މިއުވާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވަނީ ސަރުކާރުގެ ނިންމުން ދިފާއުކުރައްވައި، ރާއްޖޭގެ ސްޓޭންޑް ބަދަލުވީ އިމުގެ މައްސަލާގައި ނޫން ކަމަށް ވިދާޅުވެފައި. -- ފޮޓޯ | ރައީސް އޮފީސް
23 އޮކްޓޯބަރ 2022 - 12:19
ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް، ޗާގޮސްގެ ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖެ އިން ނަގާފައިވާ ސްޓޭންޑް ބަދަލު ނުވާ ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.
ސަރުކާރުން ނިންމާފައި ވަނީ، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ، އެ ގައުމާ އެއްކޮޅަށް އދ. ގައި ވޯޓު ދިނުމަށެވެ. އެއީ، އިމުގެ މައްސަލައިގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސް އަށް ދޭން ނިންމީ ކަމަށް ބުނެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
އެކަމަކު، ރާއްޖޭން ވިސްނުން ބަދަލުކުރީ ޗާގޮސްގެ މިނިވަންކަމާ މެދުގައި ކަަމަށާއި އިމުގެ މައްސަލާގައި ނޫން ކަމަށް އޭޖީ އޮފީހުން ވެސް ރޭ ވަނީ ބުނެފަ އެވެ.
އެ އޮފީހުން ބުނެފަިއވާ ގޮތުގައި ރާއްޖޭގެ ވިސްނުން ބަދަލުކުރީ 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން ކަމަށެވެ. އެއީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއް ކަމާއި އިނގިރޭސި ވިލާތުން އެ ތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ނިންމި ނިންމުމެކެވެ. މީގެ ކުރިން އދ. ގައި ރާއްޖެ އިން މި ނިންމުމަށް ތާއީދެއް ނުކުރެ އެވެ. ބަންޑާރަ ނައިބު އިއްޔެ ހާމަކުރެއްވީ މި ކަމުގައި ސަރުކާރުން ވިސްނުން ބަދަލުކުރި ވާހަކަ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
އެ ވާހަކަ އަށް ބާރު ދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭން ނިންމާފައިވާ ނިންމުމަށް އދ. ގައި ރާއްޖެ އިން ތާއީދުކުރަން ނިންމި މައްސަލަ އާއި ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓްލޮސްގައި ކުރިއަށް ގެންދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށެވެ.
ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން، އެ ކަމަށް އދ. ގެ ގިނަ ގައުމުތަކުން މިހާރު ތާއީދުކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސް އިން ބުނާ މައްސަލައިގައި އިޓްލޮސް ގައި ދިވެހިރާއްޖެ އިން ނަގާފައިވާ ސްޓޭންޑް ބަދަލެއް ނުވޭ،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޗާގޮސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަށް އެއްވެސް އިރެއްގައި ރާއްޖެ އިން ދައުވާއެއް ނުކުރެ އެވެ. އެ މައްސަލައިގެ އިތުރު ތަފުސީލް، މައްސަލައިގެ އަޑުއެހުންތައް މާދަމާ ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
އޭޖީ އޮފީހުން ބުނެފައިވާ ގޮތުގައި ޗާގޮސްގެ ޑީކޮލޮނައިޒޭޝަން މައްސަލައިގައި ރާއްޖެ އިން ވަކި ގޮތަކަށް ވޯޓު ލުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށް ގެންދާ، ޗާގޮސް އާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ މައްސަލައަށް އެއްވެސް އަސަރެއް ވެސް ނުކުރާނެ އެވެ.
އިޓްލޮސް އަށް ޑިސެމްބަރު 18، 2019 ގައި މައްސަލަ ހުށަހެޅީ، މޮރިޝަސް އާއި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) ފުށުއަރާތީ އެ މައްސަލަ ހައްލުކޮށްދޭން އެދި އެވެ. ރާއްޖެ އިން ބުނެފައިވަނީ މިއީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސް އަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެން ވަނީ މޮރިޝަސް އަށް ކަމަށް އެ މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމަކާޒީ
23 October 2022
ތިހެން ބުންޏަސް ގަބޫލުކރާނީ ކިހިނެއް
ބޮޑުމީހާ
23 October 2022
އިބޫ ސޯލިހަކީ ދިވެހި ލޭ ހިންގާ މީހެއް ނަމަ މިކަން މިގޮތަށް ކުރިއަށް ނުގެންދާނެ! މިނިވަންކަމާއި އަމިއްލަ ވަޒަން ސަލާމަތްކުރަން ކުރެވޭ ކޮންމެ މަސައްކަތަކީ ޖިހާދެެއް!
އަޒީޒާ
23 October 2022
ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަކީ ދިވެހި ރާއްޖެއަށް ވެވޭ ޚިޔަނާތަކަށް ނުވޭތަ؟ ޗާގޯސް އޮންނާން ވާނީ ރާއްޖެގެ ބައެއްގެ ގޮތުގައެއް ނޫންތަ؟ އިރެއްގަ އިނގިރޭސިންގެ ބާރު އޮތަސް ޒަމާން މިދަނީ ބަދަލުވަމުން.. ރާނީ އެލިޒަބަތު ވެސް ނިމި ދިޔައީ . ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ،..، ޗާގޯސްގެ މިލްކު ވެރިކަން ހޯދަން ދިވެހި ސަރުކާރުން ކްލެއިމް ކުރަން ޖެހޭ، ކޮބާ އެއްކަލަ ރާއްޖެ ކުޑަޔަސް ދުނިޔޭގަ މިހާރު އަޑުގަދަ އޭބުނާ މީހުން؟
ނަޒީޒާ
24 October 2022
ޗާގޯސް އޮންނަންވާނީ ރާއްޖޭގެ ބައެއްގެ ގޮތުގައި ކަމަށް ހީވެގެން ތިއުޅެނީ މިއަދު. އެތައް ސަތޭކަ އަހަރަކުއްސުރެ ކުރިން އެތަން އޮތީ މޮރިޝަސްއާ ގުޅިފައި. ރާއްޖެއަށްވުރެ މާކުރިން މޮރިޝަސްއިން އެތަންވަނީ ކްލެއިމްކޮށްފައި. އެތަން ހޯދަން މާ ކުރިއްސުރެ މައްސަލަ ޖައްސަނީ އެމީހުން.
އާނއެ
23 October 2022
ކޮންމެ ކަމެއް ސިޔާސީ ކުރުމަކީ ރަގަޅު ގޮތެއް ނޫން. ކަންކަން އޮޅުވާލައިގެން ކަންތައްތައް ފާލުން ނައްޓާވަރަށް ގެންދިއުމުން އުފެދޭނީ އިތުރު ހަމަނުޖެހުން. ކޮންމެ ކަމެއްގަ އިންޑިއާގެ ނުފޫޒު އޮތްވަރު ނުބަލާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލިދާނެކަމަށް ކިޔާ މައްސަލައަށް އިހަށް ނުބަލާ ޗާގޯސް މޮރިޝަސްއަށް ލިބޭ ލިބުމަކީ ރާއްޖެވެސް އެކަމަކަށް ތާއީދުކުރަންޖެހޭ ކަމެއް. މާކުރިއްސުރެ ލިބެންވާނެކަމަށް މޮރިޝަސްއިން ވަކާލާތުކުރަމުން އަންނަ ހައްގެއް އެ ލިބެނީ.
ސޭކުބެ
23 October 2022
ތި ސްޓޭންޑުވެސް ބަދަލުކުރަން މަޖުބޫރު ކުރުވާނެ. މީ އިންޑިއާ އަޑީގައޮވެގެން ކުރުވާ ކަންކަން.