ޚަބަރު / ކެންސަރު

އަލިފުށީގައި ކެންސަރު ޖެހޭ މީހުން ގިނަ: ދިރާސާއެއް ކުރަން އެދިއްޖެ

ކޮވިޑް ތެރޭގައި އަލިފުށީގައި މީހެއްގެ ސާމްޕަލް ނަގަނީ: އެ ރަށުގައި ކެންސަރު ބަލި ގިނަވާ ކަން ފާހަގަކުރެވޭ ކަމަށް ކައުންސިލުން ބުނޭ.

ރ. އަލިފުށީގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް އެ ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.

މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް މިރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އަލިފުއްޓަށް ވަޑައިގެން ހުންނެވި ރައީސް ވަނީ މިއަދު އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި އަލިފުށީ އަންހެން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެދުނީ އެ ރަށު ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމްކޮށްދިނުމަށެވެ. އަދި އަލިފުށީގައި ކެންސަރުބަލި އިތުރުވެފައިވާތީ އެކަމުގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއްކޮށްދޭން ވެސް ހުށަހެޅި އެވެ.

ރައީސް ސޯލިހު އަލިފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އަލިފުށީ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޒަހީން "މިހާރު"އަށް ވިދާޅުވީ، ކެންސަރު ޖެހިގެން މާލެ އާއި ރާއްޖެއިން ބޭރަށް ފުރަން ޖެހޭ މީހުންގެ އަދަދުތައް އިތުރުވާކަން ފާހަގަކުރެވޭ ކަމަށެވެ. އާބާދީގެ ނިސްބަތުން އެ ރަށުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ މަހެއްގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ކޮންމެވެސް ބަޔަކު ފުރާ. އަޅުގަނޑުމެންނަށް މި ފަހަކަށް އައިސް އަދި ތަންކޮޅެއް ގިނަ ކަމަށް ފާހަގަކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ ކެންސަރު ބަލި ޖެހޭ މީހުން ގިނަވާތީ ދިރާސާއެއް ހަދަން އެދުމުން، ވަރަށް އަވަހަށް އެކަމައިގެން ކުރިއަށްވަޑައިގަންނަވާނެ ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ރަށުގައި ކެންސަރު ބަލި އިތުރުވާ މައްސަލައަކީ މިހާރު ފާހަގަކުރެވިގެން އުޅޭ ކަމެއް ނޫނެވެ. އެކަމުގެ މައުލޫމާތު މިއަދު ރަައީސް ސޯލިހާ ހިއްސާ ކުރެއްވި ނަމަވެސް، ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވާތީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއާ ވެސް އެކަން ހިއްސާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަހީން ވިދާޅުވީ މީގެ ކުރިން އެންސްޕާއިން ވެސް ވަނީ އަލިފުށީގައި ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ރެކޯޑުތައް އެއްކޮށްފައި ކަމަށެވެ.

ރ. އަލިފުށީ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް.

ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. ރައީސް ވިދާޅުވީ މިިހާރު އެ ހޮސްޕިޓަލަށް ބޭނުންވާ ފަންޑު ހަމަޖެހިފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 3000އެއްހާ މީހުންގެ އާބާދީއެއް އޮންނަ އަލިފުއްޓަކީ ކިއްސަރު ވަޑާމަށް މަޝްހޫރު ރަށެކެވެ. އަދި ބޯޓުފަހަރު ބަނުމަށް ވެސް މަޝްހޫރު އެ ރަށުގައި ފައިބަރުގެ މަސައްކަތް ވަރަށް ބޮޑަށް އޮވެ އެވެ.

ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އިންޑިއާގެ އެހީގައި އެ ހޮސްޕިޓަލް ގާއިމް ކުރަން ނިންމާފައި ވަނީ ލ. ގަމުގަ އެވެ. އެހެންނަމަވެސް، އެތަނުގެ މަސައްކަތް އަދި ނުފެށެ އެވެ.

41 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 44%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުރާ

08 January 2023

ގަސްކާނާ ބޭނުންކޮށް ސްޕްރޭކޮށް ހަދާއިރު އެއްވެސް ކަހަލަ ސަލާމަތީ ފިޔަވަޅެއް އަޅާބައެއްނޫން އަލިފުށީގައި އުޅެނީ. ވަރަށް އެހެންކަހަލަ ވިސްނުންހުންނަ ބައެއް، ކޮންމެ ކަމެއް ނިމޭނީ ފަންޑިތަ ސިހުރުން. ބޭސްވެރިކަން ގަބޫލުކުރާ ބައެއްނޫން.

The name is already taken The name is available. Register?

ޖުލައި2021

08 January 2023

ދިރާގުންވެސް ރައްރަށުގަ އެބަ ފައިބަރ އަޅާ ، މީގެސަބަބުން މީހުންނަށް ލިބޭގެއްލުމެއްނުބަލާ ،ފައިބަރު ބޭނުންކުރުން ހުއްޓާލަން އެބަޖެހޭ މީހުން އުޅޭރައްރަށުގަ.

The name is already taken The name is available. Register?

ނޫސަންގު

07 January 2023

މުޅި ރަށުގައި ފައިބަރު މަސައްކަތް. މީހުން ދިރިއުޅޭ ގޭގޭގައިވެސް ފައިބަރު މަސައްކަތް. ދެން ވާނެ ގޮތް ވިސްނާ

The name is already taken The name is available. Register?

ފައިބަރޭ

07 January 2023

މީހުން ދިރިއުޅޭ ރަށްރަށުގައި ފައިބަރު މަސައްކަތްކުރުން ހުއްޓުވަން ޖެހޭ، އަދި ފަޅު ރަށަކަށް މިކަން ބަދަލުކޮށް އެތާ މަސައްކަތްކުރާ މީހުންވެސް ރަނގަޅަށް ޕްރޮޓެކްޓިވް ގިއަރ އަޅުވާފަ ނޫނީ މަސައްކަތްނުކުރޭގޮތަށް ހަދަންޖެހޭ، ދިރާސާ އެއް ނުކުރިޔަކަސް މިއީ އެންމެނަށްވެސް އެނގޭ ކަމެއް، ސ. މީދޫ ގައި ވެސް ކެންސަރު ވަރަށް ފަހަކަށް އައިސް ގިނަ ވެފައިވޭ، އެއީވެސް ފައިބަރުގެ ސަބަބުން ކަމަށް ވަރަށް ޤަބޫލުކުރެވޭ.

The name is already taken The name is available. Register?

1206

06 January 2023

މަސައްކަތު މާހައުލުގެ ރައްކާތެރިކަން، މިއީ ރާއްޖޭގައި އެ ކަމަށް އަޅާލަންޖެހޭ މިންވަރަށް އަޅާލެވޭ ކަމެއް ނޫން. ޚާއްޞަކޮށް ބިނާވެށީގެ ސިނާއަތުގައި މި ކަމުގެ ފަރުވާ ކުޑަކަން އިންތިހާ. ކިތައް ފުރާނަ އެއްވެސް ހައްގަކާ ނުލައި ދުނިޔެއިން ވަކިވެކެން ހިނގައްޖެ، މި ބުނި ފަދަ ފަރުވާ ކުޑަ ކަމުގެ ސަބަބުން ހިނގައި ދިޔަ ހިތާމަވެރި ހާދިސާތަކުގައި. ކޮންމެ ފަހަރަކު ވެސް ހާދިސާ ހިނގާ ދުވަހު ހީވޭ، ދެން މި ފަދަ ހާދިސާ އަކަށް އިރު ނުއަރާނެޔޭ. އެކަމަކު ބިލާހަކަށް ވަނީ.

The name is already taken The name is available. Register?

އެމްސް

06 January 2023

ދިވެހިން ކައިބޮއެ އުޅެނީ ވަރަށް އާރޓިފިޝަލް ގޮތެއްގަ އުފައްދާފަ ހުންނަ ކާނާގެ ބާވައްތައް، ދިރި އުޅެނީ ސާފު ވެއްޓެއްގައެއް ނޫން، މަސައްކަތުގެ މާޙައުލު ރައްކާތެރިއެއް ނޫން، އެއްވެސް ގޮތަކުން އިޖްތިމާޢީ ރައްކާތެެރި ކަމެއް ނެތް! އެހެންވީމަ ދިވެއްސެއްގެ ޢުމުރު ދިގުވާނެ އެއްވެސް ސަބަބެއް އެބައޮތް؟ ކެންސަރާއި، އެތެރެހަށީގެވެސް ބޮޑެތި ބަލިތައް އެހާ ޢާއްމުވީ މި ހުރިހާ ސަބަބަކާއިވެސް ހުރެ! ދިރާސާއެއް ކޮށް އެއަށް ޢަމަލު ނުކުރެވެންޏާ އެކަމުގެ ބޭނުމެއް ނެތް!

The name is already taken The name is available. Register?

ވަހީދުބޭބެ

06 January 2023

ފައިބަރަކީ ބާރުގަދަ ކެމިކަލް އަޅައިގެން ހަދާއެއްޗެއް..

The name is already taken The name is available. Register?

ޖާބިރު

06 January 2023

އަހަރެމެން ބުނީމަ ގަބޫލް ނުކުރެވެނީ. ފައިބަރުގެ އަސަރު ނުކުރާ ޅަފުރާނައެއް ނުހުންނާނެ އަލިފުއްޓަކު. އެދެވޭ ގޮތުގައި ފައިބަރުން އުފެދޭ ކުނޑިއާއި ވިހަ ލޮލަށް ނުފެންނަ އެތައް ގެއްލުންދެނިވި އެއްޗިއްސުން ސަލާމަތް ނުވެވޭނަމަ ސީދާ ނޭވާލާ ނިޒާމުގެ ތެރެއިން ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޭގެ އަސަރު ކުރާނެ. ސިއްޙީ އެތަށް މައްސަލަތަކަކާއި ކުރިމަތިލާންޖެހޭނެ. ރަށް ވަށައިގެން ހަރުގެ ޖަހައިގެން އަތްޖަހަން ތިއްބަކަސް ކަންކަމެއް ހައްލެއް ނުވާނެ.

The name is already taken The name is available. Register?

1206

06 January 2023

ރ އަލިފުއްޓަކީ އާންމުން ދިރިއުޅޭ ރާއްޖޭގެ އެެހެން ރަށްރަށާއި އަޅައި ބަލާއިރު، ސިނާއީ މަސައްކަތެރިކަން ހިނގާ ރަށެއް. ރަށުގައި ބޯޓު ޔާޑެއް ހުރި. ކުރިން ލަކުޑިން ދޯނި ބަނދެ އުޅުނަސް މިހާރު އެ މަސައްކަތް ކުރަނީ ފައިބަރގްލާސް ބޭނުންކޮށްގެން. ނަމަވެސް މި ފަދަ ސިނާއީ މަސައްކަތްތަކީ އެކަށޭ ސަލާމަތާއި ރައްކާތެރިކަމުގެ ވަސީލަތްތައް ނެތި ކުރާ ނަމަ، އެ މަސައްކަތް ކުރާ މީހުންނަށާއި، ރަށު މާހައުލަށް އިންތީހާއީ ނޭދެވޭ ސިއްހީ އަސަރު ކުރުމުގެ ފުރުސަތު އޮންނާނެ.

The name is already taken The name is available. Register?

އެމްސް

06 January 2023

ރައީސް އޮފީހަކީ ދިރާސީ އިދާރާއެއް ނޫން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454