ކުޅިވަރު / އިޓާލިއަން ލީގު

ރޯމާއިން އިންޓަ ބަލިކޮށްފި، މިލާނަށް ފަހުވަގުތު މޮޅެއް

ރޯމާ ލީޑު ނެގި ލަނޑި ޖެހުމަށް ފަހު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޮކްޓޫބަރު 2) - އިޓާލިއަން ސެރީ އޭ ގައި ރޯމާ އިން ރަށުން ބޭރުގައި 2-1 އިން އިންޓަ މިލާން ބަލި ކޮށްފި އެވެ.

އޭސީ މިލާންއިން ވަނީ ރަށުން ބޭރުގައި އެމްޕޯލީ އާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްފަ އެވެ.

ސެން ސީރޯ ސްޓޭޑިއަމްގައި އިންޓަ މިލާނާއި ރޯމާ ބައްދަލުކުރި މެޗު ރޯމާ އިން ކާމިޔާބުކުރީ ފަހަތުން އަރައެވެ. ނިކޯލޯ ބަރެއްލާ ދިން ޕާހަކުން މެޗުގެ 30 ވަނަ މިނިޓުގައި އިންޓަ އަށް ލީޑު ނަގައިދިނީ ފެޑެރިކޯ ޑިމާކޯ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ތިރީ ކަނަށް ވަނީ ރޯމާގެ ކީޕަރު ރުއީ ޕެޓްރީސިއޯ އަތުގައި ޖެހިފަ އެވެ.

އޭގެ ކުރިން އެޑިން ޒެކޯ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު އޭނާ އޮފްސައިޑު ކަމަށް ވަނީ ނިންމައިފަ އެވެ.

ރޯމާ އިން އެއްވަރުކުރީ 39 ވަނަ މިނިޓުގައި ލިއެނާޑޯ ސްޕިނަޒޯލާ ނަގައިދިން ހުރަހަކުން ޕައޮލޯ ޑިބާލާ އެވެ. އެއްވަރު ކުރުމުގެ ކުރިން އިންޓަ ގެ ކީޕަރު ސާމިރު ހެންޑަނޮވިޗް ވަނީ ސްޕިނަޒޯލާ އާއި ޑިބާލާ ފޮނުވާލި ހަމަލާތަކެއް ސަލާމަތް ކޮށްފަ އެވެ.

ދެވަނަ ހާފުގައި އިންޓަ ގެ ހަކަން ޗަލްހަނޯލޫ ފޮނުވާލި ހޮލޭޖެހުމެއް ގޯލު ހުރަސް ދަނޑިއަށް އަމާޒު ވިއިރު، ލައުޓާރޯ މާޓިނޭޒް އާއި ކްރިސްޓިއަން އަސްލާނީ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒެއް ނުވެ އެވެ.

އިންޓަ ގެ ހާފްގެ މެދަކާ ހަމައިން ޕެލެގްރިނީ ނެގި ހިލޭ ޖެހުމެއް ބޮލުން ފޮނުވާލައިގެން ރޯމާ އަށް ލީޑު ނަގައިދިނީ ކްރިސް ސްމޯލިން އެވެ. ލީޑު ފުޅާކުރަން ފަހުވަގުތު ޓެމީ އަބްރަހަމް އަށް ލިބުނު ފުރުސަތުގައި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

އިންޓަނޭޝަނަލް ބްރޭކުގެ ކުރިން އިންޓަ އާއި ރޯމާ ވަނީ ލީގުގައި ކުޅުނު ފަހު މެޗުން ބަލި ވެފަ އެވެ.

އޭސީ މިލާން މޮޅުވީ އިތުރު ވަގުތުގައި

ރަށުން ބޭރުގައި އޭސީ މިލާނުން މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގަ އެވެ. އެންމެ ފުރަތަމަ މިލާނުން ލީޑު ނެގި ލަނޑު ވެސް ޖެހީ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށެވެ. ރަފައެލް ލެއާއޯ ދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ އަންޓޭ ރެބިޗް އެވެ.

އެހެން ނަމަވެސް އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ނެދީމް ބޭރާމީ، އެމްޕޯލީ އަށް އެއްވަރުކޮށްދިނީ ހިލޭ ޖެހުމަކުންނެވެ. ނަމަވެސް މިނިޓެއް ތެރޭ ރާޑޭ ކްރޫނިކް ބޮލުން ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އަލުން ލީޑު ހޯދައިދިނީ ސެނެގާލުގެ ފުލްބެކް ފޯޑޭ ބާލޯ ޓޫރޭ އެވެ. މިއީ ފްރާންސް ދޫކޮށް މިދިޔަ އަހަރު އިޓަލީއަށް ބަދަލުވެ، އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މިލާން މޮޅުކޮށްދިން ލަނޑު ޖެހި ފުލްބެކް ބާލޯ ޓޫރޭ.-- ފޮޓޯ: އޭއެފްޕީ

ލީޑު ނެގިތާ ތިން މިނިޓު ފަހުން ކައުންޓާ އެޓޭކެއްގައި ރެބިޗް ދިން ބޯޅައެއް މުޅިން ހުސްކޮށް ހިފައިގެން އޭރިއާ ތެރެއަށް ވަނުމުގެ ކުރިން ކީޕަރު ބޯ މަތިން ގޯލުގެ ތެރެއަށް އޮއްސާލައިގެން ޖަހައިދިނީ ލެއާއޯ އެވެ.

އޭސީ މިލާން ވެސް ވަނީ ބްރޭކުގެ ކުރިން ފަހު މެޗުގައި، މެޗަކުން ބަލިނުވެ އެއްވަނައިގައި އޮތް ނަޕޯލީ އަތްދަށު ވެފަ އެވެ.

ނަޕޯލީ އިން ވަނީ ބްރޭކަށް ފަހު ވެސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފަ އެވެ. ނަޕޯލީ އިން އަމިއްލަ ދަނޑުގައި ޓޮރީނޯއާ ވާދަކޮށް މެޗު ކާމިޔާބުކުރީ 3-1 އިންނެވެ.

ލީގު އެއްވަނައިގައި ނަޕޯލީ އޮތީ އަށް މެޗުން 20 ޕޮއިންޓް ހޯދައިގެންނެވެ. އޭސީ މިލާނަށް ވަނީ ދެވަނައިގައި އޮތް އެޓަލާންޓާއާ އެއްވަރަށް، 17 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް އެޓަލާންޓާ ކުޅުނީ އެއް މެޗު މަދުންނެވެ. ބްރޭކަށް ފަހު ފުރަތަމަ މެޗުގައި އެޓީމުން މިރޭ ފިއޮރެންޓީނާއާ ދެކޮޅަށް ކުޅޭނެ އެވެ.

އިންޓަ ބަލިކުރި ރޯމާ އޮތީ 16 ޕޮއިންޓް ހޯދައިގެން ފަސްވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދާފައިވާ އުޑިނޭޒީ އެވެ. އިންޓަ އޮތީ 12 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454