މިދިޔަ އަހަރުގެ ވޯލްޑް ކްލީން އަޕް ޑޭގެ ބައިވެރިން ކުނި ނެގުމުގައި. ލެޓްސް ޑޫ އިޓް މޯލްޑިވްސްއިން މި ދިޔަ އަހަރު އެ ހަރަކާތް ބޭއްވީ މާފުށީގަ. ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް
14 ސެޕްޓެމްބަރ 2022 - 10:48
މުޅި ދުނިޔޭގައި ފާހަގަކުރާ ވޯލްޑް ކްލީންއަޕް ޑޭގެ ހަރަކާތްތައް މި އަހަރު ވެސް ރާއްޖޭގައި ބާއްވާނެ ކަމަށް އެ ހަރަކާތް ރާއްޖޭގައި އިންތިޒާމުކުރާ "ލެޓްސް ޑޫ އިޓް މޯލްޑިވްސް" އިން ބުނެފި އެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ހޭލުންތެރިކޮށް ތިމާވެށި ސާފުކޮށް ބެލެހެއްޓުމަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ އެ ހަރަކާތް 180 ގައުމެއްގައި ކުރިއަށް ގެންދާނެ އެވެ. ބައިނަލްއަގުވާ ޖައްމިއްޔާ، ލެޓްސް ޑޫ އިޓްގެ ރާއްޖޭގެ ގޮފިން ބާއްވާ ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
މި ދިޔަ އަހަރުގެ އިވެންޓުގެ ބައިވެރިން. މި ދިޔަ އަހަރު އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބުނު. ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް
އެ ޖައްމިއްޔާ އިން ބުނީ މި އަހަރު އެ ޖަމިއްޔާގެ ފަރާތުން ރަސްމީކޮށް އެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކ. ހިންމަފުށީގައި ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްރަށުގައި އެ ހަރަކާތް ހިންގަން ރާވާފައިވާ ކަމަށާއި، ރަށްރަށުގެ ކައުންސިލުން އެ ހަރަކާތް ބޭއްވުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުން އަންނަވެސްް ފާހަގަ ކުރި އެވެ.
އެ ޖަމިއްޔާ އިން ބުނީ އެ ހަރަކާތުގައި މި ފަހަރު ވެސް މޫދާއި، ގޮނޑުދޮށްތަކާއި، ރަށުތެރެ ސާފުކުރަން ހަމަޖެހިފައިވާ ކަމަށާއި މިއީ މުޅި ދުނިޔޭގައި ހިންގާ މިފަދަ އެންމެ ބޮޑު ހަރަކާތް ކަމަށެވެ. މިއީ މުޅި ދުނިޔޭގައި އެއް ދުވަހެއްގައި ގިނަ ގައުމުތަކެއްގައި، ގިނަ ބަޔަކު އެއްފަހަރާ ނުކުމެ ތިމާވެށި ސާފު ކުރާ އިވެންޓެކެވެ.
މި ދިޔަ އަހަރު މާފުށިން 7 ޓަނުގެ ކުނި ވަނީ ނަގާފަ. ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް
ކުނި ރައްކާތެރިކޮށް ނައްތާލުމަކީ ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ވާއިރު، އެ ދުވަހު ނަގާ ކުނި މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެމްކޯ އާއި އެކި ފަރާތްތަކާ އެކު އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި އެ ހަރަކާތަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށާއި، ސަރުކާރުގެ އެކި ވުޒާރާތަކުން އެ ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޖަމިއްޔާއިން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ މިދިޔަ އަހަރު ވެސް ބޭއްވި "ވޯލްޑް ކްލީން އަޕް ޑޭ"ގެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިދިޔަ އަހަރު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން 18،000 އެއްހާ މީހުން އެ ހަރަކާތުގައި ބައިވެރިވި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފީބޯ
14 September 2022
އަހަރުމެން ދިވެހިންނަކީ ވަރަށް ކަންނެތް ބައެއް، ކާއެއްޗެހި އަގައަށްލާން ބުރަކަމަކަށްނުވަނީސް ބަނޑުފުރޭތީ ކަންނޭގެ އެހެންނޫންނަމަ އެކަންވެސް ބޮޑުވެގެން އުޅޭނީ. އެއްޗެއް ގަންނަންވެސް ކުރިމަތީ ހުރިފިހާރައަށްދަނީ ސައިކަލުގައި. މީހަކަށް ފައިސާދީގެން އޭނަލައްވާ ދުއްވައިގެން އަހަރުމެންގެ ބަނޑިހިދެންޏާ އެކަންވެސް ކުރާނެ. އެހެވީމަ ކުނީގެ ވާހަކަ ނުދެއްކިއްޔާ ރަގަޅީ.
ކަޕޫރު
14 September 2022
ޓްއަރިސްޓްންވެސް ތިބެނީ އަންތަރީސްވެފަ އަހަރުގެ ދިވެހިންގެ ދެއުޅިއެއްނުވާ އެޓިޓިއުޑުފެނިފަ. މާގިނަ ގުދުރަތީ ވަސީލަތެއްނެތް މިގައުމުގަ، އެމީހުންނަ ވިއްކަންއޮތް ހަމައެކަނި އެއްޗަކީ އަހަރުމެން ރީތީ ދޮންވެލިގަނޑާ ވަށައިގެން އޮންނަ މޫދު ކަމަށްވާއިރު މަލޭވަށާ އޮންނަ މުދޫގެ ބޮޑުބަޔަކަށް ތާފާތުވައްތަރުުގެ ކުނުބުނި ޕްލާސްޓިކް ފުޅި އުކާލާފަހުންނާތީ އެމީހުން ތިބެނީ ކޮސްވެފައި. ބުނާނެ އެއްޗެއް ނޭގިފައި.
ލީފް
14 September 2022
ކޮންމެ ދުވަހަކީ ކުނި އަޅަންނުވާ އެއްވެސް ތަނަކަށް ކުނި ނާޅާ ދުވަހަކަށް އެންމެންވެސް ހަދާނަމަ އަދި ކޮންމެ ކުނިކޮޅެއްވެސް އެ ލާންވީ ޑަސްބިނަށްލާނަމަ އެތައް ޓަނަކުން ކުނި ނެގޭ މިފަދަ ކްލީން-އަޕް ޑޭތައް އެހާ ގިނައިން ނުބާއްވާވެސް ވާނެ. މިގައުމުގަ އޮންނާނީ އަބަދުވެސް ކްލީން-އަޕް ޑޭއެއް ބާއްވަންޖެހިފަ. ބަލާލި ކޮންމެ ދިމާލެއްގަ އޮންނަނީ ކުނި. ޑަސްބިން ހުއްޓަސް 10 ފޫޓަށް ހިނގާލާފަ ކުނިއަޅަން ބޮޑުވެފަ އޮންނަނީ.
އޮނަރަބްލް އަފީފު ދީދީ
14 September 2022
އެކިފާޑުފާޑުގެ ނުރައްކާތެރި ބަލިޖެހި މަގުމަތިވެފައިވާ ބުޅަލާއި ބުޅަލުގެ ނަޖިހާއި، ޑޮމެސްޓިކް ވޭސްޓްގެ އިތުރުން ދުއްވާ އެއްޗެހީގެ ދުމުން ތައައްޔަރުވެފައިވާ ކ.އަތޮޅު މާލޭގެ މަގުމަތި ސާފުކޮށް ތިރަށަކީ އިންސާނުން ދިރިއުޅެން ރައްކާތެރި ރަށަކަށް ހަދާބަލަ. # ކޮންމެހެން ދުވަހެއް ފާހަގަކުރާތީވެ ރަށުގައިނުތިބިގެން ދައުލަތުން ފައިސާޙަރަދުކޮށްގެން އެހެންރަށްރަށުގެ އަތިރިމަތީ ގަސްތަކުގެތެރޭގައި ގޯންޏެއް ހިފަހައްޓައިގެން ހުރެ ޓްވީޓަރއަށް ލާނެ ފޮޓޯ ހަދާން ނޫޅޭ.
ދައިދި
14 September 2022
ސީނު އަތޮޅު ވެސް ސާފުކުރަން ޖެހޭ