ނަފްސާނީ ބައްޔަށް ހާއްސަ ސެންޓަރު: މިއީ ނަފްސާނީ ބައްޔަށް ހާއްސަކޮށްގެން އައިޖީއެމްއެޗުގައި ހުޅުވި މަރުކަޒު.-- ފޮޓޯ: ނިޝާން އަލީ/މިހާރު
05 ޑިސެމްބަރ 2022 - 21:34
ނަފްސާނީ ވޭން ތަހައްމަލުކުރާ މީހުން ރާއްޖޭގައި ވަރަށް ގިނަ ކަމަށާއި އެކަމަކު އެ މީހުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ އަދި އެއަށްވުރެ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން، "ކިހިނެއް؟" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ނަފްސާނީ ވޭންތައް ތަހައްމަލުކުރާ މީހުންނާއި ކުދިން އަދި ޒުވާނުން ވަރަށް ގިނަ ކަމަށެވެ.
އެފަދަ ވޭނުގައި އުޅޭ މީހުންނާއި ކުދިންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަކީ އަދި އެއަށްވުރެ ގޮންޖެހުން ބޮޑު މަސައްކަތަކަށް ވިޔަސް އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަމުދުން ނުކޮށް ދޫކޮށްލައިގެން ތިބެވެން އޮތް ކަމެއް ވެސް ނޫން [އެއީ]." ރައީސް ވިދާޅުވި އެވެ.
ނަފްސާނީ ބަލީގައި ޖުމްލަކޮށް ރާއްޖޭގެ ހާލަތެއް އަދި ނޭނގެ އެވެ. އެކަމަކު، ޑަބްލިއުއެޗްއޯގެ ސްޓެޕްސް ރިސާޗު އޮން ރިސްކް ފެކްޓާސް ފޯ ނޮން-ކޮމިއުނަބްލް ޑިސީސްގެ ރިޕޯޓުގައި ބުނީ ރާއްޖޭގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ޑިޕްރެޝަންގެ އުނދގޫ ހުންނަ މީހުން ކަމަށެވެ.
ރައީސް ވެސް ވިދާޅުވި ގޮތުގައި ނަފްސާނީ ފަރުވާ ފޯރުކޮށްދިނުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާނުއްސުރެ އެކަމަށް އަޅާނުލެވުމެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ނަފްސާނީ މައްސަލަތަކާއި ނަފްސާނީ ދުޅަހެޔޮކަމާ މެދު ހޭލުންތެރިކަން ކުޑަވުމެވެ.
"ނަފްސާނީ މައްސަލައެއް ފާހަގަވުމުން އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ހޯދަނީ ސައިކޮލޮޖިސްޓެއް، ކައުންސެލަރެއް، ނޫނީވިއްޔާ ތެރަޕިސްޓެއް. ނަމަވެސް އެއަށްވުރެ މާ ކައިރިން އެކަމަށް ފިޔަވަޅު އެޅެން އެބަހުރި. އާއިލާ އާއި ރައްޓެހިންނަކީ އެންމެ ގާތުން އަދި އެންމެ އަވަހަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ މީހުން،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން، "ކިހިނެއް؟" މިއަދު ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މިފަދަ ކަންކަމުގައި އެހީތެރިވެދޭ އަމިއްލަ ޖަމިއްޔާތަކާއި ޖަމާއަތްތައް ނުވަތަ ސަޕޯޓް ގްރޫޕްތަކުގެ އެހީތެރިކަން ވެސް ހޯދިދާނެ. މި ގައުމީ ކެމްޕެއިންގައި ބާރުއަޅާ އެންމެ މުހިންމު އެއް ކަމަކީ މިއީ."
ނަފްސާނީ ފަރުވާގެ އެންމެ މުހިއްމު ކަމަކީ އެ ބަލީގެ އެންމެ ކުރީކޮޅު ފަރުވާ ދޭން ފެށުން ކަމަށް ވިޔަސް އެކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭނީ އެ މީހަކު ދިރިއުޅޭ ރަށަކުން އެ ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެހިގެން ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ ކަމުގައި އެންމެ މުހިއްމީ ނަފްސާނީ ބަލި ނުވަތަ ނަފްސާނީ ހާލަތެއް މެދުވެރިވާކަމުގެ އަލާމާތްތައް އޭގެ ކުރީކޮޅު ދެނެގަނެ، އެކަމަށް ބޭނުންވާ އެހީތެރިކަން ހޯދުން ކަމަށް ވިދާޅުވި އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ސެންޓަރެއް ހުޅުވީ މާޗު، 2019 ގަ އެވެ. އައިޖީއެމްއެޗްގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރުން ވަނީ އެތައް ހާސް ބަޔަކު ފަރުވާ ހޯދައިފަ އެވެ. އޭގެ ފަހުން، ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކޮށްފައިވެ އެވެ.
މި ސަރުކާރުން އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގެ ހޮސްޕިޓަލްތަކެއް ޓާޝަރީ ފެންވަރަށް ބަދަލުކުރަމުންނެވެ. ރައީސް ވިދާޅުވީ އެ ހޮސްޕިޓަލުތަކުގައި ނަފްސާނީ ފަރުވާ ހޯދޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށެވެ. އޭގެ އިތުރުން އަތޮޅު ހޮސްޕިޓަލްތަކުގައި ތެރަޕީ އާއި ކައުންސެލްގެ ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނަފްސާނީ ބަލީގެ ކޮންމެ މީހަކީ އެޑްމިޓްކޮށް، ބޭސްދީގެން ފަރުވާކުރަންޖެހޭ މީހަކަށް ނުވެދާނެ އެވެ. ނަމަވެސް، އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހާއަށްވުރެ، ނަފްސާނީ ބަލީގައި އުޅޭ މީހާ ތަހައްމަލުކުރާ ވޭން މާ ބޮޑުވެދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި އެދެވޭ ފަރުވާ ނުދެވިއްޖެނަމަ ދިގު މުއްދަތަކަށް ތަހައްމަލުކުރަންޖެހޭ ވޭން ބޮޑުވެދާނެ ކަމަށް ވިދާޅުވި އެވެ.
"ނަފްސާނީ މައްސަލަތައް އުފެދޭގޮތާއި އުފެދުމަށްފަހު އެ މައްސަލަތަކުގެ ވަށައިގެން ހިނގާ ކަންކަމަށް ބަލާއިރު، ދުރާލައި ފިޔަވަޅު އެޅުމަށްވުރެ ބުއްދިވެރި ގޮތެއް ނެތް. ބަލީގެ ކުރީކޮޅު އެކަން ދެނެގަނެ، ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަކީ، އެކަމުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަކޮށްދޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕެއިން، "ކިހިނެއް؟" ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރު ކުރާ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި އެއީ ހައްލުނުކުރެވި ހުރި ވަރަށް ގިނަ އިޖުތިމާއީ މައްސަލަތަކެއް ކަމަށް ވިދާޅުވި އެވެ. މާލެއަށް ބަލާއިރު ތޮއްޖެހިގެން އުޅެންޖެހުމަކީ ބޮޑު މައްސަލައެކެވެ.
ރަށްރަށުގައި ދިރިއުޅޭ މީހުންގެ ނަފްސާނީ ހާލަތަށް އަސަރުކުރާ ކަންކަމުގެ ތެރޭގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނުލިބުމާއި ރަނގަޅު ސިއްހީ ހިދުމަތް ނުލިބުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ. އެ ސަބަބުތަކާ ހެދި މި ސަރުކާރުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކުރަމުން އަންނަނީ އެ މީހަކު ދިރިއުޅޭ ތަނެއް ނުބަލައި އަދި ވަކި ރަށެއް ނުބަލައި ބޭނުންވާ އަސާސީ ކަންތައްތައް ފޯރުކޮށްދިނުމެވެ.
"ދަރިންނަށް ތައުލީމު ލިބޭނޭގޮތް ހޯދައިދިނުން. އެކަމާ ދޭތެރޭގައި ސިކުނޑި ގާނައި އެތައް ދުވަހެއް އެކަމުގައި ހޭދަކުރަން ނުޖެހުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު މި ދެންނެވިހެން މި ސަރުކާރުން މި ގެންދަނީ އެ ކަންތައްތަކަށް ރަނގަޅު ހައްލެއް ހޯދައިދެމުން،"
"މިފަދަ ކަންތައްތައް ނޫނަސް ނަފްސާނީ ވޭނަށް ހުށަހެޅޭ ކިތައްމެ ސަބަބުތަކެއް އަޅުގަނޑުމެންގެ ތެރޭގައި ހުރެދާނެ. ނަފްސާނީ ބަލިތަކާ ދެކޮޅަށް އަޅަން އޮތް އެންމެ މުހިންމު ފިޔަވަޅަކީ، އެފަދަ ބަލީގައި އުޅޭ މީހުން އެކަހެރިވާން ދޫކޮށްނުލުން. އެ މީހުންގެ އަތުގައި ހިފައި، އެ މީހުންނަށް އެހީތެރިވެދިނުން. ނަފްސާނީ ބަލިތަކުގައި ދޭންޖެހޭ ބޭސްފަރުވާއަށްވުރެ، އާއިލާ އާއި މުޖުތަމައުގެ ލޯތްބާއި އޯގާތެރިކަން ލިބުމަކީ މާ މުޖައްރިބު ފަރުވާއެއް." ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެށީގެ ގޮވުން
06 December 2022
ތިވާހަކައިން ތިޔަ އިއުތިރާފު ވަނީ މިއޮތް ވެެރިކަމުގެ 4 އަހަރު ނިމި ފަހުއަހަރު ވެއްޓޭ ކާއްޓެއް ވެއްޓޭހައި ބާރުމިނުގަ ނިމެމުން ދާއިރު އެކަމަށް ތިމާމީހާ ސަމާލުނުވެ އަޅާނުލެވި އޮތް މިންވަރު ހާމަ ވެއްޖެކަން ކޮންމެ ކަމަކަށްމެ ޖެހިފަ އޮތީ ރައްޔިތުން އުތުރިއަރާށެވެ މަސްވެރިން މަސްކިރާފަ ފައިސާ ނުދީ އެތައް މަހެއް ވުމުން މުޒާހަރާ ކޮށް ގަންނާށެވެ އަމާނާތްތެރިކަމާ އަމަން އަމާންކަން ގެއްލި ގޮސްފައިވާ ވެެރިކަމެކެވެ
ކޮތަރޭ
06 December 2022
ނަފްސާނީ ބަލީގައި ގިނަ ދުވަހު ވޭން ތަހައްމަލް ކުރަމުންދާ ޢާއިލީ މީހުންގެ ހާލަތު ދަންނަ މީހެއްގެ ހައިސިއްޔަތުން ދަންނަވާލަން އޮތީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ނަފްސާނީ ބަލީގެ ޑޮކްޓަރެއް ބަހައްޓައިދެއްވާށޭ
ކޮމަންސެންސް
06 December 2022
ލަދެއް ނުގަނޭތަ ތިވާހަކަ ދައްކަން ގައުމުގެ ވެރިޔަކަށް ހުރެ ؟
ކޮމަން
06 December 2022
އެއްބަސް
އޮނަރަބްލް އަފީފު ދީދީ
05 December 2022
ޤައުމުގެ ބޮޑު އާބާދީގެ މައްޗަށް ވަކިރަށެއްގެ މަދުބަޔަކު ވެރިވެގަތުމާއި އަދި މުޅިޤައުމަށް ލިބޭ އާމްދަނީއާއި ހުރިހާ ދިވެހިންގެ އަތުން ނަގާ ފައިސާހިމެނޭގޮތުން ދައުލަތުން ކަޑައަޅާ ބަޖޭޓްގެ %85 ކ.އަތޮޅު މާލެއަށް ހޭދަކޮށް އެހެން ހުރިހާރަށްރަށް ބާކީ ކުރުމުގެ ސަބަބުންނޫންތޯ ދިވެހި ބޮޑުއާބާދީއަށް ނަފުސާނީ ބަލިމަޑުކަމާއި ކުރިމަތިލާންޖެހުނީ.
ގުދުގުދާބެއްޔާ
05 December 2022
އެކަންވީނީ އެހެންތާ ނުގުޅޭ ބޭސް ވައްތަރަކުން 10 ގުޅަ ދުވާލަކުކާންވީމާ އަދި މާބޮޑައް ނަފްސާނީވާނެދޯ؟
ޓިކްޓޮކު
05 December 2022
ބައްލަވާ އާސީ ! ސުރުޚީ ރަނގަޅުކޮށްލައްވާ. ރައީސް އެވިދާޅުވީ , :ވޭން , ފަސޭހަ ވާހަކައެއްނޫން.
ގެދާނޯމޮސް
05 December 2022
ކޮވިޑުގެ ހާލަތުން ސްކޫލުދަރިވަރުންނަށް ލިބިގެން ގޮސްފަވާ ނަފްސާނީ ކަންކަމުގެ ނާޖައިޒު ފައިދާ ނެގީ ޖެންޑާމިނިސްޓްރީއެވެ.
ސަންފާތު
05 December 2022
މާލޭގައި މީހުން ތޮއްޖައްސައިގެން ދިރިއުޅުމަކީ ނަފްސާނީ ބަލީ ގެ ބޮޑު އެއް ސަބަބު. ކުލި ދައްކަން ހެސްކިޔާފައި ދެމަފިރިން މަސައްކަތް ކުރަން ޖެހުން. ދަރިންނަށް އަޅާ ނުލެވުން. މީ ހުސް ސަބަބު ތައް. ތާހިރު ދިރިއުޅުމެއް ލިބިގެން މީހާ ގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާނީ!