ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ތިން ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ކޫރިއާ ސާވިސް މެދުވެރިކޮށް ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ގދ. ތިނަދޫ، ދޫރަފިޝް، ހަސަން ޝައްމާން، 30، ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެެ.
ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރިއިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ވަނީ 3.6 ކިލޯގެ މަސްތުވާތަކެތި ފެނިފަ އެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި ޕެކޭޖުގައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.