ކުޅިވަރު / ޗެމްޕިއަންސް ލީގު

ސިޓީ، ޕީއެސްޖީ އަދި ރެއާލް ވެސް ފަހު ހާފުގައި މޮޅުވެއްޖެ

ެރެއާލް މެޑްރިޑާއި ޕީއެސްޖީ އަދި މެންޗެސްޓާ ސިޓީ ވެސް ވަނީ ފަހު ހާފުގައި ޖެހި ލަނޑުތަކުން މޮޅުވެ، ގުރޫޕުގެ އެއްވަނަ ދަމަހައްޓައިފައި.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ސެޕްޓެމްބަރު 15) - މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީ އަދި ރެއާލް މެޑްރިޑް ވެސް ފަހު ހާފުގައި ކާމިޔާބުކުރި ލަނޑުތަކުން ޗެމްޕިއަންސް ލީގުގައި ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް، ގްރޫޕުގެ އެއް ވަނަ ދަމަހައްޓައިފި އެވެ.

ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފަހު 10 މިނިޓުގައި ޖެހި ލަނޑުތަކާ އެކު ސިޓީ އިން މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.

ޑޯޓްމަންޑުން މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދީ 56 ވަނަ މިނިޓުގައި މާކޯ ރޮއިސް ނަގައިދިން ހުރަހަކުން ޖޫޑް ބެލިންގްހަމް އެވެ. އޭގެ ކުރިން ރޮއިސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.

ހާލަންޑް، އޭނާގެ ކުރީގެ ޓީމު ކޮޅަށް ސިޓީ މޮޅުކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ސިޓީ އިން ނަތީޖާ އެއްވަރުކުރީ 80 ވަނަ މިނިޓުގައި އޭރިއާ ބޭރުން ޑިފެންޑަރު ޖޯން ސްޓޯންސް ފޮނުވާލި ހަމަލާ އިންނެވެ. އަދި ޔާއޯ ކަންސެލޯ ނަގައިދިން ހުރަހަކުން ސިޓީ މޮޅުކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ، ޑޯޓްމަންޑުން މި ސީޒަނުގައި ސިޓީއަށް ބަދަލުވި އާލިން ބްރައުޓް ހާލަންޑެވެ.

ޑޯޓްމަންޑުން ލަނޑު ޖެހުމަށް ފަހު ސިޓީއަށް އެއްވަރުކޮށްދޭން ވެސް ހާލަންޑަށް ފުރުސަތު ލިބުނެވެ. ނަމަވެސް ކެވިން ޑިބްރޭނާ ހުސްކޮށްލާފައި އޭނާ އަށް ދިން ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ. އަދި ފިލް ފޮޑެން ހާލަންޑަށް ދޭން ވެގެން ހުރަސް ކޮށްލި ބޯޅައެއް އޭނާއަށް ލިބުމުގެ ކުރިން މެޓްސް ހަމެލްސް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލައިފަ އެވެ.

ސިޓީ އާއެކު ގުރޫޕް ޖީ ގައި ހިމެނޭ ޑެންމާކުގެ ކޯޕަންހޭގަން އާއި ސްޕެއިންގެ ސެވިއްޔާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ.

މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ސިޓީ އެއްވަނައިގައި އޮތްއިރު، ތިން ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ޑޯޓްމަންޑެވެ. ކޯޕަންހޭގަން އާއި ސެވިއްޔާ އަށް ވެސް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ނޭމާ (ކ)، ޕީއެސްޖީގެ ތިންވަނަ ލަނޑު ޖެހުމަށް ފަހު ކުޅުންތެރިންނާ އެކު އުފާފާޅޫކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗް ގައި ހިމެނޭ ފްރާންސްގެ ޕީއެސްޖީ އިން އިޒްރޭލުގައި މަކާބީ ހައިފާއާ ވާދަކޮށް ފަހަތުން އަރައި މޮޅުވީ 3-1 އިންނެވެ.

މި މެޗުގެ 24 ވަނަ މިނިޓުގައި މަކާބީ ހައިފާ އަށް ކުޅޭ ސުރިނާމް މިޑްފީލްޑަރު ޓިޔަރޯން ޗެރީ ލީޑު ނަގައިދީފައި ވަނިކޮށް، ޕީއެސްޖީ މޮޅު ކޮށްދިނީ ލިއޮނެލް މެސީ އާއި ކިލިއަން އެމްބާޕޭ އާއި ނޭމާ ޖެހި ލަނޑުތަކުންނެވެ.

މެޗުގެ 27 ވަނަ މިނިޓުގައި މެސީ ޕީއެސްޖީ އަށް އެއްވަރު ކޮށްދިން ލަނޑު ޖެހީ އެމްބާޕޭގެ ހުރަހަކުން އިދިކޮޅު ޑިފެންޑަރެއް ގައިގައި ޖެހިފައި ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެރީ، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ވަނީ ދިފާއު ކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން މެސީ ފޮނުވާލި ހަމަލާއެއް ކީޕަރު ދިފާއު ކުރި އިރު ރީބައުންސް ބޯޅަ، ކުރިއަށް އަރައި ހުރި ޑިފެންޑަރު ނޯޑީ މުކިއެލޭ އަށް ލިބުމުގެ ކުރިން އިދިކޮޅު ކުޅުންތެރިއެއް ވަނީ ބޯޅަ ބޭރު ކޮށްލައިފަ އެވެ. ނަމަވެސް މެސީ ގެ ޕާހަކުން އެމްބާޕޭ ވަނީ 69 ވަނަ މިނިޓުގައި ޕީއެސްޖީ އަށް މެޗުގައި ލީޑު ނަގައިދީފަ އެވެ.

ޕީއެސްޖީގެ ތިންވަނަ ލަނޑު 88 ވަނަ މިނިޓުގައި ޖަހައިދިނީ ނޭމާ އެވެ. ނޭމާ މި ލަނޑު ޖެހީ މާކޯ ވެރާޓީ ފަޅި ބަދަލުކޮށްލަން މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ.

ޑޭވިޑް ނެރޭސް، ޔުވެންޓަސް ކޮޅަށް ލަނޑު ޖަހައި ބެންފީކާ އަށް ލީޑު ނަގައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީއާ އެކު މި ގުރޫޕުގައި ހިމެނޭ ޕޯޗުގަލްގެ ބެންފީކާ ވަނީ ރަށުން ބޭރުގައި ފަހަތުން އަރައި އިޓަލީގެ ޔުވެންޓަސް ބަލިކޮށްފަ އެވެ.

މެޗުގެ ހަތަރު ވަނަ މިނިޓުގައި އާކަޑިއުޒް މިލިކް ބޮލުން ޖެހި ގޯލާ އެކު ޔުވެންޓަސް ލީޑު ކުރަމުން ދަނިކޮށް ބެންފީކާ އިން އެއްވަރުކުރީ 43 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. މިޑްފީލްޑަރު ފަބިއޯ މިރޭޓީ ކުރި ކުށަކަށް ދިން މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޔާއޯ މާރިއޯ އެވެ.

ބެންފީކާ އިން ލީޑު ނެގީ ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ޑޭވިޑް ނެރޭސް ޖެހި ލަނޑުންނެވެ. އޭގެ ފަހުން ވެސް ނެރޭސް ހަމަލާއެއް ފޮނުވާލި ނަމަވެސް ޔުވެންޓަސްގެ ކީޕަރު މަޓިއާ ޕެރިން ވަނީ ހަމަލާ ދިފާއު ކޮށްފަ އެވެ.

އެންހެލް ޑި މާރިއާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުން ޔުވެންޓަސް އަށް އެއްވަރު ކުރަން ފުރުސަތު ހޯދި ނަމަވެސް، ޑިފެންޑަރު ބްރޭމާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ.

މި ނަތީޖާއާ އެކު ބެންފީކާ އާއި ޕީއެސްޖީ އަށް ވެސް ހަ ޕޮއިންޓް ލިބިފައި ވާއިރު، ޕީއެސްޖީ އެއް ވަނައިގައި އޮތީ ބެންފީކާ އަށް ވުރެން އެއް ގޯލު އިތުރަށް ޖަހައިގެންނެވެ. ޔުވެންޓަސް އާއި މަކާބީ ހައިފާ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

އަސެންސިއޯ (މ)، ރެއާލްގެ ދެވަނަ ލަނޑު ޖެހުމަށް ފަހު، ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެމްޕިއަން ރެއާލް މެޑްރިޑް މޮޅުވީ އަމިއްލަ ދަނޑުގައި ޖަރުމަންގެ އާރުބީ ލައިޕްޒިގާ ވާދަކޮށް 2-0 އިންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު އަވަސް ކައުންޓާ އެއްގައި ކްރިސްޓޮފާ އެންކޫންކޫ ހުސްކޮށް އަރައި ފޮނުވާލި ހަމަލާއެއް ކީޕަރު ތިބައު ކޯޓުއާ ދިފާއު ކުރި އިރު، ޓިމޯ ވާނާ ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ އެންކޫންކޫ އަށް ފޮނުވައެއް ނުލެވުނެވެ.

ވިނީޝަސް ޖޫނިއާ ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ، ރެއާލަށް ލީޑު ނަގައިދިނީ 80 ވަނަ މިނިޓުގައި ފެޑެރިކޯ ވެލްވާޑޭ އެވެ. އޭގެ އިރުކޮޅެއް ކުރިން ވެލްވާޑޭ އުފެއްދި ކައުންޓާ އެޓޭކެއްގައި އޭނާ އާއި ވިނީޝަސް އަށް ލިބުނު ފުރުސަތުގައި ބޯޅަ ފޮނުވައި ނުލެވުނު އިރު، ކީޕަރު ކުރިއަށް ނުކުމެ ހުރުމުން މާކޯ އަސެންސިއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލު މަތިން ބޭރަށެވެ.

ރެއާލްގެ ދެ ވަނަ ލަނޑު، ފުރިހަމަ ވަގުތު ހަމަވެގެން ކުޅުވި އިތުރު ވަގުތުގައި ޖަހައިދިނީ އަސެންސިއޯ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ބޭރުގައި ހުރެ، އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ޓޯނީ ކްރޫސް ދިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ރެއާލާ އެކު ގުރޫޕް އެފް ގައި ހިމެނޭ ޔޫކްރޭނުގެ ޝަކްތާރު ޑޮނެސްކާއި ސްކޮޓްލެންޑުގެ ސެލްޓިކް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއަވަރު ވެގެންނެވެ.

މެޗުގެ 10 ވަނަ މިނިޓުގައި ޝަކްތާރުގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުން ސެލްޓިކުން ލީޑު ހޯދާފައި ވަނިކޮށް، ނަތީޖާ އެއްވަރު ކޮށްދިނީ ޝަކްތާރުގެ ޒުވާން ވިންގާ މިކައިލޯ މުޑްރީކް އެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.

ރެއާލް މެޑްރިޑު ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ގުރޫޕުގެ އެއްވަނައިގައި އޮތްއިރު، ހަތަރު ޕޮއިންޓާ އެކު ދެވަނައިގައި އޮތީ ޝަކްތާރެވެ. ސެލްޓިކަށް ޕޮއިންޓެއް ލިބިފައި ވާއިރު، ލައިޕްޒިގަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454