ޚަބަރު / މަޖީދިއްޔާ ސްކޫލް

މަޖީދިއްޔާ ސްކޫލަކީ ދިވެހިންގެ ފަހުރާއި ޝަރަފުގެ ރަމްޒެއް: ރައީސް

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

މަޖީދިއްޔާ ސްކޫލަކީ ހަމައެކަނި ސްކޫލެއް ނޫން ކަމަށާއި އެއީ ދިވެހިންގެ ފަހުރާއި ޝަރަފުގެ ރަމްޒު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ތަރައްގީ އާއި ތަހުޒީބުގެ ކުރިބޯށިތައް ދިވެހިންނަށް ދައްކުވައިދިން ހައިބަވެތި ބިނާއަކީ އެ ސްކޫލު ކަމަށެވެ.

މަޖީދިއްޔާ ސްކޫލަކީ ދިވެހިންގެ އުމްރާނީ ފަންނުވެރިިކަމުގެ ހަގުހުރި ތަރިއެއް ކަމަށާއި އެ ތަރިކަ އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ ގައުމީ ވާޖިބެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މީގެ 95 އަހަރު ކުރިން ދިއްލި މި އަލިގަދަ ދަންމަރުގެ ނޫރު މުޅި ރާއްޖެ އަށް އަލިކޮށްފި. މިއީ މި ފާހަގަކުރަނީ ހަމައެކަނި މަޖީދިއްޔާގެ އަހަރީ ދުވަހެއް ނޫން. މި ފާހަގަކުރަނީ އެ ނޫރުން އެ ކުރި އަލިކަމުގެ ތެރޭގައި ދިވެހިން ހޯދި ތަރައްގީ އާއި ދިވެހި އުއްމަތަށް ލިބުނު ކާމިޔާބީގެ ހަނދާންތައް،" ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނު ވިދާޅުވީ، ގައުމެއް ތަރައްގީވެ، ކުރިއަރައި ދިއުމަށް ބޭނުންވާ ހުރިހާ ދާއިރާއަކުން މަޖީދިއްޔާ އިން މީހުން ބިނާކޮށްދީފައިވާ ކަމަށާއި އެ ސްކޫލުން ތައުލީމް ހާސިލުކުރި އެތައް ދަރިންނެއް ގައުމުގެ އެންމެ ކުރީ ސަފުގައި ހިދުމަތުގައި މިހާރު ވެސް އެބަތިބި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ އެންމެ ބޮޑު އެއް ހިއްސާ އޮތީ މަޖީދިއްޔާ ސްކޫލުގަ އެވެ. އެ ސްކޫލު ހުޅުވުމަށް ފަހު، ރާއްޖޭގެ ގައުމީ ހަޔާތުގައި އައި ކޮންމެ ދުވަަހަކީ ވެސް ދަރިވަރުވި ޒުވާނުންގެ ހިދުމަތްތައް ގައުމަށް ލިބެމުން އަންނަ ދުވަހެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އެންމެ އިހުއްސުރެ ވެސް ތައުލީމަށް ލޯބިކުރި ބައެއް ކަމަށާއި އެދުރުބެއިންނާއި އެދުރުދައިތައިންގެ ގާތަށް ގޮސް ވޮށިފިލައިގައި ކިޔަވައި އުޅުނު ބައެއް ކަމަށެވެ. އޭރުގެ ކިޔަވައިދިނުމުގެ މަންހަޖަކީ އެ ބަޔަކަށް އެނގުނު މިންވަރަކަށް ކިޔަވައިދިނުން ނަމަވެސް އޭޕްރީ 19، 1927 ގައި މަދަރުސަތުއް ސަލާހިއްޔާ ވުޖޫދުވުން އެއީ ދިވެހިންގެ ނަސީބު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއީ މަޖީދިއްޔާ ސްކޫލުގެ ފެށުން. މުޅި ދިވެހި އުއްމަތަށް ތައުލީމުގެ އަލިކަން ފެތުރެން ފެށީ މި މަދަރުސާ އުފަންވި ހިސާބުން. އެ ދުވަހުން ފެށިގެން އެ ސްކޫލަށް ވަންނަ ކުދިންގެ އަދަދު އައީ އިތުރުވަމުން،" ރައީސް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ރޭ ބައިވެރިވެ ވަޑައިގަންނަވަނީ.

ރާއްޖޭގެ ތައުލީމީ ހަޔާތަށް މިވީ ދިގު މުއްދަތުގެ ތެރޭގައި އެތަކެއް ގޮންޖެހުންތަކެއް ހުރަސްކޮށް މިއަދާ ހަމައަށް އައިއިރު ވަނީ ވަކި ޖިންސެއް ތަފާތުނުކޮށް ފަށާ ތައުލީމަކީ ކޮންމެ ކުއްޖަކަށް ވެސް ލިބިގެންވާ ހައްގަކަށް ބަދަލުވެފައިވާ ކަމަށް ރައިސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ރައީސް ވަނީ އެ މަނިކުފާނުގެ ތައުލީމީ ހަޔާތުގެ ދުވަސްތައް ވެސް ހަނދާން އާކުރައްވައިފަ އެވެ. މަދަރުސީ ދައުރަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަންނާނެ އެންމެ އުފާވެރި ދުވަސްތައް ކަމަށާއި ހަނދާނުން ނުފިލާނެ އެތައް ކަމެއް އެ ދުވަސްވަރު ދިމާވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ.

"އޭރުގެ އެ ހަނދާންތައް [ސްކޫލު ދައުރު] މިހާރު ވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުރި. މީހުންނަށް އިހުތިރާމު ކުރުމާއި އެހެން މީހުންނާ އެކު އުޅެން ދަސްވުމާއި ދިރިއުޅުމުގެ މި ކަހަލަ ކަންކަން އަޅުގަނޑަށް ލިބުނީ މި ހިޔާވަހިކަމުގެ ދަށުން. ސްކޫލު ޕްރިފެކްޓެއްގެ ގޮތުގަ އާއި ސިކަންދަރީ ހައުސްގެ ކެޕްޓަންކަމާއި ސްކޫލުގެ ގޭމްސް ކެޕްޓަން ކަމުގެ މަގާމުގައި ހުރެ އަދާކުރަންޖެހުނު ދައުރަކީ އަޅުގަނޑުގެ ދިރިއުޅުމުގެ އަމަލީ މައިދާނަށް މަގުކޮށައިދިން ކަންކަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި އެކަމުގެ ޝުކުރު އަދާކުރެއްވީ މަޖީދިއްޔާ ސްކޫލުގެ ބިންގާ އަޅުއްވައި، ތައުލީމް ދޭން ފެއްޓެވި އަލް މަރްހޫމް ހުސެއިން ސަލާހުއްދީނަށެވެ. އަދި ފާއިތުވި ތަނުގައި ސްކޫލު ހިންގުމުގައި އުޅުއްވި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ.

އެ ޖަލްސާގައި ވަނީ މަޖީދިއްޔާ ސްކޫލަށް 20-25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންނަށް ހިދުމަތުގެ ޝަރަފު އަރުވައިފަ އެވެ. ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިވި ކުންފުނިތަކަށް ވެސް މި ޖަލްސާގައި ހަނދާނީ ފިލާ ދިނެވެ.

9 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޝްރަފް

26 October 2022

މަޖީދިއްޔާގެ މުސްކުޅި ދަރިވަރަކަށް ވެވުނީތީ ފަޚުރުވެރިވަން. އަދި 90 އިގެ ކުރީކޮޅު އޯލެވެލް ހަދާ ސްކޫލް ނިންމާލެވުނީތީ އެއަށްވުރެ ފަޚުރުވެރިވޭ. އެހެންނަމަވެސް 2008 ވަނައަހަރު ރައީސް ނަޝީދު ވެރިކަމަށް އައިސް މަޖީދިއްޔާ އަދި އަމީނިއްޔާ އަށް ހެދިގޮތުން ވަރަށް ހިތްހަމަނުޖެހުނު. އަދިއަދަށް ދާންދެންވެސް މަޖީދިއްޔާ އަންހެން ކުއްޖެކޭ ބުނީމަ އައިބު. މަޖީދިއްޔާގެ އެއްބައިގަ ދަރުމަވަންތަ ހަދާ، ނުވިތާކަށް އަހަރުމެން ވަޅުލި ކެޕްސިއުލްވެސް ގެއްލުވާލީ

The name is already taken The name is available. Register?

މަޖީދިއްޔާ އަށް ހުތުރު އެރުއްވީ ރ. ނަޝީދު

26 October 2022

ތެދުފުޅެކެވެ! ނަމަވެސް ފަޚުރުވެރި މަޖީދިއްޔާ މިއަދު ހިނގަމުން އެދަނީ ލަދުވެތި ކަމާއެކުގަ އެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަ ކޮށްގެން ޒަމާންތަކެއް ވަންދެން ހިންގި މަޖީދިއްޔާ އަށް އަންހެން ކުދިންވެސް ވައްދައި މަޖީދިއްޔާގެ ހައިބަތާއި ޙައިޞިއްޔަތު ރައީސް ނަޝީދު ވަނީ ގެއްލުވާލައްވާފަ އެވެ. އަމީނިއްޔާ އަށް ވެސް ވަނީ ހަމަ އެމޭރުމުން ކަންތައް ކުރައްވާފަ އެވެ.

The name is already taken The name is available. Register?

ރޯނުފިލާމީހާ

26 October 2022

ތަނެއްގަ ޒަމާނުއްސުރެ އަށަގަންފައިވާ ރީތީ އުސޫލުތަކާއި އިންސްޓިޓިއުސަން ތައް ގަސްދުގަ ހަލާކުކުރުމަނީ ރނ ގެ ސިކުޑީގެ ރޯނުފިލާކަން ހާމަވާ ކަމެއް. މަޖީދިއްޔާއަކީ ރާއްޖޭގެ އެއްމް ފަހުރުވެރި މުއައްސަސާ. ރާއްޖޭގެ އިލްމީ ކިއްލާ. ނަމަވެސް ރނ އެތަން ހުތުރުއެރުވުމުގެ އިތުރުން’ މަޖްލިހުގަ ތަލުމުގަވެސް ފުރުސަތު ދެނީ ވަކަރުގޭގެ ބީދައިން އަމަލު ހުންނަ މީހުންނައް. ގައުމެއް މިހާރަކު ނެތް.

The name is already taken The name is available. Register?

ޖުޖު

26 October 2022

ހަފްލާތައް ފަޅު ފިލުވުމާ ރިބަން ކެނޑުމާ އިނާމު ދިނުމަކުން ރައްޔިތުންނަށް ކުރިމތިވެފައިވާ ހައްސާސް މައްސަލަތަކަށް އެޑްރެސްކޮށް ރައްޔިތުންނަށް ޖަވާބުދަަރީ ވެވޭ ކަމަށް ދެކެވޭ ހެން ހީވޭ. ދެން އޯކޭ. އަހަރަމެން ހޮވީ.މިއީ އަހަރަމެނގެ މައްސަލައެއް. ބައެއް ފަހަރު ހިތައް އަރާ ރައީސް އަށް ގްރައުންޑް ގަ ވާކަންކަމަށް ކަހާތަން ހިރުވާ ވެސް ނުލަނީ ހެއްޔޭ

The name is already taken The name is available. Register?

ހާމަ333

26 October 2022

މަޖީދިއްޔާއިން ދައްކައިދެނީ ސަރުކާރުތަކުން މާލެއަށް މީހުން ތޮތްޖައްސައި ސެންޓްރަލައިޒް ކުރުމުގެ ސިޔާސަތުގެ މައި ރަމްޒެއްގެ ގޮތުގައި...އެނޫންނަމަ ތިކަހަލަ އެންމެ މަޖީދިއްޔާއެއްނޫން މިއަދު މިރާއްޖޭގަ ހުންނާނީ...ސަރުކާރާއި ސިޔާސީ މީހުން ރައްޔިތުންނޭ ކިޔާފަ އަނގަހުޅުވަން ލަދުގަންނަންޖެހޭ

The name is already taken The name is available. Register?

އަހަންމާ33

26 October 2022

ތަނެއް ދޮރެއް ނުދަންނަ މީހުން ދުނިޔޭގަ އުޅޭކަމުގެ ލާމަސީލު މިސާލެއް މިއީ. ދުނިޔޭގެ ކަންކަން ބަލާ ހޯދާ މީހުންނަށް އެނގޭނެ، ކޮންމެ ގައުމެއްގަވެސް އެލީޓް ސްކޫލްތައް ހުންނަކަން.

The name is already taken The name is available. Register?

މީހެކޭދޯ

26 October 2022

ސަރުކާރު މަޖީދިއްޔާ ސްކޫލް ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެއޭ މަޖީދިއްޔާ ސްކޫލް ފުނޑިގެން ދަނީއޭ ބަދަލުގައި ހުޅުމާލޭގައި 25 ހާސް ކުދިން ނަށް ކިޔަވާ ދެވޭ ފެންވަރުގެ މަޖީދިއްޔާ ސްކޫލެއް އަޅާ އަދި ނާދީ ބިން އިންޑިއާގެ ޓާޓާ އަށް ދިނުމުގެ ބަދަލުގައި އެތަނުގައި މަޖީދިއްޔާގެ ކޮލެޖް ބިނާ ކުރި ނަމަ މާބޮޑަށް ތާހިރުވީސް ނޫންތޭ ރައީސް އިބޫ އަކީ އެއީ އެއްވެސް ކަމެއްވާ ރައީސެއް ނޫނޭ މުޅިން ބާސާ ކަނޑާ ދޮގާއި މަކަރާއި ހީލަތް ހަދައިގެން ވެރިކަން ކުރަން އުޅޭ

The name is already taken The name is available. Register?

އަހަންމާ33

26 October 2022

ވަރަށް ރަގަޅު ވާހަކައެއް. މާލޭގަ އެއްވެސް ޑިވޮލޮޕްމަންޓެއް ނެތް މިހާރު. ހުސްބިމެއް އޮތިއްޔާ ޕާކިންގް ހެދީމަ އެ ނިމުނީ. ސަރުކާރުގެ އިމާރާތްތައް އަޅާ ކުރިޔަށް އޮތް 100 އަހަރަށް އޮފީސް އިމާރާތްތައް ސެންޓްރަލް މާލޭގަ އަޅަން އެބަޖެހޭ. ހުޅުމާލޭ އަދި ގުޅިފަޅުގަ މީހުން ދިރި އުޅެން ފެށީމަ ފަސޭހަ ކަމާ އެކީގަ މީހުންނަށް އޮފީސް ތަކަށް އައިސް އުޅެވޭނީ ވިލާ ކޮލެޖް ހުރި ބިމާ އަދި ކައިރީގަ ހުރި ބިންތައް ނަގާ އިމާރާތް ކޮށްގެން.

The name is already taken The name is available. Register?

ލައިލް

26 October 2022

އޯކޭ މަޖީދިއްޔާ އަކީ ގައުމުގެ ފަހުރެއް! އެކަމަކު ރައީސް ނަޝީދުގެ ޕަޕެޓެއް ތައުލީމީ ވަޒީރު ކަން މިއަދު ކުރަނީ ކީއްވެތޯ؟ ރާއްޖޭގެ ދީނާ އަދި ސަގާފަތާއި ދުރު ކަންކަން ނަޝީދު ފަތުރާއިރު ތައުލީމީ ވަޒީރު އިރުޝާދު ނަގަނީ ރައީސް ސޯލިހުގެ ކައިރިންނެއް ނޫން! ސީދާ ނަޝީދުގެ ބަސް އަހަނީ! ތައުލީމީ ވަޒީރު ބަދަލު ކުރަންޖެހޭ! ތަންކޮޅެއް ހަރުދަނާ ވިސްނުންތެރި މީހެއް ލާބަލަ! ފަޒޫވެސް ރަނގަޅު!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454