އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ފޭސްބްކް އަދި ޓްވިޓާ އަށް އަލުން ވައްދަން ޓްރަމްޕް ވަނީ އެދިވަޑައިގެންފަ
20 ޖެނުއަރީ 2023 - 15:42
ވޮޝިންޓަން (ޖެނުއަރީ 20) - ރިޔާސީ އިންތިހާބަށް ކެމްޕޭން ފަށަން، އޭނާ ފޭސްބުކް ބޭނުން ކުރުމުގެ ފުރުސަތު އަލުން ދިނުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފި އެވެ.
އެ ގައުމުގެ ރިޔާސީ އިންތިހާބު އަންނަ އަހަރު އޮންނާނެ އެވެ. އެ އިންތިހާބުގައި ދެވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ކުރިން ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ފޭސްބުކް އަދި ޓްވިޓާގެ އުސޫލުތަކާ ހިލާފުވުމުން، އެ ދެ ނެޓްވޯކުން އޭނާ ބޭރު ކުރީ ޖެނުއަރީ 2021 ގަ އެވެ. އެ އަހަރު ޖެނުއަރީ ހަވަނަ ދުވަހު ޓްރަމްޕްގެ ސަޕޯޓަރުން އެމެރިކާގެ ކޮންގްރެސް އަށް ވަދެ ހަމަނުޖެހުން ހިންގި އެވެ. އެއީ އިންތިހާބު އޮޅުވާލި ކަމަށް ބުނެ ޓްރަމްޕް ފެތުރި ވާހަކަތަކާ ގުޅިގެންނެވެ. ޖެހިގެން އައި ދުވަހު ޓްރަމްޕް އާއި އޭނާގެ ބައެއް އިސް ސަޕޯޓަރުންގެ އެކައުންޓްތައް ފޭސްބުކް އަދި ޓްވިޓާއިން ބްލޮކް ކުރި އެވެ.
އެމެރިކާގެ އެންބީސީން ބުނީ ފޭސްބުކް އަދި ޓްވިޓާއިން އަލުން އޭނާ އަށް ފުރުސަތު ދޭން އެދިވަޑައިގެންނެވީ އިންތިހާބުގެ ކެމްޕޭން ފެއްޓެވުމަށް ޓްރަމްޕް ތައްޔަރުވެ ވަޑައިގަންނަވަމުން ދާތީ ކަމަށެވެ.
"ޓްރަމްޕް 2024" ގެ ކެމްޕޭން ޓީމުން ވަނީ އޭނާ ފޭސްބުކް އަށް އަލުން ވައްދަން ގޮވާލައި ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. ކެމްޕޭން ޓީމުން ފޮނުވި ޕެޓިޝަންގައިވާ ސިޓީގައި ބުނެފައި ވަނީ ފޭސްބުކް އަށް އަލުން ޓްރަމްޕް ވައްދަން ނުޖެހޭ ހާލަތެއް މިހާރު ނެތް ކަމަށެވެ.
އެމެރިކާގެ ފޮކްސް ނިއުސް އަށް އޭގެ ފަހުން ދިން އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ އޭނާ ފޭސްބުކްއިން ބޭރު ކުރުމުން އެ ކުންފުންޏަށް 700 މިލިއަން ޑޮލަރުގެ ގެއްލުން ކުރިމަތިވެފައިވާ ކަމަށެވެ.
"އެއީ ފޭސްބުކް އަދި ޓްވިޓާ އާއި ސޯޝަލް މީޑިއާގެ އެހެން ނެޓްވޯކްތަކަށް ވެސް ހެދުނު ވިޔަފާރީގެ ބޮޑު ގޯހެއްގެ ގޮތުގައި ބެލެވިފައި އޮތް ކަމެއް،" ސޯޝަލް މީޑިއާ ނެޓްވޯކްތަކުން އޭނާ ބޭރު ކުރުމުން އެކަމަށް އިޝާރާތްކޮށް ޓްރަމްޕް ވިދާޅުވި އެވެ.
"އެމީހުން އަހަރެމެން އަނބުރާ ގެންދިޔަ ނަމަ އެއީ އެ މީހުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެއް. އެކަމަކު އަހަރެމެންނަށް އެ މީހުން ބޭނުންވާ ވަރަށް ވުރެ ބޮޑަށް އެ މީހުން އަހަރެމެންނަށް ބޭނުން.”
ފޭސްބުކްއިން ނިންމީ ޓްރަމްޕް އަށް ފޭސްބުކް އެކައުންޓް ބޭނުން ނުކުރެވޭ ގޮތަށް ދިން އަދަބަކީ ވަގުތީ ނިންމުމެއް ކަމަށެވެ. އެކަން ދެ އަހަރު ދުވަހަށް ރިވިއު ކުރުމުގެ ގޮތުން މިމަހު ހަތްވަނަ ދުވަހުން ފެށިގެން ރިވިއު މަރުހަލާ ފަށާނެ ކަމަށް ފޭސްބުކްއިން ކުރިން ބުނެފައި ވެއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލު ވަޒީރު.
20 January 2023
ޓުރަމްޕަކީ މޮޔައެއް. ގައުމެއްގެ ވެރިކަމަށް ގެންނަން ހެއުނުވާނެ.