ފިޔޯރީ ސްކޫލުގެ ދަރިވަރުންތަކެއް؛ އެ ސްކޫލުގެ އިމާރާތެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި.-- ފޮޓޯ: ފިޔޯރީ ސްކޫލު
09 ޖެނުއަރީ 2023 - 12:29
ގދ. ފިޔޯރީ ސްކޫލުގެ އިމާރާތެއްގައި އިއްޔެ ރޯވުމާ ގުޅިގެން އެ ސްކޫލުގެ ކިޔެވުން ދެ ދަންފަޅި އަށް މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.
އިއްޔެ ހަވީރު ރޯވީ އެ ސްކޫލުގެ ބާ އިމާރާތެއްގައި ކަމަށް ވިޔަސް އެ ތަނުގައި ސެން ކްލާހާއި އާންމު ތިން ކްލާސްރޫމު އަދި ގުދަނެއް ވެސް ހިންގަ އެވެ. އަލިފާން ރޯވެ، އެ އިމާރާތް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
ފިޔޯރީ ސްކޫލު ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު އިގްބާލް "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ މިހާރު ވެސް ބޭނުން ކުރަމުންދާ ކްލާސްރޫމުތަކެއް ހުރި އިމާރާތެއް ކަމުން ކިޔަވައި ދިނުމަށް އުނދަގޫތަކެއް ދިމާވެފައިވާ ކަމަށެވެ.
ޖުމުލަ 165 ދަރިވަރުންނާއެކު މީގެ ކުރިން އެއް ދަންފަޅިއަކަށް ކިޔަވައިދެމުން އައި ނަމަވެސް އެއް އިމާރާތް އެއްކޮށް އަނދައިގެން ދިއުމުން ކިޔެވުން ދެ ދަންފަޅި އަށް ބަދަލުކުރަން މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔޯރީ ސްކޫލުގެ އަނދައިގެންދިޔަ އިމާރާތް.-- ފޮޓޯ: ފިޔޯރީ ސްކޫލު
"ސާޅީސް ތިން ކުދިން އެ ތިން ކްލާހުގައި ކިޔަވަމުންދޭ. އަޅުގަނޑުމެންނަށް ދެން އޮތް ގޮތަކީ އިތުރު އިމާރާތެއް ލިބެންދެން ދެ ދަންފަޅި އަށް ކިޔަވައިދިނުން،" އޭނާ ވިދާޅުވި އެވެ.
ފިޔޯރީ ސްކޫލުގައި ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލާ ގުޅިގެން ހަމަޖައްސަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.
ސްކޫލުގެ އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި.--
އިއްޔެ އިރުއޮއްސެން އުޅެނިކޮށް ރޯވި އަލިފާންގަނޑު ކޮންްޓްރޯލް ކުރެވުނީ މުޅި އިމާރާތް އެކީ އަނދައިގެން ދިޔަ ފަހުންނެވެ.
އިގްބާލް ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓަކުން ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެކި ރަށްރަށުގައި މިފަދަ އަލިފާނުގެ ހާދިސާތައް މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ކަން ފާހަގަކުރެވެ އެވެ. ހޮނިހިރު ދުވަހު ރ. އަލިފުށީގެ ކުނިގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވި އެވެ. އަދި މިއަދު ވަނީ މާލޭގެ ނީލާން ފިހާރަައިގައި ރޯވެ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ފަހުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ހިނގަމުންދާ އަލިފާނުގެ ބޮޑެތި ހާދިސާތަކާ ގުޅިގެން ހާއްސަ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަގަތްފާނު
09 January 2023
މާލޭގަ ނީލަމް ފިހާރަ އެނދީމަ ހިސާބުގަނޑު ދެސްކޫލު ކިޔެވުން ބަންދު، ފިޔޯރީ ސްކޫލުގެ އެއްބައި އަނދާހުލިވީމަ ޖެހިގެންހުރި ކުލާހުގަ އަނެއްދުވަހު ކިޔެވުން ދެދަންފަޅިއަށް. އެއްދައުލަތެއް ދެސިޔާސަތެއް.
ސަފަޔަރ
09 January 2023
ދެރަނުވޭ. ތި ލިބުނީ މަލްޓިޕާޕަސް ހޯލް