ހަތަރު ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރުތައް އަޅަން ބަޔަކާ ހަވާލުކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބޭއްވި ބައްދަލުވުން.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
20 އޯގަސްޓް 2025 - 19:53
ހަތަރު ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރުތައް އަޅަން އަމިއްލަ ތިން ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހަތަރު ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރުތައް އަޅަން ހަވާލުކުރީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ)ގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ ހަރަދުގައި ކުރިއަށް ގެންދާ ގްރޭޓާ މާލެ އެންވަޔަރަމެންޓަލް އިމްޕްރޫވްމަންޓަ އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ދަށުން މިއަދު ކ. މާފުއްޓާއި ކ. ތުލުސްދު އާއި އދ. މަހިބަދޫ އަދި އދ. ހަންޏާމީދޫގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އެޅުމަށެވެ.
Ministry of Tourism and Environment has signed 4 contracts to build Island Waste Management Centres in K. Maafushi, K. Thulusdhoo, Adh. Hangnameedhoo, and Adh. Mahibadhoo. This initiative is funded by ADB & the Government of Maldives. pic.twitter.com/adiUyYGxEG
— Ministry of Tourism and Environment (@MoTmv) August 20, 2025
މިނިސްޓްރީގެ ސާފުރާއްޖެ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތުލުސްދު އާއި މާފުށީގައި ކުނި މެނޭޖުކުރާ ސެންޓަރުތައް އަޅަން ހަވާލުކުރީ ވީ އަވާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 5.8 މިލިއަން ރުފިޔާ ކަމަށާއި އެ މަސައްކަތް ހަވާލުކުރީ ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މަހިބަދޫގައި ކުނި މެނޭޖްކުރާ ސެންޓަރު އަޅަން ހަވާލުކުރީ، ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ސަނީ ލޭންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތުގެ ޖުމްލަ އަގަކީ 4.3 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ހަންޏާމީދޫގައި ކުނި މެނޭޖްކުރާ ސެންޓަރު އަޅަން ހަވާލުކުރީ އެލީޓް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ކަމަށާއި އެ މަސައްކަތް ނިންމަން ޖެހޭނީ ފަސް މަސްދުވަހުގެ ތެރޭގައި ކަމަށެވެ. އެ މަސައްކަތުގެ އަގަކީ 4.7 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ފާއިޒެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ތަންތަނުގެ އިސްވެރިންނެވެ.
މިނިސްޓްރީން ބުނީ އެ ހަތަރު ރަށުގެ ކުނި މެނޭޖްކުރާ ސެންޓަރ އެޅުމުގެ މަސައްކަތް މިއަދު ހަވާލުކުރި ނަމަވެސް ކުނި މެނޭޖްކުރުމަށް އެ ރަށްރަށަށް ބޭނުންވާ ބައެއް ވަސީލަތްތައް މިނިސްޓްރީން މީގެ ކުރިން އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން ބޭނުންކުރާ ވެހިކަލާއި ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕާ ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭޑީބީއާ ގުޅިގެން ސަރުކާރުން ހިންގާ އެ ޕްރޮޖެކްޓުގެ ދަށުން އެހެން ރަށްރަށުގައި ވެސް ކުނި މެނޭޖުކުރާ ސެންޓަރުތައް އަޅަން މީގެ ކުރިން ހަވާލުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިންތިއްޔާ
21 August 2025
ޝުކުރިއްޔާ ރ. ސޯލިހް