ކޮރަޕްޝަނާ ދެކޮޅަށް ފެނަކައިގެ މުވައްޒަފުން ސޮއިކުރުމަށް ޖުލައި، 2019 ގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދާއި ޑެޕިއުޓީ އެމްޑީ އިބްރޭ އަދި ފެނަކައިގެ މުވައްޒަފުން ބައިވެރިވަނީ.-- ފައިލް ފޮޓޯ: މިހާރު
20 ސެޕްޓެމްބަރ 2022 - 15:37
މަގާމުން އިސްތިއުފާ ދެއްވަމުން، ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މިއަދު ދޮގުކުރައްވައި އިބުރޭގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައިފި އެވެ.
އިބްރޭ މި މަހުގެ ހަތް ވަނަ ދުވަހު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވަނީ ސައީދާއި ފެނަކައިގެ ޗެއާމަން މުހައްމަދު ރަޝީދަށް ގިނަ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
އޭގެ ތެރެއިން، އެމްޑީއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ގިނަ އަމަލުތަކެއް ތަކުރާރު ނުވާނެ ގޮތަށް ފެނަކައިގެ ގަވައިދު ބަދަލުކުރަން ދައުލަތުގެ މުއައްސަސާތަކުން އަންގާ އެންގުންތައް، ޗެއާމަން ރަޝީދު ފޮނުވަމުންދާ ކަން ހިމެނެ އެވެ.
އެ ދެ ބޭފުޅުންގެ ނާގާބިލް ކަމުން ފެނަކައިގެ ދަރަނި 1.5 ބިލިއަން ރުފިޔާ އަށް އަރާފައިވިއަސް، މީގެ ކުރިން އެ ކުންފުނީގެ ދަރަނި ހުރީ 60 މިލިއަން ރުފިޔާގައި ކަމަށް އިބުރޭ ވިދާޅުވި އެވެ. އޭގެ އިތުރުން މަސައްކަތަށް ހުރަސް އަޅައި، ފެނަކައިގެ އެއްވެސް ޑޭޓާ އަކަށް އެކްސެސް ނުވެވޭ ގޮތަށް ހުންނަތާ ތިން އަހަރު ވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެކަން ދޮގުކޮށް، ސައީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކުރަމުން ދިޔަ ތުހުމަތުތަކެއް ކަމަށެވެ. އެއީ އެއްވެސް ހަގީގަތެއް ނެތް، ދޮގު އިލްޒާމްތަކެއް ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެނަކައާ ހަވާލުވިއިރު ވެސް 1.2 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތެވެ. ކުންފުނީގައި މިހާރު ދަރަނި ހުރި ވަރު ވިދާޅުނުވިއަސް ސައީދު ވިދާޅުވީ އެ އަދަދަށް މާ ބޮޑެތި ބަދަލުތައް އައިސްފައި ނުހުންނާނެ ކަމަށެވެ.
ފެނައިގެ ޗެއާމަނާއި އެމްޑީ އަށް ކޮރަޕްޝަންގެ ތުހުމަތުކޮށް ޑީއެމްޑީ އިސްތިއުފާ ދެއްވައިފި https://t.co/y3QQHtSosf
— Mihaaru (@Mihaarunews) September 19, 2022
"އެސްޓީއޯ އަށް 700 މިލިއަން ރުފިޔާ، އެހެނިހެން ކަންކަމަށް ވެސް އޮތް 500 ކޮންމެ ވެސް މިލިއަނެއް ދައްކަން އޮތް އޭރު،" އޭނާ ވިދާޅުވި އެވެ.
އެއާއެކު، ސައީދު ވިދާޅުވީ އިބްރޭ މަގާމުން އިސްތިއުފާ ދެއްވީ ފެނަކައިގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައިގެ މައްސަލަތައް ތަހުގީގު ކުރަމުން ދާތީ، އޮފީހަށް ވަޑައިގަންނަވަން ލަދުވެތި ހާލަތްތަކެއް މެދުވެރިވުމުން ކަމަށެވެ.
ފެނަކައިގައި ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ވެސް އިބްރޭއާ ގުޅޭގޮތުން 3-4 އަންހެން މުވައްޒަފަކު ހުށަހެޅި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ބައެއް މުވައްޒަފުންގެ ބަޔާން ވެސް ނަގާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"ބުހުތާނު ދޮގު ހަމަ، [އަޅުގަނޑުގެ] ބޮލުގައި ދޮގު އިލްޒާމް އަޅުވަނީ. އިސްތިއުފާ ދޭން ޖެހުނު ސަބަބަކީ، ލަދުވެތި ހާލަތްތައް، ވަޒީފާ އަށް ހާޒިރުވާން ލަދުވެތި ހާލަތްތަކެއް ފެނަކަ ތެރެއިން މެދުވެރިވަނީއޭ އެ މަނިކުފާނަށް [އިބުރޭ އަށް] އެހެން ގޮސް، ވަޒީފާއަށް ހާޒިރު ވެސް ނުވަނީ. އެއްވެސް މަސްއޫލިއްޔަތަކުން އެއްކިބާ ނުކުރޭ. އަމިއްލައަށް އެއްކިބާވެ ހުންނަނީ. އެއްކިބާވެ ހުންނަނީ ލަދުވެތި ކަމަކާ،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިބްރޭ ގިނައިން ހުންނަވަނީ ޗުއްޓީގަ އެވެ. އެހެން ނޫން ނަމަ އޮފީހަށް ސައިން-އިން ވުމަށް ފަހު އުޅުއްވަނީ ބޭރުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އައިޓީ އެކްސެސް ދިނުން ހުއްޓާލީ ވެސް އެ ކުންފުނީގެ ލިޔެކިޔުންތައް 'ވަގަށް' ނަގައި އެހެން މީހުންނާ ހިއްސާކުރާކަން ސާބިތުވުމުންކަން ސައީދު ފާހަގަކުރެއްވި އެވެ.
އިބްރޭ ވަނީ ސައީދާ ގުޅުމެއް ނެތް ވިޔަފާރިތަކުގެ ބިލްތަކަށް ފައިސާ ނުދެއްކުމާއި ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް އޭނާ އާއި ޗެއާމަނަށް ފައިދާވާ ގޮތަށް ކުރަން ފެށުމުން އެތައް ކުދި ވިޔަފާރިއަކަށް އެކަމުގެ އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު، ސައީދު ވިދާޅުވީ އޭނާއަކީ އެއްވެސް ބަޔަކާ ގުޅިގެން، ވަކި ބަޔަކަށް ފައިދާހުރި ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. މިހާތަނަށް ވެސް އެކަން ކޮށްފައި ނުވާނެ ކަމަށާއި އަދި ދުވަހަކު ވެސް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"ކަނޑައެޅިގެން ދޮގު އިލްތިޒާމްތަކެއް. އަބުރު ކަތިލުމަށް ނޫނީ އެއްވެސް ކަމެއް ނެތް. ވަޒީފާއިން އިސްތިއުފާ ދިނީ އެއްވެސް އެ ބާވަތުގެ ކަމެއް ވެގެން ނޫން،" ސައީދު ވިދާޅުވި އެވެ.
ސަޢީދުގެ ތުހުމަތުތަކާ ގުޅިގެން އިބްރޭ ވިދާޅުވީ އޭނާއާ ގުޅޭގޮތުން ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައެއް ބަލަމުންދާ ކަން މިހާތަނަށް ފެނަކައިން އަންގާފައިވާ ނުވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވި ފަހުން އެ ތުހުމަތުތައް ކުރި މަގުސަދާ ގުޅޭގޮތުން ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
"ކޮރަޕްޝަންގެ ތުހުމަތުތައް އޮއްބާލަން ކުރި ކަމެއް ކަމަށް ގަބޫލުކުރެވެނީ. މިހާތަނަކަށް ވެސް ނެތް ފުރައްސާރައިގެ މައްސަލައިގައި ސުވާލުކޮށްފައި ވެސް،" އިބްރޭ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނޑުކޮސް2
21 September 2022
ހުސްވަގުން ކުޑަކޮށްވެސް ބޮޑުކޮށްވެސް ރަށްރަށުގެ ސްޓޭސަން މެނޭޖަރ ލެވެލްގަ ތިބޭ މީހުންގެ ކަމަކީ ވެސް ދަށް މުވައްޒަފުންނައް ބިރުދައްކައި ބާރާ ނުފޫޒުން ގަވައިދާ ހިލާފައް ކަންކުރުން
ކޮރަޕްޝަން
21 September 2022
ފެނަކައިގެ ކޮރަޕްޝަނުގެ ދިރިހުރި 22 މައްސަލަ އޭސީސީ އަށް ހުށައެޅުނު. ވެރިކަމަކީ އަމިއްލަ ތަރިކައަކަށްވެގެން "ޖަޒީރާ ރައީސް" އެ ހުރިހާ މައްސަލަތައް ވަޅުޖައްސާލީ. ... އަށް ނުފެނުނަސް ސައީދުގެ ކޮރަޕްޝަން ރައްޔިތުންދަނޭ. ރައްޔިތުން އެކަން ދައްކާނީ ވޯޓުން
ވަހުތާން
21 September 2022
ދައުލަތާއި ރައްޔިތުންގެ ކުންފުނިތަކުގެ ހާލަތަކީ އެއީ!
ޢިސްގީ އަލީ
21 September 2022
ކަންބަލުންނައް ފުރައްސާރަ ކުރުން ތީ ސަރުކާރު އޮފިސް ތަޖުގައި ބޮދު ވަބާ އަކައް ވެފަ އޮތް ކަމެއް.
ވަހީދު
20 September 2022
ފެނަކަ ކުންފުނީގެ ޖަރީމާތަކާއި ހިންގާ ކޮރަޕްޝަން ވަރަށް ސާފުކޮށް ފެންނާނެ އެމީހުން ރަށްރަށުން ވަޒީފާ ދީފައިވާ ގޮތަށް ބަލާލިޔަސް.
ސޭކުބޭގެ ސައީދު
21 September 2022
ތީ 150 % ރަގަޅު ވާހަކައެއް ދ އަތޮޅަށް ބަލާލިއަސް ހެކި އެހުރީ ލޯމަށްޗަށް ފެންނަން
ދިއްދޫމީހާ
20 September 2022
އަސްލު ވައްކަން ކުރާ މީހުން މިފާޅުވަނީ، ގައިމް އަނދުރޭ ނުގޮވާ ޔާމީންއަ ވައްގަކަށް…
އަބުދުލް ޤާދިރު
20 September 2022
އަޅުގަނޑުގެ ދޯނީގައި ޗޭން ބުލޮކް ގެނެސް ގެންދިއުމަށް ކުރި 2 ދަތުރަށް ދޭންޖެހޭ -/5000ރ ބިލް ހުށަހަޅާފައިވާތާ 1 އަހަރާއި 6 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ. އަދި ވެސް އެ ފައިސާ ނުލިބޭ. މި އަދު ވެސް ގުޅާލީމާ ބުނީ ބަލާލާފަ އަޕްޑޭޓެއް ދޭނަމޭ. ކޮންމެ ފަހަރަކު ވެސް އެހެން ބުނެފަ ފަހަކުން ނުގުޅާ. މިހާރު މި ވިސްނަނީ އެ މައްސަލައިގެ ފެނަކަ ގޮވައިގެން ކޯޓަށްދާން.
ޢްވަސް
20 September 2022
މާލެ ދަތުރު ކުރާ ބޯޓް ތަކަށްވެސް ދަރާފަ. ސަޢީދު އާއި ގުޅުންނެތް ބޯޓްފަހަރުން މުދާގެންގޮއްސަ ބިލު ލިޔަސް ފައިސާ ނުދެ. ބިލްތައް ހެއްލެނީ . ޢެތެރެއިން ބިލްތައް ކާމީދާތަކެއް އުޅެނީ. ޢެހެންވީމާ އެހެންކަންކަން ހުންނާނީ ކިހިނެތްތޯ؟ސަޢީދުގެ ޙަޔާތްކޮބާ؟
ދޮންޑު
20 September 2022
ތި އިބުރޭ ތީ އެމްޑީޕީއިން ބޭރުކުރަން ޖެހޭމިހެއް
އަހުމަދު މުހައްމަދު
20 September 2022
އިބުރޭ ކުރައްވާ ތުހުމަތު ޤަބޫލުކުރެވޭ. ބާ އިންޖީނުތައް ރާއްޖެ އެތެރެ ކޮށް އާ އެއްޗެތީގެ ގޮތުގައި ފެނަކައިން ހަވާލުވާކަން ވަނީ ފާހަގަ ކުރެވިފައި. ސަރުކާރުގެ ކަމާ ގުޅޭ ތަންތަނުން މިކަން ކަން ސާފުކުރެވޭނެ. އެކަން ބައްލަވައިދެއްވާ ރައްޔިތުންނަށް ދެމުންދާ ގެއްލުން ތަހުޤީގު ކުރުމަށް ގޮވާލަން.