މާލެ ސަރަހައްދު ފިޔަވައި އަތޮޅު ތެރޭގައި ކެންސަރުގެ ބަލި މީހުން އެންމެ ގިނައީ އައްޑު އަތޮޅުގައި ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ހިންގާ އޮންކޮލޮޖިކަލް ސެންޓަރާ ހަވާލާދީ ހެލްތު މިނިސްޓްރީން "ސަރުކާރު ހަބަރު"ގައި ޝާއިއުކުރި ލިޔުމުގައި ބުނީ މާލެ ސަރަހައްދަށްފަހު ކެންސަރު ބަލި މީހުން އެންމެ ގިނައީ އައްޑު އަތޮޅުގައި ކަމަށެވެ. އަދި އެ ލިސްޓުގައި ތިން ވަނައިގައި ހިމެނެނީ ށ. އަތޮޅެވެ. 

ހަތަރު ވަނައަށް ކެންސަރު ބަލި މީހުން އެންމެ ގިނަ އަތޮޅު ކަމަށްވާ ރ. އަތޮޅުގައި ވެސް އެ ބަލީގެ 58 މީހުން އެބަތިބި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ބައްޔަށް ރާއްޖޭގައި ފުރަތަމަ ކީމޯގެ ހިދުމަތް ފެށީ 2014 ވަނަ އަހަރެވެ.

މާލެއިން ބޭރުން އެ ފަރުވާ ފުރަތަމަ ފެށީ 2020 ވަނަ އަހަރު ޅ. ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގަ އެވެ. އަދި އެއަށްފަހު، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި 2023 ވަނަ އަހަރު ކީމޯ ދޭން ފަށާފައިވެ އެވެ. 

އެންމެ ފަހުން އެ ފަރުވާ ފުޅާކުރީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ. މިދިޔަ ހޯމަ ދުވަހު ފެށި ހިދުމަތް އެ ހޮސްޕިޓަލްގައި ދެ މީހަކު އަންނަނީ ހޯދަމުންނެވެ. 

މިނިސްޓްރީން ބުނީ ރާއްޖޭގައި އެންމެ ގިނަ މީހުން ރާއްޖެއިން ބޭރަށް ދާން އެދޭ ދާއިމީ އެންމެ ބޮޑު ބައްޔަކީ ކެންސަރުކަން އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ކެންސަރަށް ދޭ ފަރުވާ ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް ބުންޏެވެ.