ހުޅުމާލޭގެ ރެހެންދި ސްކޫލުގެ ޕެނަލް ބޯޑެއްގައި މިއަދު ހެނދުނު ރޯވުމުން، އެ ސްކޫލުގެ ކިޔެވުން މެދުކަނޑާލައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރެހެންދި ސްކޫލުގެ 4،5 ވަނަ ބުރީގެ ޕެނަލް ބޯޑުގައި ހެނދުނު 6:30 ހާއިރު ރޯވި އަލިފާން އެ ސްކޫލުން ވަރަށް އަވަހަށް ނިއްވާލާފައިވާ ކަމަށެވެ.
"ދަރިވަރުން ސްކޫލަށް އަންނަމުން ދިޔަ ވަގުތު ކަމަށް ވުމުން ދަރިވަރުންނަށް ގެއްލުން ނުވާ ގޮތަށް ކުދިން ތިރިޔަށް ގެނެސް މިހާރު ވަނީ ގެ އަށް ފޮނުވާލާފައި. ދަރިވަރުންގެ ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަންތައް،" އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި، 4،5 ވަނަ ބުރިން މިހާރު ކަރަންޓު ކެނޑިފައިވާތީ، ސްޓެލްކޯއާ ވާހަކަ ދައްކައިގެން ވީހާ ވެސް އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ދެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.
"މިކަމުގައި އެމްއެންޑީއެފާއި ފުލުހުންގެ އެހީތެރިކަން ލިބުނު،" އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެމްއެންޑީއެފުން ބުނީ، ރެހެންދި ސްކޫލުގެ ޕެނަލް ބޯޑުގައި ރޯވި އަލިފާން، ހުޅުމާލޭގެ ފަޔާ ސްޓޭޝަންގެ ފަޔާމަނުން ނިއްވާލީ ހެނދުނު 7:19 ގައި ކަމަށެވެ.