ލަނޑު ޖެހުމަށް ފަހު ޗިޗަރީޓޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
08 ޖެނުއަރީ 2017 - 12:32
މިއުނިކް (ޖެނުއަރީ 8) - ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ މެކްސިކޯގެ ފޯވާޑް ހަވިއޭ ހެނާންޑޭޒް (ޗިޗަރީޓޯ) އަށް ޕްރިމިއާ ލީގުގެ އެންމެ ކުރީގައި އޮތް ދެ ކްލަބް ކަމަށްވާ ޗެލްސީ އާއި ލިވަޕޫލުން ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ހެނާންޑޭޒް ހޯދަން މީގެ ކުރިން ވެސް ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން މަސައްކަތްކުރި އެވެ. ނަމަވެސް އޭރު ހެނާންޑޭޒް ރަނގަޅު ފޯމެއްގައި ހުރުމުން އޭނާ ވެސް އަދި އެ ކްލަބުން ވެސް އޭނާ ދޫކޮށްލަން އެއްބަހެއްނުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން މި މަހުގެ ޓްރާންސްފާ މާކެޓްގައި 25 މިލިއަން ޕައުންޑުގެ ހުށަހެޅުމެއް ލިބިއްޖެނަމަ ލެވަކޫސަން އިން ހެނާންޑޭޒް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.
ޗެލްސީން އަންނަނީ އެ ޓީމުގެ ފޯވާޑް ލައިން ޑިއޭގޯ ކޮސްޓާ އަށް ބަރޯސާވެފައި އޮތް އޮތުމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވެސް ވަނީ ޗެލްސީ އަށް އިތުރު ފޯވާޑެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ވަނީ ހެނާންޑޭޒްގެ އޭޖެންޓް އެޑުއާޑޯ ހެނާންޑޭޒާ އެކު މަޝްވަރާތައް ބާއްވައިފަ އެވެ. ނަމަވެސް އެޑުއާޑޯ އެކަން ދޮގުކުރެ އެވެ. އޭނާ ބުނީ ހެނާންޑޭޒް ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންއުޅޭ ކަމަށެވެ.
ލިވަޕޫލުން ވަނީ މި ސީޒަން ފެށުމުގެ ކުރިން ވެސް ހެނާންޑޭޒް ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމަކު ކުރިން ޔުނައިޓެޑަށް ކުޅެފައިވުމުން ހެނާންޑޭޒް ލިވަޕޫލާ މަޝްވަރާ ކުރަން ބޭނުމެއް ނުވި އެވެ.
މީގެ 18 މަސް ކުރިން ޔުނައިޓެޑް ދޫކޮށް ހެނާންޑޭޒް ލެވަކޫސަނަށް ބަދަލުވީ 7.3 މިލިއަން ޕައުންޑަށެވެ. އެ ޓީމާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި ހެނާންޑޭޒް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ސީޒަނުގެ މިހާތަނަށް ލެވަކޫސަން ކުޅުނު 23 މެޗުން ހެނާންޑޭޒް ވަނީ ހަތް ލަނޑު ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy