އާ ރަންވޭ ހަދާފައި ވަނީ ކޮންމެ ތިން މިނިޓަކުން މަތިންދާބޯޓެއް ޖެއްސޭ ފެންވަރަށް.
ވީއައިއޭގެ އާ ރަންވޭ އަށް މިއަދު ފުރަތަމަ ޖެއްސި އެމިރޭޓްސްގެ މަތިންދާބޯޓަށް ވޯޓަ ސެލިއުޓެއް ދެނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
06 އޮކްޓޯބަރ 2022 - 07:46
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން ހެދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ ބޭނުންކުރަން މިއަދު ފަށައިފި އެވެ.
ވީއައިއޭގައި ހެނދުނު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ޔާމީނުގެ ސަރުކާރުގައި އަޅަން ފަށައި އެ މަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު 2018 ގައި ރަސްމީކޮށް ހުޅުވި ނަމަވެސް މިހާތަނަށް އެ ތަން ބޭނުމެއް ނުކުރެ އެވެ. ސަބަބަކީ އާ ރަންވޭއާ ކައިރީގައި ހުރި ސީޕްލޭން ޓާމިނަލްގެ އިމާރާތް ނުނެގި ލަސްވުމެވެ. ނަމަވެސް އެމްއޭސީއެލުން ހަރަދު ކޮށްގެން ޔާމީންގެ ސަރުކާރުގައި ހަދަން ފެށި އާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމުން ކުރީގެ ސީ ޕްލޭން ޓާމިނަލް މިހާރު ވަނީ އެ ތަނުން ނަގައިފަ އެވެ.
ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނެއްގެ ދަށުން އާ ރަންވޭ ހެދީ އެ ގައުމުގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.
އާ ރަންވޭ ހެދުމުގެ މަޝްރޫއު 2015 ގައި ދިވެހި ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ 452 މިލިއަން ޑޮލަރަށެވެ.
"އޭގެ ފަހުން ކުޑަކުޑަ ވޭރިއޭޝަނެއް އައިސްގެން އިތުރު ވެފައި ވެސް އޮންނާނެ،" އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ވިދާޅުވި އެވެ.
އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަން އެމްޔޫ މަނިކާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އަދި ސަރުކާރާއި އެމްއޭސީއެލްގެ ބައެއް އިސްވެރިން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވީ، އާ ރަންވޭގެ ފިޒިކަލް މަސައްކަތް 2017 ގައި ފަށައި 2018 ގައި ނިންމި ކަމަށެވެ.
"މި ރަންވޭގައި ހުންނާނެ ވަރަށް ގިނަ އިތުރު ކަންތައްތައް ކޮށްފައި. ޑްރެއިނޭޖު ހުންނާނެ ރަނގަޅަށް. ހައިޑްރޯ ޑްރެއިނޭޖް އަޅާފައި ހުންނާނީ. މި ޒަމާނުގެ ހުރިހާ ވަސީލަތްތަކެއް ހުންނާނެ މިތާ ހަރުކޮށްފައި ހުންނާނެ،" އެމްޔޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އާ ރަންވޭގެ މަޝްރޫއުގެ ތެރެއިން އާ ތިން ފިއުލް ފާމު ވަނީ ހަދައިފަ އެވެ.
ވީއައިއޭގެ އާ ރަންވޭގެ ފުރަތަމަ މަތިންދާބޯޓު މިއަދު ހެނދުނު އެ އެއާޕޯޓަށް ޖައްސަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ބޯޓު ފަހަރަށް ތެޔޮ އަޅާނީ މި ތަން ނިމުނީމާ އެއްގޮތަކަށް ވެސް ބައުޒަރަކުން ނޫން. ލައިނުން. އަޅުގަނޑުމެންނަށް މި ކުރެވޭ މަސައްކަތަކީ ހިނގަހިނގައި އޮތް އެއާޕޯޓެއްގެ ތެރޭގައި އިތުރު އެއާޕޯޓެއް އެޅުން. މިއީ ކުޑަކުޑަ މަސައްކަތެއް ނޫން. ޑިސްރަޕްޝަނެއްގެ ނެތި މި ކަންތައް ކުރަމުން ދަނީ،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ ވިދާޅުވި އެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭ އަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.
އެހެންވީމާ މިތާނގެ މުސްތަގުބަލް ވަރަށް ވެސް އުޖާލާ"--- އެމްޔޫ މަނިކު
މިއަދުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަން އެމްޔޫ މަނިކު ވިދާޅުވި ގޮތުގައި، އާ ރަންވޭ ހަދާފައި ވަނީ ކޮންމެ ތިން މިނިޓަކުން މަތިންދާބޯޓެއް ޖެއްސޭ ފެންވަރަށެވެ.
"ޓާމިނަލް ބިލްޑިންގް މުޅިން ހުޅުވުނީމާ ދެން މި ޕިކްޗަ މުޅިން ކޮމްޕްލީޓް ވާނީ. އަޅުގަނޑުގެ އުންމީދަކީ މި ތަން މި ރާއްޖޭގެ ކޮންމެވެސް ކަހަލަ ހަބަކަށް [ވުން]،" އޭނާ ވިދާޅުވި އެވެ.
އެމްޔޫ ވިދާޅުވީ، އާ ރަންވޭގެ މަޝްރޫއާއެކު، އެންމެ މި ޒަމާނުގެ ކާގޯ ކޮމްޕްލެކްސްއެއް ވެސް އެބަ ހަދާ ކަމަށާއި އޭގެ މާނައަކީ ކާގޯގެ ޓްރާންސިޓް ޕޮއިންޓަކަށް ވެސް ރާއްޖެ ވުން ކަމަށެވެ.
"އެހެންވީމާ މިތާނގެ މުސްތަގުބަލް ވަރަށް ވެސް އުޖާލާ،" ޔުނިވާސަލް ރިސޯޓުތަކުގެ ޗެއާމަންކަން ވެސް ކުރައްވާ އެމްޔޫ ވިދާޅުވި އެވެ.
އާ ރަންވޭ ބޭނުންކުރަން ފެށުމުން، މިހާތަނަށް ބޭނުންކުރަމުން އައި ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރްލަމާން
06 October 2022
ޝުކުރިއްޔާ ރައީސް ނަޝީދު
ކަސައުޓީ
06 October 2022
އަޅާނިމިފަ ހުރި ތަނަތަނުގެ ރެބަން ކަނޑައި ބިންގާ އަޅައި ހަރުމުދާ ދައްކަ އިގެން ބޮޑަތި އަދަދުން ލޯނުނަގައި އައުވާނުންނައް ބެހުން މިސަރުކާރު ކަމަކީ
ކާސި
06 October 2022
އިޤްތިސާދީ މި އިންޤިލާބީ މަސަައްކަތުގެ ބާނީ ރައީސް ޔާމީނަށް ސްކުރު ހައްގު މިވެރިކަމުގައި ކުރެވުނުކަމަކީ ކޮބާތޯ
5789
06 October 2022
ފޮނިކެނޑުން.
ހައްގުބަސް
06 October 2022
އެމްޑީޕީ ކަޑައޭ ވޯޓެއް ނުދޭނަން. މިއަންނަ ރިޔާސީ އިންތިހާބުގަ ބޮޑުތަނުން އެމްޑީޕީ ބަލިކުރާނަން ﷲއިންޝާ
ޝިކްތެރަޕީ
06 October 2022
ކުރީގެ ސަރުކާރު މާ ބޮޑައްވެސް ރަނގަޅު.
މަޑަވެލީ
06 October 2022
އިންޑިޔާއީން ކުރާ ކޮމްމެ ކަމަކަ ޝަރުތުކަޑައާޅާ ރޯގެ ޖާސޫސުން އެއާރޕޯޓްގެ މުހިމްމު ތަންތަނުގަ. އުތުރާ ދެކުނުގަ ކޮންޓުރޯލް ޓަވަރުތައް ބަލަހައްޓަން އިންޑިޔާ މީހުންނާ ވަޒީފާ ދޭން މި ސަރުކާރުން އެއްބަސްވި. ދެރަ
ފަލަސްތީން
06 October 2022
އިންޑިޔާ މީހުން އެއަރޕޯޓަ ވަޒީފާދީފަ ދިވެހިންނަ ވަޒީފާ ނުލިބޭ. މިސަރުކާރު ކަޑައޭ
ކައުންސެލަރު
06 October 2022
ޝުކުރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް. ވިޝަނަރީ، ދިވެހިވަންތަ ޤައުމަށް ހެޔޮއެދޭ ވެރިންގެ މިންނެތް މަސައްކަތް މިފެންނަނީ. ޖީއެމްއާރު ބޭރުނުކުރެވުނުނަމަ މިއަދު މިއުފަލެއް ނުލިބޭނެ. މިއަދު ލޮލުން ފޭދެނީ އުފަލާ ހިތާމައިގެ ކަރުނަ. ޙަގީގީ މާނައިގައި ޤައުމަށް ހެޔޮއެދޭ ވެރިޔަކު ކޮށްދީފައި ހުރި އަގުނުކުރެވޭ ފަދަ ޚިދުމަތާ ޤައްދާރުން ޤައުމު ވިއްކަމުންދާ ދިޔުން.
ލިރާރު
06 October 2022
ޔާމީނަށް ފަށްފަށުން ޝުކުރު. އިބޫ މިއިން ފިލާވަޅު ހާސިލުކުރޭ. ބޭފުޅު އާއިލާ ތަކުގެ ފިހާރަ ހުޅުވަން އިބޫއަށް ދެވޭ. އެކަމަކު ގައުމީ ބިޔަ މަޝްރޫއު އިފްތިތާހު ކުރަން ފޮނުވީ ނައިބު ރައީސް. އެއް ގޮތަކުން ރަގަޅު. އިބޫއާ ކުފޫހަމަވާ މަޝްރޫއުއެއް ނޫންމީ. ހެހެ.
ގެގުރި
06 October 2022
ޝުކުރިއްޔާ އިބޫ ސޯލިހު. ޤައުމުގެ ކުރިމަގަށް ތިކުރައްވާ މިންނެތް މަސަތްކަތް އަޅުގަދުބަލައިގަންނަން.
578789
06 October 2022
ކަޑަވީ؟