ރިޔާސީ އިންތިހާބުގެ ޓިކެޓް ޔާމީނަށް އަރުވަނީ: ޕީޕީއެމް، ޕީއެންސީގައި ފެކްޝަން އުފެދިފައިވާ ކަމަށް ކުރާ ތުހުމަތު އަދުރޭ ދޮގުކުރެއްވި. -- ޕީޕީއެމް
25 ސެޕްޓެމްބަރ 2022 - 11:55
އަންނަ އަހަރުގެ ރިޔާސީ ޓިކެޓާ ހެދި އިދިކޮޅު ޕީޕީއެމްގެ ތެރޭގައި ފެކްޝަން އުފެދިއްޖެ ކަމަށް އަޑުފެތުރިޔަސް އެއީ ވާދަވެރިން ފަތުރާ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެއްވެސް ބަޔަކާ ކޯލިޝަނެއް ނުހަދައި ވެސް އެ މަނިކުފާނަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އެބައޮތް ކަމަށެވެ. ޕީޕީއެމްގެ ތެރޭގައި ފިތުނަ އުފައްދަން އެހެން ޕާޓީތަކުން މަސައްކަތް ކުރަނީ ޔާމީންގެ މަގުބޫލުކަން ފެނި، އިންތިހާބާ މެދު ޔަގީންކަން ކުޑަވުމުން ކަމަށް އަދުރޭ ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިޔަސް، ޕާޓީގެ ތެރެއިން ޔާމީނާ ދެކޮޅަށް މަސައްކަތް ކޮށްފާނެ ބަޔަކު ތިބި ކަމަށް ދޭހަވާ ޓުވީޓެއް އެ މަނިކުފާނުގެ އަރިސް އަހްމުދު މުސްތަފާ (މުސްތޮ) ވަނީ ކުރައްވައިފަ އެވެ.
ޔާމީންގެ ވެރިކަމުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމު ފުރުއްވި މުސްތަފާ ވިދާޅުވީ "މަތިން މިނިކާ ބާޒުތައް، ތިރިން ހިޔަޅުތައް ކުރިކާލި ކަނޑާލަކަނޑާލާ ތިބެނީ ޖަންގަލީގެ ރަސްގެފާނު، ސިންގާ ހިފައި ހައްޔަރުކުރޭތޯ ބަލަބަލައި ކަމަށެވެ. މަގްސަދަކީ ނިކަން ބާރަށް ސިންގާގެ މައްޗަށް ޖެހިގަނެ، ވެރިވެގަނެވޭތޯ ބެލުން ކަމަށް ވެސް ވިދާޅުވި އެވެ.
މުސްތަފާގެ ޓުވީޓުގައި ސިންގާ ކަމަށް އިޝާރާތް ކުރެއްވީ ބެލެވޭ ގޮތުގައި ޔާމީންގެ ޝަރީއަތްތަކާ ގުޅުވައި އެ މަނިކުފާނަށެވެ. މިނިކާ ބާޒުތަކާއި ހިޔަޅުތައް، ސިންގާ ހައްޔަރުކުރާނެ ކަމުގެ އުއްމީދުގައި ތިބި ކަމަށް ވިދާޅުވިޔަސް ސާފުކޮށް އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ރައީސް ޔާމީން ސަޕޯޓަރުންނާ އެކު: ޕާޓީތެރޭގައި ބައިބައިވުން އޮތް ކަމަށް އަޑުފަތުރަނީ ވާދަވެރިން ކަމަށް އަދުރޭ ވިދާޅުވި. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ސިޔާސީ ބައެއް ބޭފުޅުން، މާނަ ނަންގަވާ ގޮތުގައި މުސްތަފާގެ ތުހުމަތު ސީދާ އަމާޒުވަނީ ޕީޕީއެމާއި ޕީއެންސީގެ ބައެއް ބޭފުޅުންނަށެވެ.
އެކަމަކު އަދުރޭ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި މުސްތަފާ އެ އިޝާރާތް ކުރައްވަނީ އެހެން ޕާޓީތަކުގެ ސިޔާސީ ބޭފުޅުންނަށެވެ. ކުޑަ ޕާޓީތައް ހަދައިގެންނާއި މިހާރު ޕާޓީތަކުގައި ތިއްބެވި ބޭފުޅުން ވެސް ޕީޕީއެމްގެ ލީޑަޝިޕް ލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް ޕާޓީގެ ތެރޭގައި [ރިޔާސީ ޓިކެޓް ބޭނުންވާ] ބޭފުޅުން ތިއްބެވި ކަމަކަށް ނޫން. ރައީސް ޔާމީން ވެސް ކުރިން ވިދާޅުވެފައިވާ ގޮތަށް މިނިކާ ބާޒުތަކެއްހެން ޕާޓީއަށް ވެރިވެގަންނަން އުޅޭ ސިޔާސީ ވާދަވެރިންތަކެއް އެބަތިބި،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު އެންމެ ތާއީދު ބޮޑު، ސިޔާސީ ލީޑަރަކަށް ހުންނެވި ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެވެ. ނުހައްގު ދައުވާތަކެއް އިއްވިޔަސް އެ މަނިކުފާނު ނޫން ބޭފުޅަކަށް މި ގައުމަށް ތަރައްގީ އާއި ކުރިއެރުން ނުގެނެވޭނެ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
ގައުމުގެ ހާލަތު އޮތް ގޮތާއި ޔާމީންގެ ވެރިކަމުގެ ތަޖުރިބާ އާއި އެމްޑީޕީގެ މި ވެރިކަން އަޅާކިޔާއިރު، އިތުރު ދައުރެއް އެމްޑީޕީ އަށް ދޭން ރައްޔިތުން ބޭނުން ނުވާ ކަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ވެސް އެނގޭ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ރައީސް ޔާމީނަށް އޮތް ތާއީދު ވާދަވެރިންނަށް މިހާރު ފެންނަނީ. އެ މަނިކުފާނު އަތުނުވާ ހިސާބަށް ތާއީދު އިތުރުވެއްޖެ. ބަދަހި ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް/ޕީއެންސީ ދެމިއޮތުމަށް ވާދަވެރިން ބޭނުން ނުވާ ސަބަބަކީ އެއީ. އެ މަގްސަދުގައި ރޭވިގެން ޕާޓީ ބައިބައިކޮށްލަން އަޑުތަކެއް ފަތުރަމުންދަނީ. އެ ވިދާޅުވާ ފެކްޝަންތަކެއް ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ ޓިކެޓް ބޭނުންވާ އެއްވެސް ބޭފުޅަކު ޕާޓީގެ ލީޑަޝިޕަކު ނެތެވެ. ޔާމީނާ ނުލައި 2023 ގައި ކުރިއަށް ނުދެވޭނެކަން މުޅި ކޯލިޝަން ގަބޫލުކުރާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"ޕީޕީއެމް،ޕީއެންސީއަކީ ރައީސް ޔާމީން. އެ މަނިކާފު ނޫން ބޭފުޅަކު ޕާޓީގެ ތެރެއިން އިންތިހާބުގައި ވާދަކުރާކަށް ބޭނުމެއް ނުވޭ. އަޅުގަނޑުމެންގެ ޕާޓީ އޮތީ ބަދަހިކޮށް، ވާދަވެރިންނަށް އެކަން ބަލައިނުގަނެވެނީ،" އަދުރޭ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިސް
25 September 2022
ތިޔަށްވުރެ ޚުދުމުޚުތާރު ޕާޓީއެއް މިގައުމަކުނެތް. ތަބަކަށް ލާފައި ރިޔާސީ ޓިކެޓް. ނުވަހަރުވީއިރު ގޮންގްރެސް ބާއްވާކަށް ނުކެރުނު.
އަފްރާސިޔާބު
25 September 2022
މައި ވަގު ކައިރީ ކޮންފެކްޝަނެއް ހެދޭނީ. ބަސްއަހައިގެން އުޅުނިއްޔާ ދެންކުރާ ވައްކަމުންވެސް ބައެއް އެޅޭނީ.
ޓިން ޓިން
25 September 2022
ތިކަމުން ތިޔަދައްކައިދެނީ ޕާޓީތެރޭގާއޮތް ހުދުމުޚުތާރުކަން.
ހށނ
25 September 2022
މިގައުމުގެ ވެރިކަމަށް އެންމެ އެކަށޭނަ މީހުންގެ ތެރޭގަ އަދުރޭ ހިމެނޭ. އެއީ ފޮނިކެޑުމާއި ދޮގުހެދުމުގެ ރޮގުން އިންތިހާއަށް އުޑުން އުސް މީހެއް. އަހަރެމެން އަޑުއަހާ ގަބޫލު ކުރާ ހިތްވަނީވެސް އަދުރޭމެން ދައްކާވާހަކަ. އަދުރޭއަށް ކުރިމަތިލައިފިއްޔާ މަގޭވޯޓު އަދުރޭއަށް.
ހިޔާލީ އަލީ
25 September 2022
މުސްތަފާއަކީ ޔާމީނުގެ ގެ ހެދުމުގެ ހުރިހާ ކަމެއް ބަލަހައްޓާ ފަރާތް، ނުރަސްމީކޮށް ޔާމީނުގެ އެކައުންޓެންޓު، ފައިނޭންސިއަލް ކޮންޓްރޯލަރ، އެހެންވީމާ އެބޭ ފުޅާ އަދުރޭއަށް 'ރަށަށް ދާށޭ' ބުނުމަކީ ވަރަށް ވާހަކަ
މައްކާރު
25 September 2022
އަދުރޭއަށް އެނގޭނެ ޔާމީންގެ މައްޗަށް ކުށް ސާބިތުވެގެން ޖަލަށް ލާނެކަމާއި، އޭރުން ރިޔާސީ ޓިކެޓު ލިބޭނީ އަދުރެއަށް ކަން. ދެން ކޮންކަމަކާ ހާސްވާންވީ. އަދުރޭގެ ހިސާބު ދިމާވާނެ.
ވިސްނާލުމަށް އެދެމޭ
25 September 2022
ތިބުނާ ޓުވީޓެކުރި ފަރާތުގަ ސުވާލު ކޮއްބަލަ ކޮންބަޔަކަށް ކާކަށް އަމާޒުކޮށްތޯ ޓުވީޓްގަ އެހެންލިޔުނީ..މާނަކުރަން ފަސޭހަވާނީ ބަސްބުނިފަރާތަށް..ބަސް ރައްދުވަނީ ކޮންބަޔަކަށް ކަން..އަދުރޭއާ ރޔާމީނާ ޖައްސުވަން މާނަކުރަން އުޅޭބަޔަކަށް ނޭގޭ ދިވެހިންނަވެސް ލިޔަންކިޔަން މިހާރުއެގޭކަން...2028ގެ ކުރީގަ ތިބުނާގޮތަށް ބަސްބުނިމީހާއަށް ނޭގި އެހެންމީހުން އެމީހާގެބަސް ދޭހަކޮއްދިނީމަ ގަބޫލުކުރުމުން މިއަދު ގައުމަށް ހަލާކުއައީ. މިއަދު ގިނަރައްޔިތުން ހޭލައިފި.
ސަސި
25 September 2022
ދެން އަދުރޭވެސް ނުބުނާނެދޯ މައްސަލައޮތަސް އޮންނަވާހަކެއް. އެކަމު މަށަށް ޔާމީނަކާ ޗޮއިސްއެއްނޫން
ާއުނިމާ
25 September 2022
ކަލެޔަށް ޗޮއިސްއަކީ ކާކު ދެން، ސޯލިހު އިބްރާހީމްތޯ؟
ޢަރުތަ
25 September 2022
މީހަކު ނެތްތަނަކަށްވެސް ލާން ހަމަ ހެޔޮނުވާނެ، ދިވެހިން ލައްކަ ބޮޑުތަން ތަޖުރިބާ ކޮށްފި ޔާމީނުގެ ވެރިކަމުގަ، ފަސް އަހަރު ވީއިރުވެސްކޯޓުން ސަލާމަތް ނުވެގެން ޔާމީނު އެއުޅެނީ، ފްލެޓް އަޅާ ރަންވޭ ހަދާ ބިޔަ ބޮޑު ހޮސްޕިޓާއަޅާ އަތޮޅުތެރޭ ބަނދަރު ހަދައިދިނީމަބާ!