ކޫޕްމަން، ސިމާއޯ އަދި ރެނޭ ހިޑިންކް: ތިން ކޯޗުން ވެސް ވަނީ އެފްއޭއެމް އާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ --- ފައިލް ފޮޓޯ: މިހާރު އަދި އެފްއޭއެމް
11 ސެޕްޓެމްބަރ 2022 - 12:46
މި އަހަރުގެ ޖެނުއަރީން ފެށިގެން އޭނާ އަށް މުސާރަ ނުދޭ ކަމަށް ބުނެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި މައްސަލަ ދިމާވީ ޕޯޗުގަލް އަށް ނިސްބަތްވާ ސިމާއޯ އަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި މިދިޔަ ދެ އަހަރު މަސައްކަތް ކުރި ނެދަލެންޑްސްގެ ދެ ކޯޗުން ކަމަށްވާ މާޓިން ކޫޕްމަން އާއި ރެނޭ ހިޑިންކް ވެސް ވަނީ، އެ ދެ ކޯޗުންނާ މެދު އެފްއޭއެމް އަމަލު ކުރި ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފީފާ އަށް އެ މައްސަލަ ހުށަހެޅުމުން، އެ ޖަމިއްޔާ އިން ވަނީ އެ ދެ ކޯޗުންގެ ހައްގުތައް އަދާ ކުރުމަށް އެފްއޭއެމް އަށް އަންގައިިފަ އެވެ.
ގައުމީ ޓީމުގެ މިހާރުގެ ހެޑް ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ގައުމީ ޓީމުގައި މަސައްކަތް ކުރަން ފެށި ސިމާއޯ ބުނީ، މާލީ ގޮތުން އޮތް ހާލަތު އޭނާ އަށް ވިސްނޭތީ ކެތްތެރި ކަމާއެކު މަސައްކަތް ކުރި ކަމަށެވެ.
"މުސާރައެއް ނުލިބި އަހަންނަށް ވީ އެންމެ ބޮޑަކަށް ކެތްތެރި ވެވޭތޯ ބެލިން. ހާލަތު ވިސްނައިގެން ކުރިއަށް ދެވޭތޯ އަަހަރެން ބެލިން. ޖެނުއަރީ 2022 ން ފެށިގެން އަހަންނަށް މުސާރައެއް ނުލިބޭ،" ސޯޝަލް މީޑީއާގައި ސިމާއޯ ލިޔެފައި ވެއެވެ.
ސިމާއޯގެ ސޯޝަލް މީޑިއާ ޕޯސްޓް
އިޓަލީގެ ލެކްސީ އަށް ކުޅުނު ކުރީގެ މިޑްފީލްޑަރު ބުނީ ގިނަ ދުވަސްތަކެއް ވީއިރު ވެސް އޭނާގެ މުސާރަ އާ ބެހޭގޮތުން އެފްއޭއެމުން އޭނާ އަށް އެއް ވެސް އެއްޗެއް އަންގާފައި ވެސް ނުވާ ކަމަށެވެ.
ބައްސާމް އާއި ސިމާއޯ ކޮސްޓާ: އޭނާ ވަނީ އެފްއޭއެމް އާ މެދު ކަންބޮޑުވުން ފާޅުކޮށްފަ --- ފައިލް ފޮޓޯ: އެފްއޭއެމް
ކޯޗެއްގެ ގޮތުގައި ސްވިޒަލެންޑްގެ އެފްސީ ބެރޯޝޭ ގޮރްގިއާގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރި ސިމާއޯ ބުނީ އޭނާ މަސައްކަތް ކުރީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި އޭނާ ކޮށްފައިވާ ތަޖުރިބާތަކެއްގެ އަލީގައި ރާއްޖޭގެ ޓީމު ބިނާ ކުރަން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އޭނާގެ މަސައްކަތާ މެދު އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް އާއި އެހެން ފަރާތްތަކުން ވެސް ހިތްހަމަޖެހުން ފާޅު ކޮށްފައިވާ ކަމަށް ސިމާއޯ ބުންޏެވެ.
"އަހަރެންގެ މަސައްކަތާ މެދު އެފްއޭއެމްގެ ފަރާތުން އަބަދުވެސް ލިބުނީ ހިތްހަމަޖެހޭ ކަމުގެ ވާހަކަތަކެއް. އެންމެން ވެސް ތިބީ އަހަރެންގެ މަސައްކަތާ މެދު ހިތްހަމަ ޖެހިފަ. އެފްއޭއެމްގެ ރައީސް [ބައްސާމް] ވެސް ވަނީ ޑިސެމްބަރު 2022 ގެ ނިޔަލަށް އަހަރެންގެ އެއްބަސްވުން އާ ކުރުމަށް ޝައުގުވެރިކަން ވެސް ފާޅު ކޮށްފަ،" ދެކުނު ކޮރެއާގެ ޑެޖާއޯން ސިޓަޒަން އަށް ކުޅެ އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާތަކެއް ހޯދި ސިމާއޯ ބުންޏެވެ.
އޭނާ ބުނީ ރާއްޖޭގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި އޭނާގެ ދައުރު ނިންމާލީ ފީފާގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
މިދިޔަ ހަތް މަހު މުސާރައިގެ ގޮތުގައި އޭނާ އަށް ދޭން ޖެހެނީ ކިހާ ފައިސާއެއް ކަމެއް ސިމާއޯ ހާމަކޮށްފައެއް ނުވެ އެވެ.
ޖޫން މަހު ބޭއްވި ކޮންގްރެސްގައި ބައްސާމް ވިދާޅުވެފައި ވަނީ އޭގެ ހަފުތާއެއް ފަހުން އެފްއޭއެމްގެ މާލީ ހާލަތު ރަނގަޅު ވެގެންދާނެ ކަމަށެވެ. ނަމަވެސް މިދިޔަ މަހު އެފްއޭ ކަޕުގެ ފައިނަލު މެޗަށް ފަހު ބައްސާމް ވަނީ އަދި ވެސް އެފްއޭއެމްގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ.
"އެފްއޭގެ މަލީ ދަތިތަކާ ހެދި ތަންކޮޅެއް އުނދަގޫ ދުވަސްތަކެއް މިދަނީ،" މިދިޔަ މަހު ކުޅުނު އެފްއޭ ކަޕުގެ ފައިނަލު މެޗަށް ފަހު މިޑީއާ އާ ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވި އެވެ.
ކޫޕްމަން އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދި ރެނޭ ހިޑިންކް ދެ ކޯޗުންނަށް ވެސް ބަދަލު ދޭޏް އެފްއޭއެމް އަށް ޖެހުނު --- ފައިލް ފޮޓޯ: މިހާރު
މި އަހަރަކީ ކުރީގެ ދެ ކޯޗުންނަށް އެފްއޭއެމުން ގިނަ ފައިސާތަކެއް ދޫކޮށްލަން ޖެހުނު އަހަރެކެވެ. އެގޮތުން ކުރީގެ އެސިސްޓެންޓް ކޯޗު އަދި ފަހުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސި ރޭނޭ އާއެކު ހެދި އެއްބަސްވުމާ ހިލާފަށް އޭނާ މަގާމުން ވަކި ކުރުމުން ފީފާގެ ފުޓްބޯޅަ ޓްރައިބިއުނަލް އިން ވަނީ ބަދަލުގެ ގޮތުގައި 187,375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން އަންގައިފަ އެވެ.
ގައުމީ ޓީމުގެ ކުރީގެ ހެޑް ކޯޗު ކޫޕްމަންގެ މައްސަލަ ފީފާގެ އެ ކޮމިޓީން ބެލުމަށް ފަހު ޖޫން މަހު ނިންމާފައި ވަނީ ކޫޕްމަން އަށް ވެސް ބަދަލު ދިނުމަށެވެ. ކޫޕްމަން އަށް ވެސް ގާތްގަނޑަކަށް 180،000 ޑޮލަރު ދޭން އަމުރު ކުރި އެވެ.
ކޫޕްމަން އާއި ރެނޭ އަށް ދޭން ޖެހޭ ފައިސާ އެފްއޭއެމުން ނުދައްކައިފިނަމަ ފީފާގެ ޑިވެލޮޕްމެންޓްގެ ބަޖެޓުން އެފްއޭއެމް އަށް ދޫކުރާ ފައިސާއިން އެބައި އުނި ކުރާނެ ކަމަށް ވެސް އަންގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކީކޭބުނާނީ
11 September 2022
ބައްސާމު ގައުމީ ކުޅިވަރު ހަލާކު ކޮށްލައިފި. އޭނަ މިގައުމުގެ ފުޓްބޯޅައާއި ހަވާލުފަހުން މީހުން ކުޅިބަލަން ދަނޑަށްވަނުން ހުއްޓިއްޖެ. ގައުމީސީނިއާ ޓީމުގެ ފެންވަރު ބޮޑުތަނުން ދައްވެއްޖެ. އެންމެ ފަހުން ބޭރުން ކޯޗުން ގެނެއްސަ އެމީހުންނަށް މުސާރަދިނުން ހުއްޓާލައިފި.
ނޯސެލަރީ
11 September 2022
ބައްސާމު އުޅެނީ ކެފޭ ހިންގުމުގައިއާ ގައުމުންބޭރުގައި ސެލްފީނަގަމުން ދުވޭތޯ، އެފަދަ މީހަކަށް ކޮންތަނެއް ހިންގޭނީ. އެތަނުގެ ހާލަތު އެސިސްޓެންޓް ކޯޗްގެ އަގައިން އެބުނީ "...ގިނަ ދުވަސްތަކެއް ވީއިރު ވެސް އޭނާގެ މުސާރަ އާ ބެހޭގޮތުން އެފްއޭއެމުން އޭނާ އަށް އެއް ވެސް އެއްޗެއް އަންގާފައި ވެސް ނުވާ ކަމަށެވެ." ކޮބާ ލަދު. މިހިރީ މީހުންނަށް ޖައްސާ ހާލު.
އޭނާ.
11 September 2022
ނަސީބެއްނުން އެފްއޭއެމްގެ ރައީސް ގައުމުގެ ރައީސަށްނެތްކަން، އެހެންނޫންނަމަ ރައްޔަތުން ބަނޑަށް ޖެހުނީހެއްނުން.
ހިޔާލީ އަލީ
11 September 2022
ބައްސާމުމެންނަށް އިސްކޮޅާ ނުކަތާވަރުގެ ބާރެއް ދިނީ އަހަރުމެން، ދެން ކޮން ފާޑެއް ކިޔާކަށް. އެފްއޭއެމް ކޮންމެ ކަމެއް ކުރިޔަސް ސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އެއީ ފީފާގެ ގަވައިދު އެގޮތަށް ތަން ނުދޭތީ.
އޮފްސައިޑް
11 September 2022
އެހެންގައުމެއްގެ އެފަދަ ތަނެއްގެ ވެރިޔަކަށް އޭނަގެ ސްޓާފުންނަށް ބަރާބަރަށް މުސާރަ ނުދެވެންޏާ ސައްޕެއްޖަހާ ބޭރުކޮށްލާނެ.
އައްލާ
11 September 2022
ބައްސާމު މީދެން ކީހާ ލަދުވެތިކަންތައްތަކެއް މިހުންނަނީ. ޔޫރަޕު ހާވައިގެން ކޯޗުން ގެނެއްސަ ހަތްމަސް ވާއިރުވެސް މުސާރަނުދީ ތިއުޅެނީ ހިތައް އެއްޗެކޭވެސްނާރާތަ. އަހަރެނަމަ މުންޑުލާންވިޔަސް ބަލާނަން ތަނުގެ މުވައްޒަފަކަށް މަހުގެ އެންމެ ފަހުދުވަހު މުސާރާދެވޭތޯ. ޔަގީން ފައިސާލިބޭނެ ގޮތްވެސް އޮންނާނެ، އޭނައަށް މުސާރަ ހަމަޖެހިފައި ހުންނަން ޖެހޭނީވެސް! ބައްސާމު ހަމަ ކަޑައީ، އޭނަ އެތަނުން ބޭރުކުރަން ޖެހޭނީ، އެނުން ގޮތެއްނެތް!
ބަލަ
11 September 2022
އެމީހުންގެ މުސާ ފެށުނީއްސުރެ ނުދޭތީ ދޯ އެމީހުންނަށް އެއްފަހަރާ އެހާބޮޑުވަރެއް މިދައްކަންޖެހެނީ. ބައްސާމް އަށް އެތަން ނުހިންގެންޔާ. އެތަނުން ސަސްޕެންޑުކުރުވާފައި އެމަގާމަށް އެހެން މީހަކު ލާންޖެހޭ. ވިކްޓަރީ ނިއު އަދި އެހެންޓީމުގެ މީހުންގެ މުސާރާއިގެ ވާހަކަދައްކާއިރު ތިމާ (ބައްސާމު) ތިޔަހުރީ ހަދާގޮތް. ގިނަދަތުރުތަށް އަޅާ ބޮޑުމުސާރައިގެ ދަހިވެތިކަމުގައި، ތިޔަތަނުގައި ހުރުމުގެ ބައްސާމު ހުރުމުގެ ބޭނުމެއްނެތް
ސަސި.
11 September 2022
މަ ހިތައްއަރާ ބައްސާމަށް ގަމީސްލައިގެން މަގުމަތީ އުޅެން ކެރޭކަމޭ