މިނިސްޓަރު، މަޖިލީހުގެ ރައީސަށް މި މަހު ފޮނުއްވި ސިޓީގައި ބުނީ ހުޅިދޫގެ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ކުރުމަށް ހުށަހަޅާފައިވާ މަސައްކަތްތައް ނުކުރާ ކަމަށް.
އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު މަޖިލީހުގެ ބައްދަލުވުމެއްގައި: ހުޅިދޫގައި މަސައްކަތް ފަށަން ދިން މުއްދަތު ހަމަވެފައިވާ ކަން، މިނިސްޓަރު މަޖިލީހަށް ފޮނުވި ސިޓީއަކުން އެނގިފައިވޭ -- ފޮޓޯ: މަޖިލިސް
17 އޮކްޓޯބަރ 2022 - 12:36
ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ވ. ހުޅިދޫގެ އެއްބަސްވުން ބާތިލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެގްރިކަލްޗަރު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އިއްޔެ ވިދާޅުވިޔަސް، އެއްބަސްވުމާ އެއްގޮތަށް އެ ރަށުގައި މަސައްކަތް ފަށަން ދިން މުއްދަތު ހަމަވެފައިވާ ކަން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް، ޑރ. ހުސައިން މި މަހު ފޮނުއްވި ސިޓީއަކުން އެނގިއްޖެ އެވެ.
އޭނާ ސޮއިކުރައްވައި މި މަހުގެ ހަތަރެއްގައި ނަޝީދަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވީ، ހުޅިދޫގެ އެއްބަސްވުމުގެ ދަށުން އެ ރަށުގައި ކުރުމަށް ހުށަހަޅާފައިވާ މަސައްކަތްތައް މޮނީޓާކޮށް، ވޯކް ޕްލޭނާ އެއްގޮތަށް މަސައްކަތް ނުކުރާތީ އިތުރު ފުރުސަތެއް ދޭން ސަރުކާރުން ނިންމި ކަމަށެވެ.
ސިޓީގައިވާ ގޮތުން، ހުޅިދޫ ދޫކޮށްފައިވާ އާރަށް އިންވެސްޓްމަންޓާއި ސަރުކާރާ ދެމެދުގައި އެއްބަސްވެގެން އެ މަސައްކަތް ފެށުމަށް ދިނީ އެއް އަހަރުގެ މުއްދަތެކެވެ. އެ މުއްދަތު ފެށުނީ މިދިޔަ އަހަރު ޖެނުއަރީ ފަހެއްގަ އެވެ. އެހެންވެ، މިހާރު އެ މުއްދަތު ވަނީ ހަމަވެފަ އެވެ.
އެކަމަކު، މިނިސްޓަރު "މިހާރު" އަށް އިއްޔެ ވިދާޅުވިގޮތުން ނަމަ ހުޅިދޫގެ އެއްބަސްވުމުގެ ތަފުސީލެއް މާ ބޮޑަކަށް އޭނާ އަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެއްބަސްވުން ނުވެސް ބައްލަވާ ކަމަށް ވިދާޅުވި އެވެ.
ހުޅިދޫގެ އެއްބަސްވުން ބާތިލެއް ނުވޭ، ބާތިލުވާން ޖެހޭ ސަބަބެއް ވެސް ނެތް: މިނިސްޓަރު https://t.co/8YaYIvMnpD
— Mihaaru (@Mihaarunews) October 16, 2022
ހުޅިދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުން މަތިން އެ ރަށުގައި ކުރުމަށް ހުށަހަޅާފައިވާ މަސައްކަތްތައް ނުކުރާ ނަމަ ނުވަތަ އެއްބަސްވުމުގައި ހިމެނޭ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، އެ އެއްބަސްވުމުގެ ބަޔާންކުރާ އިޖުރައާތުތަކާ އެއްގޮތަށް މިނިސްޓްރީން އަމަލުކުރަމުން ގެންދާނެ ކަން ވ. އަތޮޅު ކައުންސިލަށް އަންގާފައިވާނެ ކަމަށް ވެސް ނަޝީދަށް ފޮނުއްވި ސިޓީގައި ހުސައިން ވިދާޅުވި އެވެ.
އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތީ، ކަންކަން ރަނގަޅު ކުރަން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ދިން އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވުމުން، ފަހުން އަމަލުކުރި ގޮތެއް އަދި އިތުރު ނޯޓިސްއެއް ދިން ކަމެއް ސާފެއް ނުވެ އެވެ.
މިނިސްޓަރު ހުސައިން އިއްޔެ ވިދާޅުވީ، ހުޅިދޫގައި އެއްވެސް މަސައްކަތެއް ނުކުރާތީ، އެ ރަށް ދޫކޮށްފައިވާ ކުންފުންޏާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ. އަދި ދަނޑުވެރިކަން ކުރުމުގެ ނަމުގައި 21 އަހަރަށް ކުއްޔަށް ދޫކޮށްފައި އޮތް ހުޅިދޫގެ އެއްބަސްވުން ބާތިލުކުރަން ޖެހޭ އެއްވެސް ސަބަބެއް ވެސް މިހާތަނަށް ފާހަގަނުކުރެވިފައި ނުވާ ކަމަށް އޭނާ "މިހާރު" އަށް އިއްޔެ ވިދާޅުވުި އެވެ.
"ހުޅިދޫ ކުއްޔަށް ދިނުމަށް ހެދި އެގްރީމެންޓް ސައްހަކަން މަތީ އަދި އެބައޮތް. އޭތި [އެއްބަސްވުން] ބާތިލުވެފައި އޮތްކަން، ނޫންކަން ކަނޑައެޅީ އެއްވެސް ކައުންސިލަކުން ނޫން. އެއީ މިނިސްޓްރީން [ނިންމާ ނިންމުމެއް]. ދެން އެގޮތަށް ކަނޑައެޅުމުގެ ޒިންމާ އޮންނާނީ ކޯޓަށް،" ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން ނަމަ ކޮވިޑްގައި ދިމާވި ދަތިތަކާ ގުޅިގެން ތި ރަށުގައި ވެސް ކުރަންޖެހޭ ކަމެއް ނުކުރެވި ހުރީ. ހަނދާން ވާ ގޮތުން ނަމަ ގްރީން ހައުސްގެ ކޮންމެވެސް ކަމެއް ނިންމަން ޖެހެނީ. ދެން ހާލަތަކަށް ބަލައި ދޭ ފުރުސަތެއް ސަރުކާރުން ދެނީ. އަޅުގަނޑު ބުނާ ވާހަކައަކީ އެ ރަށުގެ އެއްބަސްވުން އަދިވެސް ދެމި އެބައޮތޭ."
އަންބާރާ އާއި ހުޅިދޫ ވީ، ވ. އަތޮޅުގެ މީހުންނަށް ހިލަގަނޑަކަށް https://t.co/SypXR3DOKK
— Mihaaru (@Mihaarunews) October 16, 2022
ހުސައިން ވިދާޅުވި ގޮތުގައި ދަނޑުވެރިކަމަށް ދޫކުރާ ރަށެއްގެ އެއްބަސްވުން ބާތިލުކުރެވޭނެ ވަކި ހާލަތުތަކެއްގަ އެވެ. އެއީ ކުއްލި ނުދައްކާ ނަމަ އާއި ވަކި މުއްދަތެއްގެ ތެރޭގައި ކޮށް ނިންމަން ހުށަހަޅާ މަސައްކަތެއް ނުނިމުމުން އެކަން ކުރަން ނޯޓިސް ފޮނުވުމަށް ފަހު ވެސް އެ މަސައްކަތް ނުކުރާ ނަމަ ކަމަށެވެ.
ހުޅިދޫ، ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނާއިރު، އެ ރަށުގެ ތިމާވެއްޓަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ވ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތައް އަދި ރައްޔިތުން ހުޅިދު އަށް އަރައި، އެ ރަށުން ފައިބައިން ދެކޮޅު ހަދައި މިދިޔަ ހަފުތާގައި އިހުތިޖާޖު ވެސް ކުރި އެވެ. ދެ ދުވަހުގެ އެ އިހުތިޖާޖު ނިންމާލީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ރައްޔިތުންގެ ކަންބޮޑުވުމާ މެދު މަޝްވަރާކޮށް، ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދިނުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިމްޕަލް
18 October 2022
މިވަޒީރުގެ ޒިންމާއަކީ ފަޅުރަށްރަށް ދަނޑުވެރިކަން ކުރަން ކުއްޔަށް ދޭ ރަޖިސްޓްރީ ބެލެހެއްޓުން ތޯ؟ އެކަންވެސް ރަނގަޅަށް ނުވާކަން މިހާރު މި ފެންނަނީ.
ޢަލީ ބަލީ
18 October 2022
ޢެއްބަސްވުމުގަ އޮތް އައްޗެއް ނޭގެޔޯ. ޢެއްބަސްވުމެއް ނުކިޔަމޯ ދެންކީއްކުރަން ރައްޔިޔުންގެ ޓެކްސް ފައިސާ އިން ބޮޑުމުސާރަ ދީފަަބަހައްޓާ މިނިސްޓަރެއްބާ. ސަރުކާރައްބަލަދު އަރާފަ ހުންނަމީހެއްބާ ތިމިނިސްޓަރަކީ!!
ދިއްދޫމީހާ
17 October 2022
މިކަހަލަ މީހުން ލާގެން ޤައުމެއް ހިންގާނެ ގޮތް ބުނެބަލަ؟ މިކަހަލަ މީހުން ގޮވާގެން މަރުވެފަ އޮންނަ ބޯވާ އެއްވެސް ނުނެގޭނެ..
މަލައިކޮއި
17 October 2022
މީނަ އިސްތިއުފަ ދޭންޖެހޭ
އައިޝާ ބުރުމާ
17 October 2022
ހުސޭނު 12 ޖަހާއިރު އޮފީހަށްގޮސް ސޮއެކޮށްފަ ދެން ލަންޗަށް ބޭރަށް ޖެހިފަ އައިސް ސޮއިކޮށްލާފަ ހަވީރު ސަޔަކަ/ސް ގޮސްފަ، ގާސިމާ ފޯނުން ވާހަކަ ދައްކާލީމަ އޮފީހުގަ ހިގާނުހިގާ ކަމެއް ހަރާމުން ހަރާން އެގޭނަމަ!
ޖުހާނާ
17 October 2022
ކައުންސިލުން ކީއްވެތަ ބޮޑު މޮހޮރާއާއި އަލިމަތާ ، ދިއްގިރި ، ކުނާވަށި ، ސިނަމަން ވެލިފުށި ފަދަ ރަށްތަކަށް އަރާ އެރަށްތަށް އަތުލަން ނޫލެނީ؟؟ ކައުންސިލަތަށް އުވާލަބަލަ...
ބޮޑުމީހާ
17 October 2022
މީތޯ ތިހިންގާ ލާމަރުކަޒީ ނިޒާމަކީ؟ ކޮންމެ ރަށެއްގަ 5 ކައުންސިލަރުން ލާފަ ސަރުކާރުން ދިން އެއްޗަކުން ދިން ވަގުތަކުން ކަމެއްކުރަން!
އޮނަރަބްލް އަފީފު ދީދީ
17 October 2022
މަޤާމާއި ޖާހަތަށްޓަކައި ތިމާގެ އަޤީދާއާއިޙިލާފަށް ﷲ އަށް ބިރުވެތިވުމެއްނެތި ދޮގުބަސްބުނެ ދޮގު ހެކިދިނުމަކީ އިސްލާމްދީނުގައި ހުރެ އިސްލާމަކު ކުރާނެ ކަމެއްނޫން. # ޑެމޮކްރަޓިކް ދައުލަތް ތަކުގައި ވަޒީރަކު އޭނާގެ މަޤާމްގެ ޒިންމާއާއި ބެހޭގޮތުން ދޮގުހަދައިފިނަމަ (ނޫސްތަކަށް ކަމުގައިވިޔަސް) އޭނާގެމައްޗަށް ދައުލަތުގެ ބާރުތަކުން އެކިކަހަލަ ފިޔަވަޅު އެޅުމާއި މަޤާމުން ބޭރުކޮށް ފޮނުވާލުމަކީ އާންމުކަމެއް. މީނާއާއި މެދުވެސް މަޖިލީހުން ފިޔަވަޅު އެޅުން މުހިންމު.
ހުސެއިން ގާޞިމް
17 October 2022
ތިބޭފުޅާ އާ ދެން އަޅުގަންޱުމެ ބައްދަލް ކުރާނީ ރައްޔިތުންގެ މަޖުލީހުން. ވަރައް ވެދުން.
ޖަމާލިއްޔާ
17 October 2022
ކީއްވެގެންތަ މާވަރެއް މިދައްކަނީ އެރަށް ނާތުލަން