ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ފުރަތަމަ ފުރުސަތުގައި މުޑްރިކް ދެއްކީ އުންމީދީ ކުޅުމެއް: ޕޮޓާ

ޗެލްސީގެ ކޯޗު ޕޮޓާ، މުޑްރިކް ކުލެން ނުކުތުމުގެ ކުރިން އޭނާ އަށް އިރުޝާދު ދެނީ.-- ފޮޓޯ: އީޕީއޭ

ލިވަޕޫލް (ޖެނުއަރީ 22) - ޗެލްސީ އިން ދާދި ފަހުން 100 މިލިއަން ޔޫރޯގެ އަގަކަށް ގެނައި ޔޫކްރޭންގެ ވިންގާ މިކައިލޯ މުޑްރިކް ގެ ފުރަތަމަ ފެނިލުމުން ވެސް އުންމީދީ ކުޅުމެއް ފެނުނު ކަމަށް އެޓީމުގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ކުޅެން ނުކުތީ ރޭ ރަށުން ބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗުގެ ފަހު 35 މިނިޓަށެވެ. ޕޮޓާ ބުނީ އޭނާ ފުރަތަމަ 11 ގައި ނުހިމެނީ އަދި ފުލް ކޮށް ކުޅޭ ވަރަށް އޭނާ ފިޓް ނުވާތީ ކަމަށެވެ.

ރޭގެ މެޗުގައި މުޑްރިކް ވަނީ އޭނާގެ އާ ޓީމުގެ ކުޅުންތެރިންނާ އެކު ރަނގަޅު ޕާޓްނާޝިޕެއް ދައްކައިފަ އެވެ. ކުޅެން ލިބުނު މަދު ވަގުތުކޮޅު ތެރޭ ވެސް އޭނާ ވަނީ ލިވަޕޫލްގެ ޑިފެންސަށް ބާރު ބޮޑު ކޮށްފަ އެވެ. ދެ ހަމަލާ ފޮނުވާލުމުގެ އިތުރަށް ގޯލު ޖަހަން ފުރުސަތު ވެސް ތަނަވަސް ކޮށްދިނެވެ. އަދި ފަހަތަށް ފައިބައިގެން ލިވަޕޫލްގެ ހަމަލާއެއް ވެސް ބްލޮކް ކުރި އެވެ.

މުޑްރިކް (ވ) ލިވަޕޫލްގެ ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް (ކ) ކައިރިން ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: އޭއެފްޕީ

"އޭނާ ހުރީ ނޮވެމްބަރުން ފެށިގެން [މެޗެއް] ނުކުޅެ، މިޑް ސީޒަން ބްރޭކުގައި. ގޭމް ޓައިމް ނެތި [ފުލް ކޮށް] ކުޅެން އެރުވުމަކީ އެންމެ ބުއްދިވެރި ގޮތަކަށް ނުވެދާނެ. އެކަމަކު ކުޅެން އެރުވި ކުޑަ ވަގުތުކޮޅުތެރޭ ވެސް އޭނާގެ ފެންވަރު ދައްކައިފި،" މެޗަށް ފަހު ޕޮޓާ ބުންޏެވެ.

"އޭނާ ވަރަށް ރަނގަޅު. އަހަރެމެންނާއެކު އޭނާ އަށް ކުރިއެރުން ލިބޭނެ. ފެނުނީ އުންމީދުން ފުރިގެންވާ ނިޝާންތަކެއް.

"އޭނާ އަހަރެމެންނާ އެކު ބައިވެރިވީ ދެ [ޓްރެއިނިން] ސެޝަން ގައި. އެކަމަކު އޭނާ ޝަކްޓާ ޑޮނެސްކު ގައި ދެއްކި ކުޅުމަށް ބަލާއިރު އޭނާގެ ފެބްވަރު ފެނޭ. ވަން-ވީ-ވަންގައި ވަރަށް ނުރައްކާ، އޭނާގެ ކުޅުމާ އެކު ސަޕޯޓަރުންނަށް އުފާ ގެނުވަދޭ. ގޯލު ހުރި ދިމާ އޭނާ އަށް އެނގޭ. އަހަރެމެންނަށް އޮތް މަސައްކަތަކީ އޭނާ [މި ލީގަށް] ހޭނެން އެހީވެދިނުން."

ޗެލްސީން ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ތިން މިނިޓު ތެރޭ ގޯލެއް ވެސް ޖެހި އެވެ. ތިއާގޯ ސިލްވާ ފޮނުވާލި ހަމަލާ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ކައި ހަވާޓްޒް ގޯލަށް ފޮނުވާލި ނަމަވެސް، ހަވާތްޒް އޮފްސައިޑް މަގާމެއްގައި ހުރުމުން ގޯލު ކެންސަލް ކޮށްލީ ވީއޭއާރުންނެވެ.

މި ނަތީޖާއާ އެކު ވެސް ޗެލްސީ އޮތީ ޓޭބަލްގެ 10 ވަނައިގަ އެވެ. ޗެލްސީ އަށް 20 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. ލިވަޕޫލް އޮތީ ޓޭބަލްގެ އަށްވަނައިގަ އެވެ. ލިވަޕޫލާއި ނުވަވަނައިގައި އޮތް ބްރެންޓްފޯޑް ވެސް އެއް މެޗު މަދުން ކުޅެގެން ވަނީ 29 ޕޮއިންޓް ހޯދައިފަ އެވެ.

ލީގު ޓޭބަލްގެ ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވަނީ ރޭ ރަށުން ބޭރުގައި ކްރިސަޓަލް ޕެލަސް ބަލިކުރެވޭ ގޮތް ނުވެފަ އެވެ. މި މެޗު ވެސް ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

ބޯންމަތާއި ނޮޓިންހަމް ފޮރެސްޓް ބައްދަލު ކުރި މެޗު 1-1 އިން އެއްވަރު ވިއިރު، ލެސްޓާ ސިޓީ އާއި ބްރައިތަން ބައްދަލު ކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

މެޗު ނިމެން ކުޑަތަން ވެފައި ވަނިކޮށް އޮލީ ވަޓްކިންސް ކާމިޔާބު ކޮށްދިން ގޯލުން އެސްޓަން ވިލާ ވަނީ ރަށުން ބޭރުގައި 1-0 އިން ސައުތެމްޓަން ބަލި ކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގައި ޖަރޯޑް ބޯވެން ކާމިޔާބު ކޮށްދިން ދެ ގޯލާ އެކު ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ 2-0 އިން އަމިއްލަ ދަނޑުގައި އެވަޓަން ބަލި ކޮށްފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454