އެންމެންނަށް ދޭ ގޮތަށް އޮތުމުގެ ބަދަލުގައި، ތެލުގެ ސަބްސިޑީ، ހަމައެކަނި އެ ބޭނުން ޖެހިފައިވާ މީހުންނަށް އެކަނި ދޭ ގޮތަށް ބަދަލު ކުރާ ގޮތަށް ނިންމައި އޭގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާނު ކުރައްވައިފި އެވެ.
"...މި ބަދަލު ތަފްސީލުކޮށް ތަންޒީމުކޮށް، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ސަރުކާރުން ފެށި ވާހަކަ ދަންނަވަން. މިއީ ދުޅަހެޔޮ އިގްތިސާދީ އޮމާން ދުވެލީގެ ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް މި ވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް،" ކަރަންޓުގެ އަގުހެޔޮ ކުރުމަށާއި މަސްވެރިންނަށް ސަރުކާރުން ދޭ ސަބްސިޑީގެ ސިޔާސަތު ބަދަލުކުރަން ނިންމިކަން އިއުލާނު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
މިއަދު ފާހަގަކުރާ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ތަގުރީރުގައި އެ މަނިކުފާނު ވިދާޅުވިގޮތުގައި ތެލުގެ ސަބްސިޑީ އަށް ސަރުކާރުން މި އަހަރު އަންދާޒާކުރި ވަރު އެތައް ގުނައެއް ވަނީ މަތިވެފަ އެވެ. ތެލުގެ ސަބްސިޑީ އަށް މި އަހަރުގެ ބަޖެޓުގައި ހިމެނީ 341.5 މިލިއަން ރުފިޔާ ކަމަށް ވިޔަސް މިދިޔަ ޖޫން މަހުގެ ނިޔަލަށް އެކަނި ވެސް އެ ކަމަށް 910.3 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކޮށްފި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ތެލުގެ ސަބްސިޑީގެ ހަރަދު މައްޗަށް ދިޔައީ ރަޝިއާ-ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ކަމަށެވެ.
"މިހާރު ލަފާ ކުރެވޭ ގޮތުން މި އަހަރުގެ ނިޔަލަށް މި ހާލަތުގައި ދާ ނަމަ ޖުމުލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީ އަށް ސަރުކާރުން ހަރަދު ކުރަން ޖެހޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ދިގުލަމުންދާ މި ހަނގުރާމައިން ދެން އަތުވެދާނެ ހުރިހާ ހާލަތަކަށް ވިސްނައި ތިބުމަކީ ކުރަންޖެހޭ ކަމެއް. މިއީ މި ހާލަތާ ގުޅޭ ގޮތަށް އިގުތިސާދީ ސިޔާސަތަށް ބަދަލު ގެންނަން ޖެހޭ ވަގުތު."
ތެލުގެ ސަބްސިޑީ އަކީ މިހާރު އާންމުކޮށް ދޭ ގޮތަށް އޮންނަ އެއްޗެކެވެ. ތެލުގެ އަގު ކިތަންމެ ބޮޑުވިޔަސް، ކަރަންޓް ބިލުން އެބައި ނުފެންނަނީ ސަރުކާރުން އެ ސަބްސިޑީ ދޭތީ އެވެ.
ތެލުގެ އަގަށް މާ ބޮޑު ބަދަލެއް ނުގެނޭ
ރައީސް ވިދާޅުވީ، ރަޝިޔއާ-ޔުކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި މުދަލުގެ އަގު އިންތިހާ އަށް އުފުލިފައިވާ ކަމަށާއި އެކަމަކު އެހެން ގައުމުތަކުގެ މީހުންނަށް އޭގެ ނުރަނގަޅު އަސަރުކުރާ ވަރާ ގާތަށް ވެސް ދިވެހިންނަށް އަދި ނުކުރާ ކަމަށެވެ.
"ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވި ވަރާ ކައިރިއަށް ވެސް ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަން. ސަބަބަކީ އޭގެ ހަގީގީ ބުރަ ސަރުކާރުން އުފުލަމުންދާތީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ނާޒުކު ދަނޑިވަޅުގައި ރާއްޖޭގެ އިގުތިސާދުގެ ހަމަ ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކޮންމެހެން މުހިންމު ކަމަށެވެ. ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ކުރިމަތިވާ ހުރަސްތަކާއި ގުޑުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވާތީ އެ މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވި އެވެ.
މިހާރު ލަފާ ކުރެވޭ ގޮތުން މި އަހަރުގެ ނިޔަލަށް މި ހާލަތުގައި ދާ ނަމަ ޖުމުލަ 1.95 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީ އަށް ސަރުކާރުން ހަރަދު ކުރަން ޖެހޭނެ-- ރައީސް
އެ ޒިންމާ ނަގައިގެން ސަރުކާރުން ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ، އެ މަނިކުފާނު ވިދާޅުވިގޮތުގައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމެވެ. އެހެންވެ، ސަރުކާރުގެ ރިކަރަންޓް ހަރަދުތައް މިހާރު މަހުންމަހަށް އަންނަނީ ހިފަހައްޓަމުން ކަމަށް ވިދާޅުވި އެވެ.
"ސީދާ ބަޖެޓުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ބައެއް ޕްރޮޖެކްޓްތައް ފެށުން މި ވަގުތަށް ވަނީ މަޑުޖައްސާލާފައި. ހަމަ އެއާއެކު، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ސިޔާސަތުތަކަށް ބަދަލު އެބަ ގެންނަން،" އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ތެލުގެ ސަބްސިޑީ ދިނުމުގެ ސިޔާސަތު އާންމު ކުރަން ސަރުކާރުން ނިންމީ އާމްދަނީ އިތުރުކުރުމުގެ ބޭނުމުގައި ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑަށް ފަހު އަދިވެސް ހުރަސްތައް!
ރައީސްގެ މި އަހަރުގެ މިނިވަން ދުވަހުގެ ތަގުރީރުގައި ވިދާޅުވީ، މިދިޔަ އަހަރުގެ މި ދުވަސް ފާހަގަކުރި ހާލަތަށް ބަލާއިރު މިއަދު ތަފާތު ކަމަށެވެ. އޭރު ރާއްޖެ އަށް ވެސް އޮތީ ކޮވިޑް-19 ވަބާގެ ބިރުވެރި ވިލާގަނޑު އައިސްފައި ކަމަށާއި އެކަމާ ގުޅިގެން ދިމާވި އިގުތިސާދީ ދަތިތަކާއި އިޖުތިމާއީ ގޮންޖެހުންތައް ގިނަ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ކޮވިޑާ ގުޅިގެން، މިއިން ދުވަހަކު ނުދާހާ ދަށަށް ރާއްޖޭގެ އިގުތިސާދު ދިޔަ ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއަކީ މި އަހަރު ނިމޭއިރު 2019 ގައި ހުރި ވަރަށް ރާއްޖޭގެ އިގުތިސޯދު ގެންދެވުން ކަމަށެވެ.
"އެހެން ނަމަވެސް މި ކާމިޔާބީގެ ހެޔޮ އަސަރު އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސްތަކެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެންމެ ޒަރޫރީ މުދަލާއި ހިދުމަތުގެ އަގަށް ލޮޅުން ގެނުވާ ފަދަ ނާދިރު ހަނގުރާމައިގެ ހާލަތަކަށް، ދުނިޔެ މިހާރު ވަނީ ފެތިފައި ކަމަށެވެ. ރަޝިއާ-ޔުކްރެއިން ހަނގުރާމަ ހިނގަނީ ރާއްޖެއާ މާ ދުރުގައި ކަމަށް ވިޔަސް މިއަދު ދިވެހިން އަނެއްކާވެސް ތިބީ 'މި ދެންނެވި ނުއަތު އޮއިވަރުގެ މެދުގައި' ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ހަނގުރާމައިގެ ސަބަބުން ހުރިހާ ގައުމަކަށް އޮތް ގޮންޖެހުންތައް އަޅުގަނޑުމެންނާ ވެސް ކުރިމަތިވެއްޖެ. ކޯވިޑްގެ ގެއްލުމުން އަރައިގަތުމަށް އެޅުނު ފިޔަވަޅުތަކުގެ ހެޔޮ އަސަރާއި މި ހަނގުރާމައިގެ ނޭދެވޭ އަސަރުގެ ދެބައްރާޅު ބައްދަލުވިތާ މަސްތަކެއް ފާއިތުވެއްޖެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކީ، އެ ވަގުތަކު ދުނިޔެ އަށް ކުރިމަތިވާ ކޮންމެ ކޮޅިގަނޑަކުން ސަލާމަތްވެ، ރައްޔިތުންނާއިގެން އަމާން ބަނދަރަކަށް ވަދެވޭނެ މިސްރާބަށް ދީލާލުން ކަމަށެވެ.
"ރައްޔިތުންނަށް އަޅުގަނޑުމެން ވީ ވައުދުތައް ފުއްދަމުން، މާ އުފާފާގަތި މާދަމާއެއް ހޯދުމަށް ސަރުކާރުން އަބަދަވެސް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.