ޕީޖީ އޮފީހާ ގުޅޭ މައުލޫމާތާއި ތަފާސްހިސާބު ލިބޭ ތިން ޕޯޓަލެއް ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ޝަމީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ޑިސެމްބަރ 2022 - 16:12
ހެއްކާ ބެހޭ ގާނޫނުން ޝަރުއީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ އޮފީހާ ގުޅޭ މައުލޫމާތާއި ތަފާސްހިސާބު ލިބޭ ތިން ޕޯޓަލްއެއް ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ޝަމީމް ވިދާޅުވީ މިދިޔަ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައި، އަންނަ މަހު އަމަލުކުރަން ފަށާ ހެއްކާ ބެހޭ ގާނޫނަށް އަހުލުވެރިވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ބަދަލަކީ، ޝަމީމް ވިދާޅުވި ގޮތުގައި، ޝަރުއީ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެކެވެ.
"އަންނަ މަހު އަމަލުކުރަން ފަށާ ހެއްކާ ބެހޭ ގާނޫނަކީ ޝަރުއީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ގާނޫނެއް. އަޅުގަނޑުމެން މި ދަނީ އެ ގާނޫނީ ބަދަލަށް ތައްޔާރުވަމުން. މި ހަފުތާ ނިމެންވާއިރަށް 80 ޕަސެންޓް ޕްރޮސެކިއުޓަރުން ތަމްރީނެއް އޮންނާނީ ހަދާފައި. އަޅުގަނޑުމެން މި ދަނީ އެހެން އިދާރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން." މީރުމާ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ވިދާޅުވި އެވެ.
ހެއްކާ ބެހޭ ބިލަކީ ޝަރުއީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެ އިސްލާހެއް ކަމަށް ޕީޖީ ވިދާޅުވިއިރު، އެ ގާނޫނުގެ ބައެއް ކަންކަމާ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންވެ، މަޖިލިސް ހުޅުވުމުން އެ ބައި އިސްލާހުކުރަން ހުށަހަޅަން ވަނީ ނިންމައިފަ އެވެ.
އޭނާ ވިދާޅުވީ ޝަރުއީ ދާއިރާ އަދި ހާއްސަކޮށް ޕްރޮސެކިއުޝަންގެ ދާއިރާއަކީ އެތައް ބައެއްގެ ދިރިއުޅުމާ ގުޅުން ހުރި ނިންމުންތައް ނިންމަންޖެހޭ ދާއިރާއެއް ކަމަށެވެ. އެކަން ކުރާނެ ގާނޫނާއި ގަވައިދުތައް އެބަހުރި ކަމަށާއި ނަމަވެސް އެކަމުގެ ހޭލުންތެރިކަން ހުރީ އެންމެ ހިތްހަމަޖެހޭ މިންވަރަކަށް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޕީޖީ އޮފީހާ ގުޅޭ މައުލޫމާތާއި ތަފާސްހިސާބު ލިބޭ ތިން ޕޯޓަލެއް ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝުޖޫން އަދި ޕީޖީ ޝަމީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕީޖީ ވިދާޅުވީ މީހުން މަގާމުތަކަށް އައްޔަންކޮށް އެ މީހުން ޖަވާބުދާރީކުރުވާ ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް، ޖަވާބުދާރީ ކުރުވޭނީ އެ ކަން ކުރެވޭނެ ވަރަށް މައުލޫމާތު ލިބިގެން ކަމަށާއި މައުލޫމާތު ސިއްރުކުރުމުގެ ސަގާފާތެއްގެ ތެރެއިން ޒިންމާދާރު ސަގާފަތެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ލޯންޗުކުރީ "އުންސުރު"، "އާމަހި"، އަދި "ލެތުން" އެވެ.
އާމަހި ޕޯޓަލް އަކީ ޕީޖީ އޮފީހުން ނިންމާ ނިންމުންތައް ވަގުތުން ފެންނާނެ އަދި އެ އޮފީހުގެ ވަކީލުންގެ ޕާފޯމަންސް ފެންނާނެ އެއްޗެކެވެ. ޝަމީމް ވިދާޅުވީ އެ އޮފީހުގެ އަމާޒަކީ މައުލޫމާތު ހޯދަން ޕީޖީ އޮފީހަށް ދާން ނުޖެހޭ ގޮތް ހެދުމެވެ.
ލެތުން ޑޭޓާ ބޭހަކީ ޖިނާއީ އަދުލުގައި ހުރި ހުރިހާ ގާނޫނެއް އެއް ތާކުން ފެންނާނެ ޕްލެޓްފޯމެކެވެ. ޝަމީމް ވިދާޅުވީ ކޯޓުތަކުގެ ނިންމުންތަކާއި އެ އިދާރާއާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތް އަދި އިނގިރޭސި ބަހުން ލިޔެފައިވާ ހުރިހާ ގާނޫނެއް ފެންނާނެ އެވެ. އަދި ސުޕްރީމް ކޯޓު އުފެދުނީއްސުރެ މިހާތަނަށް ނިންމާފައިވާ ޖިނާއީ މައްސަލަތައް ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުންސުރަކީ ޕީޖީ އޮފީހުގެ ހަބަރުތައް ގެންނަ ވެބްސައިޓެވެ.
ޕީޖީ އޮފީހާ ގުޅޭ މައުލޫމާތާއި ތަފާސްހިސާބު ލިބޭ ތިން ޕޯޓަލެއް ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި، ހެއްކާ ބެހޭ ގާނޫނު މާނަކުރުމުގެ ފޮތެއް، އޭޖީ ރިފްއަތު (ކ) ނެރެދއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ޖިނާއީ އަދުލަކީ އާއްމުންގެ ރައްކާތެރިކަމާއި މުޖުތަމައުގެ ސުލްހަމަސަލަސްކަން ގުޅިފައިވާ ނިޒާމެއް ކަމަށެވެ.
އެ ނިޒާމު އުފެދިގެން އަންނަ ގޮތް މީހުންނަށް އެނގުމަކީ މުހިއްމު ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި މީހުންގެ މައްޗަށް ދައުވާ ކުރުމާއި ހުކުމް ކުރުމުގައި ރިއާޔަތްކުރާ ކަންކަން އިނގޭ ގޮތަށް ދިރާސާކޮށް، އާއްމުވުމަކީ ނިޒާމުގައި ހުރި ހުސްކަން، ހިދުމަތް ފޯރުކޮށްދޭ މީހުންނަށް ލުއި ފަސޭހައަކަށްވުމުގެ އިތުރުން އާއްމުންނަށް ނިޒާމުގައި ހުރި ރަނގަޅު ކަންކަން ފާހަގަކުރުމަށް ހުޅުވޭ މަގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖޫން ވިދާޅުވި ގޮތުގައި ކުށުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރުމުން ނުވަތަ ދޫކޮށްލުމުން ނުވަތަ މީހެއްގެ މައްޗަށް މައްޗަށް ކުށް ސާބިތުނުވުމާއި ބޮޑެތި ކުށްތަކުގައި ލުއި އަދަބު ދިނުމުން ހިތްހަމަނުޖެހުން އޮންނަ ކަމަށެވެ.
ނަމަވެސް، އެކަން ހިނގަނީ ޖިނާއީ އަދުލު ރޭވިފައިވާ ގޮތާއި އެ ނިޒާމުގައި ދައުވާ ކުރުމާއި ކުށް ސާބިތުބުކުރުމަށް ގާނޫނުން ލާޒިމްކުރާ ކަންކަން އާއްމުންނަށް ނޭނގޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލަ ރިޕޯޓުކުރާ ހިސާބުން ތަހުގީގުކުރުމާއި ދައުވާކުރުމާއި މައްސަލަ ބެލުމުގައި އެކި ޓެކްނިކަލް ކަންކަން ހުންނަކަމަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތުން އުފުލަންޖެހޭ ޒިންމާ ކުޑައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ފަނޑިޔާރު ވިދާޅުވީ އެ ޒިންމާ އުފުލުމުގައި ގާނޫނަށް ގެންނަ ބަދަލުތަކަށް އަހުލުވެރިވެ، ޒިންމާ އަދާކުރުމުގައި ފަރުވާތެރިވާންޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
21 December 2022
ގާނުނުގަ ފައިސާ ހަރަދުކުރަން ޖެހޭނެގޮތް ލިޔެވިފަ ނެތިގެންބާ ވެންޓިލޭޓަރ މައްސަލައިގަ މުލުވަގު ދޫކޮއްލާފަ 3 ކަންބަޅި ގުރުބާން ކުރަނީ؟.
ބަރުބާދު
21 December 2022
ޕީޖީއައް ބަދަލެއްނައިސް ގާނޫނު ބަދަލުކޮއްލިކޮއްލީނުން ފެންކައްކާ ބޮއްޔަކައް ހަދާލިޔަސް ކުރާނެ އެއްވެސް ފައިދާއެއް ނުފެނޭ.!!!.
ޤައުމިގެ ހަސްފަށްނެތި ދަނީ
21 December 2022
ފެންނަނީ ބަލިކަށިކަން
ޚަދީޖާ އަޙްމަދު
20 December 2022
ޖަންގިޔާ ތެރެއިން ޑްރަގް ފެނުނީމަ ވެސް އުންސުރު ހަމަ ނުވެގެން އެ ސަލާމަތް ވަނީ. ހެދޭ ޤާނޫނުތައް ވެސް ވާން ޖެހޭނީ އިންސާނީ ބުއްދި ޤަބޫލުކުރާ ވަރުގެ އެއްޗަކަށް.
ސަނާ އަލިމަނިކު
20 December 2022
މިފަހަކަށް އައިސް ބެދެންހުރި މަޅިތަކުން އަދީބު ސަލާމަތްކުރުމަށްޓަކައި، އަދީބުއާ މަޝްވަރާކޮށްފަ ބިލްތައް ލައި ގާނޫނު އިިސްލާހު ކުރޭ
އައްޔަ މުޖޭ
21 December 2022
ޕީޖީ އަކީ އަދީބުގެ މީހެއް. އެކަން އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރެއް. ވޯޓުލާ ދުވަހު އަދީބު މިނިވަންކޮށްފަ ޕާސްޕޯޓު ހިފައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ޑުބާއީއަށް ފުރާގޮތަށް ކުޅިބައި ދަނީ އަތުރަމުން.
ޥާލުސޮރު
20 December 2022
ޙެއްކާ ބެހޭ ގާނޫނަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ އުންސުރު ކުރާ ޓުވިޓް ތަކަށް ބަލާ އިތުރު ގަރީނާއެއް ނެތި ހެކި ވަންޒަންކުރުން
މުހައްމަދު...
20 December 2022
ގާނޫނުއަސާސީ އާއި ގާނޫނާއި ގަވާއިދަކީ މުޖުތަމައުގެ ހަމަޖެހުމާއި ލާބަޔަށްޓަކައި ރައްޔިތުންނިންމާ ނިންމުންކަން ގަބޫލުކޮށް އެގޮތަށް އަމަލުކޮށްގެން ނޫނީ އަދުލުއިންސާފެއް ނުލިބޭނެކަން ގަބޫލުކޮށްގެން އިންސާފު ލިބޭނީ.
ކޮރަލް
20 December 2022
ގާނޫނާ ގަވާއިދު ތައް މަދެއް ނޫނެވެ. ކޮރަޕްޝަން ހަމަ ބޮޑީ އެވެ. ފުރަތަމަ ބަލަން ވީ ކޮރަޕްޓް މީހުންގެ މައްސަލަ އެވެ.
ބުރުގާ
20 December 2022
ތިބޭފުޅުން ބޭނުންގޮތަކައް ތި ފުއްގަނޑުވެސް މޮޑެލާ.
ދިއްދޫމީހާ
20 December 2022
އެއްމެ ބޮޑު ބަދަލަކީ އިއުތިރާފް އެއްބަސްވުން ހެދުން