މާލޭގައި ބޭއްވި މުޒާހަރާއެއް ރޫޅާލަން ފުލުހުން ހަރަކާތްތެރިވަނީ: ޑިއުޓީގައި ތިބި ދެ ފުލުހަކަށް މީހަކު މަރުގެ އިންޒާރުދިން ކަމަށް ބުނާ މައްސަލައެއް އަންނަނީ ބަލަމުން -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
13 ސެޕްޓެމްބަރ 2022 - 06:52
މީގެ ދުވަސްކޮޅެއް ކުރިން، ފުލުހުންގެ ތަހުގީގީ އޮފިސަރަކު އޭނާގެ ކުޑަ ދަރިފުޅާ އެކު ހިނގާލަން ނުކުމެ އުޅެނިކޮށް ކުށްވެރިންގެ ގްރޫޕެއްގެ މީހަކު އޭނާއާ ދިމާކޮށް މަރުގެ އިންޒާރު ދިނެވެ. އޭގެ އިރުކޮޅެއް ފަހުން އެ މީހާ ހައްޔަރުކުރި ނަމަވެސް މުޖުތަމައުއަށް ނުރައްކާ މީހެއް ކަމަށް ގާޒީއަށް ފެނިވަޑައިނުގަތުމުން ބަންދުން ދޫކޮށްލީ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، މިދިޔަ ހުކުރު ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ފުލުހަކަށް މަގުމަތިން ދިމާކޮށް ވަޅިން ހަމަލާދީ ޒަހަމްކޮށްލީ އެވެ. މިކަން އެނގޭ މީހަކު ކިޔައިދިން ގޮތުގައި މިއީ އެތައް ދުވަހަކު ޑީއީޑީގެ އެކި ފުލުހުންނަށް އިންޒާރުދީ މަގުމަތިން ދިމާކުރުމަށް ފަހު ހިނގި ކަމެކެވެ.
"ޑީއީޑީގެ ތިން ފުލުހަކު ދިޔައީ އެ ދުވަހު ހެނދުނު ފުޓްބޯޅަ ކުޅެން. ހަމަލާ ދިނީ ނިންމާފައި ގެޔަށް ދަނިކޮށް ފަހަތުން އަވަގުރާނަ ގޮވަމުން އިންޒާރު ދެމުން ގޮސް. ޕޮލިސް އިން ސައިކަލް ޓްރެފިކްގައި ތާށިވި ވަގުތު ގޮސް ހަމަލާ ދިނީ،" އޭނާ ކިޔައިދިނެވެ.
ހަމަލާ ދިނުމާ އެކު ފުލުސް ވަނީ ދުވެފައި ދުރަށް ގޮސް، އޭނާއާ އެކު އުޅުނު އެހެން ދެ ފުލުހަކަށް ގުޅައިފަ އެވެ. އެ މީހުން އެހީވާން އައި އިރު، ހަމަލާ ދިން މީހާގެ ގްރޫޕް އޮތީ ވަޅި ފަދަ ތަކެތި ހިފައިގެން މުޅި ސަރަހައްދަށް ގަދަކޮށްލާފަ އެވެ. އެހެންވެ، އޯފް ޑިއުޓީގައި އެ ވަގުތު ތިބި ފުލުހުންނަށް ދިފާއުގައި ކަމެއް ނުކުރެވި ލިބުނީ އިތުރު އަނިޔާ އެވެ.
މި ދައްކަނީ ގާނޫނު ތަންފީޒު ކުރުމާއި ކުށްވެރިން ހިފައި ހައްޔަރު ކުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަން ތިބޭ ފުލުހުން އުޅެން ޖެހޭ ހާލުގެ ވާހަކަ އެވެ. އެ މީހުން ދެކެ އެއްވެސް ބިރެއް ނެތް ކަމާއި އަދަބެއް ނުދެވޭނެ ކަމުގެ "ޔަގީން ކަން" އޮތް މިންވަރެވެ. އެއްވެސް ފަސް ޖެހުމެއް ނެތި މަރުގެ އިންޒާރު ދީ ފުލުހުންނާ ވެސް މާރަމާރީ ހިންގާ ކަމެވެ. ދެން އާންމު ރައްޔިތަކަށް އޮތީ ކޮން ރައްކާތެރި ކަމެއް ހެއްޔެވެ؟
މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި އެ ނުރައްކާތެރި ގޭންގުތައް ކުރިމަތީގައި ފުލުހުންނާއި ދައުލަތުގެ އެހެން މުއައްސަސާތައް ކުޑަކަކޫ ޖެހުން ނިމުމަކަށް ގެންނާނެ އެވެ.
އެ މީހުންގެ ކަންކަން މިހާރު ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެ ފުލުހުންނާއި ސިފައިން ހިމެނޭ ޓާސްކް ފޯސްއެއް މަގުމައްޗަށް ނެރެ ހަރަކާތްތެރި ކުރުވި އެވެ.
"މުޅި ދައުލަތާއި މުޅި ނިޒާމުގެ ތެރެއިން އެކަށީގެންވާ ވަރަށް ރަނގަޅަށް ސިސްޓެމެޓިކަލީ ނުކުރެވި އޮތީމަ މި ހިސާބަށް އާދެވިފައި މިތިބީ. ކޮންމެވެސް އެއް ހިސާބަކުން އެބަ ޖެހޭ މަސައްކަތް ފަށަން. އެކަން ފަށައިގެން މިއުޅެނީ." ސީޕީ ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ފުލުހުން ހިންގާ ކަންކަމުގައި ޖަވާބުދާރީ ކުރުވައި ފިޔަވޅު އެޅޭ އުސޫލު އެ މުއައްސަސާގައި ހަރުދަނާވެފައިވާ ކަމަށް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުލުހުންގެ ބަޔަކަށް ހަމަލާ ދިން މައްސަލައާ އެކު، މި އަހަރު ކުރީކޮޅުން ފެށިގެން ހިންގި އެ ޓާސްކްފޯސްގެ ނަތީޖާއަކީ ކޮބައިތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދަން ފަށައިފަ އެވެ. ބާރުގަދަ އެ މީހުންގެ މޫތައް ނިޒާމުގެ ތެރެއިން ލުހެނުލެވިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެދެ އެވެ.
ކުރީގެ ފަނޑިޔާރަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ ގޭންގުތަކުގެ ކުރިމަތީގައި ފުލުހުން "ކުޑަކަކޫ" ނުޖެހުން އެއީ އަދި މައްސަލަ ހައްލުވާން އޮތް ގޮތެއް ނޫން ކަމަށެވެ. ގޭންގުތަކުގެ ނުފޫޒުގެ ދަށުުގައި ޝަރުއީ ދާއިރާގެ މީހުންނާއި ފުލުހުންނާއި އެތައް ބަޔަކު އެބަ އުޅޭ ކަމަށާއި މި ހުރިހާ ދިމާލަކުން ކަންކަން ބަދަލުވެގެން ނޫނީ ބިރުވެރިކަން ނައްތާނުލެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕޮލިހުގައި ވެސް ކޯޓުތަކުގައި ތިބި މީހުންނަށް ވެސް ގޭންގުތަކުން އިންޒާރު ދޭއިރު ކޮންމެ މީހަކު ވެސް ހުންނަން ޖެހެނީ އެ މީހަކާއި އާއިލާގެ ރައްކާތެރިކަމާ މެދު ބިރުން ކަމަށެވެ،
"ފަނޑިޔާރުން ވެސް ތިބެނީ ބޮޑު ބިރެއްގެ ތެރޭގައި. އެއިން މީހަކު [ނުރައްކާތެރި ކުށްވެރިއަކު] ބަންދު ކުރާ ޝަރީއަތް ފެށޭ ހިސާބުން އެތައް އިންޒާރެއް އަންނާނެ. އެކަންކަމާ މެދު ކުރެވޭނެ މާ ބޮޑު ކަމެއް ނޯވޭ. ނިޒާމުގެ ހުރިހާ ދިމާލެއްގައި އެ މީހުންގެ ނުފޫޒު އޮވޭ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންނަކީ އެ މީހުންގެ ވަޒީފާގެ ގޮތުން ހާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ބައެކެވެ. ހާއްސަކޮށް އެ މީހުންނާ މެދު ހިންގޭ މިފަދަ ކަންކަމާ ދެކޮޅަށް ވަރަށް އަވަސް އަދި ސީރިޔަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ މުޅި މުޖުމައު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެން ދާނެ ކަމަށް މުއައްސަސާތަކުން ގަބޫލު ކުރެ އެވެ.
ނަމަވެސް ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ނުވަތަަ ރާއްޖޭގައި ބޮޑުވަމުން އަންނަ ޑްރަގް މައްސަލަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ގޭންގުތަކުގެ ފަރާތުން ފުލުހުންގެ ވަކިވަކި އޮފިސަރުންނަށް އަންނަ ތްރެޓުތަކާއި ނުރައްކާ ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެ މީހުންގެ އާއިލާގެ މީހުންނާ ވެސް މަގުމަތިން ދިމާކޮށް ފުރައްސާރަ ކުރެ އެވެ. އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ނޭޅެ އެވެ.
މަރު ކޮމިޝަނުން 2020 ވަނަ އަހަރު ހެދި ރިޕޯޓެއްގައި ބުނާ ގޮތުން ރާއްޖޭގެ ކޯޓުތަކަށް ބައެއް ވިޔަފާރިވެރިންނާއި ގޭންގުތަކުން އޮންނަނީ ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިފަ އެވެ. ގޭންގުތަކުން ބޭނުންވާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަން ވެސް ކޮށްފައި އެބަ ތިބި ކަމަށް ބުނެފައިވެ އެވެ.
ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން --މިހާރު ފޮޓޯ/ނިޝާން އަލީ
ބައެއް މީހުން ބަންދު ކުރުމުގެ އަމުރު މަޑުޖައްސާލުމާއި، ބަންދުކުރަން ނުޖެހޭ މީހުން ބަންދުކުރުމުގެ އަމުރު ނެރުން ފަދަ ކަންތައްތައް "ގޭންގުތަކުގެ އަމުރަށް" ކޯޓުތަކުން ކޮށްފައި އެބަހުރި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންވެ އާންމުންނެކޭ އެއްގޮތަށް ގިނަ ފަހަރަށް ފުލުހުންގެ ވަކިވަކި އޮފިސަރުންނާ މެދު ހިންގާ އެފަދަ އަމަލުތައް ކޯޓުތަކުން ފެއިލް ވާނެ އެވެ.
"ކޯޓުތަކުން ފުލުހުންނަކަށް ވެސް އިންސާފެއް ނުލިބޭ. އެ މީހުންނަށް ވެސް ރައްކާތެރިކަމެއް ނެތް. އެކަން ރަނގަޅު ނުކުރެވޭ ނަމަ ނިޒާމުގެ ތެރެއިން ދެން ހިނގާ ކަންކަން މާ ގޯސް ވާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކުށްވެރިންނާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ރުޅިގަދަވެފައި ތިބި ރައްޔިތުން މަގުމަތިން އިންސާފު ހޯދާ މައްސަލަތައް މިފަހުން ވަރަށް ގިނަވެ، ފުލުހުން ވެސް އެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
އެކަމަކު މާޒީގައި ހިނގާފައި ހުރި ބައެއް ކަންކަމަށް ބަލާއިރު ފުލުހުންގެ އޮފިސަރުންނާ މެދު ހިންގޭ އެފަދަ އަމަލުތަކާ މެދު ފުލުހުންގެ ބައެއް ވެރިންގެ ފަރާތުން އަދި ކޯޓުތަކުން އެކަށީގެންވާ ފިޔަވަޅެއް ނޭޅި ސަމާލުކަން ނުލިބޭތީ ފުލުހުން ވެސް "މަގުމަތިން" އިންސާފު ހޯދާފައި އެބަހުއްޓެވެ. ބައެއް ގޭންގުތަކުގެ ގެތަކަށް ވަދެ ހުރިހާ އެއްޗެއް ތަޅާލައި ބަދަލު ހިފާފައި އެބަހުއްޓެވެ.
ފުލުހުން ގޮސް މީހަކު ހައްޔަރުކުރީމާ އެ މީހާގެ ގޭންގުން ގޮސް ފުލުސް މީހާގެ އާއިލާއަށް ބިރު ދައްކައި މަގުމަތިން ފުރައްސާރަކުރަނީ އެވެ. އެކަމަކު އެއިން މައްސަލައެއްގައި ފިޔަވަޅެއް ނޭޅެ އެވެ. އަދަބެއް ނުދެވެ އެވެ. ދެން ފުލުހުން ވެސް ހަމައިން ނެއްޓި އެ މީހުންނަށް ބަދަލު ހިފުނު ގޮތަކަށް ހިފަނީ އެވެ. މިއީ ވަރަށް ނުރައްކާ ޓްރެންޑެކެވެ.
މި މައްސަލަތައް ހަމަޔަކަށް ނޭޅުވޭ ހާ ހިނދަކު ދުވަހަކަށް ވުރެ ދުވަހެއް ނިޒާމް ދާނީ ހަލާކުވަމުންނެވެ. އަދި ރައްޔިތުންނަށް އޮތް ނުރައްކާ ބޮޑުވަމުންނެވެ. ބާރުގަދަ ދެތިން ގްރޫޕެއްގެ ބިރަށް މުޅި ދައުލަތް މަޑު ޖެހިފައި އޮންނަ އޮތުން ނިމުމަކަށް ގެންނަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏާހިލް ޒާހިދު
14 September 2022
މިއަދު ދިވެހި ފުލުހުންނަކީ އެއްވެސް އިހުތިރާމެއް އަގެެްނެތް ބައެއް. ޢެއީ އެމީހުނން އަމިއްލައަށް ގޭންގުތަކާ ގުޅި ސިޔާސީވެ އޮގަނައިޒް ކުރައިމްތަކުގައި ބައިވެރިވެ ތަހުޤީޤުތައް ކައްޗަށް ދުއްވާ ހެދުމުގެ ނަތީޖާ. މި ހަޤީޤަތާ ކުރިމަތިލާނެ ހިތްވަރެެއްވެސް އެ މުއައައްސަސައިގައި ނެތް
ޑިމޮކުރަޗީ
14 September 2022
ތިޔަކަމަކީ ވަކި ބަޔަކު ރާވައިގެން ވެރިކަން ހޯދަން ކުރިކަމެއް. ޥެރިކަން ލިބުނީމަ މިހާރު ކިތަންމެ ވަރަކަށް އެ އިއްޒަތް އަނބުރާ ހޯދަން އުޅުނަކަސް އެކަމެއް ނުވާނެ.
ހާސަރު
13 September 2022
ފުލުހުންނާއި ސިފައިން އަދި ކޯޓްތަކަށް މިކަން ހައްލު ނުވާނަމަ އެބުނެވެނީ އާއްމުން މިކަން ހައްލުކުރާށޭދޯ.
ކީސްފިލާ
14 September 2022
އެބުނަނީ، އިންޑިއާ މިލިޓަރީން ނެރެންޖެހިއްޖެއޭ.
ސަލިނބެ
13 September 2022
ސިޔާސީ މީހުންދައްކަނީ މުޅިން ހޮޅިވާހަކަކަން ރައީތުން ގަބޫލު ކުރާނީ ކޮންދުވަހަކުން ބާއޭހިތައް އަރާ މަސްތުވާތަކެތްޗައް ހުޅުވިފަ ހުރި ދޮރުތަށް ބަންދު ކުރާނަމޭ ނުކިޔާތޯ ޑިމޮކުރަސީ އަކީ އެތްވެސް ބުރަދަނެތްނެތް ނިޒާމެތްކަން ރައީތުން ބަލައިގަންނާކަށް ނުވޭތޯ އަމިއްލަޔަށް އިންދެވިސްނާލަބަލަ މަސްތުވާތަކެތްޗާ ދެކޮޅަށް ހުރިހާ މުއައްސަސާތަކުން އެކަށީގެންވާ މަސަތްކަތެއް ކުރޭތޯ ދެން މިގައުމު ސަލާމަށް ނުކުރެވޭނެ މުޅި ގައުމުގަ މަސްތުވާތަކެތިން ފުރިއްޖެ
ޢަންދާ ގާނުނު
13 September 2022
މިހާރު ނޫހަކީ މިހާރު މިދިވެހި ރާއްޖޭގަ އޮތް އެންމެ ފުރިހަމަ މިގައުމުގަ ހިންގާ މިފަދަ ޖަރީމާތަށް އެންމެފުރިހަމަޔަށް ގެނެސްދޭނޫން އަޅުގަންޑު ވަރަށްބޮޑުއެދުމެތް މިފަދަ ބިރުވެރި ރިޕޯޓުތަށް ލިޔާއިރު ލިޔާ މީހާ ފޮޓޯއާ ނަން ނުޖެހުން ސަބަބަކީ ގޭންގުހާއްޔެއް އެތްވެސް މީހަކަށް އިންސާފު ނުލިބޭނެ ކޯޓުތަކުން ގޭންގުތަކުގެ މީހުން ރުފިޔާ އަޅާލިމަ މަށްސަލަ އެނެތްކޮޅަށް އަނބުރާލާނެ މީ ވަރަށް ބިރުވެރި ގައުމެތް އަދުލު އިންސާފު ގެއްލިފަ އޮތް ގައުމެތް
ޙިނި
13 September 2022
އާންމުންނައް ބަޑި/ފިސްތޯލު ގެންދުލުމުގެ ލައިސަންސު ދޫކުރަން ފެނޭ، އެއީ އޮތް ހައްލަކީ.
ކިލްބިލް ވޮލިއުމް 2
13 September 2022
ކަލޯގެ މޮޔަކަމާއެވެ.!!ތިހާއިރުން އިސާހިތަކު މގައުމުން މީހުން ހުސްވެ މިގައުމުގަ ބާކީ ހުންނާނީ އެންމެ ރަނގަޅަށް ކަވަރު ނަގައިގެން އެންމެ މޮޅަށް ބަޑިޖަހާމީހާ..
ހިޔާލީ އަލީ
13 September 2022
ކިތަންމެ ރަނގަޅަށް ކަމެއް ދިޔަސް ޖުޑީޝަރީ ރަނގަޅު ނުވަންޏާ އެއްވެސް ބަޔަކަށް ހިމާޔަތެއް ރައްކާތެރިކަމެއްވެސް ނެތް. މި ހަގީގަތަށް ވާހަކަ ދައްކަން ކެރޭ މީހެއްވެސް ނެތް. އަބަދުވެސް ގޯސްވަނީ ޔާމީނާ، އިބޫ އާ ޕޮލިހާއި ޖަލުތައް
ސައީދު ޢަލީ
13 September 2022
ޖުޑިޝަރީ ގެ 3 މަރުޙަލާ އެބަ އޮތް އެއް މަރުޙަލާ އިން ނުވެއްޖެއްޔާ އަނެއް މަރުޙަލާ ގައި އިސްތިއުނާފު ކުރެވޭނެ.
ޢުއްތަމަ އުސްތާޛް
14 September 2022
ރައީސް އޮފީހުގެ ކޯލު ކޯޓަށް ދާހާ ހިނދަކު... ދަށު ކޯޓުގެ ޤާސީ ހައިކޯޓަށް ސުޕްރީމްކޯޓަށް ދާން ބޭނުންވާ ހާ ހިނަދަކުު... ޤާޒީން ފުލެޓާ ގޯއްޗާ ކާރާ އިއްޒަތް ބޭނުންވާހާ ހިނދަކު... ދިވެހި ރުފިޔާގެ ބާރު ހުރިހާ ހިނދަކު... އާހިރަތް ވިއްކާ ދުނިޔެ ގަންނަހާ ހިނދަކު... ދުނިޔޭގެ ލަދު އާހިރަތުހެ ގިންޏަށްވުރެ ބޮޑުވާ ހިނދަކު...²ޝަރީއަތެެއް އިންސާފުވެރިއެއް ނުވާނެ.
ސީރިއަސްނަސް
13 September 2022
ޔާމީނަށް ސާބިތު ހުކުމެއް އިއްވާ ހިސާބުންވެސް ގޭންގުތައް މައިތިރިވާނެހެން ހީވަނީ. ދައުރު ނިމެން ކައިރިވާ ވަރަކަށް އެމީހުންގެ ގަޓުކަން ދާނީ އިތުރުވަމުން. ޔާމީނު ވެރިކަމަށް އަންނަން އޮތް ޗާންސް ބޮޑުވާ ވަރަކަށް އެމީހުންގެ ގަޓުކަން ދާނީ އިތުރުވަމުން. އެކަމަކު ވެރިކަމަށް ދެން އަންނަން ހުރީ ޑރ ވަހީދު ނޫނީ އުމަރު ނަސީރުމެން ކަހަލަ މީހެއް ނަމަވެސް އެމީހުންގެ ހިތްވަރު ކުޑަވާނެ.
ސަޗް ނޮންސަންސް
13 September 2022
ޔާމީނުގެ ބޮލުގަ ހުރިހާ ކަމެއް އަޅުވަން ބޭނުންވިއަސް ތިއައީ ބޮޑުވަރު. ޔާމީނު 2 އަހަރު ޖަލުގަ ހުރެ ވެރިކަމުގަ ނެތި މި ނިމުނު 4 އަހަރު ގޭންގުތައް މައިތިރިކުރަން މިސަރުކާރަށް ކަމެއްނުކުރެވުނުކަމުގެ ލަދުހުތުރު ބޮޑު ހަގީގަތް ފޮރުވަން ޔާމީނޭ އަދިވެސް ތިކިޔަނީ. ޔާމީނު އަލުން ޖަލަށްލިއަސް ގޭންގްތައް މައިތިރިނުކުރެވުނީމަ ދެން ކިޔަން އޮންނާނީ ޔާމީނު ދުނިޔޭގަ ހުރީމައޭ އެހެންވަނީ.
ސަޢީދު
13 September 2022
މިވަރު ވާއިރު ފުލުހުންގެ މުއައްސަސާ ޒިއްމާދާރު ކުރުވަން މަޖްލިހުން އެއްވެސް މަސައްކަތެއް ނުކޮށް އޮންނަ އޮތުން ހަރުކަށި އިބާރާތުން ކުށްވެެރި ކުރަން.
ވަހުތާން
13 September 2022
ހޮޅި ވާހަކަ ނުދައްކާ. ފުލުހުންނަށް ހިމާޔަތް އޮންނާނެ. މިގައުމަކީ ލިޔެވިފައިވާ ދުސްތޫރީ ނިޒާމެއްގެ ދަށުން ހިނގާ ގައުމެއް. ފުލުހުންނާ ސިފައިން ނިކުމެ ފުއްޕާފަ ތިއުޅޭ ގޭންގުތައް މުލުން ލުހެލާކަށް މާބޮޑު ކަމެއްނޫން. ބޭނުންވަނީ ގާނޫނުގެ ހުކޫމަތު ހިންގޭނެ ކެރޭ ލީޑަރެއް.
އަނެއްގޮތް
13 September 2022
އާއްމުންވެސް ސެލްފްޑިފެންސް ކްލާސްތަކަށް ގޮސްގެން އެ ދަސްކޮށްގެން ތިބެންވީ. އަދި ސްކޫލްތައް ނިމޭ ކުދިންނަށްވެސް އެ ދަސްކޮށްދޭންވީ. ކޮންމެ މީހަކީ ތިމާއާ ތިމާއާއެކު އުޅޭ މީހާގެ ހިމާޔަތް ކޮންމެވެސް ވަރަކަށް ކުރެވޭނެ މީހަކަށް ވާންވީ.