ވިލާ އެއާގެ އާ ވެބްސައިޓު. އެ ވެސްސައިޓު މެދުވެރިކޮށް ދަތުރު ބުކް ކުރެވޭނެ.
03 އޮކްޓޯބަރ 2022 - 10:49
ވިލާ އެއާއިން އެ ކުންފުނީގެ އާ ވެބްސައިޓު ލޯންޗް ކޮށްފި އެވެ.
އެ ވެބްސައިޓް ލޯންޗު ކުރީ އެ ކުންފުންޏަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި "ގާލާ ޑިނާ" ގަ އެވެ. ވެބްސައިޓް ލޯންޗު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދެވެ.
ވިލާ އެއާއިން ލޯންޗުކުރި އެ ވެބްސައިޓްގައި ދަތުރުވެރިންނަށް މުހިންމު ގިނަ މައުލޫމާތުތަކެއް ފަސޭހައިން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. އެ ވެބްސައިޓް މެދުވެރިކޮށް ވިލާ އެއާގެ ފްލައިޓާއި ލޯންޗުން ފަސިންޖަރުންނަށް ދަތުރު ބުކް ކުރެވޭނެ އެވެ. އަދި ދަތުރުކުރާއިރު ބޭނުން ވާނެ ޓްރެވަލް ޑޮކިއުމެންޓާ ގުޅޭ މައުލޫމާތާއި ފްލައިޓް ޝެޑިއުލް ވެސް އެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެ އެވެ. އަދި އެ ވެބްސައިޓުން ޕްރައިވެޓުކޮށް ފްލައިޓު ޗާޓަރު ކުރުމަށް ވެސް ހުށަހެޅޭނެ އެވެ.
ވިލާ އެއާގެ އެމްޑީ އަބްދުﷲ ނާޝިދު ވާހަކަ ދައްކަވަނީ. ކުންފުނީގެ ކުރިމަގާ ގުޅޭ މުހިންމު ކަންތައްތައް މުވައްޒަފުންނާއި ހިއްސާ ކުރެއްވި. ފޮޓޯ: ވިލާ އެއާ
ވިލާ އެއާއިން ލޯންޗު ކުރި ވެބްސައިޓްގެ އެޑްރެހަކީ www.villaair.aero އެވެ.
ވިލާ އެއާ އަށް 11 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މުވައްޒަފުންގެ ހިދުމަތްތައް ފާހަގަކޮށް ހަނދާނީ ފިލާ ވަނީ ދީފަ އެވެ. ވިލާ އެއާގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި 10 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންނާއި، ކުންފުނި ފެށީއްސުރެ އެ ކުންފުންޏަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށެވެ.
އެ ހަފްލާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވަނީ ކުންފުނިން ރާވާފައި ހުރި ބައެއް ޕްލޭންތައް ހިއްސާ ކޮށްފަ އެވެ. އަދި ފާއިތުވެ ދިޔަ ދުވަސްތަކުގައި ކުރިމަތިވި އެކި ދަތިތަކުން އަރައިގަނެ ކުންފުނި ތަރައްގީވެ ކުރިއަރާފައިވާ މިންވަރު ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
ކެޕްޓަން އިބްރާހިމް ރަޝީދު ކުންފުނީގެ މުވައްޒަފަކަށް ހަނދާނީ ފިލާ އަރުވަނީ. ގިނަ މުވައްޒަފުންތަކަކަށް ހަނދާނީ ފިލާ ދީފައިވޭ. ފޮޓޯ: ވިލާ އެއާ
އެ ރަސްމިއްޔާތުގައި ވިލާ އެއާގެ ސްޓްރެޓީޖިކް ޕްލޭނާ މުހައްމަދު ރިޝާން ވަނީ ވިލާ ގްރޫޕުގެ ޗެއާމަން އިބްރާހިމް ގާސިމާއި ސީއީއޯ އިބްރާހިމް ސިޔާދު ގާސިމާއި އެމްޑީ އަބްދުﷲ ނާޝިދަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ވިލާ އެއާއިން ބޭއްވި އެ ގާލާ ޑިނާގައި މުވައްޒަފުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ނަސީބުވެރި ދެ ފަރާތަކަށް ވަނީ ރިސޯޓެއްގައި ދެ ރޭ ހޭދަކުރުމުގެ ފުރުސަތު ދީފަ އެވެ. އެ ހަފްލާގައި ވިލާ އެއާގެ މާމިގިލި އަދި ދަރަވަންދޫގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ގާލާ ޑިނާގައި ބައިވެރިވި މުވައްޒަފުން. މުވައްޒަފުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ވެސް ވަނީ ބާއްވާފަ. ފޮޓޯ: ވިލާ އެއާ
ވިލާ އެއާއިން ވަނީ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ކުންފުނީގެ އެއާކްރާފްޓުގެ މޮޑެލެއް މުވައްޒަފުންނަށް ހަދިޔާކޮށްފަ އެވެ. އަދި އެއާކްރާފްޓް ޝޭޕަށް ހަދާފައިވާ ކުކީސްތަކެއް ވެސް ބެހި އެވެ.
ވިލާ އެއާގެ މަސައްކަތްތައް ފާހަގަކޮށް މިދިޔަ މަހު ސަރުކާރުން ވަނީ އެވޯޑެއް ދީފަ އެވެ. އެ އެވޯޑަކީ ރާއްޖޭގެ ފަތުރުވެރި ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާ އެއްގައި ދީފައިވާ އެވޯޑެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިމްޔާ މޫނިޟާ
03 October 2022
ވަރަށްވެސް އުފާވެރި ދުވަހެއް ވިލާ އެއަރއަށް. އުންމީދަކީ އާ އުސްމިންތަކެއް. އަދި ބާއްޖަވެރި އަމާން ދަތުރެއް
އައިޝަތު މުޙައްމަދު
03 October 2022
ހެޕީ އެނިވަރސަރީ ވިލާ އެއަރ. ވެލް ޑަން އެންޑް ކޮންގްރެޖުލޭޝަންސް
މަރިމަމް އާމިރު
03 October 2022
ކޯވިޑް ތެރޭގައި އޭވިޝަން އިންޑަސްޓްރީއަށް ނުރަނގަޅު އަސަރުތަކެއް ކުރިނަމަވެސް އެދަތިތަކަ އެކީ ކުރިއަށް ދިޔުމަށް ވިލާ އެއަރ އިން ތިކުރާ މަސައްކަތައް މަރުހަބާ
ސައިންތިސްތު
03 October 2022
މާމިގިލި މާލެ އަށް ދަތުރެއް އުޅެނީ 875ރފ އަށް...20 މިނެއްޓުގެ ދަތުރެއް..ފުލް ފެއާކޮށް ޓޫރިސްޓުންނަށް ހަމަޖައްސާ ފުލައިޓެއްގެ..މާމިގިލީ މީހަކު ދިޔަސް ނުދިޔަސް ފުލައިޓް ދާނެއޭ ވާހަކައަކީ..
މަނިކެ
03 October 2022
ނަމަކަަށް ކޮއްފަ އިން ކަމެއް. އެޗް.ޓީ.އެމް.އެލް ޕޭޖް ގަނޑެއް. އެއަކުން ސާރޗެއް ނުކުރެވޭ،