ސުޕްރީމް ކޯޓު: ފެނަކަ ކުންފުނިން އަތުން ޝަރޫއިން ނެގި 17 މިލިއަން އަނބުރާ ދެއްކުމުގެ ޒިންމާ އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
18 ސެޕްޓެމްބަރ 2022 - 18:02
ފެނަކަ ކޯޕަރޭޝަނަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސްއަށް ދިން 17 މިލިއަން ރުފިޔާ އަނބުރާ ދެއްކުމުގެ ޒިންމާ ޝަރޫގެ ޑިރެކްޓަރުން ފަރުދީ ގޮތުން އުފުލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
އެއް މިލިއަން ޑޮލަރު ގަންނަން ޝަރޫއަށް ފެނަކައިން 2016 ވަނަ އަހަރު 17.8 މިލިއަން ރުފިޔާ ދިނަސް، ޝަރޫއިން ފެނަކައަށް ދިން އެއް މިލިއަން ޑޮލަރުގެ ޗެކް ބައުންސްވެ އެ ފައިސާ އެ ކުންފުންޏަށް ނުލިބުމުން ފެނަކައިން ސިވިލް ކޯޓުގައި ދައުވާކުރި އެވެ.
އެ ފައިސާ ޝަރޫއިން ފެނަކައަށް ދައްކަން ޖެހޭނެ ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް ހައިކޯޓުން މިދިޔަ އަހަރު ނިންމީ ޝަރޫ ކުންފުނީގެ އިތުރުން އެ ކުންފުނީގެ ޑިރެކްޓަރުން ވެސް ފަރުދީ ގޮތުން އެ ދަރަންޏަށް ޒިންމާވާން ޖެހޭނެ ކަމަށެވެ.
އެ މައްސަލަ ޝަރޫ ކުންފުންޏާއި ތިން ޑިރެކްޓަރުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ކުންފުންޏަކީ ވަކި ގާނޫނީ ޝަހްސަކަށް ވިޔަސް، ކުންފުނި ނިވާފަތްގަނޑަކަށް ބޭނުން ކޮށްގެން ކުރާ ކަންކަމުގެ ޒިންމާ ފަރުދީ ގޮތުން ޑިރެކްޓަރުން އުފުލަން ޖެހޭ ހާލަތްތަކެއް ގާނޫނުގައި އޮންނަ ކަމަށެވެ.
އެ މައްސަލާގައި ފެނަކައިން ދިން ފައިސާ ލިބުމުން ޝަރޫގެ ޑިރެކްޓަރުން އެ ފައިސާ ނަގާފައިވާ ކަމަށާއި އޭރު އެއަށް ވާ އެއް މިލިއަން ޑޮލަރު އަނބުރާ ދެއްކޭނެ ގާބިލްކަމެއް އެ ކުންފުނީގެ ހިސާބުތަކުން ފެންނަން ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ފެނަކައިން ދިން ފައިސާ ބޭނުންކުރި ގޮތެއް ކުންފުނީގެ ހިސާބުތަކުން އެނގެން ނެތް ކަމަށާއި އެހެންވެ، އެ ހާލަތުގައި ޑިރެކްޓަރުން އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ހުކުމުގައިވެ އެވެ.
"ކުންފުނީގެ ފައިސާ ޚަރަދުކުރި ގޮތެއް ކުންފުނީގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ނެތްނަމަ، އެފަދަ ކުންފުންޏަކީ ކުންފުންޏެއް ނޫނެވެ. އެއީ ހަމައެކަނި ކުންފުނީގެ ޑިރެކްޓަރުން ދަރަނިން ރެކެން ބޭނުންކުރާ [ގޮނޑިކޮއްކޮ] ކުންފުންޏެކެވެ. ވަކި ގާނޫނީ ޝަހްސުގެ ގާނޫނީ ހިމާޔަތް ކުންފުންޏަކަށް ލިބޭނީ އެ ކުންފުންޏަކީ ކުންފުނީގެ ހިސާބުތައް ލިޔެކިޔުމުން ބަލަހައްޓައިގެން ގާނޫނުގައިވާ ގޮތަށް ޑިރެކްޓަރުންގެ ބޯޑުން ހިންގާ ކުންފުންޏެއް ނަމަ އެވެ." އެ ހުކުމުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެ ފައިސާ އަނބުރާ ދިނުމުގެ ގޮތުން ޝަރޫއިން ފެނަކައަށް ޗެކް ދޫކުރިޔަސް، އެކަން ކުރީ ކުންފުނީގެ އެކައުންޓްގައި ފައިސާ ނެތްކަން އެނގިތިބެ އަދި އޮޅުވާލުމުގެ ނިޔަތުގައި ކަމަށް ބެލެވެ އެވެ.
"ޝަރޫ ލޯންޗް ސާވިސް ކުންފުނީގެ ޝަހުސުގެ ފަރުދާ ނަގައި، އެ ކުންފުނީގެ ފަރުދާގެ ފަހަތުގައި ތިބި އެ ކުންފުނީގެ ޑިރެކްޓަރުން ޝަހުސީ ގޮތުން ޒިންމާ ކުރުވެން ޖެހެ އެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން އަމިއްލަ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކުގެ ނަމުގައި ކުރާ ކަންކަމަށް ވެސް އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވޭނެ އެވެ.
ޝަރޫގެ އަތުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ނެތީސް، ފެނަކައަށް ޑޮލަރު ވިއްކާނެ ކަމަށް ބުނެ ފައިސާ ހޯދުމަކީ ވެސް ފެނަކައިން ކޯޓުގައި ފާހަގަކުރި އެއް މައްސަލަ އެވެ. އެކަމަކު އެ ނުކުތާގައި ސުޕްރީމް ކޯޓުން ނިންމީ އެއީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވޭނެ ކަމެއް ނޫން ކަމަށެވެ.
ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ސުއޫދެވެ.
ފެނަކައިގެ އިތުރުން ސްޓެލްކޯއަށް ވެސް ޑޮލަރު ވިއްކުމަށް ތިން މިލިއަން ރުފިޔާ ޝަރޫއިން އޭރު ހޯދި އެވެ. އެ ފައިސާ ވެސް އަނބުރާ ދައްކަން ސިވިލް ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
20 September 2022
ހުކުން ކުރެވިދާނެ. ތިކަން ތަންފީޒުކުރާނެ ބަޔަކު އެބަތިބިބާ؟ ތި ޝަރޫތައް ހަމަ ކަހެރުވައެކޭވެސް ހިއެއް ނުވާނެ. ނުވާނެތާ އެމީހުންނަށް ބޭނުންހާ ގޮތަކަށް އުޅެވޭނެކަން އެބަ އޮތްވިއްޔާ!
އިބްރާހިިމްބެ
19 September 2022
ކޮބައިތަ މުސްތާގު. މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ
ބަޑިތަކުރު
19 September 2022
އަލްޙަމްދުލިއްލާހި. މިއީ ހަމަ ކޮންމެ މީހަކަށްވެސް އިންސާފުވެރި ނިންމުމެއްކަމަށް ބަލައިގަނެވޭނެ ނިންމުމަކަށްވާނެއެވެ. މިފަދައިން ގަބޫލުކުރަން ދަތި ގޮތްގޮތަށް ބައެއް ކަންކަން ނިމިގެންދަނީ ހަމައެކަނި ކުށްވެރިންނަށް ކުށުން ސަލާމަތްވުމަށް މަގުފަހިކޮށްދިނުން ފިޔަވައި އިތުރު އެއްވެސް ބޭނުމެއްނެތް އިޖްރާޢަތްތަކެއްގެ ގިނަކަމުންކަމަށް މިހާރު އިވޭއަޑުތަކުން ހީވެއެވެ.
ޗަރުކޭސް
19 September 2022
އެމް.ސީ.ބީ ސޮރަށް ކިހާވަރެއްގެ ކަޓެއް ދިންބާ
އަލިފުޅު3
19 September 2022
ފައިސާ ދިނީވެސް ގޮނޑިކޮށްކޮ ކުންފުންޏަކުންނެވެ. ޑޮލަރު ލިބުނީވެސް ގޮނޑިކޮށްކޮ ކުންފުންޏަކަށެވެ. 2016 ގަ ފެށުނު ކަމަކަށް މަތިމައްޗަށް ހުކުން ކުރަމުންގޮސް އެންމެފަހުން ސުޕްރީމްކޯޓުން ހުކުން ކުރި އިރު މިއޮށް 2022 ވެސް ނިމެނީއެވެ. ދައުލަތުގެ ކުންފުންޏަކުން 'ވަގަށްނެގި' 17 މިލިއަން ރުފިޔާ 6 އަހަރު ވީ އިރުވެސް ނުހޯދެއެވެ. މި ވައްކަން ކުރި މީހުންގެތެރެއިން އެކަކު އެހެރީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅުވެރިއަކަށް ހޮވާފައެވެ. މީ ރަގަޅު ގައުމެކެވެ!
ހެހެހެ
19 September 2022
މިއީ ވެސް މިދިޔަ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއް!
ދޮންޑު
18 September 2022
ޥަރައް ފައިސާއާ ދޯޅު ވެރިކަމެއް
ޒަރީރ
18 September 2022
ސަރުކާރުގެ ކުންފުންޏަކުން ޕްރައިވެޓް ކުންފުންޏަކުން ޑޮލަރ ގަންނަންވީ ކީއްވެތޯ؟ޑޮލަރ ޗެކް ރިއަލަެިޒް ނުވަނީސް ކީއްވެބާ ފެނަކައިން ރުފިޔާ ދިނީ. ؟؟ ޕްރައިވެޓް މީހާ އަތުން ލިބެންދެން ސަރުކާރު ނޫންބާ މަޑުކުރަންވީ. ސަރުކާތު ކުންފުންޏަށް ޑޮލަރ ލިބުނީމަ ޕްރައިވެޓްމީހާ އަށް އެ ޑޮލަރަށްވާ ރުފިޔާ ލިބޭނެ ކަމީ 100%. ވީމާ، އިދިކޮޅަށް މި ޓްރާންސެކްޝަން ހިގާފަ ތިއޮތީ. ފެނަކައިގެ ޑިރެކްޓަތުން ޒިންމާވާން ނުޖެހެނީބާ؟ ޜޭވިގެން ހިގި ކަމެއް ކަމަށް ބެލުމުގެ ޖާގަބޮޑީ.
ބަޑިތަކުރު
19 September 2022
އެއީ ނިމުނު ސަރުކާރުން ރާވައިގެން ހިންގާފައިވާ ޖަރީމާތަކުގެ ބޮޅެކެވެ. އެ ސަރުކާރުގެ މުއްދަތުގެ ތެރޭގައި ތިކަން ނިމުނު ނަމަ ނިމޭނީ ކުންފުނީގެ ނަން ޒިންމާވެފައި ލާރިގަނޑު ކޭމީހުން މައުސޫމް އަބުރުވެރި ބަޔެއްގެ ގޮތުގައި ސަލާމަތްވެގެންނެވެ.
އިންދިސް
18 September 2022
ފެނަކަ އަތުން ނެގި 17 މިލިއަނަށް ޝަރޫގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާވާން ޖެހޭނެ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމް ބުނި ނަމަވެސް އެކަން އެގޮތަށް ނުހިނގައޭ މިރާއްޖޭގެ ސަރުކާރުގެ ކުންފުނި ތަކަށް ޑޮލަރު ކަޅު ބާޒާރުން ގަންނަނީ އެއީ ޑޮލަރު ނުލިބިގެން ނޫނޭ އެމްއޭސީއެލް އަށް ލިބޭ ހުރިހާ ރެވެނިއު އެއް ލިބެނީ ޑޮލަރުންނޭ އެޑޮލަރުން ދެވޭނެއޭ ޕަބްލިކް ހުރިހާ ކުންފުނި ތަކަށް ބޭނުންވާ ޑޮލަރު މީ ސީދާ ވައްކަން ކުރަން ވެގެން ކޮންމެ ސަރުކާރަކުން ކުރާ ކަންކަމޭ
ޕުޓިން
19 September 2022
އެހެންތަ. މަހީކުރީ ލިބޭ ޑޮލަރގެ ބޮޑު ބައެއް ލޯނުތައް ދައްކަން ބޭނުން ކުރާކަމަށް. ކީކުރާނީ "އިންދިސް" އަށް މާބޮޑަށްތާ ތިނއެގެނީ.
ބޮޑުމީހާ
18 September 2022
ދައުލަތުގެ ކުންފުންޏަކުން ޑޮލަރު ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏަކުން ޑޮލަރު ހޯދަން އުޅުމަކީވެސް ބެލންޖެހޭ މައްސަލައެއް