ރައީސާއި ނައިބު ރައީސް: ނިހާން ދިފާއީ ހެކިންގެ ގޮތުގައި އެ ބޭފުޅުން ކޯޓަށް ހާޒިރުކުރުމުގެ މައްސަލަ ވަނީ ހައި ކޯޓަށް ހުށަހަޅާފައި --- ފޮޓޯ/ރައީސް އޮފީސް
22 ޑިސެމްބަރ 2022 - 14:20
ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގައި ދިފާއީ ހެކިންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ހާޒިރު ނުކުރަން ކްރިމިނަލް ނިންމި ނިންމުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
ނިހާންގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ކުރަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ކުރީގެ ނައިބު ރައީސް މެދުވެރިވެގެން ރިޝްވަތުގެ ގޮތުގައި ފައިސާ އާއި ރޮލެކްސް ގަޑި ގަބޫލުކުރި ކަމަށް ބުނެ އެވެ.
ނިހާންގެ ފަރާތުން ކްރިމިނަލް ކޯޓުގައި ރައީސާއި ނައިބު ރައީސާއި އެ ކޮމެޓީގެ އިތުރު ތިން މެމްބަރެއްގެ ނަން ހެކިންގެ ގޮތުގައި ހުށަހެޅީ އޭރު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޮޑިޓް ރިޕޯޓުތަކާ މެދު އަމަލުކުރި ގޮތް ސާފު ކުރުމަށެވެ.
ރައީސާއި ނައިބު ރައީސާއި ނިހާނަކީ ވެސް އޭރު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އުޅުއްވި ބޭފުޅުންނެވެ. އެކަމަކު ކްރިމިނަލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ނިންމާފައިވަނީ އެ ބޭފުޅުންނަކީ މައްސަލައާ ގުޅުންހުރި ހެކިންނަށް ނުވާތީ އެ ހެކިން ބަލައިނުގަތުމަށެވެ.
ކުރީގެ މެމްބަރު ނިހާން --- ފޮޓޯ/މިހާރު
އެ މައްސަލަ ނިހާންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ބޭފުޅުން ހެކިންގެ ގޮތުގައި ހާޒިރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ގޯހެއް ނެތް ކަމަށެވެ.
ގާނޫނުގައި ބުނާ އިޖްރައާތު ފުރިހަމަ ނުކޮށް ދައުވާކުރި ކަމަށް ބުނާ ނުކުތާ ވެސް ނިހާންގެ ފަރާތުން އިސްތިއުނާފްކުރި އެވެ. މި ނުކުތާގައި ވެސް ހައި ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.
ރިޔާސީ ކޮމިޝަނުން ތަހުގީގު ހިންގއިރު ޖޮއިންޓް އިންވެސްޓިގޭޝަނާ ބެހޭ ލިޔުންތައް ހޯދުމުގެ އިތުރުން އަދީބާއި ދައުލަތާ ދެމެދު ހެދި އިއުތިރާފްގެ އެއްބަސްވުން ހޯދުމުގެ ނުކުތާ ވެސް ނިހާންގެ ފަރާތުން އިސްތިއުނާފްކުރި އެވެ. މި ނުކުތާގައި ވެސް ހައި ކޯޓުން ނިންމީ އެ ލިޔުންތައް ހާމަ ކުރަންޖެހޭ ކަމަށެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އެންމެ ފަނޑިޔާރެކެވެ. އެއީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭރު
22 December 2022
އޭރު ސައިޒު އޮޅުނުލެއް ބޮޑުކަމުން ހަމަބިމަށް ތިރިވާން ނޭގިގެން އަދި އެއުޅެނީ..