ލައިފްސްޓައިލް / މުފްތީ މެންކް

ހިތް އެދޭ ކަމެއް ﷲ ފަސްކުރައްވާނީ ތިމާއަށް އެއަށް ވުރެ ހެޔޮ ގޮތެއް އޮތަތީ: މެންކް

މާލޭ ކާނިވަލުގައި ބޭއްވި، ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސްގައި އޭނާ ވާހަކަދައްކަވަނީ: އޭނާ ވާހަކަދެއްކެވީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް"އާ ގުޅޭގޮތުން -- ފޮޓޯ: ނިޝާން އަލީ | މިހާރު

ތިމާ ހިތް އެދޭ ކަމެއް ހާސިލުވުން މާތްﷲ ފަސްކުރައްވާނީ ތިމާއަށް އެއަށް ވުރެ މާ ރަނގަޅު، ހެޔޮ ގޮތެއް އޮތަތީ ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރޭ ވިދާޅުވެއްޖެ އެވެ.

"ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް"ގެ މައުލޫއަށް މާލޭ ކާނިވަލުގައި ދެއްވި ދަރުސްގައި މެންކް ވިދާޅުވީ ބައެއް ފަހަރު އާއިލާ އާއި ވަޒީފާގައި ދިމާވާ އުނދަގޫތަކުގަޔާއި އަދި މާލީ ދަތިކަމެއް ކުރިމަތިވުން ކަހަލަ ކަންކަމުގެ ސަބަބުން ވެސް ބައެއް މީހުންގެ ނަފުސާނީ ހާލަތު ވަރަށް ބޮޑަށް ދަށްވާތަން ފެންނަ ކަމަށެވެ. އެކަމަކު އެއީ އިމްތިހާނެއް ކަމަށާއި މާތްﷲ ތިމާގެ އަތުން އެއްޗެއް ގެންދަވާނީ، ތިމާގެ އަމިއްލަ ނަފުސުގެ ރައްކަލަށް ކަން ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ގިނަ ބަޔަކު ބައިވެރިވި ދަރުސްގައި، އޭގެ ފުރިހަމަ މިސާލެއް ވެސް މެންކް ކިޔައިދެއްވި އެވެ.

ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އަޑުއަހަން ކާނިވަލަށް ދިޔަ މީހުން އެތަން ފުރާލައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މަންމަ ގާތުގައި ތުއްތު ކުއްޖަކު މި ބުނަނީ ތޫނު ވަޅިއެއް ދޭށޭ. އެކަމަކު އެ ކުއްޖާ އެހެން ބުންޏަސް، މަންމައަކު އެ ކުއްޖާ އަށް އެ ވަޅިއެއް ނުދޭނެއެއްނުންތޯ؟ އެއީ އޭގެ ނުރައްކާ މަންމަ އަށް އެނގޭތީީ. ހަމަ އެގޮތަށް ދިރިއުޅުމުގައި ތިމާ އަށް ބައެއް ކަންކަން ހާސިލުނުވުމަކީ ނިއުމަތެއް ކަމަށް ދެކެން ޖެހޭ. އެކަން ނުވީ ތިބާ އަށް ގެއްލުމެއް ވެދާނެތީ ކަމަށް ވެސް ވެދާނެ. އަދި ދެން ލިބެން އޮތް އެއްޗެއް ނުވަތަ ދެން ވާން އޮތްގޮތް މާ ރަނގަޅު ގޮތަކަށް ވެސް ވެދާނެ،" މެންކް ވިދާޅުވި އެވެ.

އެހެން މީހުންނަށް ލިބޭ ނިއުމަތްތަކަށް ހަސަދަވެރިނުވުމަށް މެންކް ނަސޭހަތްތެރިވެ ވަޑައިަގެތެ. އަދި އެހެން މީހުންނަށް ލިބޭ ނިއުމަތްތައް ބީވެ ދިއުމަށް އެދުމުގެ ބަދަލުގައި، ތިމާ އަށް ހެޔޮ ނިއުމަތެއް މިންވަރު ކުރައްވާތޯ ﷲ އަށް ދުއާކުރުމަށް ވެސް އެދިވަޑައިގަތެވެ.

ޑިޕްރެޝަނަށް ދަނީ އީމާންތެރިކަން ކުޑަވެގެނެއް ނޫން

ގަޑިއިރެއްހާއިރަށް ދެމިގެންދިޔަ ދަރުސްގައި މެންކް ވިދާޅުވީ ޑިޕްރެޝަނަކީ އީމާންތެރިކަން ބަލިކަށިވެގެން ކުރިމަތިވާ ކަމެއް ނޫން ކަމަށެވެ.

މާލޭ ކާނިވަލުގައި ބޭއްވި، ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އަޑުއަހަން ދިޔަ ބަޔަކު -- ފޮޓޯ: ނިޝާން އަލީ | މިހާރު

މެންކް ވިދާޅުވި ގޮތުގައި އީމާންތެރިކަން ވަރުގަދަވުމުން މާޔޫސްވުމާއި ކަންބޮޑުވުމާއި އަދި ހާސްވުމުން މީހާ ސަލާމަތްކޮށްދޭނެ ކަމަށެވެ. އެކަމަކު އޭގެ މާނައަކީ އެ މީހާކީ ޑިޕްރެޝަނަށް ނުދާނެ މީހެއް ނޫން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޑިޕްރެޝަނަށް ދަނީ އީމާންތެރިކަން ބަލިކަށިވެގެންނޭ ވެސް ނުބުނެވޭނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދިރިއުޅުމުގައި ހާސްކަމާއި ކަންބޮޑުވުން ކުރިމަތިނުވާނެ އެއްވެސް ނަފުސެއް ނުވެ އެވެ.

އިނގޭތޯ؟ މާޔޫސްވުމަކީ ހަމަ ކޮންމެ ނަފުސަކަށް ވެސް ކުރިމަތިވެދާނެ ކަމެއް: މެންކް

ދިރިއުޅުމުގައި ދިމާވާ ކޮންމެ ހިތްދަތި ކަމަކީ ތިމާގެ އިމާންތެރިކަން ކުޑަވެގެން ދިމާވާ ކަމެއް ނޫން ކަމަށާއި އެއީ އިންސާނީ ފިތުރަތުގައިވާ ކަމެއް ކަމަށް މެންކް ވިދާޅުވި އެވެ. އެކަމަކު އީމާންތެރިކަން ވަރުގަދަ ނަމަ، މާޔޫސްކަމުން ލިބޭ ގެއްލުން ކުޑަކުރެވިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"އިނގޭތޯ؟ މާޔޫސްވުމަކީ ހަމަ ކޮންމެ ނަފުސަކަށް ވެސް ކުރިމަތިވެދާނެ ކަމެއް،" މެންކް ވިދާޅުވި އެވެ.

"އެކަމަކު ދެރަވެ، ހާސްވެ، ކަންބޮޑުވުމަކީ ނަމާދު އަޅަން ޖެހޭ އުޒުރެއް ވެސް ނޫން. ނަމާދު ގަވާއިދުން ކުރަން ޖެހޭ. ފަތިސް ނަމާދުވިޔަސް، މެންދުރު ނަމާދު ވިޔަސް، ހުރިހާ ނަމާދެއް ވެސް އަދާކުރަން ޖެހޭ. ތިމާ އަށް ކުރިމަތިވާ އިމްތިހާނުތަކާއި ކަންބޮޑުވުންތަކާއި ޝައްކުތަކާއި ބިރުވެރިކަމާ ހުރިހާ ކަމެއް ބަލަހައްޓަވަނީ މާތްﷲ. އެކަލާނގެ ޙަޟްރަތަށް އެނބުރި ރުޖޫއަވާ އަޅަކަށް އެކަލާނގެ ހެޔޮ މަގު ދައްކަވާނެ،" މެންކް ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އަޑުއަހަން ކާނިވަލަށް ދިޔަ މީހުން އެތަން ފުރާލައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މެންކް ވިދާޅުވީ ހާސްވެ، ކަންބޮޑުވުން ކަހަލަ ކަންކަމުން ދުރުވުމަށް ރޭގަނޑުގެ ނިންޖަކީ ވެސް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަވަހަށް ނިދައި، އަވަހަށް ހޭލަން އާދަކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެއީ ކީރިތި ރަސޫލާ މުހައްމަދު ﷺ ވެސް ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާތްﷲ އިންސާނުން ދުނިޔެ އަށް ފޮނުވީ ހާއްސަ "މެކޭނިޒަމެއް" އަދި "ޕްލޭނެއް"ގެ ތެރެއިންނެވެ. މިސާލެއްގެ ގޮތުގައި ވިދާޅުވީ، އިންސާނުން ދުނިޔެ އަށް ފޮނުވުމުގެ މާ ކުރިން މާތްﷲ ދުވާލައި ރޭގަނޑު ލެއްވި ކަން އެނގެން އޮތުމެވެ. ރޭގަނޑު ލެއްވީ އިންސާނުން ނިދައި އަރާމުކުރުމަށް ކަމަށާއި އަދި ދުވާލު ލެއްވީ އިންސާނުން ދިރިއުޅުމަށް މަސައްކަތްކުރުމަށް ކަމަށް މާތްﷲގެ ވަހީބަސްފުޅުގައިވާކަން ފާހަގަކުރެއްވި އެވެ.

"އެހެންވެ، ކޮންމެ ދުވަހަކު ހެނދުނު އަވަހަށް ހޭލާ ނަމަ، މީހާ އަށް ކުރިމަތިވާ ބައެއް މައްސަލަތައް ހައްލުވާނެ. ސަބަބަކީ އެއީ މާތްﷲ އެކަން ރާއްވާވާފައި އޮތް ގޮތަށް ވާތީ. ރޭގަނޑު އަވަހަށް ނިދުމުގެ ފައިދާ އަކީ ކޮބައިކަން ތި ބޭފުޅުންނަށް ނޭނގިދާނެ. އެކަމަކު މިިހާރުގެ ސިއްހީ ދިރާސާތަކުން އެބަ ބުނޭ ވީހާ ވެސް އަވަހަށް ނިދަން ދިއުމަކީ ވަރަށް ފައިދާކުރާ ކަމެއް ކަމަށް،" މެންކް ވިދާޅުވި އެވެ.

މާލޭ ކާނިވަލުގައި ބޭއްވި، ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އަޑުއަހަން ދިޔަ ބައެއް ސްކޫލް ކުދިން -- ފޮޓޯ: ނިޝާން އަލީ | މިހާރު

އިޝާ ނަމާދަށް ފަހު، ކުރާނެ ބޭނުންތެރިކަމެއް ނެތް ނަމަ، އަވަހަށް ނިދުމަކީ ރަސޫލާ ﷺ ވެސް ވަރަށް ބޮޑަށް ނަސޭހަތްތެރިވެ ވަޑައިގަތް ކަމަށް މެންކް ވިދާޅުވި އެވެ. އަދި ނަފުސާނީ ދުޅަހެޔޮ ކަން ބޭނުންވާ ނަމަ، ފައިދާ ހުރި ގޮތަށް ކެއިންބުއިން ބައްޓަން ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ގުރުއާނާއި ސުންނަތުން މިސާލު ދައްކަވާ ވިދާޅުވި އެވެ.

މާތްﷲ އަށް ތިބާގެ ހާލަތު މާ ބޮޑަށް އެނގިވޮޑިގަންނަވާ އެހެން މީހުންނާއި ތިބާގެ އަމިއްލަ ނަފުސަށް ވުރެ ވެސް ބޮޑަށް: މެންކް

"މާތްﷲ އަށް ތިބާގެ ހާލަތު މާ ބޮޑަށް ދެނެވޮޑިގެންވޭ އެހެން މީހުންނާއި ތިބާގެ އަމިއްލަ ނަފުސަށް ވުރެ ވެސް ބޮޑަށް،" މެންކް ވިދާޅުވި އެވެ.

"އެހެންކަމުން، އަބަދު ވެސް ﷲގެ އެހީތެރިކަމަށް އެދެން ޖެހޭ. އަބަދު ވެސް ދުއާކުރަން ޖެހޭ. މީހާ ކަންނެތް ކަމާއި ފިނޑިކަމުން ދުރުކޮށްދީ، ސަލާމަތް ކުރައްވާތޯ ދުއާކުރަން ޖެހޭ. ފިކުރުބޮޑުވުމާއި ދެރަވުމުން ސަލާމަތްކުރެއްވުމަށް މުހައްމަދު ﷺ ވެސް ދުއާ ކުރެއްވި،" އޭނާ ވިދާޅުވި އެވެ.

މާލޭ ކާނިވަލުގައި ބޭއްވި، ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސްގައި އޭނާ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އީމާންތެރިކަން އެންމެ ވަރުގަދަ މީހާގެ ދިރިއުޅުމުގައި ވެސް ވަރަށް ގިނަ ކަންކަން ކުރިމަތިވާ ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް މާތްﷲ ކުރިމަތިކުރުވާ އިމްތިނާހެއް ކަމަށް މެންކް ތަކުރާރުކޮށް ތވިދާޅުވި އެވެ. އަދި ހެޔޮ ވިސްނޭ، ރަނގަޅު، މޮޅު މީހާ އަކީ ﷲ އާއި އޭނާގެ ގުޅުން ވަރުގަދަކޮށް އަދި ނަފުސާނީ ހާލަތު ގޯސްވާ ހިނދެއްގައި އެ ވާހަކަ މީހަކަށް ކިޔައިދީ އަވަހަށް އެހީ ހޯދާ މީހާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރަށް ދާން ޖެހޭ ހާލަތުގައި އެކަން ވެސް ކުރަންވާނެ،" މެންކް ވިދާޅުވި އެވެ.

ދަރިންގެ ނަފުސާނީ ދުޅަހެޔޮ ކަމަށް މައިންބަފައިންނާއި ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި ބައެއް ފަހަރު ކުދިން އަމިއްލަ ނަފުސަށް އަނިޔާކުރުމުގެ ހިޔާލުތައް ގެންގުޅެނީ އެ ކުދިންނަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަން ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހާއްސަކޮށް އެ ކުދިން ދައްކާ ކޮންމެ ވާހަކައެއް ވެސް ބެލެނިވެރިން ކަނުލައި އަޑުއެހުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މެންކް މާލޭގެ އިތުރުން ފުވައްމުލަކާއި އައްޑޫގައި ވެސް ދަރުސް ދެއްވުމަށް ހަމަޖެހިފައިވެ އެވެ. އެ ދެ ތަނުގައި ދަރުސް ދެއްވުމަށް ފަހު ހުޅުމާލޭގައި ވެސް ދަރުސް ދެއްވާނެ އެވެ.

6 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 79%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

27 November 2022

ތަހުގީގު ކުރެވުނު ކްލިނިކަލް ދިރާސާއަކަށް ހަވާލާ ދެއްވާ، ޢަބްދުލް ޤައްޔޫމް އީޓީ އޭއެލް. (2022) ވިދާޅުވެފައިވާ ގޮތުގައި މަތިވެރި ބާރަކަށް (މި ސާލަކަށް އިލާހަކަށް) އީމާންވުމަކީ ނަފްސާނީ ބަލީގެ ބަލިމީހުންނަށް ނަފްސާނީ ޙާލަތު ރަނގަޅުވުމަށް އެހީތެރިވެދޭ ކަމެއްގެ ފާހަގަ ކުރެވިފައިވެއެވެ. ކަން މިހެން އޮތް އިރު، ނަފްސާނީ މައްސަލަތަކުގެ ދީނީ އަގީދާގެ ބަލިކަށި ކަމަކީ، މުޅި އެކަހެރިކޮށް ވަކި ކުރުމަކީ، ސައިންސީ ދިރާސާއެއް ނެތި ކުރެވިދާނެ ކަމެއް ނޫނެވެ. 1/2

The name is already taken The name is available. Register?

ކަންއޮތްގޮތް

30 October 2022

ދުނިއޭގަ ހިނގަނީ ދުނިޔެވީ ގާނޫނު އެމީހަކީ ދުޅަހެޔޮ ސިއްތަކާއެކު ކާމިޔާބު އުފާވެރި މީހަކަށް ވުމަކަށް އެމީހަކު އުޅޭ ދީނެއް ނުބަލާނެ ވަކި ދީނެއްގެ ބަޔަކަށް މިދުނުޔޭގަ ފޭވާވާ ހަމަ އެއްކަމެއްވެސް ނުދެއްކޭނެ އެމީހެއްގެ ބުއްދީން އެމީހަކު ވަކި ދީނެއް ގަބޫލުކުރުމަކީ މުޅިން އެހެންކަމެއް

The name is already taken The name is available. Register?

މްމްމް

29 October 2022

ދީނަށް ނުއުޅޭ މީހުންނަށް އުނދަގޫވާކަމެއް އެއީ ކަންކަން އެއްވެސް ސުވާލެއްނުކޮށް ގަބޫލުކުރުން. އެބަޔަކު ދެކިދާނެ ހުރިހާ ސުވާލެއްގެ ޖަވާބު ލިބެންވާނެ ކަމަށް. އެކަމު ދުނިޔޭގެ ހުރިހާ ކަމެއް ފުރިަހަމަވާން އެދޭއިރު ތިމާއަކީ ދީނީގޮތުން އެހާ އަރާހުރި މުހިއްމު ޚާއްސަ މީހެއްތޯ ބަލައެއްނުލާ. އަހަރުމެން މިބިމުގައި ލެއްވީ ﷲއަށް އަޅުކަން ކުރަންކަމުގައިވީއިރު އެކަން އެންމެ 2%އަށް ކޮށްފަ ހުރިހާކަމެއް ތިމާއަށް އަންގަވަންޖެހޭކަމަށް ގަބޫލުކުރާނީ ހުރި ބޮޑާކަމަކުން

The name is already taken The name is available. Register?

ސަލީމު އިދުރީސް

30 October 2022

ދީނައް އުޅުމާޅުނުން އެއީ ވަކިކަމެއް އެކަމަކު މީހަކު ބުނާއެއްޗެއް ސުވާލެން ނުކޮއް ގަބުލުކުރުމަކީ އަމިއްލަ ނަފުސައް އިތުބާރުކުރާ ބުއްދިވެރި ޒަމާނީ އިންސާނުންގެ ގޮތެއްނޫން! މީހަކު ވާހަކަޔެއް ކިއައިދިނީމަ އެ ވާހަކަޔާ ބެހޭގޮތުން އުފައްދާ ސުވާލުތަކައް ޖަވާބު ނުދެވި އަދި ދޭޖަވާބު އެމިހަކު ކިއައިދިން ވާހަކަތަކާ ފުށައަރާނަމަ އަޅުގަނޑު އެމިހެއްގެ ވާހަކަ ގަބޫލު ނުކުރަން!

The name is already taken The name is available. Register?

މިންވަރަށް އީމާންވާށެވެ.

30 October 2022

ސަލީމުބޭ ދީނާއި ގުޅުން ހުރި ބައެއް ކަހަލަ ކަންކަމަކީ ކިތަންމެ ވަރަށް ސުވާލު ކުރިޔަސް އަހަރެމެންނަށް އަންގަވާފަވާ މިންވަރުން މެނުވީ އެނގޭނެ ކަންކަމެއް ނޫން..މިސާލަކަށް ފުރާނައިގެ ހަޤީޤަތް ޤިޔާމަތްދުވަހުގެ ހަޤީޤަތް އެދުވަސް ވަނީ ސިއްރު ކުރައްވާފަ..އެނގޭ މިންވަރަކީ އެއީ ހުކުރު ދުވަހެއްކަން..ދެން އެދުވަހުން ތާޅަފިލި ފުންމަވާލައްވާނެކަން ދުނިޔެއާއި ދުނިޔޭގަވާހާ އެއްޗެއް ނެތި ފަނާވެދާނެކަން..އަދިވެސް ބައެއްކަންކަން..ހުރިހާ ކަމެއް ހާމަކޮށް ނުދެއްވާ.

The name is already taken The name is available. Register?

އެބައި

29 October 2022

ދުއާކުރުމުން އެދުޢާ އިޖާބަނުކުރެއްވީއޭ ބައެއް މީހުންނަށް ހީވޭ. އެކަމު އެދުޢާއިން އެ އެދޭ ކަންތަކުގައި އެހެން މީހުންނާ ގުޅިފައިވާ ކިތައް ކަންތައް އޮވޭކަން ފެނުމަށް އިންސާނުން ނުކުޅެދުންތެރިވާނެ. ތިމާ ދެތިން އޭންގަލުން ކަންކަން ވިސްނާއިރު މާތްﷲ ހުރިހާ އޭންގަލްއެއް ދެނެވޮޑިގެންވޭ. ތިމާ އެދޭ ކަމެއްގައި އެހެން މީހެއްގެ ހައްގެއް މާބޮޑަށް އޮވެއްޖެނަމަ ތިމާއަށް އެކަމެއް ނުވެދާނެ. އެކަމުގައިވާ އަނެކާގެ ހައްގާ އެހެން އެތައް ބައެއްގެ ކަންކަމާ ގުޅިފަ އޮވދާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454