ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ރޯވި އަލިފާނުގެ ހާދިސާގައި ބޮޑު ގެއްލުމެއް ލިބިފައިވީ ނަމަވެސް އެ ސްކޫލްގެ ކުދިންގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ރޭ 12:30 ހާއިރު ރޯވީ 750 އެއްހާ ކުދިން ކިޔަވަމުން އަންނަ ސްކޫލްގެ ޕްރައިމަރީ ސްޓާފްރޫމުގައި ހުރި އޭސީއެއްގަ އެވެ. އޭގެ ފަހުން ސްޓާފް ރޫމާ ޖެހިގެން ހުންނަ ޕްރިންޓު ރޫމާއި އެއް ކްލާސްރޫމަށް އަލިފާންގަނޑު ފެތުރި ދަންވަރު 2:00 ހާއިރު އަލިފާންގަނޑު ނިއްވާލެވުނުއިރު އެ ތިން ތަން އެއްކޮށް ވަނީ އަނދައިފަ އެވެ.

މިނިސްޓަރު ރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލުގެ އެއް އިމާރާތް އަނދައިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަމެވެ.

މި ހަފުތާގައި ކިޔެވުން ފެށުމުގެ ކުރިން ޕްރިންޓިން ރޫމްގެ މެޝިނަރީ އާއި ޓީޗަރުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ސްކޫލަށް ލިބޭނެ އިންތިޒާމު ހަމަޖެއްސައިދޭނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

އަދި ކިޔެވުން ނުހުއްޓޭނެ ގޮތަށް ސްކޫލުގެ ކަންކަން އިންތިޒާމު ކުރާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.