ރިޕޯޓް / ގެވެށި އަނިޔާ

ވަރިހަމަކޮށްލައިގެން ތިއްބައި ހައްދުފަހަނާޅައިދަނީ!

"ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކުގައި ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ކުރާ އަނިޔާ ހުށަހެޅުމުން މަޝްވަރާކޮށްގެން ހައްލުކުރަން" ފޮނުވާލާ ކަމުގެ ޝަކުވާ އޮވެ އެވެ.

އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއް: ގެވެށި އަނިޔާގެ މައްސަލަތަކުގައި އިންސާފަށް ވާސިލްނުވެވޭ ކަމުގެ ޝަކުވާ ބޮޑު. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ގެވެށި އަނިޔާގެ އަމަލުތައް ރާއްޖޭގައި މިހާރު ފެތުރިފައި އޮތީ ކޮން މިންވަރަކަށް ހެއްޔެވެ؟ ކަމާބެހޭ އިދާރާތަކަށް ޔަގީން ޖަވާބެއް ދޭކަށް ނޭނގެ އެވެ.! ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވެސް ހާލަތު ބުނެދޭން ހުޅުވާލަން އޮތީ މާކުރީގެ ދިރާސާއަކާއި ރިޕޯޓްކުރި ކޭސްތަކެވެ. މީގެ 15 އަހަރު ކުރީގެ އެ ދިރާސާގައި އޮތީ ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކު އަނިޔާ ލިބެ އެވެ.

މިއަށް ވުރެން ހާލަތު ގޯސްވެފައި އޮތުން އެކަށީގެންވެ އެވެ. މި ތަފާސްހިސާބުތަކަށް ބަލަހައްޓައިގެން ތިއްބައި އަނިޔާ ހައްދުފަހަނާޅައި ހިތްދަތި އެތައް ހާދިސާއެއް ހިނގައިފި އެވެ. ފެންނަ މީހުންނާއި އަޑުއިވޭ އަދި އަނިޔާގެ އަމަލުތައް ހިނގާކަން އެނގި ތިބެ ވަރިހަމަކޮށްލަނީ އެވެ. ކަމާބެހޭ އިދާރާތަކުން އިންސާފެއް ނުލިބެ އެވެ. އަނިޔާ ލިބޭ މީހާއަށް ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ކުޑަ އެވެ.

ފެންމަތިވާ ގެވެށި އަނިޔާގެ ބޮޑެތި މައްސަލަތަކުގެ ޓްރެންޑް ހުރީ އެގޮތަށެވެ. ކަންބޮޑުވާ ދަރަޖައިގެ އިހުމާލުތަކެވެ.

އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ބަޔަކު ނުކުމެ ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ތިން އަހަރުގެ ދަރިފުޅު މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލައިގެ ތަހުގީގާއި ޝަރީއަތުގައި ފާޅުވީ މަންމަ އާފިޔާގެ ވެސް އޮތީ އަނިޔާ ތަހައްމަލްކުރުމުގެ މާޒީއެއް ކަމެވެ. ބޮޑު ކުށަކަށް އޭނާ އަރައިގަންނަ ހާލަތަށް ދިޔަ ކަން އެންމެންނަށް އެނގޭ އިރު އެހީވި އެކަކު ވެސް ނެތީ އެވެ. އަނިޔާގެ ޝިކާރައަކަށް ވެ މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ކޭސްގައި ވެސް ފެންނަން އޮތީ އެ ހަގީގަތެވެ. އޭގެ ފަހުން ގެވެށި އަނިޔާގެ ތެރެއިން ނަރުހަކު މަރާލައިފި އެވެ.

އެންމެ ފަހުން މި ފެންމަތިވީ ހދ. ނޮޅިވަރަން, ނިޝާމާ މުހައްމަދު މަރާލި މައްސަލަ އެވެ.

އޭނާގެ މަރުގެ ތުހުމަތުކުރަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި ކުށްކުރުމުގެ ރެކޯޑު އޮތް ފިރިމީހާ އަބޫބަކުރު ފައިސަލްއަށެވެ. ނިޝާމާ މަރުވެފައި އޮއްވާ ފެނުނުއިރު ކަރުގައި ޒަހަމެއް ހުއްޓެވެ. މި މަރަށް ފަހު ދައްކާ ވާހަކަތަކުގައި ނިޝާމާގެ މަރާ ހިސާބަށް އަނިޔާ ހައްދުފަހަނާޅައި ދިޔައީ ކަމަށް ތުހުމަތުކުރެ އެވެ.

ފެނުނު މީހުން އަޑު އިވުނު އަދި އަނިޔާ ތަހައްމަލްކުރަމުން ދިޔަކަން އެނގޭ މީހުން ވެސް ތިބި ކަމަށް ވެ އެވެ. އެކަމަކު އަނިޔާގެ އެއްވެސް ޝަކުވާއެއް އޭނާ ކަމާބެހޭ އިދާރާއަކަށް ހުށަހަޅާފައި އޮތް ކަމަށް އެތަންތަނުގެ ރެކޯޑަކުން ނުދައްކަ އެވެ. ނިޝާމާއަށް އަނިޔާ ލިބުނު ކަމެއް އެހެން މީހެއްގެ ފަރާތުން ވެސް ރިޕޯޓެއް ނުކުރެ އެވެ.

މި ކޭސްގައި އަދި ހަގީގަތެއް ނޭނގެ އެވެ. ބުރަވެވެނީ ފައިސަލްގެ އޮތް އަނިޔާކުރުމުގެ މާޒީއަށެވެ. ކުރީގެ އަނބިމީހާ އަށް ވަރަށް އަނިޔާކުރި އެވެ. މުއައްސަސާތަކަށް ހުށަހަޅައިގެން އޭނާއަށް އިންސާފެއް ނުލިބެ އެވެ. އަނިޔާގެ އަމަލު ތަކުރާރު ނުވާނެ ގޮތަކަށް ފައިސަލްއާ މެދު އެޅުނު ފިޔަވަޅެއް ވެސް ނެތެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ސީއީއޯ އިބްރާހިމް ތޮއްޔިބް ވިދާޅުވީ ކޭސްތަކަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތަކުގައި މަރުވާ އަދަދު މަދުން ނަމަވެސް އިތުރުވަމުންދާތަން ފެނުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

"މިއީ ކަންބޮޑުވާން ޖެހޭ ޓްރެންޑެއްގެ ގޮތުގައި މި ފާހަގަކުރެވެނީ. ފަހުގެ އަހަރުތަކުގެ ތެރޭގައި މިކަހަލަ ތިން ކޭސްއެއް, އިބްތިހާލް ކޭސް ހިމަނައިފި ނަމަ ހަތަރެއް ހިނގާފައި އެބަވޭ," އޭނާ ވިދާޅުވި އެވެ.

ޒާތީ ކަމެއްގެ ގޮތުގައި އަދިވެސް ހަނު!

ނިޝަމާއަށް ވެސް އަނިޔާކުރާކަން އެނގި ތިބެ ހަނު ތިބީ ހެއްޔެވެ؟

ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އަނިޔާ ރިޕޯޓްކުރުމަށް ވުރެން ތިން ކުދިންގެ ޒިންމާ, އޭނާއަށް ވެސް ކުރިއަށް ނެރެވޭނެކަން އެނގޭ އިރު ރައްކާތެރިކަން ހޯދައިދޭން އިސް ނެގި ހަމަ އެކަކު ނެތީ ހެއްޔެވެ؟

މި ސުވާލު އުފައްދަނީ އަނިޔާއަށް "ހަނު ތިބުން" ނުވަތަ މީހަކަށް އަނިޔާކުރާތަން ފެންނަ އިރު ވެސް ވަރިހަމަކޮށްލައިގެން ތިބުމުގެ ސަގާފަތް ބަދަލުނުވާ ކަން މިފަދަ ކޮންމެ މައްސަލައަކުން ފެންނާން އޮތުމުންނެވެ.

މާލެ: ޖޫން 29، 2020: ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ދެ ފިރިހެނުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ބަޔަކު ނުކުމެ ޖިންސީ އަނިޔާ އާ ދެކޮޅަށް މުޒާހަރާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ދެމަފިރިއަކު ޒުވާބުކޮށް ހަމަނުޖެހުން ހިންގާ ހިސާބަށްދާ ތަން ފެނުނަސް އެއީ އެ ދެމީހުންގެ ޒާތީ ކަމެއްގެ ގޮތުގައި ވަރަށް ގިނަ ފަހަރަށް އަޅައެއް ނުލަ އެވެ. ގެވެށި އަނިޔާގެ ގޮތުގައި ދެކެނީ ވެސް ޖިސްމާނީ އަނިޔާ އެވެ.

"ދެމަފިރިން ނޫނީ އާއިލާއެއްގެ ތެރޭގައި ޖެހޭ މިފަދަ މައްސަލަތައް ސިފަކުރަމުން މި އަންނަނީ ޒާތީ ކަމެއްގެ ގޮތުގައި. އެހެން ބަޔަކު އޭގެތެރެއަށް ވަންނަން ނުވަތަ އަޅާލަން ނުޖެހޭ ކަންތައްތަކެއްގެ ގޮތުގައި ސިފަވެގެން އާދޭ," ތޮއްޔިބް ވިދާޅުވި އެވެ.

"ދެ ވަނަ ކަމަކަށް އަޅުގަނޑުމެންގެ ތެރޭގައި އެބައޮވޭ ގަބޫލުކުރުމެއް ޒާތީ ދިރިއުޅުމުގެ ތެރޭގައި ޖެހޭ މައްސަލަތަކުގައި އަންހެނުންނަށް އަނިޔާކުރެވިދާނެއޭ. ބައެއް ފަހަރު ޒުވާބުކުރުމަކީ އޯކޭ ކަމެކޭ. ބައެއް ފަހަރަށް އަތް އިސްކުރުން ވެސް ހަމަ މައްސަލައެއް ނެތޭ."

އަނިޔާގެ އަމަލެއް ގިނަ ފަހަރަށް ސީރިއަސްކޮށް ނަގަނީ އަނިޔާ ލިބޭ މީހާ މުށުތެރޭގައި ގެންގުޅެމުން ގޮސް އެކަން ވަރަށް ބޮޑު ހާދިސާއެއްގެ ގޮތުގައި ހިނގުމުންނެވެ. އެފަދަ ކަންކަން ހިނގާ ތަން ފެނި އެންމެ ގޯސް ހާލަތަށް ދިއުމުން "މަރާލާނެ ކަމަކަށް ނުވަތަ މިވަރުކޮށްލާނެ ކަމަކަށް ހިއެއް ނުކުރަމޭ" ބުނަނީ އަނިޔާ ކުރިއަސް މައްސަލައެއް ނެތް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ތޮއްޔިބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނިޔާ ރިޕޯޓްކުރުން އިތުރުވެއްޖެ ކަމަށެވެ. ޖިސްމާނީ އަނިޔާގެ އިތުރުން އެހެން ބާވަތްތަކުގެ އަނިޔާ ވެސް ހުށަހަޅާ މިންވަރު ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އިތުރު ކަމަށް ވިދާޅުވި އެވެ.

"މާލީ ގޮތުން ކުރެވޭ އަނިޔާ ނުވަތަ ނަފްސާނީ ގޮތުން އަނިޔާ އާއި ބަހުގެ ހަމަލާދިނުމުގެ އަދަދުތައް ވެސް އިތުރުވަމުން އެބައާދޭ. ޓްރެންޑްތަކަށް ބަލާއިރު ހޭލުންތެރިކަން އިތުރުވަމުން އައުމުގެ ސިގްނަލްތަކެއް އެބަފެނޭ," އޭނާ ވިދާޅުވި އެވެ.

ތޮއްޔިބް ދެކެވަޑައިގަންނަވާ ގޮތުގައި މިއީ މި މައްސަލައިގައި އަންނަ ރަނގަޅު ބަދަލަކަށް ވެދާނެ އެވެ.

"ވަށައި ޖެހޭ ހައްލެއް ނުހޯދޭ"

ގެވެށި އަނިޔާގެ މައްސަލަތަކުގައި މުއައްސަސާތަކުގެ ފުރިހަމަ ޒިންމާ އަދާކުރެވޭ ހެއްޔެވެ؟ ކޮންމެ މައްސަލައަކަށް ވަކިން ބަލާލިޔަސް ނިޒާމުގެ ތެރެއިން ހަރުދަނާ ކުރަން ޖެހޭ ގިނަ ކަންކަން ފެނެ އެވެ.

ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓްނުކުރާ ކަމަށް ގިނަ ބަޔަކު ބުނާ އެއް ސަބަބަކީ ރައްކާތެރިކަން ނުލިބުމެވެ. ނިޒާމާ މެދު އޮތް އިތުބާރު ގެއްލިފައި އޮތުމެވެ.

އަނިޔާ ތަހައްމަލްކުރަން ޖެހޭ މީހުންގެ މައްސަލަ ރިޕޯޓްކުރާ ހިސާބުން އެކަން ސީރިއަސްކޮށް ނަގައި އަވަސް ހައްލު ހޯދައިދޭން ޖެހުނަސް ކަމާބެހޭ އިދާރާތަކާ މެދު އަދިވެސް އޮތީ ޝަކުވާ އެވެ.

މައްސަލަ ރިޕޯޓްކޮށްފި ނަމަ އަނިޔާ ލިބޭ މީހާ ބަދުނާމުގެ ތެރޭގައި ތާށިވެ އިތުރަށް އަނިޔާ ލިބޭ އިރު ވެސް ނުހުއްޓުވުމެވެ. އަނިޔާކުރާ މީހާއާ މެދު ނިޒާމުގެ ތެރެއިން އަޅާ ފިޔަވަޅެއް ވެސް ނޯވެ އެވެ.

އަނިޔާގެ މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް ބުނެ މުޒާހަރާކުރަނީ: ގެވެށި އަނިޔާގެ މައްސަލަތަކުގެ ޓްރެންޑްކުރީ ކަންބޮޑުވާންޖެހޭ ގޮތަކަށް ކަމަށް އެފްޕީއޭ އިން ބުނޭ. -- ފޮޓޯ | މިހާރު

"ލިމިޓޭޝަންސްތަކެއް ހުރި ކަމަށް ގަބޫލުކުރަން. ގޭތެރޭގައި ނުވަތަ ވަންހަނާ ތަނެއްގައި ގިނަ ފަހަރަށް މިކަންކަން މި ހިނގަނީ. އެކަމަކު އަނިޔާގެ މައްސަލަ ސާބިތުކުރަން ބޭނުންވާ ހެކީގެ ބުރަދަން ތަންކޮޅެއް މަތިކޮށް އޮންނަނީ ގެވެށި އަނިޔާގެ މައްސަލަތަކުގައި," އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ލިމިޓޭޝަންސްތަކާ އެކުގައި އަނިޔާކުރާ ފަރާތްތައް އެކައުންޓަބަލް ކުރުވުން ހަމަ ތަންކޮޅެއް ޗެލެންޖިން ގޮތަކަށް މި އޮންނަނީ ގެވެށި އަނިޔާގެ ކޭސްތަކުގައި."

މި މައްސަލަތަކުގައި މުއައްސަސާތައް އެކުގައި ހައްލު ހޯދަން ގެންގުޅޭ ވިސްނުންތަކުން ނަތީޖާ ނުނެރެވޭ މައްސަލަ ވެސް ބޮޑެވެ.

މިކަމުގައި އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ގުޅުމެއް ނެތް މައްސަލަ ވެސް ބޮޑެވެ. އަނިޔާއާ ގުޅޭ ގޮތުން ދެތަނުން ނެރޭ ތަފާސްހިސާބުތައް ދިމާނުވުމަކީ މީގެ ހެއްކެއްގެ ގޮތަށް އޭނާ ދައްކަވަ އެވެ.

ގާނޫނުގައި އެ ހިސާބުތައް ބެލެހެއްޓުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ހަވާލުވެފައި އޮތަސް ރިޕޯޓްކުރާ ގެވެށި އަނިޔާގެ ހުރިހާ މައްސަލަތަކެއް ފެމިލިޓީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސިސްޓަމް ތެރެއަކަށް ނުވަދެ އެވެ. މައްސަލައެއް ރިޕޯޓްކޮށްފި ނަމަ ހުރިހާ މުއައްސަސާތަކުން އަމަލުކުރާނެ އެސްއޯޕީއެއް އެބައޮތް ހެއްޔެވެ؟ ކޮންމެ މައްސަލައެއްގައި ތަފާތު ގޮތަކަށް ކަންކަން ހިނގާފައި ވަނިކޮށް ވެސް ފެނެ އެވެ.

ރައްކާތެރި ކަމުގެ އަމުރަކަށް އެދިގެން އަހަރެއްހާ ދުވަސް ވެސް ބައެއް މީހުން މަޑުކުރަން ޖެހިފައި އެބަހުއްޓެވެ. ބައެއް ހުކުމްތަކުން ފެންނަން އެބައޮތެވެ.

"އިތުބާރު ހަމަ ނޯންނަނީ. ޑީވީ ކޭސްތައް ރިޕޯޓްކޮށްގެން މުއައްސަސާތަކުން އަޅައިދެނީ ކޮން ފިޔަވަޅެއްތޯ ސުވާލު އުފައްދާ. ރިޕޯޓްކޮށްގެން އެ ހާލަތުން ސަލާމަތް ނުވަންޏާ އެކަމުން ވެސް ލިބެން އޮތީ އަނިޔާ. އެހެންވެ ހުށަނާޅާ ކޭސްތައް ވެސް ގިނަ," މި މައްސަލަތަކުގައި އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވާ ލޯޔަރަކު ވިދާޅުވި އެވެ.

"ދެމަފިރިންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކުގައި ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ކުރާ އަނިޔާ ހުށަހެޅުމުން މަޝްވަރާކޮށްގެން ހައްލުކުރަން" ފޮނުވާލި ކަމުގެ ޝަކުވާ އޮވެ އެވެ.

މިކަން މިހެން އަދިވެސް އެބަ ހިނގަ އެވެ.

އަނިޔާއަށް ހޭލުންތެރިކުރުވަން ޖެންޑާ މިނިސްޓްރީން "ގެވެށި ގުޅުން" ކެމްޕޭނެއް މުޅި ރާއްޖޭގައި ލޯންޗްކުރި އެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން 12 އަހަރު ކުރި މަސައްކަތުން ހާސިލްވީ ކޮން ކަމެއް ހެއްޔެވެ؟ އަނިޔާ ހައްދުފަހަނާއަޅާފައިވާ ކަން މައްސަލައަކުން ތިލަވުމުން އެ މައްސަލައަކާ ހިސާބަށް މަސައްކަތް ނިންމާލާފައި އަނެއްކާ ވެސް ވަރިހަމަކޮށްލަނީ ހެއްޔެވެ؟

ބަހުގެ ހަމަލާތަކުން ވިޔަސް ޖިސްމާނީ ގޮތުން ވިޔަސް މީހަކަށް އަނިޔާ ލިބޭ ކަން އެނގޭ ނަމަ ނުވަތަ އެ މަންޒަރު ފެންނަ ނަމަ ވަރިހަމަކޮށްލުން ދޫކޮށްލަން ޖެހެ އެވެ. ކުދި ރަށްރަށާއި މުޖުތަމައުތަކުގައި އަނިޔާ އަކީ ސަގާފަތުގެ ތެރޭގައި އޮތް ކަމެއްގެ ގޮތުގައި ދެކޭ ވިސްނުން ވެސް ބަދަލުކުރަން ޖެހެ އެވެ.

"ދެމަފިރިއެއްގެ ދެމެދުގައި ވިޔަސް ބެލެނިވެރިއަކު ދަރިއަކަށް ވިޔަސް މައުލޫމާތު އެނގޭ ނަމަ ޒާތީ ކަމެއް ނޫން ކަން, އަނިޔާގެ އަމަލެއް ކަމާއި ގާނޫނީ ކުށެއްކަން ގަބޫލުކުރަން ޖެހޭ. ދެން މުހިއްމު ކަމަކީ އަނިޔާ ލިބޭ މީހާއަށް އެއްބާރުލުން ދިނުން, އެއީ އޭނާގެ މައްސަލައެއްގެ ގޮތުގައި ދެކޭ ވިސްނުން ދޫކޮށްލުން،" ތޮއްޔިބް ވިދާޅުވި އެވެ.

27 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 57%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނުވާ

14 December 2022

އިސްލާމް ދީނާއި ބީރައްޓެހިވެ ޔޫރަޕް ނަމޫނާއަކަށް ބަލައިގެން އުޅޭކަމަށްވަންޔާ ތިޔަކަހަލަ ކިތަންމެ ކަމެއް މި ރާއްޖޭގައި އުފަންވަނެ.

The name is already taken The name is available. Register?

ކާފަގޭ އާދަނު

14 December 2022

އާނ. މިހުންނަނީ މިސަރުކާރުން ބަލަން ޖެހޭ ކަންކަން. ދެރަވަރެއްގެ މީހަކު ކިހިނެއް ޓެކްސް ތައް ބިޑުކުރީމާ ފައިސާދޭނީ. ދޭނެ ފައިސާއެއް ނުލިބޭނެ. ޓެކްސް ނަގާފައުސާއިން އެހީދޭންވީނު. ޑްރަގުގެ މަސްތުގައި ޖެހިފައިތިބޭ ފިރިހެނުންނާ އަޅައިގަންނަ ޒުވާން އަންހެނަކު އެމީހަކާ ވަކިކުރުވުމަކީވެސް ކުރަންވަރަށް އުނދަގޫ ކަމެއް. މަށަކަށް ނޭގެ މިއަންހެނުންނަށް އެމީހުން އަތުން ލިބެނީ ކޮންފަދަ ބައިވަރެއްކަމެއް.

The name is already taken The name is available. Register?

ނުލިބޭ ހައްގު

14 December 2022

އަންހެނެކަސް ފިރިހެނަކަސް އަނިޔާ ލިބިގެން ނުވާނެ. އެކަމަކު ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ހިންގޭ ކަންކަން އެއް ފަރާތަކަށް ގޮސް ހުސްވެ، އަނެއް ފަރާތް ބާކީ ކޮށްލެވުމުގެ ނަތީޖާއަކީ ހިންގޭ ކަންކަމުން މުޖުތަމައުއަށް ދެވޭ މެސެޖް ނުބައިކޮށް ފަހުމުވުން. އަނިޔާއަކީ އަދި ހައްގަކީވެސް ވަކި ބަޔަކަށް ނުލިބޭ އެއްޗަކަށްވެ، އަބަދުވެސް ކުށްކުރާ ކުށްވެރިންގެ ގޮތުގައި އެމީހުނާ ދޭތެރޭ ދުށުން. ހަގީގަތަކީ އަނިޔާއަކީ ކޮންމެ ޖިންސެއްގެ މީހަކަށްވެސް ލިބޭ އެއްޗެއް.

The name is already taken The name is available. Register?

އ‫ަންމަޑޭގެ ޖޯކް

14 December 2022

މ‫ށ ހިތުން އަންހެނުންވެސް މަސްތުވާ އެއްޗެތި ބޭނުން ކުރާ މީހުންނާ ކައިވެނި ކުރަންޏާ ހިތާމަވެރި ހާދިސާތައް ހިނގުން ވަަރަށް ގާތް އިސްލާމް ދީނުގަ އެބައޮތް ތީގެ ހައްލު

The name is already taken The name is available. Register?

ލަހުވާ އަލީ

14 December 2022

ކޮބައިބާ އެ ހައްލަކީ

The name is already taken The name is available. Register?

ޢިހްސާސް

14 December 2022

ޖެންޑާ މިނިސްޓްރީ އަކީ ބޭކާރު ތަނެއް. މިފަދަ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ބަޔާންނަގާ ރިޕޯޓު ލިޔެ ގޯތިކުދިންނަށާ ރައްޓެހިންނަށް މީހުންގެ ޒާތީ ވާހަކަ ހިއްސާކުރާ ބައެއް ތިއީ. މައްސަލަ ހައްލުކުރަން ނޫޅުމުގެ ނަތީޖާއަކީ މީހުންގެ ފުރާނަ ނެތިގެންދިއުން.

The name is already taken The name is available. Register?

ދިއްދޫމީހާ

13 December 2022

އަލީވަހީދު ޤައުމުން ބޭރުކޮއްލީ ކީއްވެގެންބާ؟ ފުރަތަމަ ކީރިތި ފުޅު ކުރައްވާފަ އަނެއް ދުވަހު ރާއްޖެ ޓީވީގެ ބުނީ އަލީ ވަހީދަކީ ސިޔާސީ މުސްތަގްބަލް އުޒާލާ ޒުވާނެކޭ މިވާހަކަތައް ނޫހުގާ ލިޔުނީ އަހަރެމެން ގޯތި ފަޒީނާ މިއަދު އަލީ ވަހީދުގެ ވާހަކަ ދައްކަން ކެރޭ މީހަކު އެބަހުރިބާ؟ މިޔަދު ޖެންޑާ މިނިސްޓްރީ ކައިރިއަ އެއްވަން ނުދިޔައީ ކީއްވެގެންބާ؟ އަދިވެސް މިއުޅެނީ ޤަތަރަށް ގޮސް ވޯލްޑްކަޕް ނުބެލިގެން..

The name is already taken The name is available. Register?

އައްޔަ ބޮޑޭ

13 December 2022

މިގައުމުގަ އެއްވެސްމީހަކައް ރައްކާތެރިކަމެއް ނުލިބޭނެ ހޯދަން އުޅުނަަސް ނުލިބޭނެ ,މިގައުމުން ނުލިބޭނެ އެއްޗަކީ އިންސާފު ,

The name is already taken The name is available. Register?

ކިރު ސައި

13 December 2022

އަންހެނުނާއި މެދު މުޖުތަމައު ދެކޭގޮތް ބަދަލުވެގެން ހައްލު ލިބޭނީ. އަންހެނުންގެ ފުދުންތެރިކަން ކުރިއަރުވާން ޖެހޭ. އާއިލާއިންވެސް ބޯދާ ވިސްނުން ދޫކޮށް ކަމެއް ގޯސްކޮށް ދާނަމަ އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭ. ދެމެފިރިންނަކީވެސް މުޖުތަމައުގެ ބައެއްކަން ގަނޫލުކުރަން ޖެހޭ. ހަރުކަށި ވިސްނުން ފެތުރުން ހުއްޓުވާ އެވިސްނުން ނައްތާލަންވީ.

The name is already taken The name is available. Register?

ނަންނެތް

13 December 2022

ކުރީގެ އަނބިމީހާ މައްސަލަ ޖައްސައިން ވީ ފައިދާ އެއް އޮތްތަ... ދުވަހަ ކު ހެކި ލިބޭ ތަނެެއް ނުންމި ލޯކުރިމަތީ ހިނގާ ކަންކަން ވެސް...އެހެން ވިޔަސް އަނިޔާ އަށް ކެތް ނުކުރާށޭ...ދަރިންނައްޓަކައި އޭ ކިޔާފަ...ކެރިގެން ކުރިމަތިލާށޭ..ފަހުންވާން އޮތް ހެވެއް މާ ބޮޑުވެސް ވެދާނެ..

The name is already taken The name is available. Register?

ސަނަމް

13 December 2022

ހުރިހާ މައްސަލައެއްގެ މަންމަ އަކީ މަސްތުވާ ތަކެއްޗާއި ނަހަމަގޮތުގައި އެތެރެކޮށްފައިވާ ގިނަވެގެންއުޅޭ ބިދޭސީން ކަމުގައި ދެކެން. އެކަން ހައްލުކުރެވޭނީ އިހްލާސްތެރިކަމާއެކު ގައުމާއި ގައުމުގެ މުސްތަގްބަލާމެދު ވިސްނާ ހެޔޮލަފާ ބަޔަކަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454