ވިޔަފާރި / ރިޕޯޓް

މުސާރައިގެ އޮނިގަނޑުގައި ބޮޑެތި މައްސަލަތަކެއް، ގެއްލޭ އެތައް މިލިއަން ރުފިޔާއެއް!

ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންތަކެއް. މިއަހަރު އެކަނި މުވައްޒަފުންގެ މުސާރައަށް 10 ބިލިއަން ރުފިޔާ ހޭދަކުރާނެ--ފޮޓޯ:މިހާރު

ވޯލްޑް ބޭންކްގެ އެކްސްޕެންޑިޗާ ރިވިއުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ސަރުކާރުން މުސާރަ ދިނުމުގައި ހުރި ބޮޑެތި މައްސަލަތަކެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭ ދައުލަތުގެ ބަޖެޓުގެ ތިން ބައި ކުޅަ އެއްބައި ހަރަދު ކުރީ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކަށެވެ. އެއީ ޖީޑީޕީގެ ގާތްގަނޑަކަށް 11 ޕަސެންޓެވެ. އެއް އަހަރުން އަނެއް އަހަރަށް ސިވިލް ސާވެންޓުންނާއި ސިޔާސީ މުވައްޒަފުންނާއި ސަރުކާރުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ކުރާ ހޭދަ ބޮޑުވަމުން ދިއުމަކީ ވޯލްޑް ބޭންކުން ފާހަގަކުރާ ވަރަށް ބޮޑު މައްސަލައެކެވެ.

މިދިޔަ އަހަރު އެކަނި ވެސް ބަޖެޓުން މުވައްޒަފުންގެ މުސާރަ އަށް 10 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި މި އަހަރުގެ މިހާތަނަށް މުސާރަތަކަށް 7.3 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ. ވޯލްޑް ބޭންކުން ބުނީ ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 40 ޕަސެންޓު ހޭދަކުރަނީ މުވައްޒަފުންގެ މުސާރަ އަށް ކަމަށެވެ. އަދި ކޮވިޑް ދުވަސްވަރު މުވައްޒަފުންގެ މުސާރަ އަށް ކުރި ހޭދަ ބަޖެޓުގެ 60 ޕަސެންޓަށް އެރި ކަމަށް ބުނެފައިވެ އެވެ.

2012 ވަނަ އަހަރުން ފެށިގެން ދައުލަތުން މުސާރަ އަށް ކުރި ހޭދަ

ތަފާސްހިސާބުތަކުން އެނގޭ ގޮތުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދައުލަތުން މުސާރަ އަށް ކުރި ހޭދަ ދެ ގުނަ ވަނީ އިތުރު ވެފަ އެވެ. އަދި ޖީޑީޕީގެ ނިސްބަތުން 7.3 ޕަސެންޓް ކޮންމެ އަހަރު އިތުރު ވެފައިވެ އެވެ. އެއީ ރާއްޖޭގެ އިގްތިސާދު ކުރިއަރާ މިންވަރަށް ވުރެ ވެސް އިތުރު އަދަދެކެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އިގްތިސާދު އެވްރެޖުކޮށް ކުރިއަރާފައި ވަނީ ހަ ޕަސެންޓުގަ އެވެ.

ބޮޑު މުސާރައެއް، އެކަމަކު ވަގުތު މަދު!

ވޯލްޑް ބޭންކްގެ ރިޕޯޓުގައިވާ ގޮތުގައި ޖީޑީޕީގެ ނިސްބަތުން މި ސަރަހައްދުގެ ގައުމުތަކާއި ރާއްޖެ ފަދަ މެދުފަންތީގެ އިގްތިސާދެއް އޮންނަ ގައުމުތަކާ އަޅާ ބަލާއިރު މުސާރައިގެ ހޭދަ އިންތިހާ އަށް ބޮޑެވެ. އެގޮތުން މޮރިޝަސް، ސީޝެލްސް، ފިޖީ ފަދަ ގައުމުތަކާ އަޅާ ބަލާއިރު 2019 ވަނަ އަހަރު ރާއްޖެއިން ވަނީ ލިބުނު އާމްދަނީގެ 38 ޕަސެންޓު މުސާރަ ދިނުމަށް ހޭދަކޮށްފަ އެވެ.

މުސާރަ އަށް ހޭދަކުރުމަށް އެންމެ ރަނގަޅު މިންވަރެއް ނެތް ނަމަވެސް، ރާއްޖެއިން މުސާރަ އާއި މުވައްޒަފުންނަށް ކުރާ ހޭދަ ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. މިކަން ކޮންޓްރޯލް ނުވެއްޖެ ނަމަ ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެ، ދައުލަތަށް އިތުރު ތަކްލީފުތައް ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ.

ސިވިލް ސާވިސް މުވައްޒަފުން ވެލާނާ ބިލްޑިންގައި ލިފްޓަށް އަރަން މަޑުކޮށްލައިގެން: މުވައްޒަފުންނަށް ދޭ މުސާރަ އެއް އަހަރުން އަނެއް އަހަރަށް ވަނީ ބޮޑު-- ފޮޓޯ: މިހާރު

މުވައްޒަފުންނަށް ދޭ އުޖޫރަ ނިސްބަތުުން ބޮޑު ނަމަވެސް، މުވައްޒަފުން މަސައްކަތުގައި ހޭދަ ކުރާ ވަގުތު ވަރަށް ކުޑަ ކަން ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ. ސަރުކާރު މުވައްޒަފުން އެވްރެޖްކޮށް ހަފްތާއަކު މަސައްކަތުގައި ހޭދަކުރަނީ 30 ގަޑިއިރެވެ. މިއީ ޔޫރަޕްގެ ގިނަ ގައުމުތަކަށް ވުރެ ސިވިލް ސާވެންޓުން މަސައްކަތުގައި ހޭދަކުރާ ގަޑިއިރަށް ވުރެ މަދު އަދަދެކެވެ. މަސައްކަތުގެ ވަގުތު ކުޑަވުމުން މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

ސިވިލް ސާވެންޓުންނަށް މަހަކު އެވްރެޖްކޮށް އިތުރު ގަޑީގެ ގޮތުގައި 2،700ރ. ލިބޭ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ. މިއީ ވެސް ދައުލަތަށް އޮތް އިތުރު ބުރައަކަށްވާ އިރު މުވައްޒަފުންގެ މަސައްކަތުގެ ވަގުތު ކުޑަވުމުން، މަސައްކަތުގެ ޕާފޯމަންސް އަށް ބޮޑު އަސަރެއް ކުރާ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ. ސިވިލް ސާވެންޓުންނަށް އުޅޭ ގިނަ މީހުން އެއް ވަޒީފާ އަދާ ކުރުމަށްފަހު އިތުރު ވަޒީފާތަކުގައި އުޅުމަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މަނާ ކަމެކެވެ. އެކަން މަނާ ކުރަން ޖެހެނީ މުވައްޒަފުންގެ މަސައްކަތުގެ ޕާފޯމަންސް އަށް އަސަރު ކުރާނެތީ އެވެ. އެހެން ނަމަވެސް ރާއްޖޭގައި ސިވިލް ސާވެންޓުން އިތުރު ވަޒީފާއެއް އަދާ ކުރަން ހުރަހެއް ނެތުމަކީ މުވައްޒަފުންނަށް އެ މީހުންގެ ރަސްމީ ޒިންމާތައް އެންމެ ފުރިހަމަ އަށް އަދާ ނުކުރެވިދާނެ ކަމެއްގެ ގޮތުގައި ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.

އެލަވަންސްތައް މާ ބޮޑެތި، މުއައްސަސާތަކުގެ މުސާރައިގެ ބޮޑެތި ފަރަގު

ވޯލްޑް ބޭންކުން ބުނީ، ދައުލަތުން މުސާރަ ދިނުމުގައި މާ ގިނަ އެލަވަންސްތައް ދޭތީ، މުސާރަ ދިނުމުގައި ދެފުށްފެންނަ ނިޒާމެއް ނޯންނަ ކަމަށެވެ. ސަރުކާރުން ދޭ މުސާރައިގެ ގާތްގަނޑަކަށް ދެބައި ކުޅަ އެއްބަޔަކީ އެލަވަންސް އެވެ. އަދި 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގައި ދައުލަތުން ދިން އެލަވަންސް ވަނީ 47 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.

މިއީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ވުރެ ދެ ގުނަ ބޮޑު އަދަދެއް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. އެ އިދާރާއިން ބުނީ، އޯއީސީޑީ ގައުމުތަކުގައި މުސާރައަކީ ލިބޭ އާމްދަނީގެ 80 ޕަސެންޓް ކަމަށެވެ. އެލަވަންސްގެ ގޮތުގައި ހިމެނެނީ ޖުމްލަ މުސާރައިގެ 20 ޕަސެންޓެވެ.

ވޯލްޑް ބޭންކުން ބުނީ ސަރުކާރު މުވައްޒަފުންގެ ތެެރެއިން އަސާސީ މުސާރައިގެ ގޮތުގައި 10،000ރ. އާއި 20،000ރ. ލިބޭ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި 8،000ރ. ލިބޭ ކަމަށެވެ.

މުވައްޒަފުންތަކެއް މަގުމަތިން ހިނގާފައިދަނީ: މުސާރަ ދިނުމުގައި އެކި މުއައްސަސާތަކުގެ ފަރަގު ވަރަށް ބޮޑު--ފޮޓޯ: މިހާރު

"މުވައްޒަފުންގެ ތެރެއިން 40،000ރ. އާއި 50،000ރ. ގެ އަސާސީ މުސާރަ ލިބޭ ފަރާތްތަކަށް އެލަވަންސްގެ ގޮތުގައި 30،000ރ. ލިބޭ. ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އެވްރެޖްކޮށް މަހަކު 5،900ރ. އެލަވަންސްގެ ގޮތުގައި ލިބޭ އިރު ޔުނިފޯމް އެޅި މުވައްޒަފުންނާއި ސިޔާސީ މީހުންނަށް ލިބޭ އެލަވަންސް ދެ ގުނަ އިތުރު،" ވޯލްޑް ބޭންކްގެ ރިޕޯޓުގައިވެ އެވެ.

ވޯލްޑް ބޭންކުން ބުނީ އެލަވަންސްގެ ގޮތުގައި އިންޓަނޭޝަނަލް މިންގަނޑަށް ނުފެތޭ 54 އެލަވަންސެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ސާވިސް އެލަވަންސް އާއި އެކްސްކްލޫސިވް ޖޮބް އެލަވަންސް އާއި އޯވަޓައިމް އެލަވަންސް އާއި ލިވިން އެލަވަންސް ހިމެނެ އެވެ.

ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި އެކި މުއައްސަސާތަކުން މަސައްކަތް އެއްގޮތްވި ނަމަވެސް ތަފާތު މުސާރައެއް ދޭކަން ފާހަގަވާ ކަމަށެވެ. އެގޮތުން އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ 77 ޕަސެންޓު މުވައްޒަފުންގެ މުސާރަ ތަފާތު ކަމަށް ބުނެފައިވެ އެވެ. މީގެ ތެރޭގައި މަސައްކަތް ކުރާ އަތޮޅާއި މިިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނާއި ޔުނިފޯމު އެޅި އިދާރާތަކުގެ މުވައްޒަފުންގެ ތެރޭގައި އުޅޭ އެޑްމިން އޮފިސަރުންގެ މުސާރައިގެ ފަރަގު ބޮޑު ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ޕޭ ކޮމިޝަނުގެ މަސައްކަތުން މުސާރަ އަށް 3.5 ބިލިއަން އިތުރުވޭ

ވޯލްޑް ބޭންކުން ބުނީ، މުސާރަ ދިނުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އިން ގިނަ މަސައްކަތްތަކެއް ކުރަމުން ދިއުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެއާ އެކު ސަރުކާރުގެ ހުރިހާ އިދާރާއެއްގައި މުސާރަ ދިނުމުގައި ހުރި ފަރަގުތައް ނައްތާލައި، އެއް ލެވެލް އެއްގެ މުވައްޒަފުންނަށް އެއް ހަމައަކުން މުސާރަ ދެވޭނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

މުވައްޒަފުންގެ މުސާރަ އެއް ހަމަ ކުރުމުގެ އުސޫލުގެ ދަށުން ބައެއް މުވައްޒަފުންގެ މުސާރަ އިތުރުވާ އިރު އަނެއްބައި މުވައްޒަފުންގެ މުސާރަ ކުޑަވެގެންދާނެ އެވެ. އެހެން ނަމަވެސް، ހުރިހާ އިދާރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އިތުރު ކުރަން ސަރުކާރުގެ މަގްސަދަކަށް ވެއްޖެ ނަމަ އަނެއްކާ ވެސް މުސާރައަށް ކުރާ ހޭދަ އެތައް ގުނައަކަށް އިތުރުވާނެ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ. މުސާރަތައް އެއް ހަމަ ކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ގެނައި ބަދަލުތަކުގެ ސަބަބުން މި އަހަރުގެ ބަޖެޓަށް އެކަނި 1.2 ބިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. އަދި މުނި ނިޒާމަށް ގެންނަ ބަދަލުުތަކުގެ ސަބަބުން ދައުލަތުގެ މުވައްޒަފުންނަށް ކުރާ ހޭދައަށް 3.5 ބިލިއަން ރުފިޔާ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން ބުނީ، ޕޭ ކޮމިޝަނުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރަން ކުރު މުއްދަތުގެ އަދި ދިގު ޕްލޭނެއް އެކުލަވައިލަން ޖެހޭ ކަމަށެވެ. އޭރުން ކުއްލި ކުއްލިއަށް މުސާރަތަކަށް ބޮޑެތި ބަދަލުތައް ނުގެނެސް އެއް ހަމަކުރަން ފަސޭހަވާނެ ކަމަށް ރިޕޯޓުގައި ލަފާދީފައިވެ އެވެ.

52 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިމާނުވާ

18 September 2022

މިފަސް އަހަރު ސިޔާސީ މަޤާމުތައް ގިނަކޮަށް ވަންހަކޮޅަށް ވަޒީފާތައް ދިނުމުގެ ސަބަބުން މީގެ ކުރިން އެއްވެސް ދައުރެއްގައި އިތުރުނުވާހާ ބޮޑަށް މުސާރާއަށް ކުރާ ހޭދަބޮޑުކަމަށް ފެންނަނީ. މުސާރާގެ ތަފާތުވެސް އެބައޮތް ޚަރަދުކުޑަކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކަށްކުރާ ޚަރަދުކުޑަނުވެ. ޖީއެސްޓީ ބޮޑުކުރާ ވާހަކަ ދައްކާއިރު ދައުލަތުގެ ސިޔާސީ ދަތުރުތައް މެކުހުގައި. ކިހާބޮޑު ހޭދައެއް އެކަމަށްދޭތޯ. ރައްޔިތުންނަށް އޮޅުވާލުންއޮތީ.

The name is already taken The name is available. Register?

ހައްލު

16 September 2022

ހައްލަކީ ބިނބޮޑެތި ސަރަހއްދުތައް ތަރައްގީކޮށް ދިގު ޕްލޭނަކުން މީހުނ އެތނުގއ ޢާބާދު ކުރުން، އަދި ކުދި ރައްތަކށް ކުރާ ހަރަުތއް އެއކޮއް ހުއްޓާލަ އެތަންތަނުން ސަރުކާރަށް އާމްދަނި ހޯދުން

The name is already taken The name is available. Register?

ރައްޔިތއ

16 September 2022

ދައުލަތުގެ މުސާރައިގެ އޮނިގަނޑެއްނޫން މުޅިދައުލަތުގައި އޮތީ ހުސްމައްސަލަ. މިކަން ޤަބޫލުކުރުމަކީ ދަތިކަމަކަށްވާނެ. ރައްޔިތުންތިބީ ބޮޑުކާފުޖެހުމާއި ކަޑަޖެހުމާއި ތީމުގޭފަންޑުން ބޭސްފަރުވާއަށް ފޮދުފޮދު ދިނުމުގެ ސަޤާފަތުގެފަހުން ދަށުންދަމާކުޅެންދަސްކޮށްދީ، ލިބޭމިންވަރަށްނުބަލައި، ލޯނުނެގުމުގެ ތަމްރީނުން ޚަރާބުކޮށް އަމިއްލައެދުމުގެ ފައިދާއަށް ހޭލުންތެރިކޮށްފަ. ސިޔާސަ ވެރިންތަކެއް އައިސްގެން މިދަލުލަތް ރަނގަޅުކުރެވޭނެ އެއްތޮތެއް ނުފެނޭ.

The name is already taken The name is available. Register?

20000

15 September 2022

ތިޔަ ވޯލްޑް ބޭންކަށް ނުފެނުތަ ޚަރަދު ބޮޑުކޮށް ހިންގުމުގެ ނިޒާމް 200 މީހުން ހަމަ ނުވާ ރަށުގައި 5 ކައުންސިލަރުން. ކައުންސިލަރުން ކުރާ ކަމަކީ ކޮފީ ބޮއިގެން ފޮނުބައިސާ ތެޅުން. ރަށަށް ލިބުނު ކަމެއް ނެތް. ޑިމްކްރަސީ އޭ ކިޔާފައި ރާއްޖެ ނުބައްދަލު ނިޒާމެއް މިއޮތީ.

The name is already taken The name is available. Register?

ގުއިއްޒު

15 September 2022

ސަރުކާރުތަކުން ސިވިލް ސަރވަންޓުންނާ ނުލައި މަސައްކަތް ކުރަން ދަސްކުރަން އެބަޖެހޭ. އެންމެ ފަސޭހަ ގޮތަކީ ހުރިހާ މުވައްޒަފުން ސިޔާސީ މީހުންނަށް ހެދުން. އޭރުން ސިވިލް ސަރވަންޓުންނެއް ނުތިބޭނެ. އެމީހުންނަށް މުސާރައެއްވެސް ދޭކަށް ނުޖެހޭނެ. އެހެންވެ ރަން 30 އަހަރު ރަނގަޅޭ ބުނެވެނީ. އެހެން ނޫނަސް ވާރލްޑް ބޭންކަށް އެނގޭނީ ބުރުންޑީ ކަހަލަ ގައުމުތަކުގައި ކަންތައް ކުރަންވީ ގޮތުގެ ލަފާދޭން. ކަނޑުމަސްކާ ދިވެހިން ކަންކުރަންވީ ގޮތެއް ނޭނގޭނެ.

The name is already taken The name is available. Register?

ޟާޓީޗަރު

15 September 2022

ސަރުކާރުން ރާއްޖެތެރެއާއި މާލޭގެ މުވަޒަފުން މުސާރަ ހަމަހަމަ ކުރިހިސާބުން ތިކަންފެށިއްޖެ، ބައްލަވާ އަޅުގަޑުމީ މާލޭ ސުކޫލެއްގެ ސެކަނޑަރީޓީޗަރެއް ދުވާލަކު 4 ނޫނީ 5 ކުލާހަށް ކިޔަވަދެން އަޅުގަޑުކޮއްކޮ ރަށުސުކޫލުގަ ދުވާލަކު އެންމެ ގަޑިއެއް ނޫނީ 2ގަޑި ލިބެނީ އެއްމުސާރައެއް، މުސާރަދޭންވީ މީހާގެޕަރފޯމެންސައް ކޮންމެއަހަރަކު ޕަރފޯރމެންސް އެއވެލުއޭޝަން ހަދާ ދައްމުވަޒިފުން ވަކިކޮށް އާކިދިންނަށް ފުރުސަތު ހޯދައިދީ

The name is already taken The name is available. Register?

އިބުރާހިމު

15 September 2022

އެހެން ވާނެއްނު އެންބަސީކުދިން ކޮޅައް ލައްކައިން މަހުމުސާރަ އުޅެނީ

The name is already taken The name is available. Register?

ޙައްބޭ

15 September 2022

ސިވިލްސާވަންޓެއްގެ ގޮތުގައި އިތުތުގަޑީގެ އެންމެ ފައިސާ ފޮއްޗެއް ނުލިބޭތާ 10 ވަރަކަށް އަހަރުވެއްޖެ. މަސައްކަތް ނުކުރަނީ ކީ ނޫން. އުޅޭ އޮފީހުން އިތުރުގަޑި ނުދެނީ. ދެން ސިވިލްސާވަންޓުންނަކާ އަޅައިގެން ނުނެއްޓިގެން މިއުޅެނީޔޯ. 26 ހާސް ސިވިލްސާވަންޓުންގެ ތެރޭގައި 9 ހާސް ޓީޗަރުންނާއި 7 ހާސް ހެލްތުވާކަރުން އަދި އެތައްހާސް އިދާރީމީހުން ހިމެނޭ. އެހެން ބައެއް ގައުމުތަކުގައި މިއީ ޚާއްސަ ދާއިރާތައް. 200 ރަށަށް ޚިދުމަތްދިނުމަށް މިފަދަ ވޯރކްފޯސެއް ބޭނުންނުވޭތަ

The name is already taken The name is available. Register?

މުޙައްމަދު ފައިޞަލް

15 September 2022

އަޅުގަނޑަކީ ސިވިލްސާވިސް މުވައްޒަފެއް އެވްރެޖްކޮށް ހަފުތާއަކު 55-60 ގަޑިއިރު ޑިއުޓީ ކުރަންޖެހޭ އިތުރުގަޑި ނުލިބޭ އެއްގޮތަކަށްވެސް ކޮންމެ ދެއަހަރަކުން ޕާފޯމަންސް 85% އަށްވުރެ މަތި ނަމަ ވަޒީފާގެ ކުރިއެރުން ދޭންޖެހޭނެ ކަމަށް އޮނިގަޑެއް ހަދާފަ ބުނެފާވޭ އެކަމަކު އަބަދުވެސް އިޤްތިޞާދީ ހާލަތާއި ގުޅިގެން ކުރިއެރުން ދިނުން މެދުކަޑާލެވިފައި

The name is already taken The name is available. Register?

ޒުމްރާ

15 September 2022

ވަގުތުގެ ވާހަކަ ދައްކާއިރު ނިކަންބައްލަވާ މިކިޔާ މިނިވަން މުއައްސަސާތައް. އެތަންތަނުގަ ތިބޭ 5 މެންބަރުން. ރައީސްއަށް 50 ހާސް ރުފިޔާ ދޭ. ޟެންބަރުންނަށް 35 ހާސް ރުފިޔާއިން މަތިން ދޭ. އޮފީހަށް ދަނީ 10 ގެ ފަހުން. 2 ނުޖަހަނީސް ގެއަށްދޭ. މިވަރުގެ ބޮޑު މުސާރައެއްދީފަ ބައިތިއްބާވަރުގެ މަސަޢްކަތްތަކެއް މިމީހުން ކުރާކަށް ނުހުރޭ. މަސައްކޓް ހުއްޓަސް ކުރެވޭވަރުގެ ތައުލީމާ ތަޖުތިބާހުރި ބައެއް މިތަތަން ތަނުގައި ނުތިބޭ. ހުސްބޭކާރު ހޭދަކުރަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454