ފުލުހެއް: ކުރީގެ އަނބިމީހާއަށް އަނިޔާކުރި ފުލުހަކު ޖަލަށްލާން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/މިހާރު
23 ނޮވެމްބަރ 2022 - 22:29
ކުރީގެ އަނބިމީހާގެ ގެއަށް ގަދަކަމުން ވަދެ، ދަރިން ކުރިމަތީގައި އޭނާއަށް އަނިޔާކުރި ފުލުހަކު ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖޫން، 2018 ގައި މާލޭގައި ކުރީގެ އަނބިމީހާގެ ގެއަށް ވަދެ، އޭނާގެ ގައިގައި ތެޅި މައްސަލާގައި ދައުލަތުން ދައުވާކޮށް ކުށް ސާބިތުވީ ދ. އަތޮޅަށް ނިސްބަތްވާ ފުލުހެއްގެ މައްޗަށެވެ. އޭނާގެ ނަން ހާމަ ނުކުރީ ގެވެށި އަނިޔާއާ ގުޅުންހުރި ކަމަކަށް ވާތީ އަނިޔާ ލިބުނު މީހާގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށެވެ.
ކުރީގެ އަނބިމީހާ ދިރިއުޅޭ ގެއަށް ދިއުމުން އެގެއަށް އޭނާ ނުވެއްދުމުން ދޮރު ހަލާކުކޮށްލައިގެން ވަދެ، އޭނާގެ ބޮލުގައި ތަޅައި، އަނިޔާކުރީ ދަރިން ކުރިމަތީގަ އެވެ. އެ ހާދިސާ ހިނގީ ދެ މީހުންގެ 13 އަހަރުވީ ކައިވެނި ރޫޅުނު ފަހުންނެވެ. އޭނާއަކީ 17 އަަހަރު ފުލުހުންގެ ވަޒީފާގައި އުޅެފައިވާ މީހެކެވެ.
އެ މައްސަލާގައި އަނިޔާއެއް ދިނުމުގެ ދައުވާ އާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ސާބިތުވުމުން ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދޭން އޭނާ ކޯޓުގައި އެދުނެވެ. އަދި އަމިއްލަ ލޯނުތަކެއް އޮތުމުން ޖަލަށްލައިފިނަމަ، ލޯނު ނުދެއްކި އަދި ދަރިން މަގުމަތިވާނެ ކަމަށް ވެސް ކޯޓުގައި ބުނެފައިވެ އެވެ.
އެހެން ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ނިންމެވީ ޖޫރިމަނާގެ އަދަބަކަށް ބަދަލު ނުކުރުމަށެވެ. އަދި ކުށްކުރި ގޮތަށް ރިއާޔަތްކޮށް، އަދަބުގެ އަސާސީ މިންގަނޑަށް ވުރެ ދަރަޖަ މަތި ކުރުމަށްފަހު ތިން ދައުވާގައި އޭނާ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށެވެ.
ސަބަބެއްގެ ގޮތުގައި ވަކިވަކިން އިއްވެވި ތިން ހުކުމުގައިވަނީ އެ އަމަލު ހިންގާފައިވަނީ ދަރިން ކުރިމަތީގައި ކަމަށްވުމުން އޭގެ އަސަރު އެ ކުދިންނަށް ކުރާނެތީ އާއި އަންހެނުންނަށް ކުރާ އަނިޔާތަކުގައި ޖޫރިމަނާގެ އަދަބެއް ދިނުމަކީ އެފަދަ ކަންކަމަށް ފަރުވާ ކުޑަކުރުން ކަމުގައި ވާނެތީ އެވެ.
އެ ދައުވާއަށް އެ މީހާ ކޯޓުގައި އިންކާރުކޮށް ބުނެފައިވަނީ އޭނާ އަންހެން މީހާއަށް ހަމަލާދިނީ އަންހެން މީހާ އޭނާއަށް ހަމަލާދޭން ފެށުމުން ނަފްސުގެ ދިފާއުގައި ކަމަށެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ ގަދަކަމުން އެގެއަށް ވަނުމަށްފަހު އަނިޔާކުރީ ނަފްސުގެ ދިފާއުގައި ކަމަށް ބުނާ ބުނުން ހަމަނުޖެހޭ ކަމަށެވެ.
އެގެއަކީ ފުލުސް މީހާ ކުލި ދައްކާ ތަނެއް ކަމަށާއި އެހެންވެ، އެތަނަށް އޭނާއަށް ވަނުމުގެ ހުއްދަ އޮންނާނެ ކަމަށް ވެސް ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު ކޯޓުގެ ހުކުމުގައިވަނީ ކޮންމެ މީހަކު ކުލި ދެއްކިޔަސް، އެތަނުގައި އުޅޭ މީހުންގެ ހުއްދަ ނެތި ވަނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
25 November 2022
އަންހެނުން ފިރިހެނުންނަށް ކުރާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އަކީ ފެންނަ އެއްޗެއްނޫން. ދެތިން ކުދިން ލިބިފައި ތިބޭއިރު ފިރިމީހާ ސައިޒުކޮށްލަން އާއިލާއި ރައްޓެހިންގެ އެހީއާއި އެކު ލިބޭހާ ފައިސާ ހަލާކު ކުރާ އަނބިން ވެސް އެބަތިބި. މީހަކާއި އިނުމުގެ ކުރިން ވެސް ފިރީމާއަށް އަނިޔާދޭން ތަޅައިގަންނާނެ ތަންތަން ފާހަގަކޮށް އެބަފަރިތަކުރޭ. އެގޮތުން ކުރިމަތި ފަރާތާއި މޭގަނޑާއި މޫނުމަތީގައި ތަޅަން ފަރިތަކުރޭ.
ކަމަރު
24 November 2022
ދިވެއްސެއްތަ؟
އަލިމާ
24 November 2022
އޭނަ ކުލި ދައްކަނީ އޭނައަށް ވަދެވޭނެ ހެން ހީވަނީ ފުރާޅުން ޓިނު ނަގައިގެންވެސް. އަނިޔާ އެއް ނުކުރެވޭނެ ދަރިން ކުރިމަތީ އަދި ފުލުހެެއް ލޯނުތަށް އެބައޮތް. ފަސް ވަރަކަށް އަހަރަށް ޖަލައްލާ. އޭރުން އޮންނާނީ ލޯނުގެ މުއްދަތުވެސް ހަމަވެފަ.
ބުރުގާ
24 November 2022
ދަރިން ކުރިމަތީގަ ކުރީގެ އަނބިމީހާ ރޯސްކޮއްލީމަ 9 މަހައް ޖަލައް. ކިހާރީތިތޯ.. ތިހިރަ ހުކުންތަކައް ސަލާން
ސަޅި ދޯ
24 November 2022
ކިހާރީތިތޯ. ހުކުމަކީ އޭރަކު ގޮނޑީގަ އިންނަ ގާޒީއަކު ހިތުހުރި ދުވަހަށް ޖަލަށްލީމަ ރީތިވާ އެއްޗެއް ނޫން. ހުކުން ކުރަންވީ ގޮތާ ކުރަންވީ ތަނާ އޮންނަނީ ޤާނޫނުގަ ލިޔެފަ. އޭގެ ބޭރުން ހުކުމް ކޮށްފިއްޔާ އެއީ މައްސަލައެއް.
ބަބޫ
24 November 2022
މީހަކު ކުލިދައްކަމުން ދާތަނަކަށް ވަގަކު ވަދެފަ ހުއްޓާ ފެނުނަސް އެވަގު ހުއްދަ ނުދެނީސް ތިޔަބުނާގޮތުން ވެއްޖިއްޔާ އެތަނަކަށް ތަން ހިފައި ކުލިދައްކަމުންދާ މީހަކަށް ނުވަދެވޭނެތާދޯ. އޭނަ ހިފާފަ ހުރި ތަނަކަށް އޭނަޔަށް ވަދެވޭނެ ސޮރު ވައްޓާލާފަވެސް. އެކަމަކު އަނިޔާ ކޮށްގެން ނުވާނެ ދަރިން ކުރިމަތީގަ. އެކަމުގެ ހުކުމް އަދި މާކުޑަ. މަދުވެގެން 5 އަހަރަށް ޖަލަށް ލާންވާނެ. ކުޑަކުދިން ހަނދާން ނެތެން ނަގާނެ އެހާ ދުވަސް. ފުލުހަކަށްވީމަ އަދަބު ބޮޑުކުރަން ޖެހޭނެ
ކިޔާ
24 November 2022
ދިރިއުޅެމުން ދާ މީހުން ބްރޯ... ވަގަކު ވަދޭތަ ދިރިއުޅެން.. ދައްކާ ކަނޑުކޮސް ވާހަކަ
ހެޔޮ ނުވާނެ
24 November 2022
ތިކަހަލަ މޮޅެތި ކޮމެންޓު ނުކޮށްބަ ހެޔޮނުވާނެ. ކިޔާ މީހުން ލަދުވެސް ގަންނަން މިޖެހެނީ.
ދޮރުމަތަ
24 November 2022
އޭނާ ކުލިދައްކާ ތަނަކަށް އޭނާއަށް ނުވަދެވޭންވީ ސަބަބެއް ނެތް. ދޮރު ވައްޓާލިޔަސް ދޮރު މަރާމާތުކުރަން ޖެހޭނީ ކުއްޔަށް ހިފައިގެން އުޅޭ ފަރާތުން. އޭނާ ކުއްޔަށް ހިފަފައި ހުންނަތާކަށް އޭނާއަށް ވަދެ ނިކުމެވެންވާނެ. އަންހެނުންގެ ހައްގު ބޮޑުވެގެން ގޮސް އަމިއްލައަށް ހަރަދުކޮށް ބަލަހައްޓާ އަމިއްލަ ދަރިން ދެކެލެވެން ވެސް ފިރިހެނަކަށް ނެތް. ވަރަށް ބޭއިންސާފު. އަންހެން މީހައާ ދެކޮޅަށް އެތަނަށް ވަނީމަ ރަނގަޅަށް ވިއްޔާ އިސްވެ ހަމަލާދޭނީވެސް އަންހެން މީހާ.
ބަޑިތަކުރު
24 November 2022
ދަރިންދެކެލަންގޮސް އެކުދިންގެ މަންމައަށް ހާނީއްކަ ކުރާކަށް ނުޖެހޭނެއެވެ. ދަރިންދެކެލުމުގެ ފުރުޞަތު ނުދޭނަމަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެކަން ހައްލުކުރާނީއެވެ. އެއިންކަމެއް ކޮށްފައިނެތްނަމަ ފުލުހަކަސް އެކުރީ ކުށެކެވެ.
ބަލަ
24 November 2022
އަންހެނަކަށް ވުރެ ޖިސްމާނީ ގޮތުން ބާރު ގަދަވާނީ ފިރިހެން މީހާ.. ގޮތެްއް ހުރި މީހެއް ނަމަ ދަރިން ކުރިމަތީ އެކަހަލަ ހަޑިމުޑުދާރު ކަންތަކެއް ނުކުރާނެ.. ދިވެހިންގެ މެޗުއަރިޓީ ވެސް މިހުންނަނީ އިދިކޮޅަށް.. ރުޅިއައިސްގެން ހަޅޭއްލެވުމާ ތެޅުން މީ މީހާ ހަރުދަނާ ކުރާ ކަންތައް ކަމަށް ވާނަމަ މާރާމާރީ ހިންގާ އެންމެންވެސް ވަރަށް ހަރުދަނާ... އޭނަ ހިފާފަ ހުރިތަނަކަށް ވަދެ ވިޔަސް އޭނަ އިނދެގެން އުޅުނު ކަމަށް ވިޔަށް ނުވިޔަށް އިސްލާމްދީނުގައި ނޯވޭ އަނިޔާ ކުރުމެއް
ސަލްމާން
27 November 2022
ވާނުވާއެނގިގެން ކޮމެންޓުކޮށްބަލަ.
ދަލޭކަ ދައިތަ
23 November 2022
ބަރާބަރު ހުކުމެއް! ދަރިންނާ ދޭތެރޭ ވިސްނާ ދަރިންދެކެ ލޯބިވާ ބައްޕަޔަކު ދަރިންބަލަން ހުރި ދަރިން ނުހަނު ލޯބިވާ އެކުދިންގެ މަންމަޔަށް އަނިޔާ ނުކުރާނެ. އަތް އިސްކުރުމަކީ މައްސަލަ ހައްލުވާ ކަމެއްނޫން. ފިރިހެންވަންތަ ފިރިހެނުންނަކީ ކެއްތެރިކަމާ ވިސްނުންތެރިކަމާ އެކު މައްސަލަ ހައްލުކުރާ މީހުން.
ގެދާނޯމޮސް
23 November 2022
އެކަމަކު ފެންބިލާ ކަރަންޓު ބިލްދައްކަން ގަވައިދު ފާސްމިކުރަނީ ތަންކުއްޔަށް ހިފާފަ ހުންނަފަރާތަށެވެ. މިގަވައިދުގެ ދަށުން އޭނަޔާ ނުބެހޭ ނުވަދޭ ތަނެއްގެ ބިލްތަކުގެ ހުރިހާ ފައިސާ ދައްކަން ޖެހޭނީ ކޯޓުންނެވެ. ދަރިން ކުރިމަތީނަމަ ކުރިއަނިޔާ ގެ ކުޑަބޮޑު އެކުދިންނަށް އެނގޭނެތެވެ. މީ ބޭރުގައުމުތަކުގަ މިހާސީރިއަސް ކޮށް ބަލާކަންކަމަށް ނުހަދައެވެ. އާއިލާއެއްވީމަ ދެފަރާތުގެ ގުޅުން އިސްލާހުކުރަން ބަޔަކުއިސްކޮށް ނަސޭހަތްތެރިވާތަން ފިލްމުތަކުންވެސް ފެނެއެވެ.
ސަލާހު
27 November 2022
ބިލްފާސްކުރަނީ ކުއްޔަށް ހިފާ ތަންތަން ދޫކޮށްފަ ދާއިރު ބިލްތައް ނުދައްކާ ހުންނާތީ އެކަމުން ވެރިފަރާތް ސަލާމަތް ކޮށްދޭން.
ޙާމް77
23 November 2022
އެބަ ރަނގަޅުވޭ