ޗާގޮސްގެ ރަށްތައް
30 އޮކްޓޯބަރ 2022 - 06:32
މިހާރު ރާއްޖޭގައި ކަންތައް މިދާ ގޮތުން، މި ވަނީ ކޮން ގޮތެއް ކަމެއް، ވާން މި އުޅެނީ ކޮން ކަމެއް ކަމެއް، އެއީ ކިހާ މުހިއްމު ކަމެއް ކަމެއް، ކުރަންވީ ކީއް ކަމެއް ނޭނގެ އެވެ. މިހެން މި ވަނީ އެނގޭ މީހުން ގިނަވީމާ ކަމަށް ވެސް ވެދާނެ އެވެ. ސިޔާސީ ނުވާ ހަމަ އެއްކަމެއް ވެސް ނެތެވެ. އަނެއްކާ ނުރައްކާތެރިކަން ބޮޑު ނޫން ވެސް ހަމަ އެއްކަމެއް ނެތެވެ. އެއީ ކިހާ މުހިއްމު ކަމެއްތޯ ވިސްނާލުމެއް ނެތެވެ. އެ މީހަކަށް ފެނުނު އެއްޗެއް ބުނަންވީ އެވެ.
ހިތަށް އެރިހާ ގޮތަކަށް ވާހަކަ ދައްކަންވީ އެވެ. އެއީ ރައްޔިތުންގެ މަޖިލިސް މެންބަރުން ކަމަށް ވިޔަސް، ނޫސްވެރިންނަށް ވިޔަސް، ސިޔާސީ ޕާޓީތަކުގެ ފަރާތުން ވިޔަސް ވަރިހަމަ އެވެ. "ސިޔާސީ" ނޭނގޭ ހަމަ އެކަކު ވެސް ނުފެނެ އެވެ. އިލްމާއި ހިލްމާއި ތަޖުރިބާ އާއި ތާރީޚް ނޭނގޭ އެކަކު ވެސް ނެތެވެ. އެކަކު އަނެކަކާ ދިމާއަށް "ބެވުން" ނޫން ކަމެއް ނެތެވެ. ހަމަ ކޮންމެ ކަމެއްގަ އެވެ.
މިއީ ތަހުޒީބު މުޖުތަމައުތަކުގައި ކަން ހިނގާ ބީދަ ހެއްޔެވެ؟ ދޭތެރެއަކުން ކޮންމެވެސް ކަމެއް ހިލޭނެ އެވެ. އިސާހިތަކު އެ ކަމެއް އޮބި އަނެއް ކަމެކެވެ. ހަމަ ކޮންމެ ކަމެއް ވެސް "ފެންއަރައިގެންދާ ވަރަށް" ގަންބާލާނެ އެވެ. ތެދު ހަދަނީ ކާކު ކަމެއް ދޮގު ހަދަނީ ކާކު ކަމެއް ނެނގޭނެ އެވެ.
ޚަބަރުފަތުރާ ވަސީލަތްތަކުން މިއަދު ފެންނަ އެންމެ "ޖަޒުބާތު"ން ފުރިފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބަޔެއް ގެއްލޭތީ އެކަމުގެ އަސަރުގަދަ ވާހަކަ އެވެ. ރުޅި އައިސް އައިސްފައި، ރައްޔިތުންގެ މަޖިލިސްގައި ވެސް އެއްބަޔަކު "ކަރުން ނާރުނަގާ" މި ގޮވަނީ އެ ވާހަކަ އެވެ. ހައްތަހާ ވެސް ސަމާލު ކަމަށް ގެނައުމަށެވެ. އެކަކުވެސް މި ކަމުގެ ހަގީގަތާއި މި ކަމުން ވާނެ ގޮތަކާއި ވާންވީ ގޮތުގެ އިލްމީ ވާހަކައެއް ނުދައްކަ އެވެ.
"އެޓާނީ ޖެނެރަލް ގޯސް"، "ރައީސްމީހާ ގޯސް"، "މި ސަރުކާރުން ވިއްކާލައިގެން ޑީލެއް ހަދައިގެން"، އެންމެން ހޯބޯލަވައިގަތީމާ އެ ނިމުނީ އެވެ. މިހާރު ނުކުމެގެން މި އުޅެނީ ކޮން މައްސަލައެއްކަން ވެސް އޮޅިއްޖެ އެވެ. ދައްކާ ވާހަކަތައް އޮޅިފައި ވަނީ މި ދަންނަވާ އެތައް ވާހަކަތަކެއްގެ ސަބަބުންނެވެ.
މިހާރު އުފެދިފައިވާ ސުވާލުތައް ވަރަށް ގިނަ އެވެ؛ މި އުޅެނީ އިކޮނޮމިކް ޒޯނުން ބައެއް ގެއްލޭތީ ހެއްޔެވެ؟ ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭތީ ހެއްޔެވެ؟ ނުވަތަ ސަރުކާރުގެ ސްޓޭންޑް މި މައްސަލައިގައި ބަދަލުކުރި މައްސަލަ ހެއްޔެވެ؟ ނުވަތަ މޮރިޝެސް އަށް ދިވެހިން، މާބޮޑު ބާރުތަކެއް ދޭން އުޅެނީ ކޮން ޑީލެއްގެ ދަށުން ބަލަން ހެއްޔެވެ؟ ނުވަތަ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ބަޔަކުން ދިވެހިންގެ ބާރު ކެނޑިގެން ދަނީ ހެެއްޔެވެ؟ ނުވަތަ ފޯޅަވަހި ހޯދަން ހެއްޔެވެ؟ އެޔެއް ވެސް ނޭނގެ އެވެ.
މިއީ މި މައްސަލައިގައި އެންމެ ގިނައިން އަޑު އިވެމުންދާ ވާހަކަތަކެވެ. މި މައްސަލައާ ބެހޭ ގޮތުން ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހަންމަދު މުނައްވަރު ވާހަކަ ދައްކަވަން އުޅުއްވާކަން އެނގުނީމާ ވަރަށް އުފާވި އެވެ. ހަގީގަތުގައި އެ މަނިކުފާނަކީ އިލްމީ ގޮތުން މި ދާއިރާ، ޚާއްސަކޮށް ކަނޑުތަކާ ބެހޭ ގާނޫނުގެ އިލްމަށް ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އިލްމުވެރިޔާ އެވެ. އެ މައްސަލައިގެ ފެށުމާ ހިސާބަގައި އަމަލީ ގޮތުން އުޅުއްވީ އޭނާ އެވެ.
އަޅުގަނޑު ވިސްނާ ހުރީ މި ވާހަކަތަކުން މިކަން އޮތް ގޮތާ ވާން ޖެހޭ ގޮތާ މިހާތަނަށް ކަން ވެފައި އޮތް ގޮތް ވަރަށް ސާދާ އިބާރާތުން ވިދާޅުވެދެއްވާނެ ކަމަށެވެ. އެކަމަކު ކަން ވީ އެހެނެއް ނޫނެވެ. އެކި ބޭބޭފުޅުންނާ ދިމާއަށް "ގާބުރި" އެއްލައި، ސިޔާސީ ކުލަވަރު ޖެހިގެން ދިޔައީ އެވެ. ފަހަރެއްގައި ގައުމީ ލޯބި ހިތްޕުޅުގައި އޮތްލެއް ބޮޑުކަމުން "ޖަޒުބާތު"ގައި ކަން ހިނގި މަގު ކަމަށް ވެސް ވެދާނެ އެވެ.
ޗާގޯސްގެ މައްސަލާގައި މުނައްވަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: މިހާރު
އަޅުގަނޑު އެ މަނިކުފާނަށް ފޯނުން ގުޅީމެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ ގާނޫނުގެ މަސައްކަތް އެ ބޭފުޅާ ބަންޑާރަނައިބަކަށް ހުންނެވިއިރު ކުރައްވަމުން ގެންދިޔަ ގޮތާއި އެ މަނިކުފާނަށް ޗާޓްތައް ތައްޔާރު ކޮށްދިނުމުގައި ސަޕޯޓިން ޓީމު އޮތް ގޮތް ހަނދުމަފުޅު އެބަހުރިތޯ އެހީމެވެ. އެ ޗާޓުތައް ހިއްޕަވައިގެން ވަޒީރުންގެ މަޖިލިހަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކާއި އޭރު ހިނގި ކަންތައް ހަދުމަފުޅުކޮށްދިނީމާ ވިދާޅުވީ އާއެކޭ އެވެ! މިހާރު ތިމަންނާއަށް ރިކޯލްވެއްޖެއޭ އެވެ.
ތިމަންނާގެ އާގިއުމަންޓަކީ މޮރިޝަސް އަށް ޗާގޯސް އާކިޕިލާގޯ ލިބި އެ ތަނުގެ ވަށައިގެން އިގްތިސާދީ ސަރަހައްދެއް ގާއިމް ކުރުމަކީ ދިވެހިރާއްޖެ އަށް ނުރައްކާތެރި ކަމެއް ކަން ބުނެދިނުން ކަމަށް ވިދާޅުވި އެވެ. އެ ތަނުގައި ބޭރު ގައުމުތަކަށް ލައިސަންސް ދޫކޮށްގެން މަސްވެރިކަން ކުރާނެ ކަމާއި އޭރުން އައްޑު އަތޮޅުގެ 200 މޭލު ބޭރުން ރާއްޖެ އަށް ވަންނަ މަސްތައް ނެގުމުން ދިވެހި މަސްވެރިކަމަށް ލިބޭނެ ގެއްލުމުގެ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ. ތެދެކެވެ. އެއީ ރާއްޖެ އަށް އޮތް ނުރައްކަލެކެވެ. ރަނގަޅު ވާހަކަ އެކެވެ.
މުނައްވަރަކީ އަބަދުވެސް އަޅުގަނޑު އިހުތިރާމްކުރާ، ރަހުމަތްތެރި ބޭފުޅެކެވެ. އެ ދުވަހު އެ މަސައްކަތުގައި އަޅުގަނޑަކީ ވެސް ޑރ. މުނައްވަރުގެ ސަޕޯޓިން ޓީމުގައި ހުރި މީހަކީމެވެ. އެހެންކަމުން އޭނާ އިތުރަށް ރިކޯލް ކުރުމަށްޓަކައި އޭރު ކުރެހި ޗާޓްތަކުގެ ތެރެއިން މި މައްސަލައާ ގުޅުން ހުރި ޗާޓް ވެސް އަޅުގަނޑު އެ މަނިކުފާނަށް ފޮނުވައިދިނީމެވެ.
ކޮންމެއަކަސް މި ޗާޓްގެ މަތީގައިވާ ތައާރަފުން ވެސް އިންޑޯ-މޯލްޑިވްސް ޓްރީޓީގެ ދަށުން ރާއްޖޭގެ ސަރަހައްދުން ގެއްލިފައިވާ ބައެއް ވާކަމާއި ޚާއްސަކޮށް ދިވެހިރާއްޖެ އާއި އިނގިރޭސި ސަރުކާރާ ދެމެދު އޭރު ވެސް މަޝްވަރާތަކެއް ހިނގައި އެއްބަސްވެވި އެހެން ނަމަވެސް މުއާހަދާއެއްގައި ސޮއި ނުކުރެވިވާ ކަމާއި ޗާގޯސް މީޑިއަން ލައިން ކުރެހިއްޖެ ނަމަ ރާއްޖެ އިން ގެއްލޭނެ ސަރަހައްދެއް އެބައޮތްކަން ފާހަގަކުރެވެ އެވެ. މިއީ 1996 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުނައްވަރު ބަންޑާރަނައިބަކަށް ހުންނަވައިގެން އޭރުގެ ކެބިނެޓަށް ހުށަހެޅުއްވި ޗާޓްތަކުގެ ތެރޭގައި ހިމެނޭ އެއް ޗާޓެވެ.
ފެންނަން ހުރި އެއްވެސް ލިޔެކިޔުމަކުން ފޯޅަވައްސަކީ ރާއްޖޭގެ ބާރު ހިނގާ ރާއްޖޭގެ ތަނެއް ކަން ސާބިތު ކުރެވޭކަށް ނެތެވެ. މަލިކާ ބެހޭގޮތުން ބައިވަރު ހެއްކާއި ގަރީނާ ހުރި އިރު ވެސް އެ ތަނުގެ މައްޗަށް ވެސް ދިވެހިންގެ ބާރެއް ނުފޯރުވުނެވެ.
މިހިރަމިހިރަ ކަންކަމަކީ ސިޔާސީ ކަންކަމަށް ހައްދަވައިގެން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް "އިސްތިއުފާ" އަށް ގޮވަންވީ ކަންކަމެއް ނޫނެވެ. ނޫނީ އެންމެން ހަމައެއް ލަމައެއް ނެތި، އެނގުނަސް ނޭނގުނަސް އަޑެއް އޮތަތީވެ ހަޅޭއްލަވަންވީ ކަމެއް ނޫނެވެ. އިލްމީ ގޮތުން ގާބިލް ބޭފުޅުން ގައުމުގައި އެބަތިއްބެވި އެވެ. އަދި އެ ބޭފުޅުންނަށް ސަޕޯޓް ކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގެ އިލްމުވެރިން ވެސް މިއަދު ހަޔާ ކުރެވޭނެ އެވެ. ވީއިރު މިފަދަ ގައުމީ މައްސަލަތަކުގައި "އަރާރުމާ ކޯޅުން" ދޫކޮށް އެއް ޕްލެޓްފޯމެއްގައި އެންމެން ވާހަކަދައްކައި މަޝްވަރާ ކުރުމަކީ ހުރިހާ ގޮތަކުން ވެސް ފައިދާ ކުރާނެ ގޮތެވެ.
މުނައްވަރު ވެސް އޮޅުންފިލުވައި ދެއްވީ ކަން އޮތް ގޮތެވެ. ހަދަންވީ ގޮތާއި ހައްލުވާން އޮތް ގޮތުގެ ވާހަކައެއް ނޫނެވެ. އެކަމަކު އޭނާގެ ވާހަކަތައް ވެސް ރަނގަޅަށް އަޑުއެހުމުގެ ބަދަލުގައި "ހޯއް" ގޮވީ އެވެ. މިހިރަމިހިރަ ހަސްހާސް މައްސަލަތަކަކީ އެ މައްސަލަތަކަށް ރަނގަޅު ހެޔޮ ބަދަލެއް ގެންނަން ބޭނުންނަމަ ތަޖުރިބާ އާއި އިލްމީ ގޮތުން މަޝްވަރާ ކުރަންޖެހޭ ކަންކަމެވެ.
ދީނީ ނަސޭހަތް ދިނުމާ ކަންކަން އޮޅުން ފިލުވައިދިނުން ވެސް މިފަދަ އެވެ. އެހެނަސް ވާގޮތަކީ މީޑިއާގެ ބޭނުން ހިފައިގެން އެކަށީގެން ނުވާ ގޮތްގޮތަށް ބައެއް މީހުން ބަސް ބުނުމެވެ. ދީނީ އިލްމުވެރިއަކަސް، ޓެކްނިކަލް އެހެން ދާއިރާއެއްގެ މީހަކަސް "ސިޔާސީ" މީހަކަށްވެ އޭނާގެ "ސިޔާސަ" ގޮތުގައި ބަސް ބުނުމުން އެއީ ހައްގު ބަސް ކަމުގައި ވިޔަސް ނުވަތަ ރަނގަޅު ގޮތް ކަމުގައި ވިޔަސް އެ ބުނާ ބަސް ގަބޫލުކުރާނީ އޭނާގެ "ޖަމާއަތު"ގެ މީހުން އެކަންޏެވެ. ނަތީޖާއަކީ ފިތުނަފަސާދަ އަށް މަގު ހުޅުވި ކުރަން ބޭނުންވާ ކަންތައް ނުކުރެވުމެވެ. މިހެން ވާހާ ހިނދަކު މިފަދަ އެއްވެސް މައްސަލައަކަށް ހައްލެއް ލިބި އުފާވެރިކަމާއި ހިނިތުންވުމާއެކު އެފަދަ ބޭބޭފުޅުންނާ ބައްދަލުކޮށް، އިހުތިރާމްކުރާ ތަނެއް ނުފެންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
30 October 2022
ވަގުތުން ވަގުތަށް އިނގިރޭސި ސަރުކާރަށް ދަންނަވަންވީ، އަދި އިނގިރޭސި ކޯޓްތަކުގައި ވަކާލާތުކުރަން ފަށަންވީ ޗާގޯސް އާޗިޕެލާގޯ (ފޯޅަވަހި) އެއްކޮށް ނުވަތަ އެތަނުން ބައެއް ނަމަވެސް ރާއްޖެއަށް ހޯދަން. އެހެނީ އެއީ ދިވެހިންގެ ތަނަކަށް ވެފައި އެހެން ބަޔެއްގެ ތަނަކަށް ވާން އޮތް ތަނެއް އެއީ. އަދި މާފަހަކުން މޮރިޝަސް މިތަނަށް ފާ ވެގެން މިއުޅެނީ، އިންޑިއާގެ ނުފޫޒުގެ ތެރެއިން. އެހެންވީރު، އިނގިރޭސި ވިލާތާ ގުޅުން ބަދަހިކޮށް ދިގުމުއްދަތަކަށް މިލިޓިރީބޭސް ދޭންވީ.
ދޮހޮއްތު
30 October 2022
ހެހެ ބޮޑުބޭބެ ކިހާވަރެއް ދިންތޯ….
1206
30 October 2022
ސުވާލަކީ ތިޔަ ޗާޓުތައް ކުރެހި އިރު ދިވެހި ގައުމުގެ ސިޔާދަތީ ބާރު ތާރީޚުން ހިނގާފައި އޮތް ސަރަހައްދު ކިހާ ވަރަކަށް ދިރާސާ ކުރިތޯ. ކޮންމެ މީހަކަށްވެސް އެ މީހަކު ގަބޫލުކުރާ މަގަށް ނޭރޭޓިވް އެއް ނެރެވިދާނެ. ފެންނަން ހުރި މަދު ނަމަވެސް ހެކިތަކަށް ބަލާއިރު ފޯޅަވައްސަކީ ދިވެހި ވެރިކަމުގެ ސިޔާދަތީ ބާރު ހިނގާފައިނުވާ ސަރަހައްދެއް ކަމަށް ބުނުމަކީ، މުޅީން ޑިސްކައުންޓް ކުރެވޭނެ ބުނުމެއް ކަމަށް ނުފެނޭ. އެއަށް ވުރެ ދިރާސީ ހެކި މުހިންމު. މިއީ ގައުމީ ޒިންމާއެއް.
1206×2
30 October 2022
ބޭފުޅާއެވެ. ދިވެހި ރާއްޖޭގައި އަމިއްލަ ވެރިކަމެއް ކުރާތާ ސާސްކަފަކަށްވުރެ ގިނަދުވަސް ވެއްޖެއެވެ. އެތައް ރަސްކަލުންނާ ރަނިން ރަސްކަމާއި ރަނިކަންކޮށް ބޮޑު ވަޒީރުންނާއި ރައީސުންވެސް ވެރިކަން ކޮށްފިއެވެ. މިހުރިހާ ރަސްކަލުންނާ ރަނިންނާ ބޮޑުވަޒީރުންނާ ރައީސުން ދުވަހެއްގެ ކޮޅުން ވެސް ހޯދުމަށް މަސައްކަތް ކޮށްފައި ނުވާ ސަރަހައްދެއް މިއަދު 2022 ގައި ނުކުމެ ތިއީ ރާއްޖޭގެ ބައެކޭ ކިޔާމީހަކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޭނީ މޮޔައެއް ކަމުގައެވެ.
އިބްރާހީމް ރަޝީދު.
30 October 2022
ފޯޅަވަހި މައްސަލައިގަ ދިވެހިން ގެ ރަޢުޔު އަކީ އެރަށަކީ ރާއްޖޭގެ ބައެކެވެ. ކުރީގެ ޗާޓު ތަކުގަވެސް ފޯޅަވަހި ބަޔާންކޮށްފަ އޮތީ ރާއްޖޭގެ ތަނެއްގެ ގޮތުގަ. އިނގެރޭސީން އެތަން ބޭނުންވުމުން ހުރިހާކަމަކަށް ފަސް އަޅާ ފޮރުވީ. ރާއްޖެއިން ވަކި ކަމެއްގަ ވަކި ޗާޓެއް ގެންގުޅުމަކީ އަދި ފޯޅަވަހި މިލްކުވެރިކަމަށް ދަޢުވާކުރަން ހުރަސްއެޅޭ ކަމެއްނޫން. އެކަމަށް ހުރަސް އެޅެނީ އެމް.ޑީ.ޕީ މިހާރާ ކުރީގެ އެމް.ޑީ.ޕީ ސަރުކާރުން ނިންމި ނިންމުންތައް.
ކަންކަށި
30 October 2022
ކަލޯ މަށަށް ބުނެލަދީބަލަ މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން، މީގެ އެތައް އަހަރެއް ކުރިން ޔޫއެންގެ އެތައް ގުނަވަނަކަށް މައްސަލަ ހުށަހަޅައިގެން އުޅޭއިރު، މޮރިޝަސްއަށް ވުރެ 3 އަހަރުކުރިން މިނިވަންކަން ލިބުނު ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރަކުން (ނަޝީދުގެ ސަރުކާރު ވެސް ހިމެނޭގޮތަށް) އެއްވެސް އިރެއްގައި ބައިނަލްއަޤްވާމީ އެއްވެސް ކޯޓެއްގައި ވެސް އަދި ޔޫއެންގެ އެއްވެސް ގުނަވަނަކަށް ވެސް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވަނީ ކީއްވެތޯ؟
ހިމާރުލްގައުމު
30 October 2022
ކަލޭ ތިއީ ޖަޒުބާތް އެއްފަރާތް ކުރަން ވާހަކަ ދައްކަން އެއްމެ އައުލާކަން ބޮޑު މީހާ
ހިމާރުލްގައުމު
30 October 2022
ކަލޭ ތީ ކާކުގެ ޕަޕެޓެއް ކަމާ ކަލޭގެ ވިސްނުމަކީ ކޮބައިކަން އަހަރުމެން ދަންނަމުއެެވެ. ޔާމީން ވެރިކަމުގެ މަރުވެފަ ހުރި ގަހެއްގެ ފަތެއް އުފުރާލިޔަސް ކަލޭ އަރުވާލާ ވަރާ މިއަދު އޮތް ކަލޭ ތާއީދުކުރާ ވެރިކަމުގަ ވިލިގިލި ފަރު ފުނޑުފުނޑު އަރުވާލީމާވެސް ކަލޭގެ ހަނު ހުރުމުން އިތުރަށް އަހަރުމެންނަށް އެއްޗެއް ސާފުކޮށްދޭން އުޅޭނެ ކަމެއް ނެތެވެ.
ބޮޑުމީހާ
30 October 2022
މޮރިޝަސް ދައުވާ ކުރާގޮތަށް މައްސަލަ ނިމިއްޖެނަމަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ނުގެއްލި ނުދާނެ
ސަސ
30 October 2022
މި އާރޓިކަލް ލިޔުނު މީހާވެސް ސަރުކާރުގެ ވަޒީފާއެއްގަ ނެތް ނަމަ ރިޕޯރޓް އޮންނާނީ ދިިމާ އިދިކޮޅަށް.
ޒުވާބު
30 October 2022
ޒާހިރު އިސްނަގައިގެން ތިޔާކަމާ އުޅެންވީއެއްނު. ތިޔާހެން އެއްޗެއް ލިޔެލިޔަކަސް ކަމަކު ނުދާނެ. ދޭބަލަ މުނައްވަރު ގޮވައިގެން ދެންވެސް ކަނޑުފަޅު ދަންނަ އިގުތިސޯދީ މާހިރުންނާ މަސްވެރިން ގެނެސްގެން ވާހަކަ ދައްކުވާ ހައްލު ހޯދަން. ޒާހިރު ބުންޏަސް މީހުން ވާހަކަވެސް ދައްކާނެ. އެއްޗެހިވެސް ގޮވާނެ. އެކަމެއް ނުވެސް ހުއްޓުވޭނެ މިހާރަކު. މިހާރުމީ މިހާރު އެގޮތަށް ގައުމު މިއޮތީ ބައްޓަން ކޮށްފަ
ޖޯޖް
30 October 2022
ދިވެހިންނަކީ ރޯނުއެދުރުން