ގްރީކްގައި މިއަދު މުޒާހަރާ ކުރަނީ.
09 ނޮވެމްބަރ 2022 - 21:11
ގްރީކްގެ މަސައްކަތްތެރިން އެ ބައިމީހުންނަށް ލިބޭ އުޖޫރަ ބޮޑުކޮށްދިނުމަށް އެދި، މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަން ފެށުމާ ގުޅިގެން، އެ ގައުމުގެ އަސާސީ ގިނަ ޚިދުމަތްތަކަކަށް ބުރޫ އަރައިފި އެވެ.
މަސައްކަތްތެރިން ހަޅުތާލު ކުރަން ފެށީ، ގައުމުގެ އިގްތިސާދު ދަށްވެ ތަކެއްޗާއި ޚިދުމަތުގެ އަގުތައް މައްޗަށް ގޮސްފައި ވާތީ، އެ މީހުންނަށް މިހާރު ލިބޭ ކުޑަ އުޖޫރައިން ނުފުދޭ ކަމަށް ބުނެ އެވެ. މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް ދިނުމަށް އެދި ހަޅުތާލު ކުރަން ފެށުމާ ގުޅިގެން، އެއްގަމުގެ އާންމު ދަތުރުތައް ވަނީ ހުއްޓިފަ އެވެ. އިތުރުން ވައިގެ މަގުން ކުރާ ވަރަށް ގިނަ ދަތުރުތައް ކެންސަލް ކުރަންޖެހިފައިވާ އިރު ފެރީގެ ޚިދުމަތް ވަނީ މުޅިން ހުއްޓިފަ އެވެ.
ހަކަތައިގެ ބާވަތްތަކުގެ އަގުތައް އުފުލި، ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ސާމާނާއި ޚިދުމަތްތަކުގެ އަގުތައް މައްޗަށް ދާން ފެށުމާ ގުޅިގެން، ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި މި މަހުގެ ތެރޭގައި ވަނީ މުޒާހަރާތައް ފަށައިފަ އެވެ. ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުގެ އިތުރުން، އިޓަލީ ވިލާތުގައި ވެސް ސަރުކާރާ ދެކޮޅަށް އާންމުންގެ މުޒާހަރާތައް ވަނީ ފަށައިފަ އެވެ.
ގްރީކްގެ ހުރިހާ ކަންކޮޅުތަކެއްގައި 24 ގަޑިއިރަށް ދެމިގެންދާ މުޒާހަރާއެއް މިއަދު ފެށީ، ޕްރައިވެޓް ސެކްޓާ އާއި ޕަބްލިކް ސެކްޓާގެ މަސައްކަތު މީހުންގެ ޔޫނިއަންގެ ފަރާތުން ގޮވައިލި އިހުތިޖާޖަކަށެވެ. އެ ޔޫނިއަންގައި 2.5 މިލިއަން މީހުން ހިމެނޭއިރު، މިއަދުގެ އިހުތިޖާޖުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ، މުސާރަ ބޮޑުކޮށްދިނުމަށް އެދި އަޑު އުފުލަމުންދެ އެވެ.
އާންމު ދަތުރުފަތުރުގައި ބޭނުންކުރާ ބަސްތަކުގެ ޑްރައިވަރުންނާއި ރޭލުގެ މުވައްޒަފުންނާއި މެޓްރޯގެ މުވައްޒަފުން ވެސް މަސައްކަތް ހުއްޓައިލުމާ ގުޅިގެން، ވެރިރަށުގެ މަގުތަކުގައި އާންމުން ތޮއްޖެހި، ހިނގާބިނގާވެ އުޅުމަށް ވެސް ވަނީ ދަތިވެފަ އެވެ. އެއާޕޯޓްގައި މަސައްކަތްކުރާ އެއާ ޓްރެފިކް ކޮންޓްރޯލަރުން ވެސް، އިހުތިޖާޖުގައި ބައިވެރިވާން ނިންމުމާ ގުޅިގެން، ވައިގެ ބައެއް ދަތުރުތައް ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކަށް ފަހު ގްރީސް ހުޅުވައިލުމާ ގުޅިގެން ޓޫރިޒަމް ދާއިރާ އަށް ހެޔޮ ބަދަލުތަކެއް އައިސްފައި ވިޔަސް، އިންފްލޭޝަން އަދިވެސް ހުރީ 12 ޕަސެންޓްގަ އެވެ. މިއީ އާންމު ފައިސާއެއްގެ ގޮތުގައި ޔޫރޯ ބޭނުންކުރާ 19 ގައުމުގެ ތެރެއިން، އިންފްލޭޝަން ރޭޓް އެންމެ މަތީ ގައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިއުސް
11 November 2022
ގުރީސް ގަ ގުރީކުން ހަޅުތާލު ކުރަނީ.
މާސްޓަރ.
10 November 2022
ދިވެހި ރާއްޖެ އަކީ އަޖައިބެއްފަދަ ގައުމެއް. މުސާރަ ބޮޑުވާނީ އަބަދުވެސް އެއްބަޔަކަށް. ތައުލީމީ ދާއިރާ ސިއްޚީ ދާއިރާ. ބޮޑުކޮށްނިމޭއިރު އަނެއްނާވެސް އެދާއިރާތައް ބޮޑުކުރަން ފަށަންވެފަ އޮންނާނީ. ޢާއްމު ސިވިލްސަރވެންޓުން ނަށް ލިބޭ ވަރު ސަރުކާރަށް ނުވެސް އެގޭނެ. އޮފީހެއްގެ ޑިރެކްޓަރަކަށްވުރެ ގިނައިން ސިއްޚީމަރުކޒު މަސައްކަތުމީހާ ވެސް ގެއަށްގެންދޭ. ދެންއަދި އޮފީސްތަކުގެ މަސައްކަތު މީހުންގެ ހާލު ވަޒަންކޮށްލައްވާ! މިވާހަކަ ދައްކާނެ މީހަކުވެސް ނެތް.
އެމްސް
09 November 2022
ޑޮލަރާއި، ތަކެއްޗާއި، ޚިދުމަތުގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުން ގިނަ ދިވެހީންވެސް މިހާރު ތިބީ އުޖޫރައިގެ ކުޑަކަމުންނާއިވެސް އެކު އެއިން ނުފުއްދިފަ!