30 އޮކްޓޯބަރ 2022 - 13:49
ރަޖިސްޓްރީ ނުކުރާ ސިމްތައް ބޭނުންކޮށްގެން ސްކޭމް ކޯލް ކުރުމާއި އެކަމާ ގުޅުން ހުރި މައްސަލަތައް ގިނަވާތީ އެކަން ހައްލު ކުރުމުގެ ގޮތުން، ޕްރީ އެކްޓިވޭޓަޑް ސީމް ދޫކުރުން ހުއްޓާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން މިއަދު ބުނެފި އެވެ.
ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ލުއިކޮށް އޮތުމުގެ ސަބަބުން ރަޖިސްޓާ ނުކޮށް ހުންނަ ސިމްތައް ބޭނުން ކޮށްގެން ސްކޭމް ކޯލް ކުރުމުގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފަ އެވެ.
އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ މައްސަލަ ތަހުގީގު ކުރުމުގައި ވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިމްތަކުގެ ރަޖިސްޓްރޭޝަންގެ މައްސަލަތަކާއި ލިމިޓެއް ނެތި ސިމް ވިއްކުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން ކޭމްގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ ސިމް ވިއްކުމާއި ރަޖިސްޓްރީ ކުރުމުގެ އުސޫލުތައް އޮތަސް ސިމް ވިއްކުމުގެ ވިޔަފާރީގައި އުޅޭ ބައެއް އެޖެންޓުންނާއި ރީސޭލް ކުރާ ފަރާތްތަކުން އެ އުސޫލުތަކަށް އެންމެ ރަނގަޅަށް އަމަލުނުކުރާ ކަމަށެވެ.
މިހާރު އަމަލުކުރާ އުސޫލުގެ ދަށުން ސިމް ވިއްކާ ފަރާތުގެ މައުލޫމާތު ހިމެނޭ ރަޖިސްޓްރޭޝަން ފޯމް އެއް މަސް ތެރޭގައި ސާވިސް ޕްރޮވައިޑަރަށް ފޮނުވައި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެތައް މަހެއް ވާއިރު ވެސް ރަޖިސްޓްރީ ނުކުރުމާއި އެއްގޮތަކަށް ވެސް ރަޖިސްޓްރީ ނުކުރާ މައްސަލަތައް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވިއްކަނީ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމްތަކެއް. ކަސްޓަމަރު އަތަށް ސިމް އަރާ ގޮތަށް ރަޖިސްޓްރީ ނުކުރިޔަސް ބޭނުން ކުރެވޭނެ،" އިލްޔާސް ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުކުރުމަށް، އެކްޓިވޭޓް ކޮށްފައި ހުންނަ ސިމްތައް ދޫކުރުން ޑިސެމްބަރު 1 އިން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އޭގެ ފަހުން ދޫކުރާ ސިމްތައް އެކްޓިވޭޓް ވާނީ މައުލޫމާތު ކަށަވަރު ކުރުމަށް ފަހު ރަޖިސްޓާ ވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަލަށް މި ތައާރަފް ކުރަނީ އޮންލައިންކޮށް ސިސްޓަމަކަށް ވަގުތުން ރަޖިސްޓްރޭޝަނަށް ބޭނުންވާ މައުލޫމާތުތައް އަޅާ ގޮތަށް. ސިމެއް ނެގިޔަސް މައުލޫމާތު ފުރިހަމަ ނުކުރަންޏާ އެއީ ޕްލާސްޓިކް ޗިޕެއް. ބޭނުން ކުރެވޭނީ މައުލޫމާތު ފުރިހަމަ ކުރީމާ. އެކްޓިވޭޓް ވާނީ ރަޖިސްޓާ ވީމާ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ކޮންމެ ކަސްޓަމަަރަކަށް ވިއްކާ ސިމްގެ އަދަދު ލިމިޓް ކުރުމާ ގުޅޭ މަސައްކަތްތަކެއް ވެސް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.
އެކަމަށްޓަކައި ދިރާގާއި އުރީދޫ އާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ނަމަވެސް ކޮންމެ ކަސްޓަމަރަކަށް ވިއްކާނެ ސިމްގެ ވަކި އަދަދެއް އަދި ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ސިމް ގަންނަން ބޭނުންވާ ފަރާތްތައް މިހާރު އައިޑީކާޑު، ޕާސްޕޯޓް ނުވަތަ ބިދޭސީއެއް ނަމަ ވޯކް ޕާމިޓް ހުށަހަޅައިގެން ސިމް ގަނެވޭނެ ކަމަށާއި ނަމަވެސް އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ގޮންޖެހުން ތަކެއް ހުރި ކަމަށެވެ.
އެހެންވެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެއް ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރިޔަށް އޮތް ހަ މަސް ތެރޭގައި، ސިމް ލިމިޓް ކުރުމާއި މައުލޫމާތު ކަށަވަރު ކުރުން ފަދަ ބަދަލުތައް ގެންނާނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
"މިކަން ނިމޭ އިރު ސިސްޓަމްގައި ހުރި ޝަކުވާ ނުވަތަ މައުލޫމާތު ފުރިހަމަ ނޫން ސިމްތައް ބަލާފައި ފުރިހަމަ ކުރަން ފުރުސަތު ދޭނަން. އެއަށް ފަހު މައުލޫމާތު ފުރިހަމަ ނުކުރާ ސިމްތަކުގެ ހިދުމަތް ކަނޑާލާނަން. ނަމަވެސް އަނބުރާ މައުލޫމާތު ފުރިހަމަ ކުރުމުން އެ ސިމް ލިބުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ސްކޭމް ކޯލް ކުރާ މައްސަލާގައި "މިހާރު" އާ ވާހަކަ ދެއްކި މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެންމެ މީހެއްގެ ނަމުގައި އެތައް ހާސް ސިމް ނަގާފައި ހުރި މައްސަލަތައް ވެސް އެބަހުއްޓެވެ. އަދި ސްކޭމް ކޯލް ކުރާ ފަރާތްތަކުގެ ސިމް ގިނަ ފަހަރަށް ހުންނަނީ ރަޖިސްޓާ ނުކޮށް ކަމަށާއި ރަޖިސްޓާ ކޮށްފައި ހުންނަ ސިމްތައް ރާއްޖޭގައި ނޫޅޭ ބިދޭސީއެއްގެ ނަމުގައި ވެސް ހުރެދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ
31 October 2022
ދުނިޔޭގެ ގިނަ ގައުމުތަކުން ތި ފިޔަވަޅު އެޅިތާ އެތައް ދުވަހެއްވެއްޖެ ވަރަށް ބޭނުންތެރި ފިޔަވަޅެއް، ޓޯރިސްޓުންނަށް ލިބޭނީ 7-15 ދުވަހުގެ ސިމް ބޭރުގެ މަސައްކަތްތެރީންނަށް ލިބޭނީ ވާރކްޕާޓް އޮވެގެން މީ މިހާރު ދުނިޔޭ ގިނަ ޤައުތައް ޢަމަލުކުރާގޮތަކީ ސަލާމަތާއި ރަށްކާ ތެރިކަމަށް ބަލާއިރު ރަގަޅު ނިންމުމެއް..
ވޯލް
31 October 2022
ޓެލް ކޮމިއުނިކޭޝަނުން މިބުނަނީ ކާކުކަން ކަށަވަރު ކުރުމުގައި ދަތިތަކެއް އެބަހުއްޓޭ. ނޭޝަނަލް ރަޖިސްޓްރޭޝަންއާއި އިމިގްރޭޝަންގެ ސިސްޓަމްއަށް އެކްސެސް ދިނީމަ އެ ނިމުނީއެްންނު.
އުދުހޭ
31 October 2022
ސިމުން ފޯނުކޯލާ ޑޭޓާވެސް ނުލިިބި ހަމައެކަނި ރިޗާޖްކޮށް ބިލްދައްކާ ގޮތަށް ހަދަންވީނުން
ޤައުމުގެ ޙާލަތު
31 October 2022
ކުށްތަކަށް އަދަބު ނުދެވި، ޤާނޫނާ ޤަވައިދުތައް ތަންފީޒުނުވާތީ އަޅާ ބޭސް މަލަންގަނޑު އަޅާތަން ހުސްވެސް މިފެންނަނީ. ދެން ތިކަމުގަވެސް އާންމު ރައްޔިތުންނަށް އިތުރު ދުއްތުރާއަކަށްވުންނޫނީ ކަމެއްނުވާނެ. ކުށްވެރިން ހޯދާނެ އެހެން ގޮތެއް. ދެންްވީ އަނެއްކާ އެތާނގަ ބޭސްމަލަން އަޅަން. ކުއްވެރިން ހޯދައި އަދަބު ދެވޭނެ ގޮތް ހަދައިގެން މެނުވީ މިކަމެއް ނުހުއްޓޭނެ. #އިސްލާމީޝަރީޢާޤާއިމުކުރޭ
އެނދިމަރިޔަނބު
30 October 2022
ޓެލެކޮމް "އޮތޯރިޓީ" ދޯ ކިޔަނީ؟ އޮތޯރިޓީ ބޭނުންކުރޭ! ގަވާއިދާ އެއްގޮތަށް ލިޔުންތައްނުފޮނުވާނަމަ އަމަލު ކުރަންޖެހޭ ގޮތަށް ކުރޭ! ނުފޮނުވިޔޭކިޔައިގެން ތިބެ ވާހަަކަ ދައްކަން ތިބެންވީއެއް ނޫން. މި އުޑުދަށުގައި ތިޔަށްވުރެ ދޯހަޅި އިދާރައެއްހުރިހެނެއް ހިޔެއްނުވޭ. ކަލޭމެންގެ ކަމަކީ ދިރާގާ އޫރިދޫއާ ގުދަށް އޮންނާށޭބުންޏަސް އޮތުންތަ؟
ގުދުގުދާބެއްޔާ
30 October 2022
މަގޭ ދިރާގު ރީތި ނަންބަރ އަނެއްކާ ނުގެއްލޭނެބާ؟ މަގޭ ނަމުގައި ރަޖިސްޓްރީ ކޮއްފައިވަނީ! މިކަހަލަ ދަނޑިވަޅު ތަކުގައި ޢާއްމުކޮއް ކަންތައްތައް ވާގޮތުން ހަމަ އަހާލެވުނީ!
އޮނަރަބްލް އަފީފު ދީދީ
30 October 2022
އަދިވެސް ވާހަކަދައްކަވަމުންތިދަނީ ކަމުދާގޮތަކަށްނޫން. މިކަމާއިބެހޭގޮތުން "ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ލުއިކޮށް އޮތުމުގެސަބަބުން" ނޭ ބުނުމުގެބަދަލުގައި އެފަދަ ޕްރޮވައިޑާރ ތައް ޒިންމާނަގާން ނުޖެހޭގޮތަށް ކޮށްފައިވާ ކަންކަމޭބުނެލަން ލަދުގަނެ ދެރަވަނީތޯ.!؟ ޙަޤީގަތަކީ ދިރާޤާއި އޫރީދޫގެ ނުފޫޒާއި ބާރުވެރިކަން ތިޔައޮތޯރިޓީގެ މައްޗަށް އޮތްވަރުން އެމީހުން އެންޑޯޒް ކުރާ ނިންމުމެއްނޫން ކަމެއް ތިފަރާތަކަށް ނުކުރެވޭ.
ލަކި
30 October 2022
މިކަން ހުއްޓަން ސަރުކާރުން ބޭނުންވާނަމަ ހުއްޓުވޭނެ. ބޭންކުގެ ކޮންޓްރޯލް ސަރުކާރަށް ނެތީބާ?
ތަކުރުބޭބެ
30 October 2022
ކިޔަވައިގެން ތިބި މޮޅެތި މީހުން ބޮޑު މުސާރަ ދީފަ މި ތަންތަނަށް ލުމުގެ ބޭނުމަކީ ކޮބާ... ގަވާއިދު ހަދަން އެގެނީ އެކަމެއް ވެ ނިމޭ ފަހުން.. ތިކަން ވެސް ތި އެގުނީ ނިކަމެތި ރައްޔިތުން އެކައުންޓް ހުސްކޮައްލި ފަހުން.
ަސދފ
30 October 2022
އެބަ ރަނގަޅުވޭ..