ފިނޭންސް މިނިސްޓަރު އަމީރާއި ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، ސަރުވަޝް މަޖިލީސް ކޮމިޓީގައި--ފޮޓޯ:ފަޔާޒް މޫސާ /މިހާރު
13 ނޮވެމްބަރ 2022 - 19:53
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަށް ބޭނުންވާ ފައިނޭންސިންގެ 38.5 ޕަސެންޓް މިހާރު ވެސް ހޯދާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލިހުގެ ބަޖެޓް ކޮމިޓީގައި އޭނާ ވިދާޅުވީ، ބަޖެޓުގެ ޑެފިސިޓް ހަމަޖެއްސުމަށް 11.4 ބިލިއަން ރުފިޔާ ބޭނުންވާ އިރު އޭގެ ތެރެއިން 8.4 ބިލިއަން ރުފިޔާ އަކީ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ކަމަށެވެ. ލޯނު އަނބުރާ ދައްކަން ބޭނުންވަނީ 2.1 ބިލިއަން ރުފިޔާ އެވެ. ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 870 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އަމީރު ވިދާޅުވި އެވެ.
ޑެފިސިޓް ހަމަޖައްސަން ބޭނުންވާ 6.4 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުގެ މާކެޓުންނެވެ. އަދި ފަސް ބިލިއަން ހޯދަނީ ޑޮމެސްޓިކް މާކެޓުންނެވެ.
"2023 ބޭނުންވާ ޖުމްލަ ފައިނޭންސިންގެެ ތެރެއިން 38.5 ޕަސެންޓް މިހާރު ވެސް ވަނީ ހަމަޖެހިފައި. އަންނަ އަހަރު ފައިނޭންސިންގެ ގޮތުގައި ހޯދާ ފައިސާގެ 56.3 ޕަސެންޓަކީ ބޭރުން ހޯދާ ފައިސާ. މީގެ ތެރޭގައި ޕްރޮޖެކްޓްތަކުން ޑިސްޕާސް ކުރާ 4.1 ބިލިއަން ރުފިޔާ ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ބޭރުގެ ބާޒާރަށް 770 މިލިއަން ރުފިޔާގެ ބްލޫ ނުވަތަ ގްރީން ބޮންޑެއް ވިއްކުމަށާއި 100 މިލިއަން ޑޮލަރުގެ ލޯނެއް ހޯދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ޑެފިސިޓް ހަމަޖެއްސުމަށް ބޮޑު އަދަދެއް އަންނަ އަހަރު ހޯދާ އިރު، މަރުކަޒީ ބޭންކް އެމްއެމްއޭއިން ދީފައިވާ ލަފާގައިވާ ގޮތުން ބަޖެޓުގެ ހަރަދު ހަމަޖެއްސުމަށް ބޭނުންވާ ފައިނޭންސް ހޯދުމުގައި ބޮޑެތި ދަތިތަކެއް އަންނަ އަހަރު ކުރިމަތިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފފފފފ
14 November 2022
ކޮނެގެންތަ ނެތީ! ތިތަނެއް ބުނެލަނިކޮށް އަހަރެމެންވެސް ތިތަން ކޮންނަން އުދައްޔާ ނާށި ހިފައިގެން ގޮސްދީފާނަން.
ހަސަނު
13 November 2022
ހޯދާފަ އޮތިއްޔާ ނިކަން ދައްކަބަލަ.. ލިބޭނެ، ހޯދޭނެ، މީ ތާކުންތާކު ޖެހޭ ވަހަކައެއްނޫން. މަ ބުނީ، ކުލަ ކުލައިގެ ބޮންޑު ވިއްކޭނެހޭ ރާއްޖޭގެ ރޭޓިން އެހާ ދަށްވެފާ އޮއްވާ.. ދަރަނި ބޮޑު ކަމުން އަންނަ އަހަރުވެސް ރޭޓިން މިހާރަށްވުރެވެސް އިތުރަށް ދަށްކޮށްފިއްޔާ ދެން ވަންނަނީ ކޮންތާކަށް؟؟ ޗާޕުކުރަން ޖެހޭނީ؟؟