްޗަށް ކ.އަތޮޅު މާލޭގެ ބޮޑުންނާއި އެރަށުގައި އޮތް ރަސްކަމުގެ މަސްއޫލު ފަރާތްތަކުން ޝާހީއާއިލާއާއި އިޤިރޭސިދައުލަތް ދެކެ ރުޅިއައިސްތިބިވަރު އިގޭ.