ސެޕްޓެމްބަރު 29، 2017 - ހުޅުމާލޭގައި ޕާޓީ ޑްރަގް ބޭނުންކޮށްގެން މަރުވި ދެ ޒުވާނުންނާއި އެ މީހުންގެ ރައްޓެހިން މަރުވި ހާދިސާ ހިނގި އިމާރާތް .---ފޮޓޯ: މިހާރު
22 ޑިސެމްބަރ 2022 - 12:08
ހުޅުމާލޭގައި ޕާޓީ ޑްރަގްސް ބޭނުންކޮށްގެން ދެ ޒުވާނަކު މަރުވި ގޮތުގެ ހަގީގަތް އޮޅުވާލައި ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މީހެއްގެ މައްޗަށް ކުރި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.
ރަހްމަތްތެރިއެއްގެ އުފަން ދުވަސް ފާހަގަކުރުމަށް ހުޅުމާލެއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ބޭއްވި ޕާޓީއެއްގައި ސެޕްޓެމްބަރު 28، 2017 ވަނަ ދުވަހުގެ ރޭ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އާއި ދަފްތަރު، ފާތުމަތު ސަމާ، 18، މަރުވި މައްސަލައިގައި އެ ދެ މީހުންނާ އެކު ޕާޓީ ކުރަން އުޅުނު ފަސް މީހަކަށް ދައުލަތުން ދައުވާ ކުރެ އެވެ. އެ ދެ މީހުން މަރުވީ ބާރުގަދަ ޕާޓީ ޑްރަގަކާ އެކު އެނާޖީ ޑްރިންކެއް ބުއި ފަހުން ހާލު ގޯސްވެގެންނެވެ.
އެ ދެ މީހުންގެ ހާލު ދެރަވުމުން ވެސް، އެހީތެރިކަން ނުދިން ކަމަށް ބުނެ ދައުވާ ކުރަނީ، އެ ރޭ އެއްކޮށް އުޅުނު އެކުވެރިން ކަމަށްވާ މަރިޔަމް އަފާ، ހަސަން ޒިދާން، އާދަމް ޝާހީން މަރިޔަމް މައިޝާ އަދި އަހުމަދު އަމީންގެ މައްޗަށެވެ.
އެ ފަސް މީހުން މައްޗަށް، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އުފުލާފައިވާއިރު ޒިދާންގެ މައްޗަށް، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ވެސް އުފުލި އެވެ.
ނަމަވެސް، ޒިދާންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާ ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އުފުލި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކޯޓުން ބޭރުކޮށްލައިފަ އެވެ.
ޒިދާންގެ މައްޗަށް އެ ދައުވާ ކުރީ، ހާމީން މަރުވި ފަހުން، ޒިދާން ހުޅުމާލޭ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ބޭރުގައި ހުއްޓާ، ކަން ހިނގައިދިޔަ ގޮތް ސާފުކުރަން ފުލުހުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ފުލުހުން ގާތުގައި ދޮގު ހެދި ކަމަށް ބުނެ އެވެ. ދައުވާގައިވާ ގޮތުން އޭނާ ފުލުހުން ގާތުގައި ބުނެފައި ވަނީ އެ ރޭ އެންމެން މޫދަށް އެރި ކުޅެ ނިމުމުން މޫދުން ފައިބައި އެއްގަމަށް އެރިތަނާ ހާމީން ކުއްލިއަކަށް ވެއްޓުނީ ކަމަށެވެ.
އެ ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ޒިދާންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުމުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް އެ ދައުވާ ކުރީ، އެ ކުށަށް ގާނޫނީ އިންޒާރުނުދީ، ކުރާ ތުހުމަތެއް ވެސް އެންގުމަކާ ނުލައި ކަމަށެވެ. ރަސްމީކޮށް ތުހުމަތު ބަޔާންކޮށް ގާނޫނީ އިންޒާރު ދިނުމަކާ ނުލައި ދައުވާ ނުކުރެވޭނެ އިރު، ފުރަތަމަ ކުރެވޭ ތުހުމަތު ބަދަލުވާ ނަމަ، އާ ތުހުމަތަށް ވެސް ވަކިން ގާނޫނީ އިންޒާރު ދޭން ޖެހޭނެ އެވެ. ޒިދާންގެ ފަރާތުން ބުނީ، ގާނޫނީ އިންޒާދު ދިނުމާ ނުލައި ކުރި އެ ދައުވާ ބާތިލުވާނެ ކަމަށެވެ.
ދައުލަތުން ބުނެފައި ވަނީ ޒިދާން ފުރަތަމަ ހެދީ ދޮގުކަން އެނގުމުން ފަހުން އޭނާއަށް ގާނޫނީ އިންޒާރުދީ އެ ކުށަށް ތުހުމަތު އިއްވައި އަލުން ބަޔާން ނެގި ކަމަށެވެ.
އެކަމަކު، ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވި ނިންމެވުމުގައި ފާހަގަކުރެއްވީ، ދެވަނަ ފަހަރަށް ގާނޫނީ އިންޒާރު ދިން އިރު ވެސް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުކޮށްފައި ނުވާ ކަމެވެ.
ދެވަނަ ފަހަރަށް ޒިދާންއަށް ގާނޫނީ އިންޒާރު ދިން އިރު ވެސް، ތުހުމަތު ކުރެވޭ މައްސަލައިގެ ތަފްސީލު ކަމަށް އެ ގާނޫނީ އިންޒާރުގެ ލިޔުމުގައި ބަޔާންކޮށްފައި ވަނީ "ސެޕްޓޭމްބަރު 28، 2017 ވަނަ ދުވަހުގެ ވަގުތެއްގައި ގޮތް ނޭނގޭ ގޮތަކަށް ދެ މީހަކު މަރުވެފައިވާ މައްސަލައިގައި"ކަން އެ ނިންމުމުގައި ފާހަގަކުރެއްވި އެވެ. އަދި ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލި ގާނޫނުލްއުގޫބާތުގެ މާއްްދާއާ ވެސް އެ ގާނޫނީ އިންޒާރުގައި ހަވާލާދީފައިނުވާކަން ފާހަގަކުރި އެވެ.
އެހެންވެ، ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ތުހުމަތަކީ ޒިދާންއާ ސުވާލު ކުރި އިރު އޮތް ތުހުމަތެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެ ކުށް ތަހުގީގު ކުރެވިފައި ނުވާކަން ވެސް އެކަމަށް ބަލާއިރު އެނގޭ ކަމަށް އެ ނިންމުމުގައިވެ އެވެ. އަދި އެގޮތަށް އިންޒާރު ދިނުމަކާ ނުލައި ނަގާ ބަޔާންތަކާއި ހޯދާ އިތުރު ހެކިތައް ޝަރީއަތަށް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ވެ އެވެ.
އެކަންކަމަށް، ބިނާކޮށް ހަސަން ސައީދު ނިންމެވީ ޒިދާންގެ މައްޗަށް އުފުލާފައިވާ ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށެވެ.
އެ ދައުވާ ކޯޓުން ބޭރު ކުރި ނަމަވެސް، ހާމީން އާއި ސަމާއަށް އެހީވާން ވަގުތު އޮވެ އެހީނުވާ ކަމަށް ބުނެ ކުރި ދައުވާތައް އަދިވެސް ކުރިއަށްދެ އެވެ. މަރުވި ދެ ޒުވާނުންނަށް އެހީނުވާ ކަމަށް ބުނެ ރަހުމަތްތެރިންނަށް ދައުވާ ކުރާއިރު، އެ މީހުން އެ ތުހުމަތަށް އިންކާރު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމޭއްތަ
22 December 2022
ރަހުމަތްތެރިޔާ މަރާލާފައި ބަސްޓު ވެދާނީ އޭނައަށް ފަރުވާއެއް ދޭނެ ވެސް ނުގެންގޮސް ފިލައިން ތިބެފަ މިތާވެސް މުޅިން ދޮގު ވާހަކަ ފަތުރާފަ މިއޮތް ފިލީ. މިއީ ހަގީގީ ރަހުމަތްތެރިންނަކީ
ދޮންކަބިލި
22 December 2022
މިހާރުވެސް ޕާޓީޑުރަގްސް ހަބޭހަށް ބޭނުންކުރޭ.
ސްމޭޝް-ފުވައްމުލައް
22 December 2022
ގާޒީ. ބަލަގަ ކިހިނެތް އެނގޭނީ ދޮގު ނަހަދަނީސް ދޮގެއްކަމުގެ ތުހުމަތު ކުރަން؟ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރާ އިރު ދޮގު ހެދީމަ އެނގެނީ ދޮގުހަދައި އޮޅުވާލި ކަމުގެ ދައުވާ އުފުލަން! ދޮގުހަދައި އޮޅުވާލާ މިހާއަށް ސަލާމަތް ކަން ލިބެނީ! - މިހެން އިންސާފާއި ގާތަށް ދެވޭނީ ކިހިނެތްބާ؟
ކަލޯގަޔޯ
22 December 2022
ޙާދަޙާ ދެރައޭ. އެ ކުދިން ފްރެންޑު މަރުވީމަ ޝޮކެއްގ ތިބޭނީ ހަދާނެ ނަހަދާނެ އެއްޗެއް ނޭގިފަ. އެވަރުން ވެސް އެ މީހުން ފަހާ ދައުލަތުން ދުވަނީ. ތި އެއްޗެހި އެތެރެ ކުރާ ބަޔަކު އަތެއް ނުވޭ
ބަޑިތަކުރު
22 December 2022
މިއިން ކޮންމެ ކަމަކުންވެސް އެނގިގެންދަނީ ޤާނޫނުތައް މިރާއްޖޭގައި ހަދާފައިހުންނަނީ ވަކާލާތު ކޮށްދޭ ވަކީލުންގެ ޖީބު ބޮޑުކުރުމަށްޓަކައި ވީހާ ފަސޭހައިން ކުށްވެރިން ދޫވެގެންދާނެހާ ގޮތެއްގެ މައްޗަށް ކަމެވެ. އެހެންނޫންނަމަ ކޮންމެސް އިޖްރާޢަތްތަކެއް ފުރިހަމަ ނުވުން ހުއްޖަތަކަށް ހަދައިގެން ކުރިކަމެއް ނުކުރާކަމަކަށްވާކަށް ނުޖެހޭނެއެވެ. ޤާނޫނުތައް ޑްރާފްޓްކުރަނީ ލޯޔަރުންވީމާ މިނޫންގޮތަކަށް މިކަން ވެދާނެކަމާ މެދުވެސް ޝައްކެވެ.
މައުބެ
22 December 2022
އެކަހަލަ އިޖުރާއަތްތައް ހުންނަނީ ކަމަކު. އިޖުރާއަތު ނެތީމަ މައުމޫނުމެން އިރު ހިތު ހުރި ގޮތަކަށް މީހުން ޖަލުގަ ތެޅުވީ. މިހާރު އެހެން ވިޔަ ނުދޭން ގެނައި ބަދަލުވެސް ކަލޭމެނަށް ގޯސް. ބަޖިޔާއެއްނު