ފައިސަލް: މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގައި އާއްމުން ރިޕޯޓްކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ.
11 ޑިސެމްބަރ 2022 - 13:37
ހދ. ނޮޅިވަރަމްގައި، ނިޝާމާ މުހައްމަދު މަރާލި ކަމުގެ ތުހުމަތު ކުރާ އޭނާގެ ފިރިމީހާ ފައިސަލް އަލީގެ މާޒީގައި އޮތީ މަސްތުވާތަކެއްޗާއި އެކަމާ ގުޅުންހުރި ކުށްތަކެވެ! އޭނާގެ އުޅުން ގޯސްކަމުން ނުތަނަވަސްކަން ވެރިވެފައި އޮތީ އަންހެނުންގެ ރަށަށް އެކަންޏެއް ނޫނެވެ.
އޭނާގެ އުފަން ރަށް، އދ. ފެންފުށީގައި ދިރިއުޅުނު އިރު ވެސް ފައިސަލް މަޝްހޫރުވެފައި އޮތީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށް ކުރާ މީހެއްގެ ގޮތުގަ އެވެ. އެ ރަށުގައި އެންމެ ބިރުވެރިކަން އުފެދުނު އެއް ހާދިސާއަކީ ކުރީގެ އަނބިމީހާއާ ދެމެދު ހިނގި ޒުވާބެއްގައި ވަޅި ހިފައިގެން ކުރިމަތިލުމެވެ.
އެ ނުރައްކާތެރި ވަގުތުކޮޅުން އަންހެންމީހާއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރީ އެ ގޭތެރެއަށް އެ ރަށުގެ ބަޔަކު ވަދެ އެވެ.
"އެ ދުވަހު އަންހެނުންނާ ޒުވާބުކުރަން ހުރީ ވަޅި ހިފައިގެން. އެތަން ފެނިގެން އެގޭތެރެއަށް މީހުން ވަންނަން ޖެހުނީ. އެކަން ހުއްޓުވީ އެ މީހުން ވަދެގަނެގެން،" ފެންފުށިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.
"އެފަހަރު ގޭގެ ކަރަންޓް ބޯޑަށް ވަޅި ޖެހީމާ މުޅި ގެއިން ވެސް ކަރަންޓް ދިޔަ. އޭނަ އަތުން ވަޅި އަތުލަން އުޅުނު މީހާގެ އަތް ވެސް ކަފައިގެން ގޮސް ލޭ ފޭބި."
ނިޝާމާގެ ހަށިގަނޑު މާލެ ފޮނުވާލުމަށް އެމްބިއުލާންސަށް އަރުވަނީ: އޭނާގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައި.
ކުރީގެ އަންހެނުންނާ ހިނގި ޒުވާބުގައި ވަޅި ހިފައިގެން އުޅުނުކަން ފުލުހުންނަށް ރިޕޯޓްކުރީ، "މިހާރު"އަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި، ފައިސަލްގެ އާއިލާ އިންނެވެ. އާއިލާ އާއި އާއްމުންގެ ބަޔަކު އެ ދޭތެރެއަށް ވަދެ އެކަން ހުއްޓުވި ފަހުން ފުލުހުން ގޮސް އެ މައްސަލަ ތަހުގީގުކުރި އެވެ.
އެކަމަކު މާބޮޑު ފިޔަވަޅެއް ނޭޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޅ. އަތޮޅަށް ނިސްބަތްވާ އަންހެން މީހާ އެ ހާދިސާއަށް ފަހު ވަރިވެގެން އެނބުރި ރަށަށް ދިޔައީ އެވެ. އެ އަންހެން މީހާ ދިޔައީ މަސްތުވާތަކެތީގެ އެ ހާލަތުން ދަރިފުޅު ސަލާމަތްކުރަން، އެ ދެ މީހުންގެ ދަރިފުޅު ވެސް ގޮވައިގެންނެވެ.
އަންހެން މީހާ ރަށަށް ދިއުމުން އެ މައްސަލަ ކުރިއަށް ނުދިޔައީ އެވެ.
"އެ ނޫނަސް އޭނަ އުޅޭ ގްރޫޕްގެ މީހުންނާ ދިމާލަށް ވަޅި ހިފައިގެން ދުވާތަން ވެސް ފެނިފައި އެބަހުރި. އެ ކަހަލަ ގޮތަކަށް އޭނަ އުޅުނީ މި ރަށުގައި،"
ފުރަތަމަ ކައިވެނީގައި މުޅިން ވެސް ފައިސަލް އުޅުނީ މައުލޫމާތު އެނގޭ މީހުން ބުނި ގޮތުގައި މަސްތުވާތަކެތީގެ ތެރޭގަ އެވެ. ދިރިއުޅުމަށް މަސައްކަތެއް ނުކުރެ އެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރީގެ ތެރޭގައި އުޅެ ވަރަށް ގިނަ ފަހަރު މައްސަލަ ދިމާވެގެން ޕޮލިސް ސްޓޭޝަނަށް ގެންދަން ޖެހުނެވެ.
"އާއްމުންނަށް އުނދަގުލެއް ނުކުރޭ. އެ މީހުންގެ ތެރޭގައި އެ މައްސަލަތަކެއް އޮންނަނީ. މިއިން އެއްވެސް މައްސަލައެއްގައި އޭނާގެ މައްޗަށް ހުކުމެއް އައިސް ތަންފީޒުކުރި ކަމެއް ނޭނގެ،" ފެންފުށީ ބޭފުޅާ ވިދާޅުވި އެވެ.
ނިޝާމާ: އޭނާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފިރިމީހާގެ ފަރާތުން އަނިޔާ ލިބުނު ކަމަކަށް މުއައްސަސާތަކަށް ރިޕޯޓްކޮށްފައެއް ނުވޭ.
ނިޝާމާއާ ކައިވެނިކޮށްގެން ފެންފުށީގައި ދިރިއުޅުނު އިރު ވެސް މަސްތުވާތަކެތީގެ މައްސަލަތައް ގިނަ އެވެ. އެކި މީހުން އޭނާގެ މައްސަލަތައް ކައުންސިލަށް ވެސް ރިޕޯޓްކޮށްފައި އެބަހުއްޓެވެ. ކައުންސިލުން އެކަން ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކޮށްފައި ވެ އެވެ.
"އެހެން ގެންދާ ފަހަރުތަކުގައި ފުލުހުންނަށް އިންޒާރުދީ، އަވަގުރާނަ ގޮވައި ހަދާ އަޑު އިވޭ. ކިތަންމެ ފަހަރަކު ހައްޔަރުކޮށްފައި ވެސް އެބަހުރި. ޖެހިގެން އޮންނަ މަހިބަދުއަށް ގެންދިޔަ. ދެން އަނެއްކާވެސް އެނބުރި އާދޭ،" ފެންފުށިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
"އެހެން މި ރަށުގައި އުޅުނު މީހެއް އެއީ. މާ ގިނައިން މީހުންނާ ވާހަކަ ދައްކައި އުނދަގޫކޮށް އުޅުނީކީއެއް ނޫން. އޭނަ ހަމައިން ނެއްޓި ރުޅި ބާލާފައި ގިނަ ފަހަރު ހުރީ އޭނަ އެކީގައި އުޅޭ ގްރޫޕްގެ މީހުންނަށް. ހަމަހޭގައި ނުހުންނަ ފަހަރުތަކުގައި ދިމާވޭ،"
މަސްތުވާތަކެއްޗަށް ގޮސް ހުސްވެ، ފައިސަލްގެ މި އުޅުން ގިނަ ބަޔަކަށް ފެނިފައި ހުއްޓަސް ފަހުގެ އަނބިމީހާ ނިޝާމާއަށް އަނިޔާކޮށްގެން ރަސްމީ އެއްވެސް މުއައްސަސާއަކަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ.
ނިޝާމާ މަރާލީ ކަމަށް ކުރާ ތުހުމަތާ ގުޅިގެން ގެވެށި އަނިޔާއާ ނިޝާމާއާ ކުރިމަތިލާން ޖެހުނުތޯ "މިހާރު"ން ސާފުކުރިއިރު އާއިލާއިން އެ މަރާ ގުޅޭ މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. ކޮއްކޮގެ މަރުގައި ފައިސަލްއަށް ތުހުމަތުކުރަނީ، ނިޝާމާ މަރުވެފައި އޮއްވައި ފެނުނު ވަގުތު އޭނާ ކުއްލިއަކަށް ރަށުން ފުރައިގެން ދިޔަ ގޮތުންނެވެ.
ނޮޅިވަރަމް ކައުންސިލުން ބުނީ ފައިސަލްގެ ފަރާތުން އަނިޔާ ލިބިގެން އެއްވެސް ރިޕޯޓެއް ނިޝާމާ ހުށަހަޅާފައި ނުވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޖެންޑާގެ މުވައްޒަފުން އެ ސަރަހައްދުގައި ތިބޭ ހދ. ކުޅުދުއްފުށީ ޑިޕާޓްމަންޓަށް ވެސް ހުށަހަޅައިފައެއް ނުވެ އެވެ.
އާއިލާ ތުހުމަތުކުރާ ގޮތުގައި، ނިޝާމާ މަރާލާފައި ފައިސަލް ލޯންޗެއް ކުއްޔަށް ހިފައިގެން ރަށުން ފިލީ އެވެ. ހދ. ކުޅުދުއްފުއްޓަށް ގޮސް ފުލުހުންނާ ފައިސަލް ހަވާލުވީ އަމިއްލައަށެވެ.
މަރުވެފައި އޮއްވައި ފެނުނުއިރު އޭނާގެ ހަށިގަނޑުގައި މާބޮޑު ޒަހަމްތަކެއް ބޭރުފުށުން ފެންނަން ނެތް ކަމަށް އާއިލާ އިން ބުންޏެވެ.
އޭގެކުރިން، އޭނާގެ ފޭސްބުކްގައި، ވަރަށް ގިނަ ސްޓޭޓަސް ލިއެފައި ހުއްޓެެވެ. ނިޝާމާ އާއި ތިން ކުދިންނާ އެކު ނަގާފައި ހުރި ފޮޓޯތައް ވެސް ޝެއާކޮށްފައި ވެ އެވެ. ފޭސްބުކްގައި ހުރި ޕޯސްޓުތަކުން ދޭހަކޮށްދޭން އުޅެފައި އޮތީ، އޭނާ ހިތްދަތިކަމެއްގެ ތެރޭގައި އުޅޭ ކަމެވެ.
މި މަރާ ގުޅޭ ގޮތުން ފުލުހުން އަދި މާ ގިނަ ވާހަކައެއް ނުދައްކަ އެވެ. ނިޝާމާގެ ހަށިގަނޑު ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމައިފަ އެވެ.
ފެންފުއްޓާއި ނޮޅިވަރަމުން ވާހަކަ ދެއްކެވި ރަށުގެ އިސް ބޭފުޅުންގެ ކަންބޮޑުވުމަކީ މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ރިޕޯޓްކުރިއިރު ފައިސަލްއާ މެދު ގާނޫނީ ނިޒާމުގައި އޮންނަ މަގުން ކަންކަން ނުހިނގުމެވެ. މަސްތުވާތަކެތީގެ އަވާގައި ހަމަބުއްދި ފިލައި އޭނާ ހިންގި ކަންކަން އާދައިގެ ގޮތަކަށް މުއައްސަސާތައް ނެގުމެވެ.
"ވަރަށް ހިތާމަވެރި ކަމެއް މި ހިނގީ. މިފަދަ މައްސަލަތަކުގައި ފިޔަވަޅު ނާޅައި ރައްޔިތުންނަށް މި ރަށްރަށުގައި ހޯދައިދެވޭނީ ކޮން ރައްކާތެރިކަމެއްތޯ،" އެއް ބޭފުޅަކު ސުވާލު އުފެއްދެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯ ރެކޯރޑް
12 December 2022
ފެނަކަ ކުންފުންޏަކީ ވަޒީފާ ދިނުމުގައި ތިންހަތަރު ފަހަރަށް ފުރާނައިގެން "އެންމެ ގާބިލް" މީހާއަށް، އަދި އެންމެ "ހާލުގައި ޖެހިފައިވާ ނިކަމެތި މީހާއަށް" ވަަޒީފާ ދިނުމުގައި ނަމޫނާ ކުންފުންޏެއް. މިގޮތަށް ވަޒީފާއަށް ނަގާއިރު ތިބޭނީ މުޅިންވެސް އެކްޓިވިސްޓްންނާ، އެމް.ޕީން ގެ ރުހުން ލިބިވަޑައިގެން ތިބި ކުދިން. އެހެންވީމާ އެ ކުދިންގެ ކުށުގެ ރެކޯރޑެއްވެސް ނޯންނާނެ.
މީސްމީޑިޔާ
12 December 2022
ސޯޝަލް މީޑިޔާއިން ދިމާވާ، ދުވަހަކު ފެނިފަވެސް ނެތް، އެއެއް މިއެއް ނޭނގޭ މީސްމީހުންނާ ކައިވެނި ކުރުމަކީ މިހާރު ދެން މާ ގަދަކަމެއް. އެކަމަކު މިއީ ފިސާރި ބޮޑަށް ބަލައި، ވަޒަންކޮށްފަ ނޫނީ ކުރަން ހެޔޮވާވަރު ކަމެއް ނޫން. ލޯތްބަކީ ކަނުއެއްޗެއް. މިހިރަ މިހިރަ ކަންކަން އެބަޖެހޭ މިޒަމާނުގައި ބެލެެނިވެރިން މާ ބޮޑަށްވެސް ކުދިންނަށް ކިޔައިދޭން.
ގުންޑާ ރާޖް
11 December 2022
ސަރުުކާރުގެ ހުުރިހާ މުވައްޒަފުން،، ކޮންމެ 3 މަހުން 3 މަހުން ޔޫރިިން ޓެސްޓް ކުުރާނެ ގާނޫނެއް ހެދުމަށް މަޖިލީީހަށް ގޮވާލަން.
އައިމިނާ
11 December 2022
ބައްޕައިންގެ ދުވަހާއި މަންމައިންގެ ދުވަހާއި ކުޑަކުދިންގެ ދުވަހާ، ގެވެށި އަނިޔާ އާ ދެކޮޅު ދުވަހަށް މި އިން ކޮންމެ ދުވަހަކަށް ވީޑިއޯ ލަވައެއް ހަދާފަ ޓީވީތަކުން ދެއްކާލެވުނީމަ އެ އޮތީ މުއައްސަސާތަކުގެ ޒިންމާ އެއްމެ ފުރިހަމަ އަށް އަދާކުރެވިފަ. އެއްމެ ބޮޑުކޮށް އަދާކުރެވިފަ.
ނޮޅިވަރަމު މީހެއް
11 December 2022
ނިޝާމާގެ ބޯ ފަޅާލައިގެން ހެލްތު ސެންޓަރަށް ގެންދިޔަފަހުން އަދިކިރިޔާ މިވީ ހަފުތާއެކެވެ. އެކަން ކުރީ ހަމަ ފައިސަލެވެ. ރިޕޯޓު ކުރުމާއި ނުކުރުން ކޮންމެ ގޮތަކަށް އޮތްނަަމަވެސް ފައިސަލަކީ އަނިޔާވެރިއެކެވެ. ގިނަ ގޮތްގޮތުން ކުށްވެރިއެކެވެ.
އައްޓަމަސް
11 December 2022
އެވަރުމީހަކާ ނިޝާމާ އިނީ ކީއްވެބާ? 3 ކުދިން ލިބެންދެން އުޅުނީ ކީއްވެބާ? ހުސްސުވާލު
ހާސްޓަނު
11 December 2022
އެއީ މައިން ބަފައިންގެ ނުރުހުމުގައި، ފިލައިގެން ގޮސް ކުރެވުނު ކައިވެންޏެއް. ނިޝާމާ ވާވައްދާލާފަ ހުރީ ވަކިވަރަކަށް ނޫން. ގެންގޮސް ފެންފުށީގައި ގެންގުޅުނީ ދަތި ހާލުގައި. މިރަށަށް ބަދަލުވީ މިއަހަރު ފެށުނުތަނާ. އެއިރުވެސް 3 ކުދިންނާވެއްޖެ.
ހާމިދު ޝާހިދު
11 December 2022
މިހާރު ފުލުހުން އިތުރަށް ތަހުގީގު ކުރާނެކަމެއް ނެތް. މިއީ ގުދުރަތީ މަރެއްނަމަވެސް، އޭނާގެ ފިރިމީހާއަށް ތުހުމަތު އެބަކުރެވޭ، އޭނާ އަންހެންމީހާއަށް ހިތްދަތިކަން ދީދީދީ ގޮސް އަވަދިވެގެން މަރުވީކަމަށް. މައްސަލައަކީ، މުޖްތަމަޢުގައި މިކަހަލަ މީހަކު އުޅޭއިރުވެސް، އެރަށުގެ ކޮމިއުނިޓީ ޕޮލިހުން މާކަ ބޮޑު ކަމެއް ކޮށްފައިނުވުން. އެހެންގައުމުތަކުގައި ކުދިކުދި ޓައުނުތަކުގައި މިކަހަލަ ފުލުހުން ވަރަށް ރަނގަޅަށް ހަރަކާތްތެރިވޭ.
ޖީހާން މަހްމޫދު
11 December 2022
ހަރުކަށި ފިކުރޭ ކިޔައިގެން ރައްޔިތުން ބިރުގެންނުވުމުގެ ބަދަލުގަ ސަރުކާރުން އުޅެބަލަ މަސްތުވާ އެއްޗިހި ބޭނުންކުރާ މީހުން މަދު ކުރެވޭތޯ.
ހުސެންއަލީ
11 December 2022
ތިހެން ކިޔައިގެން ހަރުކަށިފިކުރުގެ ނުރައްކާ ކުޑަކަމަށް ދައްކަން އުޅޭނެ ކަމެއް ނެތް. އެވެސް ނުރައްކާ. މަސްތުވާ މީހުންވެސް ނުރައްކާ.
ޕެކެޓް މައިލޯ
12 December 2022
ނުވާނެ ތިކަމެއް. ސިޔާސީ މީހުންގެ ވިޔަފާރިތައް ބަނގުރުޓު ވާނެ އޭރަށް. ބަލި ކުދިން މުޖުތަމައުގައި ގިނަވީ ވަރަކަށް އެވެރިންގެ ޖީބުތައް ފުރޭނެ
ލޮލްް
11 December 2022
ފުލުހުންނަށް އިތުރު ތަމްރީނު ހޯދާދިނުމަށް ކޯޓުތަކުން ދޫކޮށްލާފައި ހުރި ސޮރަކާ ވައްތަރީ.
ދުންމާރި
11 December 2022
މިކަހަލަ އެންމެނާ ގޭންގުތަށް ވަކި ފަޅުރަށަކަށް ލާފައި ބޭތިއްބޭކަށް ނެތްބާ؟ މިކަހަލަ ކަންކަމުގައި ޗައިނާއާއި ނޯތު ކޮރިއާ ވަރެއް ނެތް. ޑިމޮކްރަސީއަކާހެދި ރަސްކަން ކުރަނީ މިމީހުން. އެހެން މީހުން ތިބެން ޖެހެނީ ކުޑަ ކަކޫ ޖަހައިގެން.