ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފާއިތުވި ތިން އަހަރު ސަބްސިޑީއަށް 4.1 ބިލިއަން ރުފިޔާ
25 އޮކްޓޯބަރ 2022 - 15:03
މިދިޔަ ދިޔަ ތިން އަހަރުގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި ސަރުކާރުން 4.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފާއިތުވި ތިން އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީ އަށް ހޭދަކުރި ޖުމްލަ އަދަދު ހޯދަން މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް، ލިޔުމުން ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އެ އަހަރުތަކުގައި ދައުލަތުން ސަބްސިޑީ އަށް ކުރި ހަރަދުތަކުގެ ތަފްސީލު ދެއްވައިފަ އެވެ.
ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ހަރަދު ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކަރަންޓާއި ފެން އަދި ކާބޯތަކެތި އަގުހެޔޮ ކުރަން 1.01 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ސަބްސިޑީގެ ގޮތުގައި 99 މިލިއަން ރުފިޔާ އަދި ތެލުގެ ސަބްސިޑީ އަށް 460 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ޕްރީސްކޫލްތައް ހިންގުމަށް ސަރުކާރުން ވަނީ 20 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ޖުމްލަ ސަބްސިޑީގެ ގޮތުގައި 2019 ވަނަ އަހަރު 1.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު 2020 ވަނަ އަހަރު ހޭދަކުރީ 1.2 ބިލިއަން ރުފިޔާ އެވެ.
މަސްވެރިންގެ ތެލަށް ކުރާ ހަރަދުތަކާ ގުޅޭގޮތުން ބޮންޑޭ ކުރެއްވި ސުވާލުގެ ޖަވާބުގައި ފިނޭންސް މިނިސްޓްރީން ބުނީ، މިދިޔަ އަހަރު 1.3 މިލިއަން ރުފިޔާ އެ ކަމަށް ހަރަދުކުރި ކަމަށެވެ. މަސްވެރިންނަށް ތެޔޮ ދޫކުރުމަށް 2020 ވަނަ އަހަރު ހޭދަކުރީ 1.3 މިލިއަން ރުފިޔާ އެވެ. އަދި 2019 ވަނަ އަހަރު ތެލަށް ހަރަދުކޮށްފައި ވަނީ 167،280ރ. އެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުން ކާބޯތަކެއްޗަށް ދޭ ސަބްސިޑީގެ 0.1 ޕަސެންޓު ފިޔަވައި ހުރިހާ ސަބްސިޑީއެއް ދޭނީ އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ތަކެތި ނުވަތަ ހިދުމަތް ފޯރުކޮށްދޭ ފަރާތަށެވެ. އެހެންވެ، އެއީ ފަގީރުންނަށް ހާއްސަކޮށް ދޭ ސަބްސިޑީއެއްގެ ބަދަލުގައި ހުރިހާ އެންމެނަށް ވެސް ލިބޭ ސަބްސިޑީއެކެވެ.
ސަބްސިޑީގެ ފައިދާ މިހާރު ލިބޭ ފަރާތްތަކުގެ ތެރޭގައި މުއްސަނދިންނާއި ބިދޭސީންނާއި ވިޔަފާރިތަކުގެ އިތުރުން ޓޫރިސްޓުން ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ވިޔަފާރިތަކަށް ދޭ ސަބްސިޑީއަކީ އެ ހައްގުވާ ހުރިހާ ވިޔަފާރިއަކަށް އެއްވަރަކަށް ދޭ ސަބްސިޑީއެކެވެ.
ފަގީރު ހާލުގައި އުޅޭ އާއިލާތަކަށް ކާބޯތަކެތީގެ ސަބްސިޑީ ފޯރުކޮށްދެނީ، ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށެވެ. އަމިއްލަ އަށް އެދުމުން ދޭ އެ ސަބްސިޑީ އަށް ޝަރުތު ހަމަވާ އާއިލާއެއްގެ ގޮތުގައި ބަލަނީ ރާއްޖޭގެ ޕަވަޓީ ލައިނަށް ވުރެ މަދުން އާމްދަނީ ލިބޭ އާއިލާތަކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
26 October 2022
4 ބިލިޔަން އަކީ 4 ލައްކަ މީހުންނަށް އަހަރަކަށް ދިން ހިލޭ އެހީއެއް. ވީމާ ބޮލަކަށް ގާތްގަނޑަކަށް ދުވާލަކަށް 25 ރުފިޔާގެ ހިލޭ އެހީއެއް ދެވިފަވޭ. މާ ބޮޑު އެއްޗެއް ނޫން ދެއްތޯ.
އޮނަރަބްލް އަފީފު ދީދީ
25 October 2022
ސަބްސިޑީޒްގެގޮތުގައި ދައުލަތުން ރައްޔިތުންގެމައްޗަށް ހޭދަކުރާފައިސާއަށްވުރެން 4 ގުނަ ބޮޑުއަދަދަކަށް ދައުލަތާއި ދައުލަތްޙިއްސާވާ ކުންފުނިތަކުގެ އޮފީހާއި، ގުދަން އަދި ވެހިކަލް ގަރާޖުފަދަތަންތަން ކ.އަތޮޅުމާލެއިން ކުއްޔަށްހިފައިގެން މާލޭމީހާއަށް ކުލީގެގޮތުގައިދެމުންގެންދާކަން އިގެނީ ކިތައްރައްޔިތުނަށް. # މާލޭމީހުން ވަންނާނެ ބޯހިޔާވަހިކަމެއްނެތިގެން މިސްކިތްތަކާއި މަގުމަތީގައިނިދާއިރު ކީއްވެގެންތޯ ސަރުކާރުން އެމީހުންގެ ގޮވަތޮ ގެދޮރު ހިފައިގެން އުޅެނީ.
އޮނަރަބްލް އަފީފު ދީދީ
25 October 2022
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާނެ ކާޑުގެ ބާވަތްތަކާއި ޑީސަލް، ޕެޓްރޯލް އަދި ޖެޓްފިއުލް އާއި ބެހޭ ޤާނޫނެއްހަދާ ރައްޔިތުންނަށް ފޫޑު ސިކިއުރިޓީގެ ޔަޤީންކަން ދޭންޖެހޭ. # މިގޮތުން ކާޑާއި ތެޔޮ ރައްކާކުރާނެ ވަސީލަތްތައް ކ.އަތޮޅުގެ އިތުރުން ހަނިމާދުއާއި އައްޑޫސިޓީގައި ޤާއިމްކޮށް މާލޭއެއަރޕޯޓާއި ހަނިމާދޫ އަދި ގޭންއެއަރޕޯޓްގައި ރަނގަޅު އަދޑަކަށް ޖެޓްފިއުލް ރައްކާކުރެވޭނެ ފިއުމްފާމް ތައް ހަދާކަށްނުވޭތޯ.
އެމްސް
25 October 2022
1 އަހަރުގެ ސަބްސިޑީސް އަަށްވުރެ ބޮޑު އެއްޗެއް ބަދަލުގެ ގޮތުގަވެސް ދެވުނު އަދި އެވެސް އެއް ޢާއިލާއެއްގެ އެކިއެކި ކުންފުނިތައް މައްޗަށް!
ކޮރަލް
25 October 2022
ދުނިޔޭގެ އެއްވެސް ތާކު މިގޮތައް ސަބްސިޑީ އެއް ނުދެ އެވެ. ހައްގު މީހުންނަށް ސަބްސިޑީ ދޭން ވީ އެވެ. މިލިއަނަރުންނާ ބޮޑެތި ވިޔަފާރި ވެރީން ނަށް ތިޔަ ދޭނެ ކަމެއް ނެތެވެ.
ހަސަނާއި
25 October 2022
ކަލޭމެން ސިޔާސީމަގާމުތައް އުފައްދާ، ބޭކާރުގޮތުގަ ކިތަށް ބިލިޔަން ޚަރަދު ކޮށްފިތޯ
ދގދސެފ×
25 October 2022
ސަބްސިޑީއަކީ އަސްލު އެންމެނަށް ދޭއެއްޗެއްނޫން. އެއީ އެބޭނުންވާމީހާ ނަގާން އޮންނައެއްޗެއް.