އިންޑިއާ އައުޓް ބެނާއެއް ފުލުހުން ނަގަނީ: އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ މައުލޫމާތު ހާމަކުރުން މަޑުޖައްސާލަން އެންގި އެންގުމަށް އަމަލުކުރުން ކޯޓުން ވަނީ ހުއްޓުވާފައި --- ފޮޓޯ/މިހާރު
06 ނޮވެމްބަރ 2022 - 19:28
"އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގައި ގޭގޭގައި ހަރުކުރި ބެނާތައް ނަގަން މިދިޔަ އޭޕްރީލް މަހު ފުލުހުން ހިންގި އޮޕަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތާއި އިސްކޮށް ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ދޭން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ އަމިއްލަ ފަރާތަކުން އެދުމުންނެވެ.
އެ މައްސަލަ ފުލުހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ފަހު، އެ މައްސަލަ ނިމެންދެން އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ފުލުހުން އެދުނެވެ.
ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ އެންގުމަށް އަމަލުކުރުން ފަސްނުކޮށްފި ނަމަ ފުލުހުންގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ކަމަށް ބެލެވޭތީ އެ އެންގުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރީ ކަމަށެވެ.
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ފުލުހުން އޮޕަރޭޝަނެއް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބި ހިނި
07 November 2022
ބެނަރ ހަރުކޮށްފައި ހުރި ގޭގެވެރިފަރާތުން ނުވަތަ އެބެނަރ ހަރުކުރި ފަރާތަކުން އެދިގެން ނޫނީ އެކަމުގެ މަސްލަހަތުނެތް ފަރާތަކަށް ތަންފީޒީ ބާރެއްގެ ފަރާތުން ހިންގި ކަމެއްގެ މައުލޫމާތެއް ދެވިގެން ނުވާނެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގައި އެވާހަކަ ސާފުކޮށް އެބައޮތް. ފުލުހުންގެ ޗެއިން އޮފް ކޮމަންޑްގެ ދަށުން ކަންކަން ތަންފީޒުކުރާން ނިކުންނާނެ ބަޔަކު ނުވާނެ އެ ފާޑުގެ އަމުރުތަކާ ހެދި.
ތުނޑުހަސަނު
06 November 2022
އިންފޮމޭޝަން ކްމިޝަނަރަކީ އަޅެ ބޯބުރާންޗެއްތަ. ވަކި އޮޕަރޭޝަނެއްގައި ބައިވެރިވި މީހުން ނުވަތަ ބައިވެެރިނުވާ މީހުން ހާމަކުރުމަކީ ކުރެވޭނެ ކަމެއް ނޫން. މިއީ ގައުމުގެ ހަމަޖެހުމާ ގުޅިފައި ހުންނަ ކަންކަން.
މެސީ1
06 November 2022
އެހެނއކަމަށްވާ ނަމަ، ފުލުހުން އެކުރީ ޢައިރުޤާނޫނީ އަމަލެއްކަން މިހާރު ޔަޤީން ވެއްޖެ
ކިމް
06 November 2022
އެހެންވެތަ ފުލުސް މީހާގެ ސިފަ އިނގޭހެން ފޮޓޯއެއް އާންމު ކޮށްފަ މީނީ މި ހަބަރުގަ؟
ދުމްމ
06 November 2022
ފުލުހުންގެ މައުލޫމާތު ހާމަކުރުން ފަސްކުރީ ފުލުހުންގެ މަސްލަހަތަށް އުނިކަން އަތުވެދާނެކަމަށް ބެލެވޭތީއޭ؟ މަސްލަހަތަށް އުނިކަން އަތުވެދާނެކަމަށް ބެލެވެންޏާ މައުލޫމާތު ހާމަކުރުން ފަސްކުރާކަށް ނޫން ޖެހެނީ. މައުލޫމާތު ދޭން އިންފޯމޭޝަން ކޮމިޝަނަރު އެންގި އެންގުން ބާތިލްކުރަންވީ.