ވިޔަފާރި / ރިޕޯޓް

އަޅާނުލައި ތިއްބާ ޑޮލަރުގެ އަގު 17ރ. އިން މަތީގައި ހަރުލައިފި!

ަވޮލެޓަކުން ޑޮލަރު ނަގަނީ. ރާއްޖޭގައި ބޭނުން ކުރަނީ ފެގް ރޭޓެއް--ފޮޓޯ: ނިޝާން އަލީ/މިހާރު

ޑޮލަރުގެ އަގު ތިރިއެއް ނުވި އެވެ! އެކަން ހައްލެއް ނުވި އެވެ! އެންމެ ފަހުން، އަސްލު ރޭޓް ހަނދާންނެތި، ޑޮލަރުގެ ނުސީދާ ރަސްމީ ރޭޓަކަށް ވެސް، ޑޮލަރެއް 17ރ. އިން މައްޗަށް ވެ ނިމިއްޖެ އެވެ!

އެކަމަކު، ހަމައެއާ އެކު އާންމުން ގަބޫލުކުރާ އެހެން ކަމެއް ވެސް އޮވެ އެވެ. އަދި ސުވާލު އުފައްދާ ކަމެއް ވެސް އޮވެ އެވެ. ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެ، ޓޫރިސްޓުން ފުރިބާރުވެފައިވާ އިރު، ޑޮލަރުގެ ތާށިކަން ނުފިލައިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟

މުދަލުގެ އަގު ހިފެހެއްޓޭ ރަސްމީ ރޭޓަކީ ކަޅު ބާޒާރުގެ އަގެވެ. ވޭތުވެދިޔަ ހަތަރު ވަރަކަށް އަހަރު، އަދި މިހާރު ވެސް ވިޔަފާރިވެރިން ޑޮލަރު ހޯދަމުން އައީ ކަޅުބާޒާރުންނެވެ. މުދަލުގެ އަގު ބޮޑުވާން ވެސް، އަދި ތިރި ވާން ވެސް ޖެހޭ މައިގަނޑު ސަބަބަކީ އެއީ އެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހަމަ ތަންކޮޅެއް މައްޗަށް ދާއިރަށް، އެކަން ކޮންޓްރޯލްކުރުމަށް ކަމާ ބެހޭ އިދާރާތައް ނުކުމެއެވެ. އޭގެ ތެރޭގައި އުޅޭ މީހުން ފަހާ ދުވެ އެވެ. އެކަމަކު، އެ މައްސަލަ ދާއިމީކޮށް ހައްލެއް ނުވި އެވެ.

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އިންތިހާ އަށް އުފުލުނީ ކޮވިޑްގެ ދުވަސްވަރު އެވެ. އޭރު އަގު 15.85ރ. އިން 20ރ. އަށް އެރި އެވެ. އޭގެ ފަހުން ޑޮލަރުގެ އަގު ވޭތުވެދިޔަ ދެ އަހަރު ވެސް ކަޅު ބާޒާރުގައި އެވްރެޖުކޮށް ހުރީ ޑޮލަރެއް، 17.35-17.40ރ. ދެމެދު އެވެ. ކުޑަދުވަސްކޮޅަކަށް އެއަށް ވުރެ ތިރިއަށް ޖެހިލިޔަސް، 17ރ. އަށް ވުރެ ތިރިއެއް ނުވެ އެވެ.

ޑޮލަރުގެ އަގަށް އައި ބަދަލުތައް-- ފޮޓޯ: މިހާރު

ރާއްޖެ އަށް މުދާ އިމްޕޯޓްކުރާ އިސް ވިޔަފާރިވެރިއަކު ބުނީ، މިހާރު ރާއްޖޭގައި ވިޔަފާރި ކުރަނީ 17.40ރ. އަކީ ޑޮލަރުގެ ރަސްމީ ރޭޓު ކަމަށް ބަލައިގެން ކަމަށެވެ.

"ރަސްމީ ރޭޓުގައި ޑޮލަރު ނުލިބޭތާ 10 ވަރަކަށް އަހަރު މިވީ. އެ ލިބެން ހުންނަ ރޭޓެއްގައި ޑޮލަރު ހޯދައިގެން ވިޔަފާރި ކުރަން މަސައްކަތް ކުރަނީ. ރަސްމީ ރޭޓުގައި ޑޮލަރު ހޯދަން މާ ބޮޑު މަސައްކަތްތަކެއް ވެސް ނުކުރަން މިހާރު،" އޭނާ ވިދާޅުވި އެވެ.

އޭނާ ބުނީ، ޑޮލަރުގެ ރަސްމީ ރޭޓުގައި ލިބެނީ ހޯދަން ބޭނުންވާ ޑޮލަރުގެ ގާތްގަނޑަކަށް 10 ޕަސެންޓު ކަމަށެވެ. އޭނާގެ ކުންފުނިން ކޮންމެ ޝިޕްމަންޓެއް ގެންނަން، ދެ ލައްކަ ޑޮލަރު ހޯދަން ޖެހޭ އިރު ހަމަ ރޭޓުގައި ލިބޭ ވަރަކީ ނިސްބަތުން ކުޑަ އަދަދެކެވެ.

ރާއްޖެ އަށް ޑޮލަރު ވަންނަ ކަމަށް ތަފާސްހިސާބުތަކުން ވެސް ދައްކަ އެވެ. ވިޔަފާރިވެރިން ވެސް، އަދި އެހެން މީހުން ވެސް ދައްކާ ވާހަކައަކީ، އެ ލިބޭ ޑޮލަރަށް ދެން ވަނީ ކިހިނެއް ހެއްޔޭ އެވެ؟ މެނޭޖްކުރުމުގައި މައްސަލަތަކެއް އުޅެނީ ހެއްޔޭ އެވެ؟ ނުވަތަ ވަންނަ ޑޮލަރު ރާއްޖޭގައި ނުހިފޭއްޓެނީ ހެއްޔޭ އެވެ؟

އެމްއެމްއޭގެ ފިޔަވަޅުތައް ރިއަލިސްޓިކެއް ނޫން

ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އިންތިހާ އަށް އުފުލުމާ ގުޅިގެން އެމްއެމްއޭއިން 2021 ވަނަ އަހަރު ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅާނެ ކަން އިއުލާނު ކޮށްފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން ދެ ވަނަ އަހަރު ގުނަމުން ދާ އިރު ވެސް، މިކަމުގައި އެމްއެމްއޭ އަށް އެޅުނު ހަރުދަނާ އެއްވެސް ފިޔަވަޅެއް ނެތެވެ. ޑޮލަރު އަގު ކޮންޓްރޯލެއް ވެސް ނުވި އެވެ.

އިގްތިސާދުގައި ޑޮލަރު ހިފެހެއްޓުމާއި ޑޮލަރުގެ ޑިމާންޑް ދަށް ކުރުމަށް އެމްއެމްއޭ އިން މައިގަނޑު ގޮތެއްގައި ފަސް ދާއިރާ އަކުން ފިޔަވަޅު އަޅަން ޕްލޭންކުރި އެވެ. އެއީ،

- ޑޮލަރަށް ނޯންނަން ޖެހޭ ޑިމާންޑް ދުއްވާލުން. އޭގެ ތެރެއިން މުހިންމު އެއް ކަމަކީ އެތެރޭގެ ފައިސާގެ މުއާމަލާތްތައް ދިވެހި ރުފިޔާ އިން ހިންގުން.

- ރުފިޔާގެ ޑިމާންޑް އުފުލޭ ކަންކަން ތައާރަފުކުރުން. އިގްތިސާދީ ގިނަ ކަންކަމުގައި ރުފިޔާ ބޭނުންކުރުން، މިސާލަކަށް ތެރޭގައި ދިވެހި ރުފިޔާ އިން ޓެކްސް ދެއްކޭނެ ގޮތް ހެދުން.

- ޑޮލަރުގެ އެކްސްޗޭންޖް ނިޒާމް ހަރުދަނާކުރުން. އަދި ފޮރިން އެކްސްޗޭންޖްގައި އުޅޭ މީހުންނަކީ ވަކި ކޮންޑިޝަންތަކެއް ހަމަވާ ބަޔަކަށް ހެދުން.

- ރާއްޖެ އިން އާންމުކޮށް މުދާ ގަންނަ ގައުމުތަކާ އެކު ރުފިޔާ އިން ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ބައިލެޓެރަލް އެރޭންޖްމަންޓްތަކެއް ހެދުން.

- ގިނައިން އިމްޕޯޓުކުރާ ބާވަތްތައް ދެނެގަނެ، އެކަމަށް ރާއްޖެ އިން ހައްލުތަކެއް ހޯދުން. މިސާލަކަށް ތެޔޮ ރާއްޖެ އަށް އެތެރެކުރާ ވަރު މަދުކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުން.

ވޭތުވެދިޔަ ހަތަރު އަހަރު އަގަށް އައި ބަދަލުތައް-- ފޮޓޯ: މިހާރު

އެކަމަކު އެމްއެމްއޭ އިން މި ރިޕޯޓަށް ބުނީ، ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެކަން ލަސްވަމުން ދަނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްދާތީ ކަމަށް އެ ތަނުން ބުންޏެވެ.

"ދުނިޔޭގެ އިގްތިސާދަށާއި ރާއްޖޭގެ އިގްތިސާދަށް ކޮވިޑުގެ ހާލަތަށް ފަހު ވެސް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭތީ އާއި ބައިނަލް އަގްވާމީ މާލީ އިދާރާތަކުން ވެސް މި އޮތޯރިޓީން އަށް ދީފައިވާ ލަފާގެ މަތިން ރާއްޖޭގެ އިގްތިސާދަށް ލޮޅުން ނާރައި އިގްތިސާދަށް އެންމެ ފައިދާ ވާނެ ގޮތަކަށް އެ ކަންކަން އަންނަނީ ބައްޓަން ކުރަމުން،" އެމްއެމްއޭއިން ލިޔުމުން ދިން ޖަވާބުގައިވެ އެވެ.

އެމްއެމްއޭ އިން ބުނީ ފިޔަވަޅުތަކުގެ ތެރެއިން ފުރަތަމަ ކަމެއްގެ ގޮތުން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ދިނުމުގެ އާ ގަވައިދު ގެޒެޓް ކުރެވި، ލައިސަންސިން ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ބޭރުފައިސާ ގަނެވިއްކުމުގެ ލައިސަންސަށް އެދި ހުށައެޅުމުގެ ފުރުސަތު އެ އޮތޯރިޓީން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ، އެމްއެމްއޭއިން އަޅަން ކަނޑައެޅި ފިޔަވަޅުތަކުގެ ތެރެއިން ގިނަ ކަންކަމަކީ އެހާ "އޮޕްޓިމިސްޓިކް" ކަންކަމެއް ނޫން ކަމަށެވެ. އޭނާ މިސާލު ނެންގެވީ އެމްއެމްއޭއިން ކުރަން ނިންމި އެއް ކަމަކުންނެވެ. އެއީ ބޭރުން މުދާ ގަންނަ އިރު ދިވެހި ފައިސާ ބޭނުން ކުރުމެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ ބައެއް ގައުމުތަކުން ފައިސާ ދެއްކުމުގައި ބައިލެޓްރަލް އުސޫލުތައް ގެންގުޅެނީ އެކަމުން ދެ ގައުމަށް ވެސް ފައިދާވާ ކަންކަމުގައި ކަމަށެވެ.

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: ގަވައިދާ ހިލާފު ރޭޓުތަކުގައި މިކަން ކުރަނީ ވަރަށް ފުޅާކޮށް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދެކޮޅުގެ ލޯކަލް ކަރެންސީން އެކްސްޗޭންޖު ކުރެވެން ހުރިއްޔާ އެކަން ކުރެވޭނީ. މިސާލަކަށް އިންޑިއާއިން ކޮންމެސް އެއްޗެއް ގަންނަން ދިވެހި ރުފިޔާއިން މި ޕޭމެންޓް ދެއްކީ. ދެން އެކަމަކު އިންޑިއާއިން މިކޮޅުން ކޯއްޗެއް ގަންނާނީ. މިކަން ފީޒަބަލް ވާނީ ކިހާވަރަކަށް ކަމެއް ނޭންގެ،" އޭނާ ވިދާޅުވި އެވެ.

ފައިސާ ޗާޕު ކުރުން ހުއްޓާލަން ޖެހޭ

ބޭންކިން ދާއިރާގެ ބޭފުޅަކު ވިދާޅުވީ، އެމްއެމްއޭ އަށް އަށް ޑޮލަރުގެ އަގު ކޮންޓްރޯލް ނުކުރެވިގެން އުޅޭ މައިގަނޑު އެއް ސަބަބަކީ ސަރުކާރުން ފައިސާ ޗާޕްކުރާތީ އެވެ. އޭނާ ވިދާޅުވީ، މިދިޔަ އަހަރު ނިމުނު އިރު ވެސް ދައުލަތުން ހަތަރު ބިލިއަން ރުފިޔާ ޗާޕު ކުރި އިރު، އޭގެ ސަބަބުން ދިވެހި ރުފިޔާ ބާޒާރުގައި ދައުރުވާ ވަރު އިތުރުވާނެ ކަމަށެވެ.

"މިއީ ހަމައެކަނި އެމްއެމްއޭ އަށް ކުރެވޭނެ ކަމެއް ނޫން. ސަރުކާރުން ވެސް އެބަ ޖެހޭ ޑޮލަރުގެ އަގު ކޮންޓްރޯލް ކުރަން ސީރިއަސް ވިސްނުމަކަށް ދާން،" އޭނާ އެވެ.

މި އަހަރުގެ ބަޖެޓާ ގުޅިގެން އެމްއެމްއޭއިން ދިން ލަފާގައި ވެސް ފާހަގަކުރި އެއް ކަމަކީ ފައިސާ ޗާޕު ކުރުމުން އިގްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާ އިތުރުވެ، ބޭރު ފައިސާ އަށް އޮންނަ ޑިމާންޑު ދަށްވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ ވާހަކަ އެވެ.

އޭނާ އަދި ވިދާޅުވީ، މި ފެށުނީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށް ވާތީ، ދައުލަތުން ކުރާ ހޭދަ އިތުރަށް ބޮޑުވާނެ ކަމަށެވެ. އަދި ދަރަނި އަދާކުރަން ކުރަން ޖެހޭ ހަރަދާއި ދައުލަތުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން، ޑޮލަރަށް އޮންނަ ޑިމާންޑު މައްޗަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، ޓޫރިސްޓުން އިތުރުވެ، ރާއްޖޭގެ އިގްތިސާދަށް ޑޮލަރު ވަނަސް، އެއީ ކަޅު ބާޒާރުގެ އަގު ދަށްކުރެވޭނެ ސަބަބަކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އަންނަނީ 2020 ވަނަ އަހަރުން ފެށިގެން، ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ ޗާޕުކުރަމުންނެވެ.

ޑެފިސިޓް ބޮޑު، ކަޅު ބާޒާރުގެ ހައްލަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުން

ވޭތުވެދިޔަ ހަތަރު އަހަރުގެ ކަރަންޓް އެކައުންޓް ބެލެންސް: ކަރަންޓް އެކައުންޓުން ދައްކުވައިދެނީ ރާއްޖޭގެ އިމްޕޯޓާއި އެކްސްޕޯޓުގެ ފަރަގު -- ފޮޓޯ: މިހާރު

ރާއްޖޭގައި "ޓްވިން ޑެފިސިޓެއް" އޮންނަތާ މިހާރު 15 ވަރަކަށް އަހަރުވީ އެވެ. ޓްވިން ޑެފިސިޓަކީ ކަރަންޓް އެކައުންޓް ޑެފިސިޓާއި ބަޖެޓް ޑެފިސިޓް އޮތުމެވެ. ރާއްޖެއަކީ އެކްސްޕޯޓަށް ވުރެ އިމްޕޯޓަށް ބަރޯސާވަމުން އަންނަ ގައުމަކަށް ވެފައި ބަޖެޓް ޑެސިފިޓް 10 ބިލިއަނުން 12 ބިލިއަނުން މިހާރު ވަނީ 14 ބިލިއަން ރުފިޔާ އަށް އިތުރުވުމުން ޑޮލަރަށް ބަރޯސާވާ މިންވަރު ބޮޑުވެ އެވެ.

އެއް އަހަރުން އަނެއް އަހަރަށް ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވަމުން ދާ އިރު މިދިޔަ އަހަރު އެކަނި ވެސް ކަރަންޓް އެކައުންޓް ޑެފިސިޓް ވަނީ 1.1 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އެ ފައިސާ އަކީ ދައުލަތުން ދައުލަތުން ބޭރުވާ ޑޮލަރެވެ. އަނެއްކޮޅުން ބަޖެޓް ޑެފިސިޓް ހަމަޖެއްސުމަށް ކޮންމެ އަހަރަކު ވެސް ބޭރުގެ ފައިނޭންސް ހޯދަ އެވެ. އެ އަނބުރާ ބޭނުންވާ ފައިނޭންސް ބޭރުން ހޯދާ އިރު އެ އަނބުރާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ދައުލަތުން ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް އިތުރު ކުރަމުން އަންނަ އިރު އެ ޕްރޮޖެކްޓްތަކާ އެކު ބޭރުން މުދާ ގެންނަ ވަރު އިތުރުވެ، ޑޮލަރަށް އިތުރު ޕްރެޝަރު އުފެދެ އެވެ. އަނެއްކޮޅުން އާސަންދަ ސްކީމާއި ތެލާއި އެނޫން ތަކެތި ގަތުމަށް ކުރާ ހޭދަ އާއި ބޭރުގެ ދަތުރުފަތުރު ހަމަޖައްސަން ވެސް ދައުލަތުން ޑޮލަރު ބޭނުންވާ ވަރު ދަނީ އިތުރުވަމުންނެވެ. މިއާ އެކު ވެސް ޑޮލަރުގެ ޑިމާންޑު އިތުރަށް އުފުލުމުގެ ފުރުސަތު ފަހިވެ އެވެ.

މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ، ރާއްޖޭގެ ޑޮލަރުގެ ޑިމާންޑު ހައްލު ނުވަނީ ދައުލަތުގެ ހަރަދު ކުރުމުގެ ޑިސިޕްލިން ނެތުމުން ކަމަށެވެ.

"ކޮންމެ އަހަރެއްގެ ބަޖެޓު ޑެފިސިޓް އެޑުވާނެ ޑެޓް ސްޓޮކަށް. ޑެޓް ސްޓޮކަށް ދޫކޮށްލާ ކޮންމެ އަދަދަކީ ވަރަށް ބޮޑު އިންޓްރެސްޓް ރޭޓެއް ބެއާ ކުރާނެ އަދަދެއް. ފަންޑަމެންޓަލް މެކްރޯ އިކޮނޮމިކް އިޝޫތައް ރަނގަޅުކޮށް، މިފަދަ މައްސަލަތައް ހައްލެއް ނުވާނެ،" އޭނާ ވދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ ހަރަދުތައް އިންތިހާ އަށް އުފުލެމުންދާ އިރު އެއާ އެކަށޭނަ ރިޒާވެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ. ސަބަބަކީ، އިގްތިސާދުން އެ މަންޒަރު ނުފެންނާތީ އެވެ. އޭނާ ވިދާޅުވީ، ޕްރެޝަރު ކޮންޓްރޯލު ކުރެވޭ ނަމަ، ޑޮލަރު ކޮންޓްރޯލު ކުރަން އެމްއެމްއޭއިން ފިޔަވަޅު އެޅުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ރިޒާވްގެ ސްޓްރެންތެއް ނުއެއްފެނޭ. ރިޒާވްގައި ލާރި ހުއްޓަސް، ކޮވިޑާ ގުޅިގެން އެމްއެމްއޭ އިން ޑޮލަރު ކޮންޓްރޯލު ކުރަން އެޅި ފިޔަވަޅުތަކަށް ލުޔެއް ނުގެނޭ. އިތުރު ފިޔަވަޅު އަޅާތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ރިޒާވްގައި 800 މިލިއަން ޑޮލަރު ހުރި އިރު ބޭނުން ކުރެވޭ ގޮތަށް ހުރީ ގާތްގަނޑަކަށް 267 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ޑޮލަރު ކޮންޓްރޯލް ކުރުމަށް އެޅި ގިނަ ފިޔަވަޅުތަކަށް އަދިވެސް ބަދަލެއް ނުގެނެއެވެ. އޭގެ ބަދަލުގައި ޑޮލަރު ކޮންޓްރޯލު ކުރަން އެމްއެމްއޭ އިން ދާދިފަހުން ވެސް ވަނީ ކިޔަވާ ކުދިންނަށް ދޫކުރާ ޓީޓީ ވެސް ލިމިޓްކޮށްފަ އެވެ. އޭގެ އިތުރުން ބޭންކުންތަކުން ހިފެހެއްޓި ހިފެހެއްޓުންތައް އަދިވެސް މުޅިން ދޫކޮށެއް ނުލަ އެވެ.

އެމްއެމްއޭ އިން މިހާރު ވެސް އަންނަނީ ޑޮލަރުގެ ތާށިކަން ހައްލު ކުރަން ބައެއް ކަންކަން ކުރަމުންނެވެ. އެސްޓީއޯއިން ތެޔޮ ގަންނަން ބޭނުންވާ ޑޮލަރާއި އެެހެން އެސްއޯއީތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދެމުންދެ އެވެ.

ޓޫރިޒަމް ދާއިރާ ރަނގަޅުވެ، ދައުލަތަށް ވަންނަ ޑޮލަރު އިތުރުވި ނަމަވެސް ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ކަންކަން ރެގިއުލޭޓް ކުރުމަށް ހަރުދަނާ ގާނޫނީ ނިޒާމެއް ނެތްހާ ދުވަހަކު ޑޮލަރުގެ މައްސަލަ ހައްލު ނުވާނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި ދައުލަތުން ކުރާ ހަރަދަށް ބަދަލެއް ނުގެނެސް ވެސް މިކަން ވާކަށް ނެތެވެ.

ޑޮލަރުގެ މައްސަލަ އަށް އޮތް ދާއިމީ ހައްލަކީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް ރާއްޖޭގެ އިގްތިސާދުގައި ބެހެއްޓުމެވެ. އެހެން ނަމަވެސް، އެހާ ހިސާބަށް ދާން އޮތް މަގުގެ ކޮޅެއް މެދެއް އަދި ފެންނާކަށް ނެތެވެ.

126 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 96%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެކްސިް

18 January 2023

އޯކޭ ޓޫރިސްޓުން އައިއްސި. އަކަމަކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ވެއްޖެ. ލިބޭ ބޭރު ފައިސާއިން ކިހާވަރެއް ތެލައް އެބަ އިތުރަށް ދޭތަ؟ ސައުދީއާ ޔޫއޭއީ އާ އޮމާނާ ގަލްފް ގައުމުތައް މުއްސަނދިވަނީ. ހަކަތަ އުފައްދަން ތެލުން ދުރަށް ދާނެ އެބަޖެހޭ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

18 January 2023

ތައިލޭންޑް މެލޭޝިޔާ ފަދަ ގައުމުތަކުގައި އެގައުމުތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު މަތިވެ އަދި އެކްޕޯޓު މަތިވާވަރަކަށް ޑޮލޮރުގެ އަގު ދަނީ އަޑު ކިޔާފައި ދަށަށް. މިގައުމުގަ ޓޫރިސްޓުން އަންނަ ވަރު އިތުރުވާވަރަކަށް ޑޮލަރުގެ އަގު ދަނީ ބޮޑުވަމުން.

The name is already taken The name is available. Register?

ކަކުނިބޯ

18 January 2023

ޓްއަރިޒަމްގެެ އުޅޭ މުއްސިދިންނަށް ޑޮލަރ ބްލެކްމމަރކެޓް އުފައްދާ ޑޮލަރ އަގުބޮޑޔކުރުމުން މަސްވެރިންނާ ދަނޑުވެރިންނާ ފުޑެނީ، ސަބަބަކީ މަސްބާނަން ތެެޔޮގަންނަނީ 17.40 އަށް އަގުމަގުކޮށްފަހުންނަ ތެޔޮ އަންދާގެން ބާނާމަސް ދުނިޔޭގެ މަރކެޓްގެ އަގަށް ވިއްކަންބަލާއިރު %15 ކޯސްޓްއޮފް ޕްރޮޑަކްޝަން އެހެން ވާދަވެެރިންނާބަލާއިރު ބޮޑުވާނެ އެހެންވީމާ މަސްވެެިން ލަލަލަ، އެމީހުންގެ އާއިލާ ދިރިއުޅުމަށް ކުރާހޭދަވެސް ހަމަ 17/40ގެ ރޭޓުްން މިގޮތަށް ދަނޑުވެރިންވެސް ގަސްކާނ

The name is already taken The name is available. Register?

އަކްމެޑް

18 January 2023

ރިސޯޓުތަކުން ޖެނެރޭޓްކުރާ ޑޮލަރުގެ 5 ޕަސެންޓުވެސް ރާއްޖޭގެ ފަސްގަނޑުގަ ނުޖެހޭ. ބިލިއަނުން ޑޮލަރު ޖެނެރޭޓްކުރޭ ރާއްޖެއިން. މިފައިސާ ބީއެމްއެލްގެ އެކައުންޓަކަށް ކެނޑޭގޮތް ހަދަންވީ. އަދި މަދުވެގެން 24 ގަޑިއިރު ނުވަނީސް ރާއްޖެއިން ބޭރަށް ނުފޮނުވޭގޮތް ހަދައިފިއްޔާ ބޭންކުގަ ބޭނުން ވަރަކަށް ޑޮލަރު ހުންނާނެ. އެއްމެ ފޮޅުވަތެއް ޓުއަރިޒަމް ގާނޫނަށް އިތުރުކުރަނިކޮށް ހައްލުވީ. ކާކު ކުރާނީ؟؟؟

The name is already taken The name is available. Register?

އިނަފް އިޒް އިނަފް

18 January 2023

އެމް އެމް އޭ އަކީ އަޑީގައި އޮވެގެން މިކަން ނުބައި ކުރާ ފަރާތް. ވަރަސް ސާފު. މިތަންތާގައި ތިބޭ މީހުން ކަންކަން ނުބަލާ ކައިކައިގެން ތިބެނީ ހަމަ.

The name is already taken The name is available. Register?

އިބްރާހިމ

17 January 2023

ކޯލިޝަން ސަރުކާރުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކެހިދެނީ. ރައްޔިތުންނޭވެ، 2018 އަށްވުރެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު ޑޮލަރު ދައްނުވާކަމީ މިއީ ކޯލިޝަން ސަރުކާރުން އިންޑިއާއާއިގުޅިގެން ހިންގާ ޖަރީމާއެކެވެ.

The name is already taken The name is available. Register?

އަލި

17 January 2023

މިއަހަރު މިހާތަނަށް 75،000 ހާހަށްވުރެ ގިނަ ފަތުރުވެރިން އައިސް އެތައް މިލިއަން ޑޮލަރެއް ރާއްޖޭގެ މާލީ ނިޒާމަށް ވާނީ ވަދެފައި. އެހެން ނަމަވެސް ޑޮލަރެއް ބޭންކުން ނުލިބޭ. ބްލެކުން ލިބެޔޯ 17:50 އަށް. މީ ކިހިނެއް ހިނގާ ގައުމެއް ކަމެއް ނޭންގޭ. ގައުމުގެ ވެރިން ދެކެ ހަމަ ރަނގަޅަށްވެސް ފޫހިވެ އިތުބާރު ގެެއްލިއްޖެ.

The name is already taken The name is available. Register?

އަހުމަދުސާ

17 January 2023

އަސްލު މައްސަލައަކީ ގިނަ ބޭރުމީހުންނަށް ޑޮލަރުން މުސާރަދިނުން.އެމީހުން ބޭނުން އަގެއްގަ ޑޮލަރު ވިއްކާ.ރާއްޖޭގެ ބޮޑަތި ކުންފުނިތަކުން ބޭރުމީހުންނަށް މުސާރަދެނީ ޑޮލަރުން. ދިވެހިންނަށް ރުފިޔާއިން.

The name is already taken The name is available. Register?

ކަމަނަ23

17 January 2023

ހާސްނުވޭ މިފަހަރު ތިރި ކޮއް ލާނަން

The name is already taken The name is available. Register?

އާޝޯހު

17 January 2023

ޑޮލަރުގެ އަގު އެކަނިތަ ބޮޑުވީ! ގޭގަ އެއްވެސް ޚަރަދެއް ނުކޮށް ހައްދާ އަނބެއް ވެސް މި ލިބެނީ 10 ރ އަށް! އެމީހަކު ހިތަށް އެރި އަގެއްގައި ވިއްކަނީ! ބަނބުކޭލެއް 50 ރ އަށް 90 ރ އަށް ވިއްކާ ރަށް ރަށް މި ރާއްޖޭގައި އެބަހުރި! ގޭގެ ކުލި ވެސް ބޭނުން އަގެއްނު! އެހެން ވީމާ ޑޮލަރު ވެސް އެ ލިބޭ ބަޔަކު ބޭނުން އަގެއްގައި ވިއްކީމާ ނިމުނީއެއްނު! އެއްވެސް ކަމެއްގައި ހަމައެއް ލަމައެއް ނެތެއްނު! ޑޮލަރު ލިބޭ ކުދީން ހަމަ ވިއްކަންވީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454