އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އަދި ވިލާގެ ރެކްޓަ އަންވަރު: ވިލާ ހައި ސްކޫލުގެ ކުދިންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ އަދަދު ބޮޑުކުރުމާ މެދު އަންނަނީ މަޝްވްރާ ކުރަމުން.---ފޮޓޯ: މިހާރު
28 ސެޕްޓެމްބަރ 2022 - 12:14
ވިލާ ހައި ސްކޫލުގެ ގްރޭޑް 11،12 ގައި ކިޔަވާ ކުދިންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ އަދަދު ބޮޑު ކޮށްދޭން އެ ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީގައި އެދިއްޖެ އެވެ.
ވިލާގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު "މިހާރު" އަށް މިއަދު ވިދާޅުވީ، ގްރޭޑް 11،12 އިގެ ކުދިންގެ އަތުން އެންމެ ކުރިން ނަގަމުން އައީ ބޮލަކަށް 2،400ރ. ކަމަށް ވިޔަސް މިހާރުގެ އަދަދަކީ 3،600ރ. ކަމަށެވެ.
އެކަމަކު، އެޑިއުކޭޝަން މިނިސްޓްރީން އޭލެވެލަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ އަށް ފެތޭ ކުދިންގެ ތެރެއިން [ފަސް މާއްދާ އިން ފާސްވާ ކުދިންނަށް] ކޮންމެ ކުއްޖަކަށް ސަރުކާރުން ކޮންމެ މަހަކު 1،370ރ. ދެ އެވެ. އެ އަދަދު އެޑިއުކޭޝަން މިނިސްޓްރީން ދޭނީ ހަމައެކަނި ސީއެޗްއެސްއީ އިން ޖާގަ ދިނުމުގައި ބަލާ ކްރައިޓީރިއާ އަށް ފެތޭ ކުދިންނަށެވެ.
ވިލާ ހައި ސްކޫލުގެ ކުދިންތަކެއް: އެ ސްކޫލުގެ ގްރޭޑް 11،12 އިގެ ކުދިންގެ އަހުން މިހާރު މަހަކު ނަގަނީ 3،600ރ.---ފޮޓ: ވިލާ ހައި ސްކޫލް
"ގްރޭޑް 11،12 އިގެ ކުދިންގެ އަތުން އަލަށް ފީއެއް ނަގަނީއެއް ނޫން. އަބަދުވެސް ފީއެއް ނަގަން. އެޑިއުކޭޝަން މިނިސްޓްރީން އަބަދުވެސް ކުރާ ކަމަކީ އެ ބޭފުޅުން ކަނޑައަޅުއްވާ އަދަދެއް ކޮންމެ ކުއްޖެއްގެ ބޮލަށް ދެއްވަނީ. އަޅުގަނޑުމެން ވިލާ ހައި ސްކޫލުން ބޭނުންވަނީ އެ އަދަދު ބޮޑުކޮށްދޭން،" ވިލާގެ ރެކްޓަ އަންވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮންމެ ކުއްޖެއްގެ އަތުން ނަގާ ފީ އަށް ސަރުކާރުން ދޭ އަދަދު ބޮޑުކުރުމުން ބެލެނިވެރިން ދައްކަންޖެހޭ ފީ ކުޑަވާނެ އެވެ.
"އެހެންވެ، އަޅުގަނޑުމެން އެދެނީ އެޑިއުކޭޝަނުން ދެއްވާ އަދަދު ބޮޑުކޮށްދޭން. އޭރަށް ލުއި ވާނީ ކުއްޖާ އަށް،" އަންވަރު ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވީ، ސަރުކާރުން ދޭ އަދަދު ބޮޑުކޮށްދޭން ވިލާ ހައި ސްކޫލުން އެދިފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ރައްޔިތުންގެ މަޖިލިހުގައި މިއަދު ޖަވާބުތައް ދެއްވަނީ.---ފޮޓޯ: މަޖިލިސް
"ރަނގަޅު ގޮތެއް ވޭތޯ މަޝްވަރާ ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ތައުލީމާ ބެހޭ ވަޒީރާ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ވަޑައިގަތުމުން ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ސަނީފް ވެސް ވިލާގެ ފީގެ މައްސަލައިގައި ވަޒީރާ ސުވާލު ކުރެއްވި އެވެ.
އާއިޝަތު އަލީ ވިދާޅުވީ، އެ މައްސަލައިގައި ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ރައީސް އޮފީހުން އެދިފައިވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން މިހާރު އެކޮޅާ މަޝްވަރާ ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
މާލޭގައި ސީއެޗްއެސްއީ އާއި ވިލާ ހައި ސްކޫލު ނަގާފައި ދެން ގްރޭޑް 11، 12 އަށް ކިޔަވައިދެނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގަ އެވެ. އެކަމަކު، ސަރުކާރުން ކަނޑައަޅާފައިވާ ކްރައިޓީރިއާ އަށް ފެތޭ ކުދިންނަށް ސަރުކާރުން ކޮންމެ މަހަކު ދޭ އަދަދަށް ވުރެ އިތުރަށް އަހުމަދިއްޔާ އިން އަމިއްލަ އަށް އެއްވެސް ފީއެއް ނުނަގަ އެވެ.
ނަމަވެސް ސަރުކާރުގެ ކްރައިޓީރިއާ އަށް ނުފެތޭ ކުދިންގެ އަތުން މަހަކު 2،700 އެއްހާ ރުފިޔާގެ ފީއެއް އަހުމަދިއްޔާ އިން ނަގަ އެވެ. އެއީ ނިސްބަތުން ބަލާއިރު ބޮޑު އަދަދެއް ނޫން ކަމަށް އެ ސްކޫލުން ބުނެ އެވެ.
ގްރޭޑް 11،12 އަށް ކިޔަވާ ކުދިންގެ އަދަދު އިތުރުވަމުން އަންނައިރު، މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރު ސަނީފް ކުރެއްވި ސުވާލުގައި ހިމެނޭ އެއް ކަންބޮޑުވުމަކީ އެކަށީގެންވާ އަދަދަކަށް ޖާގަ ނުލިބޭ މައްސަލަ އެވެ.
އޭގެ ޖަވާބުގައި ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި އިމާރާތްކުރާ ސީއެޗްއެސްއީގެ އިމާރާތް އަންނަ އަހަރު ނިމުމުން، މާލޭގައި ހުރި ސީއެޗްއެސްއީގެ ޖާގައާ އެއް އަދަދަކަށް ދެ ގުނަ އިތުރުވާނެ ކަމަށެވެ.
"މި އަންނަ އަހަރުގެ މާޗު މަހު [ސީއެޗްްއެސްއީގެ އާ އިމާރާތް] ނިންމައިލެވޭނެ. އެހެންވީމާ ދެން އަންނަ އެކަޑެމިކް އިޔާގައި މިހާރު ސީއެޗްއެސްއީ އަށް އެ ނަގާ އަދަދު އިތުރު ކުރެވޭނެ،" އާއިޝަތު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮންމެ ސްކޫލެއްގައި 11،12 އުފެއްދުމަކީ ހަރަދުގެ ގޮތުން ބަލާއިރު ސަރުކާރުން ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކުރާ ނަމަ ރަނގަޅު ލެބޯރެޓަރީ އަކާއި ފެންވަރު ރަނގަޅު މުދައްރިސުން ހޯދަންޖެހެ އެވެ.
"އެހެންވީމާ ވީހާ ވެސް އެންމެ ގާތަކުން ކޮންމެ އަތޮޅެއްގައި 11،12 އަށް ކިޔަަވައި ދެވޭނެ އިންތިޒާުމު ހަމަޖައްސައިދެވޭތޯ މިހާރު އަޅުގަނޑުމެންގެ ފޯކަސް މި ހުރީ. ދެން އޭގެ އިތުރަށް މާލެ ސަރަހައްދުގައި [11،12 އަށް] ޖާގަ އިތުރު ކުރުމަށް،" ވަޒީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިބުތީ އިސްރާއީލީ ގިންތިތަފާތު
30 September 2022
ރައްޔިތުން ހައްލަން ޚަރާބުނުކުރާކަށް ނޯވޭ އެއްކަމެއް. މަދުދަރިންނަކަށް ނޫނީ އަސާސީ ނިޒާމީ ތައުލީމުގެ ޖާގައެއްނެތް. މުއްސަނދިންނަށް ނޫނީ ދަރިންގެ ފެންވަރު ރަނގަޅުނުކުރެވޭ. ފަގީރުންގެ ދަރީންނަށް ފެންވަރު ދައްވެ ފީދައްކަން މަޖްބޫރު. އަނެއްކޮޅުން އެތައުލީމު ނިންމާގެން ބޮޑުއާމްދަނީ ހޯދަން ކިޔަވާ ޚަރަދުބޮޑު އަމިއްލަ އިންވެސްޓަށްވާ ތައުލީމު ނިކަމެތީން ޓެކްސްފެލައިގެން ހިލޭ! ގައުމަކަށް އިޖްތިމާޢީ ޢަދްލު ފޭރިގަނެވޭނީ މިވަރަށް! ފަސާދަ މިއޮތީ ގާނޫނަށްވެފާ.
އެހެން
29 September 2022
ސީ.އެޗް،އެސް،އީ ކުއްޖާއަށް ޖާގަ ނެތިއްޔާ ނުދެވެންނާ ސަރުކާރުން އެކަން ހަމަޖައްސާދޭވެންވާނެ، ތިޔަ ބުނާ ހިލޭ ޑިގްރީއަށް ދާން ސާނަވީ މަތީ ތަޢުލީމް ބޭނުުން. ވުމާއިއެކު ކުދިންގެ ކިޔެވުން ނިމޭއިރުވެސް ތި މިނިސްޓްރީތަކާއި ރައީސް އޮފީހުން ޖަވާބު ލިބެންވާނެ.. ތިޔަ ތިބި މަޖްލިސް މެންބަރުން އުމުރު ދުވަހަށް އެލަވަންސް ދޭން ނިންމާއިރު ބަޖެޓް އޮތްތޯ ބަލަން ހާދަހާވާ އަވަހޭ
ތޭވީސް
29 September 2022
ޤާސިމަށް ހުރިހާ މޮޅެެއް. ސްކޫލެއް ހިންގުމުގެ ނަމުގައި ދައުލަތައް އެއްވެސް ކުއްްޔެއް ނުނަގާ ބޮޑު ބިމެއް ދަމައިގަނެ، މިހާރު މިއުޅެނީ އިތުރަށް ފައިސާ ހޯދަން. މިއީ މީހުން ތަންކޮޅެއް ބޮޑުވަރޭ ބުނާ ވާހަކަ އަކީ.
މަޒް
29 September 2022
ތީ ހަމަ ހަސަދަވެރިކަން.. ކަލޭވެސް ގާބިލްކަން ހުރިއްޔާ ސްކޫލް ހިންގަންވީ
ހުސް ވާހަކަ
29 September 2022
ޑރ އަންވަރު 2009 ވަނަ އަހަރު އޭރުގެ ސީއެޗްއެސްއީ ގެ 11ގެ ސައިންސް ކުދިންނާއި ބައްދަލުކޮށް ކެނޑިހާ ފޮނިތަކޯ؟ އެކުދިން ޖެހުނީ ބޮޑު ހަރަދުކޮށްގެން ޓިއުޝަން ނަގަން ގ12 ގަ ވިލާޔަށް ގޮސް. ސްކޫލު ފީ ތިހާ ބޮޑު އަގުގަ ނަގަން ބޭނުންވާނަމަ ބެލެނިވެރިން ކުދިން ޓިއުޝަނަށް ފޮނުވަން ނުޖެހޭ ވަރަށް ކިޔަވައިދިނުން ރަނގަޅުކުރޭ. އޭރުން ބެލެނިވެރިން ސީދާ ވިލާޔަށް ތި ބޭނުންވެގެން އުޅޭ ފީ ދޭނެ. ކޮންމެހެން ނުދޭ ޚިދުމަތަކަށް ސަރުކާރުން ލާރި ހޯދާނެ ކަމެއް ނެތް!
ޔާރހހގ
30 September 2022
ޓިއުޝަނަށް ފޮނުވުން އެއީ ބެލެނިވެރިން އަތުގައި އޮތްކަމެއް. ދަރިވަރު މޮޅުވުން އެއީ ސްކޫލަށްވުރެ ބޮޑަށް ދަރިވަރާ ގުޅޭ ކަމެއް. ދެވަނައަށް ބެލެނިވެރިން، ތިންވަނައަށް ސްކޫލްއާ ގުޅެނީ.
ބޮޑުމީހާ
28 September 2022
މިދެން ކިހާ ދެރަކަމެއްތަ! ސަރުކާރުގަ ސްކޫލްތައް އަޅާނެ ފެންވަރު ނެތިއްޔާ ކިޔަވާ ނުދިނީމަ ނިމުނީނުން. ކިޔަވައިދިނުމުގަ ނަމުގަ ބަޔަކު މީހުން މަހުޖަނުންނަށް ހަދާނެ ކަމެއް ނެތް. ކޮމަންޑޫއަށް ހަފްތާއެއްތެރޭ.500 މިލިއަން ޚަރަދުކުރެވޭ، 11،12 ކިޔަވަން ސްކޫލެއް ނޭޅި އެތައް ވެރިކަމެއް މި ނިމެނީ.
ކީސްފިލާ
28 September 2022
ވިލާކޮލެޖް ހިންގަނީ، ސީ އެޗް އެސް ސީ ގެ ބިޒްނެސް ސްޓްރީމް ކިޔަވާ ދަރިވަރުންނަށް ޖާގަ ދިނުމަށް ސަރުކާރުން ހެދި އިމާރާތެއްގައި.
ސައުތު
29 September 2022
ކަލޯ ހަބަރު ކިޔާލިން ތަ؟ ހަބަރުގަ އެ އޮތީ އާ އިމާރާތެއް ސީއެޗްއެސްއީ އަޅާދީ ދެގުނަ ކުދިން އިތުރު ކޮށްދޭ ވާހަކަ. މިހާރު އިމާރާތް އެބަ އަޅާ.
ކޮވެލި
28 September 2022
ހުރިހާ ކަމެއް ސަރުކާރަކަސް ހިލޭ ނުކުރެވޭނެ. އެހެންވެދޯ ކަންކަން ސަރުކާރަށް ނުކުރެވެނީ. ކިތަށް ގައުމުގައި މަތީ ތަޢޮލީމު އެއްކޮށް ހިލޭ ދެނީ. މަތީ ތަޢޮލީމް އެންމެ ރަނގަޅަށް ހިނގާ ގައުމުތަކުގައި ކޮންމެވެސް ވަރެއްގެ ފީއެއް ނަގާ. ބޭރު ގައުމުތަކުން ދަރަންޏަށް ފައިސާ ނަގާފައި ހިލޭ ޑިގްރީ އާ ކަރަންޓް ބިލާ މުސާރަ ދިނީމަ އޮންނާނީ އެކޮޅުކޮޅުން ޖެހިފައި. ނޭގުނަސް ވާހަކަ ދައްކާ މީހުން ގިނައީ
ބާބާ
29 September 2022
ހިލޭ ޑިގްރިއަށް ކިޔަވާ ދޭނަމޭ ކިޔާފަ ވަޢުދުވާން އޯކޭދޯ ވެރިކަމަށް އަރަށް ރުފިޔާ ދައްކަން ޖެހުނީމަ ކޮންހާ ޝަކުވާއެއް
ބަތޭލި
28 September 2022
ތިވިލާ ކޮލެޖަށް ވުރެން އަހުމަދިއްޔާ ތަންތަންވެސް މާ ރަނގަޅެއްނުން. ވިލާ ކޮލެޖު މިހާރު ހިންގާ ކޮށީގެ ބައެއްގައި އަހުމަދިއްޔާ ހިންގަނިކޮށް ރައީސް ނަޝީދު ވެރިކަމަށް އައިސް އެތަނުން އަހުމަދިއްޔާ ކުދިންނެރެ ވިލާއަށް މުޅި ކޮށި ދީފައި އެއޮތީ. ދަތި ޙާލުގައި އަހުމަދިއްޔާ ހިންގާއިރުވެސް ސަރުކާރާއިކުދިން އަތުން ބޮނޑިވަރުހޯދާކަށް ނޫޅެޔެއްނުން. ވިލާ ހިންގާ ތިކޮށި އަގުކޮށްބަލަ. ލަދުގަންނަން ޖެހޭ
މުސްތު
28 September 2022
ތީ ހަމަތެދެއް އަހްމަދިއްޔާގެ ޕްރީސްކޫލް އެބިމުގައި ހިންގަނިކޮށް އަހްމަދިއްޔާ ބޭރުކޮށްފަ އެބިން ގާސިމަށް ދިނީ އަދިވެސް އަހްމަދިއްޔާ ހާލުގައި. އަހްމަދިއްޔާ ގެ އޭލެވެލްގެ ނަތީޖާ ވެސް ވިލާ އަށްވުރެ މާމޮޅު
އިސްދަރިވަރު
28 September 2022
ވިލާ އަށް މިހާރު ދީފަ އެހެރީ ސީއެޗްއެސްއީ ބޮޑުކުރަން އޭރު މައުމޫނު ސަރުކާރުގަ ދިން އާ އިމާރާތް، އޭރުގެ އެނެކްސް. ނަޝީދު ހެޔޮފުޅުކަމުން ގާސިމްއަށް ދިނީ
ގާސިމްބެ
29 September 2022
ވިލާ ކޮލެޖު އެތަނުން ނަގަންވީ ހަމަ، ބަހައްޓާނެ ކަމެއްނެތް. މި ގައުމުގަ އަމިއްލަ އެއްވެސް ކޮލެޖެއް ބަހައްޓާނެ ކަމެއްނެތް.
އާތިފާ
28 September 2022
އެއގޮތަކަށްވެސް ފެއްނަކަމެއް ނޫން ވިލާއަށް ތިފައިސާ ދޭން. މިހާރުވެސް އެތަން ހިންގަނީ ސަރުކާރުން ދީފައިވާ ބިމެއްގައި ވިޔަފާރި އުސޫލުން ފައިދާވާގޮތަށް.
ގުދުގުދުލީބެއްޔާގެ ތެދުބަސް
28 September 2022
ގުރޭޑު 1 ން ޑިގުރީއަށް ހިލޭ. އެކަމަކު އޭލެވަލް މިހަދަންޖެހެނީ ފީދައްކައިގެން. އެންމެނަކަށް ސީއެޗުއެސްސީއަކުން ޖާގައެއް ނުލިބޭ. މީ ދެން އަރަތަކާ އެއްވަރަށް ދެވަރުވެސްކަމެއްނޫންތޯ؟
އަދުންކޮށި
28 September 2022
ސީއެޗްއެސްއިއަށް ވަދެވޭ ފެންވަރުގެ ކުރިދިން ކޮންމެ ސްކޫލަކުން ކިޔެވިއަސް ސަރުކާރުން ބޮލަކަސ ްކަރަދުވާ ވަރު އެބަ ދޭ. އެހެންވީވާ އެކިޔާވާއެދެވެނީ ސަރުކާރުގެ ޚަރަދުގައި. ބައެއް ބެލެނިވެރިންނަށް ސަރކާރު ސްކޫލޭ ބުނީމަ ކަމުނުދާތީ ފިނުވަނީ ވިލާއަށް ނޫނީ އަހުމަދިއްޔާ އަދި ކޮބާ މެޕްސް ކޮލެޖްގެ އޭލެވެ ޕްރޮގްރާމް؟
ލާމަސީލު
28 September 2022
ޑިގްރީ ހާދާ ކިއްޖާއަށް ސަރުކާރުން 2000ރުފިޔާ ދޭ. ބެލެނި ެރިޔާ އަތުންވެސް ވިލާއިން 2000ރުފިޔާ ނަގާ. ޖުމްލަ 4000 އެބަލިބޭ ވިލާއަށް. ދެން ސަރުކާރުން ހިލޭ ޑިގްރީއޭ ބުނީމަ އަހަރެން މިހުންނަނީ ބަސްހުއްޓިފަ. އެޑިއުކޭޝަނުން އަންގަނީ ވިލާއިން ބޮޑުއަގު ނަގަނީ ކަމަށް. މިކްންވެސް ހުއްޓުވޭނެ ގޮތެއްނެތް.