ފިރިމީހާ ޑްރަގް ވިޔަފާރި ކޮށްގެން ހޯދި ކަމަށް ބުނާ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ ރާމިޒާ އަލީ ކްރިމިނަލް ކޯޓުން ކުރިން ބޭއްވި އަޑުއެހުމެއްގައި --
25 އޮކްޓޯބަރ 2022 - 10:35
ފިރިމީހާ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ތުހުމަތުވާ ފައިސާ ބޭނުންކުރި ކަމަށް ބުނެ ދައުލަތުން އަންހެނެއްގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
ގދ. ތިނަދޫ، ލަކީލާސްޓް، ރާމިޒާ އަލީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރީ، އޭނާގެ ފިރިމީހާ ހަސަން ލޫތާއި އިތުރު ބަޔަކާ ގުޅިގެން ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ލޫތު ހައްޔަރުކޮށްފައި ވަނިކޮށް، އޭނާގެ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރިން ހޯދި ފައިސާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި ރާމިޒާ އެ ފައިސާ އިން މުއާމަލާތު ކޮށްފައި ވާ ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި ރާމިޒާގެ ފަރާތުން ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް މިދިޔަ ބުދަ ދުވަހު ނިންމެވީ އެ މައްސަލަ ކޯޓުން ބޭރުކޮށްލާށެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން މިހާރު ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.
މައްސަލަ ބޭރުކޮށްލަން ނިންމި ހުށަހެޅުމަކީ ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ މައްސަލައާ ގުޅޭ ހެކިތަކެއް ނޫން ކަމަށް ބުނެ އެ ހެކިތައް ބަލައިނުގަތުމަށް ރާމިޒާގެ ފަރާތުން އެދުނު ހުށަހެޅުމެކެވެ.
އެ ހެކިތައް ބަލައިނުގަންނަން ނިންމައި މައްސަލަ ބޭރުކޮށްލި އިރު، ދައުލަތުން ބުނަމުން ދިޔައީ ބަލައިނުގަތުމަށް އެދުނު ހެކިތަކަކީ މަނީ ލޯންޑަރިންގެ ކުށުގެ ކުރިން ހިންގި ޑްރަގް ޓްރެފިކިންގެ ކުށް ހިނގިކަން ސާބިތުކުރަން ހުށަހެޅި މުހިންމު ހެކިތަކެއް ކަމަށެވެ. އެ ހެކިތައް ނުގުޅޭ ގޮތެއް ދިފާއަށް ބުނެނުދެވޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
މައްސަލަ ބޭރުކޮށްލަން ގާޒީ އަލީ އާދަމް ނިންމެވި ނިންމެވުމުުގައި ވަނީ ރާމިޒާ މަނީ ލޯންޑަރިންގެ އަމަލެއް ކުރިކަން ސާބިތުކުރެވޭނެ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާ ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަކީ މައްސަލައިގެ ސީދާ މައުލޫއާ ގުޅުން ހުރި ހެކިތަކަކަށް ނުވާ ކަމަށް ނިންމެވުމުގައި ބުންޏެވެ. އެ ހެކިތަކުގެ މައްޗަށް މައްސަލަ ނިންމަން ބަލާއިރު، އޭނާ މަނީ ލޯންޑަރިންގެ އަމަލެއް ކުރިކަން ދަލާލަތުކޮށްދޭ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ގާޒީ އަލީ އާދަމްގެ ނިންމެވުމުގައި ވެ އެވެ.
ރާމިޒާގެ ފިރިމީހާ އާއި އިތުރު ބައެއްގެ މައްޗަށް ކުރާ ޑްރަގް ޓްރެފިކިން އާއި މަނީ ލޯންޑަރިންގެ ދައުވާތައް މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަ ދެ އެވެ.
މަނީ ލޯންޑަރިންގެ ގާނޫނުގައިވާ ގޮތުން ވަކި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވޭ ހާލަތުގައި އެ ފައިސާ އަތުގައި ބަހައްޓައިފި ނަމަ ނުވަތަ އެ އިން މުއާމަލާތުކޮށްފި ނަމަ އެއި މަނީ ލޯންޑަރިން ކަމަށް ބެލެވޭނެ އެވެ.
ލޫތު ހައްޔަރު ކުރުމާ ހަމައަށް ރާމިޒާގެ އިސްލާމިކް ބޭންކް އެކައުންޓަށް އެކި ދުވަސް މަތިން 95،510ރ. އާއި އޭނާގެ ބީއެމްއެލް އެކައުންޓަށް 194،170ރ. އާއި އެ ދެމަފިރިންގެ ފިރިހެން ދަރިފުޅުގެ އެކައުންޓަށް 103،370ރ. ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެ އެވެ. އަދި އެ އެކައުންޓުތަކުގައި ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ޝައްކު ކުރެވޭ ހާލަތު އޮވެ، ރާމިޒާ އެ ފައިސާ ނަގައި ބޭނުންކޮށްފައިވާ ކަމަށް ދައުލަތުން ބުނެ އެވެ.
ފުލުހުން ރާމިޒާ އާއި އޭނާގެ ފިރިމީހާގެ ކޮޓަރި ބަލައި ފާސްކުރި އިރު ލޮކަރެއްގެ ތެރޭގައި ހުރި ދަބަހެއްގެ ތެރެއިން 16،000ރ. އާއި ރަތް ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން އެއް މިލިއަން ރުފިޔާ އާއި ނޫ ކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000ރ. ފެނިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނބި މީހާ
25 October 2022
އެކަށީގެންވާ ރަނގަޅު އަދަދެއް ވެއްޖެއްޔާ ޚުދު އަނބި މީހާވެސް ނާހާނެ އެފައިސާ ހޯދީ ކޮންގޮތަކަށްތޯއޭ. މީ ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި އަދި މިހާރު 2023 އަށް ކެމްޕޭނު ކުރަށްވާ ބޭފުޅެއގެ މޮޓޯ
މިރާޖް ފެނުން!
25 October 2022
ވަޒީފާ ނޫނީ ވިޔަފާރިއެއް ނުވަތަ ފެންނަ ބޮޑު މަސައްކަތެއް ނުކުރާ ފިރިމީހާ އަތުގަ މިލިއަނުން ފައިސާ ފޮށިފޮށީގަ ގޭގަ ހުންނައިރު ކިތަންމެ ގަމާރު ވިޔަސް ކަމެއް ގޯސްކޮންތޯ ދަނީ ސުވާލު ކުރެވޭނެ. ނޫނީ އަންހެނެއްގެ ހައްގުގަ ޗުއްޕެކޭ ވެސް ނުބުނެ ހުރީމަ ތިއްތި ވީތާ!!