ކުޅިވަރު

މެޗަކުން ބަލި ނުވެ މެސީ، ނޭމާ، އެމްބާޕޭ ވޯލްޑް ކަޕަށް

އިއްޔެގެ މެޗުގެ ތެރެއިން މެސީ، ނޭމާ އަދި އެމްބާޕޭ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ނޮވެމްބަރު 14) - އާ ސީޒަނުގައި ޕީއެސްޖީ އާ އެކު މެޗަކުން ބަލިނުވެ، ލީގު އެއް ވަނައިގައި އޮވެގެން އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ބްރެޒިލްގެ ނޭމާ އަދި ފްރާންސްގެ ކިލިއަން އެމްބާޕޭ، ގައުމީ ޓީމާ އެކު ފީފާ ވޯލްޑް ކަޕަށް ގަތަރަށް ފުރަން ތައްޔާރު ވެއްޖެ އެވެ.

ލީގުގައި ރޭ ޕީއެސްޖީ ވަނީ ލީގުގައި އޮޒޭ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެ 5-0 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ހަފްތާ ކުޅުނު މެޗުގައި ކުޑަ އަނިޔާއަކާ ގުޅިގެން މެސީ ނުކުޅުނު ނަމަވެސް، އުއްމީދު ކުރި ގޮތަށް، އޭނާ ވަނީ މި މެޗުގައި ފަށައި، 75 މިނިޓު ދަނޑުމަތީގައި ފުރިހަމަ ކޮށްފަ އެވެ.

ޕީއެސްޖީ އަށް ފުރަތަމަ ހާފުގައި ލަނޑު ޖަހައި ކުރި ހޯދައިދިނީ އެމްބާޕޭ އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ކާލޯސް ސޮލާ އާއި އަޝްރަފް ހަކީމީ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިން އިރު، ފަހު ދެ ލަނޑު ޖެހީ ރެނާޓޯ ސަންޗޭޒް އާއި ހޫގޯ އެކިޓިކޭ އެވެ. މި ދެ ލަނޑު ވެސް ޖެހީ ފަހު 10 މިނިޓު ތެރޭގައި، މެސީ އާއި ނޭމާ ބަދަލު ކުރި ފަހުންނެވެ. އެމްބާޕޭ ވަނީ މެޗު ފުރިހަމަ ކޮށްފަ އެވެ.

ޕީއެސްޖީ މި ސީޒަންގައި މެޗަކުން ބަލި ނުވާ އިރު ލީގު އެއް ވަނައިގައި އޮތީ ކުޅުނު 15 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެންސް އަށް ލިބިފައި ވަނީ 36 ޕޮއިންޓެވެ. އެ ޓީމު ވަނީ ފްރާންސްގެ ސީޒަން ފަށަން ކުޅުނު ސުޕަ ކަޕް ކާމިޔާބު ކޮށް، ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުން ވެސް ޖާގަ ހޯދައިފަ އެވެ.

މެސީ ވަނީ ޕީއެސްޖީ އަށް މި ސީޒަންގައި މިހާތަނަށް 19 މެޗުން 12 ގޯލު ޖަހައި، 14 ގޯލުގައި އެހީ ވެފަ އެވެ. މި އަހަރުގެ ވޯލްޑް ކަޕަކީ އާޖެންޓީނާގެ ކެޕްޓަން މެސީ ކުޅޭ ފަހު ވޯލްޑް ކަޕް ކަން އޭނާ ވަނީ މީގެ ކުރިން ވެސް ހާމަ ކޮށްފަ އެވެ. މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިފައި ނުވާ އިރު، ތަށި ހޯދުމާ އެންމެ ގާތަށް ދިޔައީ 2014 ވަނަ އަހަރެވެ. އެ އަހަރު ފައިނަލުން ބަލިވީ ޖަރުމަނާ ދެކޮޅަށް އިތުރު ވަގުތު ކުޅެގެންނެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޕެލޭ އާ ލަނޑުގެ ގޮތުން އެއްވަރު ކުރަށް ދެ ގޯލާ ގާތަށް ޖެހިލައިފައިވާ ނޭމާ ވަނީ ކްލަބުގައި މިހާތަނަށް 20 މެޗު ކުޅެދީ 15 ގޯލު ޖަހައިފަ އެވެ. އަދި 12 ގޯލުގައި އޭނާ ވަނީ އެހީ ވެފަ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 75 ގޯލު ޖަހައިދީފަ އެވެ. މިހާތަނަށް ދެ ވޯލްޑް ކަޕް ގައި ކުޅެ، އެންމެ ދުރަށް ދިޔައީ ސެމީ ފައިނަލަށެވެ. ކުއާޓާ ފައިނަލް ގައި އަނިޔާ ވެގެން، ނޭމާ ނުލައި ސެމީ ފައިނަލް ގައި ޖަރުމަން އަތުން ބްރެޒިލް އެފަހަރު އަމިއްލަ ދަނޑުގައި ސަލާމަތެއް ނުވި އެވެ.

އުމުރުން 19 އަހަރުގައި ވޯލްޑް ކަޕް ފައިނަލް ގައި ގޯލު ޖަހައިގެން ޝަރަފްވެރި މުބާރާތް ކާމިޔާބު ކުރި އެމްބާޕޭ ޕީއެސްޖީ ގައި ގޯލު ޖެހުމުގެ ފޯމު ވަރުގަދައަށް ހިފަހައްޓަމުން ގެންދާއިރު، މިހާތަނަށް 20 މެޗުން ވަނީ 19 ގޯލު ޖަހައިފަ އެވެ. ރަޝިއާ މުބާރާތުގައި ޖުމްލަ ހަތަރު ލަނޑު ޖަހައި، އޭނާ ވަނީ އެ ފަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ފަށާ ވޯލްޑް ކަޕް ގައި މި ތިން ކުޅުންތެރިންގެ އިތުރުން، ޕީއެސްޖީގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ޕަބްލޯ ސެރާބިއާ އާއި ތަފާތު ފޯމެއްގައި ހުރި ސޮލާ ގެ އިތުރުން، ޓީމުގެ ކެޕްޓަން ބްރެޒިލްގެ މާކީނިއޯސް އާއި ފްރާންސްގެ ޕްރެސްނެލް ކިމްޕެމްބޭ އަދި މޮރޮކޯގެ ހަކީމީ ހިމެނެ އެވެ.

އެއް ޓީމެއްގައި ޕީއެސްޖީގެ އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ ޕޯޗުގަލްގަ އެވެ. ކުލަބުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރާ ޑެނީލޯ ޕެރޭރާ އާއި ޒުވާން ލެފްޓްބެކް ނޫނޯ މެންޑޭސް އަދި އަލަށް ގެނައި މިޑްފީލްޑަރު ވިޓީނިއާ ވެސް ޕޯޗުގަލް އާއެކު ގަތަރަށް ދާނެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454