05 ޑިސެމްބަރ 2022 - 16:22
މެލޭޝިޔާގެ ވެރިކަމާ މިދިޔަ ހޮނިހިރު ދުވަހު ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ކެބިނެޓްގައި ހިމެނޭ ހުރިހާ ވަޒީރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ސަރުކާރުން ނިންމައިފި އެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ ވަޒީރުންގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ނިންމެވީ ހުރިހާ ވަޒީރުންގެ އިއްތިފާގުން ކަމަށެވެ. އަދި މިއީ މިވަގުތު މެލޭޝިޔާގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމުގައި އެއްބާރުލުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވެސް އަންވަރު ވިދާޅުވި އެވެ.
"މި ނިންމުމަކީ ކުރިން އޮތް އިގްތިސާދީ ހާލަތު އަލުން އިއާދަ ވަންދެން އެޅި ފިޔަވަޅެއް. ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އިގްތިސާދު އަލުން އިއާދަ ކުރެވިއްޖެ ނަމަ، އަހަރެމެން މި ނިންމުން މުރާޖައާ ކުރާނަން. މި ނިންމުމަކީ އެންމެ އަކަށޭނަ ނިންމުމެއް ނޫން. އެހެން ނަމަވެސް އެ ބޭފުޅުން ވެވަޑައިގަންނަވާ ގުރުބާނީއަށްޓަކައި ހުރިހާ ވަޒީރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން،" ބޮޑުވަޒީރު އަންވަރު ވިދާޅުވި އެވެ.
ނިމިދިޔަ އިންތިޚާބުގެ ކެމްޕޭން ތެރޭގައި އަންވަރު ވެވަޑައިގެންނެވި އެއް ވައުދަކީ، މަގާމު ލިބިވަޑައިގެންފި ނަމަ ރައްޔިތުންނަށްޓަކައި އޭނާގެ މުސާރަ ނުނަންގަވާނެ ކަމަށެވެ. އަދި އާ ސަރުކާރު އިއުލާން ކުރެއްވި އިރު، ބޮޑުވަޒީރުގެ މަގާމުގެ އިތުރުން މާލީ ވަޒީރުގެ މަގާމާ ވެސް ހަވާލުވެވަޑައިގަތީ އަންވަރެވެ.
އެހެންކަމުން ބައެއް މީހުން ބުނަމުންދަނީ އަންވަރު، ބޮޑުވަޒީރުގެ މުސާރަ ދޫކޮށްލެއްވުމަށް ފަހު، މާލީ ވަޒީރުގެ މުސާރަ ނަންގަވާނެ ކަމަށެވެ. ނަމަވެސް އަންވަރު ވިދާޅުވީ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެހެން ވުޒާރާއަކާ ހަވާލުވެވަޑައިގެންނެވި ނަމަވެސް، މެލޭޝިޔާގެ ގާނޫނު އޮންނަ ގޮތުން ދެ މަގާމުގެ މުސާރަ ނުނެންގެވޭނެ ކަމަށާއި، ލިބިވަޑައިގަންނަވާނީ ކޮންމެވެސް އެއް މުސާރައެއް ކަމަށެވެ.
އަންވަރުގެ ސަރުކާރު މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެއްވި އިރު، ހިމެނެނީ 28 ވަޒީރުންނާއި ބޮޑުވަޒީރުގެ ދެ ނާއިބުންނެވެ. އަދި ނައިބު ވަޒީރުންގެ މަގާމުތަކަށް ބޭފުޅުން އައްޔަނެއް ނުކުރައްވަ އެވެ.
ކުރީގެ ބޮޑުވަޒީރު އިސްމާއީލް ސަބްރީ ޔައުގޫބްގެ ސަރުކާރުގައި 31 ވަޒީރުންނާއި ވަޒީރުންގެ ނާއިބުންގެ ގޮތުގައި 38 ބޭފުޅުން ތިއްބެވި އެވެ. އަދި ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ސަރުކާރުގައި 32 ވަޒީރުންނާއި 38 ނައިބު ވަޒީރުން ތިއްބެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިމަނިކުފާނު
06 December 2022
ހިތަށްއަރަނީ ރާއްޖޭގެ ވެރިކަމާ ޙަވާލުވާ މީހުންގެ އަމިއްލައެދުމާއި ގައުމާއި ދައުލަތަށް އެއްވެސް ލޯތްބެއް ނޯންނަ މިންވަރު. ދައުލަތް ބަނގުރޫޓު ވިޔަސް ތިމާ މުއްސަނދިވެ އަންބޮނޑި ބޮޑުކުރުން. ރާއްޖޭގައި ކޮންމެ މިނިސްޓްރީއަކަށް އެތައް ގިނަ ސްޓޭޓްމިނިސްޓަރުންނާއި ނާއިބުންނާއި އެކި ނަންނަމުގެ ސިޔާސީ މަޤާމްތައް. ނަމަވެސް މެލޭޝިޔާގައި މިނިސްޓަރުންގެ އިތުރުން އެންމެ 38 ވަރަކަށް ނާއިބުން. ގައުމަށް ދަތިކަން ކުރިމަތިވީމާ މުސާރައިގެ %20 އުނިކޮށްލަނީ ގައުމަށްޓަކާ
ނުނން
05 December 2022
ޔާނު ބުނީ މުސާރަނަގާނީ 50 ޕަސަންޓް އެކަމަކު ކަންތައްވީ އަނެއްކޮޅަށް
ދގދސެފ×
05 December 2022
20 ޕަސެންޓު ކުޑަކޮށްފާ އަނެއްކާ ޔާނުހެދޮގޮތަށް ނުހަދާތި.