އުތުރު ކޮރެއާ އިން އޮކްޓޫބަރު 10، 2022ގައި ކުރިއަށް ގެންދިޔަ އަސްކަރީ ފަރިތަކުރުންތަކުގައި މިސައިލެއް ވައިގެ ތެރެއަށް ފޮނުވައިލަނީ. --އޭއެފްޕީ
13 އޮކްޓޯބަރ 2022 - 12:06
ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ ދެ މިސައިލެއް، އުތުރު ކޮރެއާ އިން އަޖުމަ ބަލައިފި ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.
އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި މިއަދު އަޖުމަ ބެލި ދެ މިސައިލަކީ ވެސް ދުރު ރާސްތާގެ ކުރޫޒް މިސައިލެވެ. މި ހަތިޔާރުގެ އަޖުމަބެލީ އުތުރު ކޮރެއާގެ އަސްކަރިއްޔާގައި ހުރި ހަނގުރާމައިގެ ގާބިލުކަން އިތުރު ކުރުމުގެ ގޮތުންނާއި، ނިއުކްލިއާ ހަތިޔާރުގެ ބޭނުން ހިފަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމުގެ ގާބިލުކަން އަސްކަރިއްޔާ އަށް ލިބިދިނުމުގެ ގޮތުންނެވެ.
އުތުރު ކޮރެއާ އިން އޮކްޓޫބަރު 12، 2022 ގެ ދަންވަރުގެ ވަގުތެއްގައި ދުރު ރާސްތާގެ ކުރޫޒް މިސައިލެއްގެ އަޖުމަ ބެލުމުގެ ގޮތުން ވައިގެ ތެރެއަށް ފޮނުވައިލާއިރު، އެ ގައުމުގެ ރައީސް ކިމް ޖޮންގް-އުން އެ މަންޒަރު ބައްލަވަނީ. --އޭއެފްޕީ
މިއަދު ހެނދުނު އަޖުމަބެލި މިސައިލް ދަތުރު ކުރީ ކޮރެއާގެ އިރުމަތިން ކަނޑުގެ ސަރަހައްދަށެވެ. އުތުރު ކޮރެއާ ސަރުކާރުން ބުނި ގޮތުގައި ދެ މިސައިލް ވެސް 2000 ކިލޯމީޓަރު ދުރަށް ދަތުރުކޮށް، އެއަށް ކަނޑައެޅިފައިވާ އަމާޒަށް ހަމަލާ ދިނެވެ. ނަމަވެސް އެ އަމާޒަކީ ކޮބައިކަމެއް އެ ގައުމުން ނުބުނެ އެވެ.
މިއަދު އަޖުމަ ބެލި ދެ މިސައިލާ ބެހޭ ގޮތުން އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް-އުން ވިދާޅުވީ މިއީ އެ ގައުމުގެ އަދުއްވުންނަށް ދިން އިންޒާރެއް ކަމަށެވެ. ކޮރެއާ ސަރަހައްދުގައި ކޮންމެ ވަގުތެއްގައި ވެސް އުފެދިދާނެ އަސްކަރީ ހަމަނުޖެހުމަކުން ދުރުހެލިވެ އޮތުމަށްޓަކައި، އުތުރު ކޮރެއާގެ ނިއުކްލިއާ އަސްކަރީ ގާބިލުކަން އިތުރުކުރުން މަތީ ގައުމު ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުތުރު ކޮރެއާ އިން އޮކްޓޫބަރު 12، 2022 ގެ ދަންވަރުގެ ވަގުތެއްގައި ދުރު ރާސްތާގެ ކުރޫޒް މިސައިލެއްގެ އަޖުމަ ބެލުމުގެ ގޮތުން ވައިގެ ތެރެއަށް ފޮނުވައިލަނީ. --އޭއެފްޕީ
އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ދެ ހަފުތާގެ މުއްދަތަށް މިހާރު ފަށާފައިވާ އަސްކަރީ ތަމްރީންތައް ހިނގާ ގޮތް އެ ގައުމުގެ ރައީސް ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. މި ތަމްރީންތަކުގައި، އެ ގައުމުގެ ނިއުކްލިއާ ފައުޖުގެ ސިފައިން ވެސް ބައިވެރިވެ އެވެ.
އެ ފަރިތަކުރުންތަކުގައި އުތުރު ކޮރެއާ އިން ވަނީ، މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއްގެ އަޖުމަ ބެލުމުގެ ގޮތުން ޖަޕާނުގެ މަތިން ކަނޑުގެ ސަރަހައްދަށް ފޮނުވާލައިފަ އެވެ. މިއީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ރޮނަލްޑް ރޭގަން ބައިވެރިކޮށްގެން އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިން ބޭއްވި އަސްކަރީ ތަމްރީންތަކަށް ރައްދު ދިނުމުގެ ގޮތުން އުތުރު ކޮރެއާ އިން ކުރި ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަގަރޭ
14 October 2022
މޮޔަ ވެރިން ތިބޭ ގައުމުތަކުގަ އަބަދުވެސް ތިބޭނީ ފަނާކުރަނިވި ހަތިޔާރު ހަދަހަދަ. އެމީހުނަށް ހީވާނެ އަބަދުވެސް އެހެން ބަޔަކު އެމީހުނާ ހަގުރާމައެއް ކޮއްފާއޭ. އެހެން އެވަނީ އެމީހުންދެކޭނީ އެއީ އެންމެ ވިސްނޭ މީހުންކަމަށް. އެހެން މީހަކު ބުނާ އެއްޗެއް އެމީހުން ގަބޫލެއް ނުކުރާނެ. އެއީ ރައްތިތުންގެ ވެރިންނެއްނޫން. ގައުމަށް ލިބޭ ހުރިހާ ފައިސާ ބޭނުންކުރާނީ ކައިރީގަތިބޭ ޖެނެރަލުންނަށް ބަހައިގެން އަމިއްލަ ވެރިކަން ދަމަހައްޓަން.
ތުނޑުހަސަނު
13 October 2022
އުތުރު ކޮރެއާފަދަ މިނިވަން މުސްތަގިއްލު ގައުމަކަށް ދިވެހިރާއްޖެ ވެސް ވުމަށް އެދެން. (އެކަމަކު އެއީ އެހެން ޤައުމުތަކަށް ބިރަކަށް ނުވާގޮތަށް) އެކަން ވާނީ ސަޢޫދީ، ޤަޠަރު ނުވަތަ ޔޫއޭއީފަދަ އިޤްތިޞާދެއް ބިނާކުރެވިގެން. ކުރިއަށް އޮތް 100 އަހަރުން ވެސް ނޭނގޭ މިކަން ވާނެކަމެއް.
ސަލީމު އިދުރީސް
14 October 2022
ރައްޔިތުން މިނިވަންނުވެ ގައުމެއް މިވާންވޭތޯ؟ ތީހެންބުނަނީ އުތުރު ކޮރީޔާގަ ކަންހިގާގޮތް ނެގީބާ ނުވަތަ އެގިހުރެ އެގޮތް ކަމުގޮސްގެންތޯ؟
ނުރަބޯ
13 October 2022
އެމެރިކާ އަށް މަދަޙަ އާއި ސަނާ ނުކިޔާ ވެރިއެއް.
ށަވިޔަނި
13 October 2022
ފުރިހަމަ މާނައިގައި މިނިވަން ގައުމެއް.
މިނިވަން ގައުމެއް
14 October 2022
މިނިވަން ގައުމެއް އެކަމަކު ރައްޔިތުންނައް އެ މިނިވަން ކަމެއް ނެތް. އެންމެ ކުޑަމިނުން އެހެން ގައުމުތަކައް ދަތުރުކުރުންވެސް މަނާ. ގައުމާ ގައުމުގެ ވެރިން މިނިވަން އެކަމަކު ރައްޔިތުންނަކީ އަޅުން.