ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނެވިޔަސް އެ ދެ ޕާޓީގެ "ހޯޕް ކޮންފަރެންސް" މިއަދު ފެށީ ވެސް ޔާމީން ނޫން ކެންޑިޑޭޓެއް ބޭނުން ނުވާ ކަމުގެ މެސެޖާ އެކުގަ އެވެ.
މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ދޮރު ޔާމީނަށް ބަންދުވެފައި ވިޔަސް، އިދިކޮޅުން ބުނަމުން ދަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށެވެ.
ރިޔާސީ އިންތިހާބަށް ޔާމީންގެ ކެމްޕެއިން ފަށައި ޕާޓީ އެއްބައިވަންތަކަމާ އެކު ރުކުރުވާލުމަށް މިއަދު ދަރުބާރުގޭގައި "ހޯޕް"ގެ ނަމުގައި ފެށި ތިން ދުވަހުގެ ކޮންފަރެންސްގައި ހާހެއްހަ މަންދޫބުން ބައިވެރިވެ އެވެ.
އެ ކޮންފަރެންސަށް މާލެ އާއި އަތޮޅުތަކުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެކި މަގާމުތަކުގެ އެތައް ބަޔަކު ރަޖިސްޓްރީވެފައިވެ އެވެ. ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތަށް ޖަހާފައި ހުރި ގޮނޑިތައް ފުރިގެން ބައެއް މީހުން ކޮޅަށް ވެސް ތިބެން ޖެހުނެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ވިދާޅުވެ ލީޑާޝިޕްގެ ބޭފުޅުން ދެއްކެވި ވާހަކަތަކަށް ކޮންފަރެންސްގެ ބައިވެރިންގެ ތާއީދު އޮތްކަން ހާމަކުރި އެވެ. އެގޮތުން، ކޮންފަރެންސްގެ ބައިވެރިން އެކަމަށް އެއްބަސްވުމުގެ ގޮތުން ތެދުވެ އަތްތިލަބަޑި ޖަހައި ޔާމީން މިނިވަންކުރުމަށް ގޮވާލި އެވެ.
ޔާމީންގެ ފަރާތުން ކޮންފަރެންސްގެ ބައިވެރިންނަށް މެސެޖެއް ދެއްވަމުން ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެ ރަސްމިއްޔާތުގައި ވިދާޅުވީ، ޔާމީން އެދިވަޑައިގަންނަވަނީ އެއްވެސް މީހަކު މާޔޫސް ނުވުމަށް ކަމަށެވެ. އަދި އަޅުވެތިކަމަށް ދިޔުމަށް އާނއެކޭ ނުބުނުމަށާއި މިނިވަންކަމަށް އެންމެ ފަހު ނޭވާއާ ހަމައަށް މަސައްކަތް ކުރުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޖަލުގައި ހުންނެވި ނަމަވެސް، ޔާމީން ހުންނެވީ ގަދަކޮށް އަނިޔާވެރިކަމުގެ ކުރިމަތީގައި "ކުޑަ ކަކޫ ނުޖައްސަވާ" ގޮތަށް ކަމަށެވެ. އަދި އިސްތިއުނާފު މަރުހަލާއިން ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކަރުދާހުގައި ޔާމީންގެ ނަން އޮންނާނެކަން ޔަގީން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އުންމީދުގެ ބައްދަލުވުން. މިތަނަށް އަޅުގަނޑުމެން އެއްވެ މި ތިބީ އުންމީދެއް އޮތަތީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރިން ވެސް ވިދާޅުވި ގޮތަށް އެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ތަކުރާރުކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓަކީ ޔާމީން ކަމެވެ. އަދި އިދިކޮޅުގެ ގިނަ ބަޔަކު އެއްވެ ތިބީ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތް ހަދައި އެ މަނިކުފާނަށް އިންތިހާބު ކާމިޔާބު ކޮށްދޭން ކަމަށް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ނަންތައް ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެއިން އެއްވެސް ބޭފުޅަކު ދެވަނަ ވިސްނުމެއްގައި ނޫޅުއްވާ ކަމަށާއި ބޭނުންވަނީ ޔާމީން ވެރިކަމަށް ގެންނަން ކަމަށެވެ.
"މީގެ ތެރެއިން އެއްވެސް ބޭފުޅަކު ނޫޅުއްވާ ދެވަނަ ފިކުރެއްގައެއް ދެވަނަ ވިސްނުމެއްގައެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ބޭފުޅުން ވަޑައިގެން ތިއްބެވީ ރާއްޖޭގެ ވެރިކަމަށް ގެންނަން ރަނގަޅު އެހެން އެއްވެސް ސިޔާސީ ލީޑަރަކު ނެތްކަން ގަބޫލުކުރައްވައިގެން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ޑރ. ވަހީދާއި ޑރ. ޖަމީލް އަދި ޑރ. ޝަހީމް ވެސް ވާހަކަ ދެއްކެވިި އެވެ. އެ ތިން ބޭފުޅުން ވެސް ޔާމީން ޖަލަށްލުން ކުށްވެރިކުރައްވައި އެމަނިކުފާނު ދޫކޮށްލަން ގޮވާލެއްވި އެވެ. އޭގެ އިތުރުން، ޝަހީމް ވަނީ ޕީޕީއެމް/ޕީއެންސީ ލީޑާޝިޕު ޔާމީނަށް ވަފާތެރި ކަމަށާއި އެމަނިކުފާނަށް ހިޔާނާތްތެރި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޔާމީންގެ ވަކީލް ޖަމީލް ކޮންފަރެންސްގެ ބައިވެރިންގެ ގާތުގައި ވިދާޅުވީ ޔާމީން ވަރަށް އަވަހަށް މިނިވަންވެވަޑައިގަންނަވާނެ ކަމަށެވެ. މީގެ ކުރިން ޖަމީލް ލަފާކުރައްވާފައި ވަނީ މާޗު މަހު ހައި ކޯޓުން ޔާމީން މިނިވަންވާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ޔާމީނަށް ހާއްސަ ކެމްޕެއިން ލަވައެއް ވެސް އިފްތިތާހު ކުރި އެވެ. އަދި ޕާޓީގެ ޕާޓީގެ ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރުމަށާއި ޕާޓީގެ މަސްލަހަތާ އެއްގޮތަށް މަސައްކަތް ކުރުމަށް ވައުދުވެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުން ސޮއި ކުރި އެވެ.
މިއަދާއި ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކޮންފަރެންސްގެ ސެޝަންތައް ދަރުބާރުގޭގައި ކުރިއަށްދާނެ އެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ.
ޕީޕީއެމުން ބުނި ގޮތުގައި، ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ އެވެ. އަދި "ދުއްޕާން" ނަމުގައި ބޮޑު ޖަލްސާއެއް ވެސް ހޮނިހިރުދުވަހުގެ ރޭ އޮންނާނެ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.