27 އޮކްޓޯބަރ 2022 - 13:52
ތައިވާންގެ އެކި ކަންކަމުގައި އަމަލުކުރުމަށް އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައި އޮތް އެތައް އަހަރެއްވީ ދެނެގަތުން، ޗައިނާ އިން އެއްފަރާތްކޮށް އަމިއްލަ ގޮތްތަކެއް ގެންގުޅެމުންދާ ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އިއްޔެ ވިދާޅުވި ގޮތުގައި ތައިވާންގެ ކަންކަމުގައި އެމެރިކާ އާއި ޗައިނާ އިން މިހާތަނަށް ވެސް އަމަލު ކުރަމުން އައީ ދެ ގައުމުގެ ދެމެދުގައި އެތައް އަހަރެއް ވަންދެން އަމަލުކުރަމުން އައި ވަކި ހަމަތަކެއްގެ މަތިންނެވެ. އެހެން ނަމަވެސް، ޗައިނާ އިން އެ ގޮތްތައް މުޅިން އެއްފަރާތްކޮށް ބާރުގެ ބޭނުންކުރުމަށް މިސްރާބު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްލިންކެން ވިދާޅުވީ ތައިވާންގެ މައްސަލައިގައި ޗައިނާ އިން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ޗައިނާގެ ފަރާތުން ތައިވާނަށް އެކި ގޮތްގޮތުން ފިއްތުންތައް ވެސް ކުރިމަތިކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ވެސް ޗައިނާ އިން ތައިވާނަށް ދެމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން
އޭނާ ވިދާޅުވި ގޮތުގައި ތައިވާންގެ މައްސަލައިގައި މުއާމަލާތު ކުރުމަށް ޗައިނާ އާއި އެމެރިކާއާ ދެމެދު ވަކި ދެނެގަތުމެއް ގާއިމުކުރެވިފައި އޮންނަތާ 40 އަހަރު ވެއްޖެ އެވެ. އެ ދެނެގަތުމާ އެއްގޮތަށް އެމެރިކާ އިން އަމަލުކުރަމުން އަންނަނީ އެއް ޗައިނާ ސިޔާސަތު އިސްކޮށްގެން ކަމަށާއި، އެމެރިކާ އިން ތައިވާނަށް ފޯރުކޮށްދެނީ ތައިވާންގެ އަމިއްލަ ދިފާއަށް ބޭނުންވާ ހަތިޔާރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދެނެގަތުމުގެ އެންމެ މުހިންމު ކަމަކީ، ތައިވާންގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާއާ ދެމެދު ކުރިމަތިލުމެއް ނުއުފެދުން ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ. އެހެން ނަމަވެސް ޗައިނާ އިން މިހާރު އެ ދެނެގަތުން އެއްފަރާތްކޮށް، ތައިވާން ޗައިނާއާ އެއްކޮށްލުމުގެ މަސައްކަތް ހަލުވިކޮށްފައިވާ ކަމަށް ބްލިންކެން ތުހުމަތު ކުރެއްވި އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި ޗައިނާއާ އެކުގައި "ފިނި ހަނގުރާމައެއް" ފަށައި، ޗައިނާ ގައިދުކޮށް ހިފެހެއްޓުމަކީ އެމެރިކާ ބޭނުންވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެމެރިކާގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މި މޭރުމުން ވާހަކަ ދެއްކެވި އިރު، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދާދި ފަހުން ވިދާޅުވެފައިވަނީ، ހޮންކޮންގްގެ މައްސަލަ ޗައިނާ ބޭނުންވާ ގޮތަށް ހައްލު ކުރެވި، އެ ސަރަހައްދު މިހާރު އޮތީ ޗައިނާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ. އަދި ދެން ކުރަން އޮތް ކަމަކީ ތައިވާން ކޮންޓްރޯލް ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
30 October 2022
ތައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިނގާ ޗައިނާގެ ސަރަހައްދެއް ކަމަށް ދުނިޔެ ގަބޫލުކުރާ އިރު، ވަކިވެގަތުމަށް ކުރެވޭ މަސައްކަތަކީ ހައިޓްރީޒަންގެ ޢަމަލެއް. އެހެންވެ، ބާރުގެ ބޭނުން ކުރުމުގެ ފުރިހަމަ ހައްގު ޗައިނާ އަށް އޮތް ކަމަށް ދުނިޔޭން ޖެހޭނީ އިޢުތިރާފު ވާން. އަނދައި ހުލި ވާން ބޭނުން ނޫން ނަމަ އެމެރިކާއަށް ވެސް މި ނޫން ޗޮއިސް އެއް ނޯންނާނެ. ޗައިނާ އާ ހަނގުރާމަކޮށް ކުރި އެއް ނުލިބޭނެ އެމެރިކާ އަކަށް. އެމެރިކާ އަށް ފޮނު އެރުވުން ނޫން ކަމެއް ނުވާނެ.
ސަލްސަބޯލު
30 October 2022
ދުނިޔޭގެ އެންމެން އުޅެންވީގޮތް ޑިކްޓޭޓްކޮށް މުޅިދުނިޔެ އެމެރިކާބުނާގޮތަށް އުޅެންޖެހޭނެ ކަމަށް ގަބޫލުކުރިދުވަސް ހިނގައްޖެ އެމެރިކާ މައިތިރިކުރާނީ ޗައިނާއިން
ބެއާރ
29 October 2022
ދެނެގަތުން މި ބަސް ކަމަކު ނުދޭ އެ ހީވަނީ ފައިންޑިންގް ނޫނީ ޑިސްކަވަރީ އަށް ބޭނުން ކުރާ ބަހެއް ހެން، މި ހާލަތުގައި އަންޑަސްޓޭންޑިންގްސް އަށް އެންމެ ރީތި ބަހަކަށް އަން ރިޓެން ރޫލްސް ނުވަތަ ރަސްމީ އެއްބަސްވުމެއް ނެތް ނަމަވެސް ނުރަސްމީކޮށް ދެފަރާތުން ވެސް ގަބޫލު ކުރާ ކަންކަން
1206
28 October 2022
ރާއްޖެއިން ޔޫކޭ އާ ދެކޮޅަށް މޮރިޝަސްގެ ޓެރިޓޯރިއަލް އިންޓެގްރިޓީ ދިފާޢުކޮށްފައި، ޔޫއެސް އާ ދެކޮޅަށް ޗައިނާގެ ޓެރިޓޯރިއަލް އިންޓެގްރިޓީ ދިފާޢު ނުކުރެވޭ/ކުރަން ނުކެރޭ ނަމަ އެއީ ދިވެހި ސަރުކާރާއި ޚާރިޖީ ސިޔާސަތުގެ ދެފުށު އެޅުން. ނޫސްވެރިން މި ކަންކަމާއި ސަރުކާރަށް ފާޑު ނުކިޔަނީ ކީއްވެބާ؟ ދުނިޔޭގެ ކުރިމަތީ އުނުއޮރިޔާން ނިވާނުވާނެތީ ގަންނާ ކުރައްވާ ލަދުންތަ؟ ކޮން ލަދެއް ގަންނާކަށް. އެޔަށް ވުރެ ލަދު ހުތުރު ކަންތައް ކުރޭ މިތަނުގައި.
1206
28 October 2022
ހެއްވާ ކަމެއް. ތައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިނގަންޖެހޭ ޗައިނާގެ ސަރަހައްދެއް ކަމަށް މުޅި ދުނިޔެ ގަބޫލު ކުރޭ. އެކަމަކު އެ ބާރު ތަންފީޒުކުރަން ޗައިނާއަށް ކުރެވޭނެ ކަމެއް ނެތް. ކަމެއް ކޮށްފި ނަމަ އެއީ ޣައިރު ޤާނޫނީ ކަމަކަށް އެބަވޭ. އަނެއްކާ މިހުރިހާ ކަމެއް ޑިކްޓޭޓްކުރަނީ ޗައިނާގެ އިމާ އެއްވެސް ބެހުމެއް ނުވާ އެމެރިކާ. މިހުރީ ދުނިޔޭގައި ހިނގާ ހަމަ ނުޖެހޭ އުސޫލު. އިމުގެ ސިޔާދަތީ ހައްގު ދިފާއުކުރުން އެއީ ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ހައްގެއް.
އަބްޑޫޅް
28 October 2022
އިގިރޭސި ބަހުގެ "އަންޑަރުއިޝްޓޭންޑިންގު" މި ބަހަށް، "ދެނެގަތުން" އަށްވުރެން ރަގަޅު ބަހެއް ނުފެނުނީތަ؟ "ހިޔާލުއެއްގޮތްވުން" ވެސް މާ ރަނގަޅު.
1206
28 October 2022
ފަހުމުނާމާ
ވަހީދު
27 October 2022
ޓައިވާނާއި ދެކޮނު ކޮރެއާއަށް އަތް ގަދަކޮށްގެން އެމެރިކާގެ ބޭނުން ފުއްދޭތޯ ބަލަނީ
ބީރުބޮލުވަޒީރު.
27 October 2022
އެމެރިކާ މުޅިދުނިޔޭގައި ލޭ އޮހުރުވާ ފޭރިކޭ ޒަމާނެއް ހިނގައްޖެ. އޭރު ޗައިނާއާއި ރަސިއާފަދަ ގައުމުތައް ލޯ މަރާލައިގެން ތިބީ އެމީހުނަށް އެމެރިކާއާއި ދިމާކުރެވޭނެ އުރުއްޕަތެއް ނެތީމަ. އަނިޔާވެރިންގެ އަނިޔާވެރިކަން ނިންމާނެ ބަޔަކު ނުނިކުތުމަކީ މުޅި އިންސާނިއްޔަތު ލަދުވެތިވާންޖެހޭކަމެއް، އެކަންކުރަން އެނިކުތީ ޗައިނާއާއި ރަސިއާ. އިސްލާމުންގެތެރެއިން އީރާނު. ބައި މަދަސް އާހިރުގަ އެމީހުނަށް ނަސްރުލިބޭނެ.